ފިނިނޭވާ
ފިނިނޭވާ
06 ވަނަ އެޕިސޯޑް

==========

[ތިބުނާ މަލަކީ ކޮންމެފަދަ ބަގީޗާއެއްގައި ފޮޅިފައި އިން މަލަކަށްވިޔަސް، އެ މާ މިހާދަށް ބިނދެލަދޭން އަހަރެން މަސައްކަތް ކުރާނަން....ބުނޭ އެބަގީޗާއަކީ ކޮބާ؟ އަހަރެން ބޭނުންވަނީ މިހާދުގެ ފަރާތުން ވަރަށް އުފާވެރި މަޖާ ދިރިއުޅުމެއް. ތިކަހަލަ މާޔޫސީ ދިރިއުޅުމެއް ފެންނާކަށް އަހަރެން ބޭނުމެއް ނޫން.] ޝިޔާޒަކީ ރަޙްމަތްތެރިންނަށް ލާމަސީލު ނަމޫނާއެއްކަން އޭނާގެ ވާހަކަތަކުން ނިކަން ރަނގަޅަށް ދޭހަވެއެވެ.

[ކޮންތަނަކަށް ދާންވީ؟] މައުޟޫޢު ބަދަލުކޮށްލުމުގެ ޤަޞްދުގައި މިހާދު ބުންޏެވެ. އެކަން ޝިޔާޒް ދެނެގަތްވެސްމެއެވެ.

[މައުޟޫޢު އޮޅުވާލީދޯ؟ ހިނގާ އަހަރެންގެ ގެއަށް އަހަރެންގެ އަންހެނުންނަށް ތަޢާރަފްވެސްވާން ވާނެއެއްނު.] ޝިޔާޒް ބުނެލިއެވެ. މިހާދު ކާރަށް އެރިއެވެ.

[ޝިޔާ ބިރެއްނުގަނޭތަ، އަންހެނުން ގެއްލިދާނެތީ. އަހަންނަކީ އަނބިންގެ ފަހަތުން ދުވާ މީހެކޭ ދެންމެއަކުނުން ޝިއާ ތިބުނީ.] މިހާދު ކާރު ދުއްވާލިއެވެ.

[އަހަންނަށް އެނގެޔޭ މިހާދު އަހަރެންގެ ޙައްޤަކަށް އަރައިނުގަންނާނެކަން. މިއޮއް މަގުން ދެކުނަށް ދުއްވަބަލަ. އަހަރެން އަންހެނުންގެ ގެ ހުންނަ މަގޭ މިއީ.] ޝިޔާޒް މިހާދަށްކުރާ އިތުބާރު ބޮޑެވެ. މިހާދު ޝިފާގެ ގޭގެ ދޮރާށި ކުރިމައްޗަށް ކާރު މަޑުކުރިއެވެ.

[އާދޭ އެތެރެއަށް ވަންނަން. މިހާރު ޝިފާވެސް އޮފީހުން އައިސް ހުންނާނެ.] ޝިޔާޒް އެދުނެވެ.

[މިވަގުތަކު ނޫން. އަހަރެން ވަރަށް ބޮޑަށް ފާޚާނާއަކަށް ދާންވެއްޖެ.] އިތުރަށް ޝިޔާޒްގެ ވާހަކަ އަޑުއަހަން ނުހުރެ މިހާދު ކާރު ދުއްވާލިއެވެ.

ހިތްވަރު ކޮށްފައި މިހާދު ވާހަކަ ދެއްކި ކަމުގައިވިޔަސް، އޭނާގެ އެތެރެހަށީގައިވާ ހިތް އެގޮވަމުން ދަނީ ރަޙްމަތްތެރިޔާގެ ޙައްޤަކަށްވިޔަސް އަރައިގަތުމަށެވެ. ލޯބި ކާމިޔާބު ކުރުމަށް ފަސްނުޖެހުމަށެވެ.

ސީނާގެ އުންމީދަކީވެސް އެއީއެވެ. އޭނާއަށް ޝިޔާޒްގެ ލޯބި ކާމިޔާބުވުމަށެވެ. ޝިޔާޒަށް އާދޭސް ކޮށްގެންވެސް އޭނާ ބޭނުންވަނީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޝިޔާޒްގެ ލޯބި ހޯދުމަށެވެ.

[އަހަންނަށް ޝިޔާގެ ލޯބި ބޭނުން....އަޅެ ބުނެބަލަ....ކިހިނެއްތަ އަހަރެން ހަދަންވީ....؟] ސީނާ ރޮމުން ދިޔައީ މާއިޝާގެ ގާތުގައި ހުރެއެވެ.

