ސިޔާސީ ޕާޓީއަކަށް ޝަރުތު ހަމަވާންޖެހޭ އަދަދަށް މެމްބަރުން ނެތް ސިޔާސީ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ވަނީ 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން 4 ޕާޓީއެއްގައި ޤާނޫނުގައި ބުނާ އަދަދަށް 3000 މެމްބަރުން ނެތުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީތަކަށް މިދިޔަ މާޗުމަހު ނޯޓިސް ފޮނުވާފައެވެ.

3000 މެމްބަރުން ހަމަނުވާތީ ނޯޓިސް ފޮނުވާފައިވަނީ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި އެންމެ ފުރަަތަމަ އުފެއްދި އެއް ޕާޓީކަމަށްވާ، ޑީއާރުޕީއާއި، މައުމޫން ފަހުން އުފެއްދެވި އެމްއާރުއެމްއާއި، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އެވެ.



މި ޕާޓީތަކުގެ ތެރެއިން އެމްއާރުއެމް އާއި އެމްޓީޑީން ވަނީ 3000 މެމްބަރުން ހާމަކޮށްފައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޑީއާރުޕީއާއި އެމްއެލްއެސްޑީން މިހާތަނަށް އައިއިރުވެސް މެމްބަރުން ހަމަކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ‏ސިޔާސީ ޕާޓީގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޤާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެކަމަށެވެ. އެހެންކަމުން މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާނެއެވެ.

ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން 10000 މެމްބަރުން ހަމަވެގެން ދައުލަތުން ފައިސާ ލިބެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއަށެވެ.



ކިޔުންތެރިންގެ ހިޔާލު