ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 15.5 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން މިރޭ ހާމަކޮށްފިއެވެ.

ކަސްޓަމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާކުރި ކޮންޓެއިނާއެއްގައި މަސްތުވާތަކެެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކޮންޓެއިނާ ބަލާ ފާސްކުރި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ފުލުހުންގެ ޚިދުމަތާއި ކަސްޓަމްސް ގުޅިގެން މި ޑްރަގް އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ މެއި 29 ވަަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓަކުން ފެނުނު ތަކެއްޗެވެ.



ކިޔުންތެރިންގެ ހިޔާލު