[ހިތްވަރުކުރޭ ސީނު، އަހަރެންގެ ބަހެއް އަހަންޏާ ތި ޚިޔާލުތައް ދޫކޮށްލާ. ސީނުގެ ޙަޔާތަށް ކިތަންމެ ރަނގަޅު މީހަކުވެސް އައިސްދާނެ.] މާއިޝާ އުޅުނީ ސީނާއަށް ވިސްނައިދެވޭތޯއެވެ.

[ތިހެން ނުބުނޭ މާއިޝާ. ކީއްވެބާ އަހަންނަށް އެހާ އަވަހަށް ޝިޔާދެކެ ލޯބިވެވުނީ. އަހަރެން ހިތްއެދޭ ހުރިހާ ސިފަތަކެއްވެސް އޭނަގެ ކިބައިގައި އެބަހުރި. އަހަރެން ޝިފާ ގާތު އާދޭސްކޮށްގެންވެސް ޝިޔާގެ ލޯބި ހޯދާނަން....] ސީނާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

[އާނ...އަހަންނަށް މިހާރު ވަރަށް ނަޞޭޙަތްތެރިވެވިއްޖެ. އަހަންނަށް ހީވަނީ މިހާރު ސީނު މަންމައަށްވެސް ހުރިހާ ކަމެއް އެނގިއްޖެހެން.] މާއިޝާ ބުންޏެވެ.

ތެދެކެވެ. ފަހަކަށް އައިސް ސީނާއަށް އަންނަމުންދާ ބަދަލާ ދޭތެރޭ އަމީނާ ވިސްނާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ސީނާގެ ބަދަލުވަމުންދާ ދިރިއުޅުމާ ސުވާލުކުރިވެސްމެއެވެ. ނަމަވެސް މަންމަ ކުރި އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއެވެ. ޖަވާބުގެ ބަދަލުގައި ރޮވިދާނެހެން ހީވުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާވަނީ ކޮޓަރިއަށެވެ. އޭނާ ރުއީ އޭގެފަހުންނެވެ. އެދުވަހުވެސް އޭނާ ގެއަށް އައިސް ވަނުމާއެކު، އަމީނާގެ ސުވާލުތައް އަމާޒުވިއެވެ.

[ދަރިފުޅާ، މިހާރަކަށް އައިސް ދަރިފުޅަށް ކިހިނެއްތަ ތިވަނީ؟ ވަޒީފާ ލިބުނީމާ ވަޒީފާއަކަށްވެސް ނުދިޔަ. ދަރިފުޅު ތި ވިސްނާ ވިސްނުމަކާއި ކުރާ ފިކުރެއް މަންމަ ގާތު ބުނެބަލަ.] އަމީނާ އޯގާތެރި އަތަކުން ސީނާގެ ބޮލުގައި ފިރުމާލިއެވެ. މިފަހަރު އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ވަގުތުން ދެލޯ ފެންކަޅިވެއްޖެއެވެ.

[ދަރިފުޅާ، ކޮންކަމެއްތަ މަންމައަށް ސިއްރު ކުރަން ތިއުޅެނީ، މަންމަ ގާތު ބުނެބަލަ.] އަމީނާ ސީނާގެ އަތުގައި ހިފައިގެންގޮސް ގޮނޑީގައި އިށީނެވެ.

[އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން.] ސީނާއަށް ކެތްކުރެވުނީ މިހާހިސާބަށެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދެލޮލުން ކަރުނަ ހިލެން ފަށައިފިއެވެ.

[މަންމާ....ބޮއްކުރާދޮށަށް ދެވޭތޯ އޮޑި ކަނބަ ކަނބާ....އަހަރެން ވަރުބަލިވެއްޖެ. އަހަންނަކަށް ބޮއްކުރާ އަތެއްނުވި....މަންމާ....އަހަރެން މާޔޫސްވެއްޖެ....] ސީނާ ރޮއިގަންނަމުން މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭރު އަމީނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

[އެމީހަކީ ކާކުތަ؟ މަންމަ ގާތު ބުނެބަލަ.] އަމީނާ ސީނާގެ ލޯ ފޮހެދެމުން ވާހަކަ ދެއްކިއެވެ.

[އެއީ....އެހެން މީހެއްގެ ޙައްޤެއް...އެއީ މީހެއްގެ ފިރިއެއް....] ސީނާއަށް ގިސްލެވުނެވެ.

[ހިތްވަރުކުރޭ، މާތްރަސްކަލާނގެ ދަރިފުޅަށް ހިތްވަރު ދެއްވާށި.....] އަމީނާއަށްވެސް ރަނގަޅަށް ރޮވިއްޖެއެވެ. އެދުވަހު އަމީނާ ވަރަށްގިނައިރު ވަންދެން ސީނާއަށް ހިތްވަރު ދިނެވެ. ނަމަވެސް އަމީނާ އާދޭސްކޮށްކޮށްވެސް، ސީނާއަށް ހަދިޔާ ކުރެވުނު މީހަކީ ކާކުކަމެއް، ސީނާ އަމީނާގެ ގާތަކު ނުބުނެއެވެ. އެހެން ނަމަވެސް، މަންމަގެ ކުރިމަތީގައި ހިތްވަރު ދެއްކުމަށް އޭނާ ޤަޞްދު ކުރިއެވެ. މަންމަ ދެރަވާނެވަރު ވިސްނޭތީ މަންމައަށް ފެންނަފަށުގައި ހިތާމަކޮށް ރޮއި ނުހެދުމަށް އޭނާ ޤަޞްދު ކުރިއެވެ.

[ދަރިފުޅަށް ތިވާ ގޮތްތައް ފެނުމުން މަންމަ ހާދަ ދެރަވެޔޭ ދަރިފުޅާ...މިހާރަކަށް އައިސް ދަރިފުޅު އެއްވެސް ކަމެއް ރަނގަޅަށް ނުކުރޭ.] މިހާދުގެ މަންމަ ނަސީމާ ވާހަކަ ދެއްކީ މިހާދާއެވެ.

[މަންމާ، ތިހާވަރަށް އަހަންނާ ދޭތެރޭ ނުވިސްނަބަލަ. އަހަރެން އެ ޚިޔާލުތަކާ ދުރަށް ދެވޭތޯ ހާދަ މަސައްކަތެއް އެބަކުރަމޭ....]

[ދަރިފުޅާ، ތިހެން އުޅެނިކޮށް، ތިކަން ބައްޔަކަށްވެސް ވެދާނެ. އެނޫން އަންހެނަކު މިއޮއް ބޮޑު ރަށުންވެސް ނުފެނުނީތަ؟] ނަސީމާ ވާހަކަ ދައްކަމުން މިހާދަށް ކާން ހަދަން ފެށިއެވެ.

[ދެން ތިވާހަކަ ހުއްޓާލާ މަންމާ....އަހަރެން މިރޭ ކާނީ ތަންކޮޅެއްފަހުން.] މިހެން ބުނެފައި ގޮސް މިހާދުވަނީ އޭނާގެ ނިދާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަން ގޮތަށް ގޮސް އޭނާ ހުއްޓުނީ މޭޒު ކައިރިއަށެވެ. އޭނާ މޭޒު ކައިރިއަށް ހުއްޓި މޭޒުމަތީގައި ހުރި ފޮޓޯފްރޭމަށް ބަލައިލިއެވެ. އެއީ ޝިފާއާއި ޝިޔާޒްގެ ކައިވެނީގެ އުފާވެރި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. ނަމަވެސް، މިހާރު އެފްރޭމުން ފެންނަނީ ހަމައެކަނި ޝިފާގެ ތަޞްވީރެވެ. ޝިޔާޒް ހުރި ފަޅީގައި ހުރީ ކަރުދާސްގަނޑެއް ތަތްކޮށްފައެވެ. އޭނާ އިރުކޮޅެއް ވަންދެން އެއަށް ބަލަން ހުރެފައި އެފޮޓޯގައި އަތް ކާއްތާލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

[ޝިފާ....] މިހާދަށް ބޭއިޚްތިޔާރުގައި އެ ފޮޓޯ ނަގައި، މޭގައި ޖައްސާލެވުނެވެ. ބޭއިޚްތިޔާރުގައި ގެނެވުނު މިޙަރަކާތާއެކު ޝިޔާޒް ބުނެފައިވާ ޖުމްލައެއް، އޭނާގެ ހަނދާނުގެ ސްކްރީނުން ސިފަވެގެންދިޔައެވެ.

[އަހަންނަށް އެނގެޔޭ، މިހާދު އަހަރެންގެ ޙައްޤަކަށް އަރައިނުގަންނާނެކަން.] ޝިޔާޒްގެ މިޖުމްލަ ހަނދާނަށް އައުމާއެކު، އޭނާގެ އަތުން ފޮޓޯ ފްރޭމްވެސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.

[މަޢާފްކުރޭ ޝިޔާ....އެކަމަކު އަހަންނަށް ޝިފާދެކެ ލޯބިވެވިއްޖެ....] ފިރިހެނަކަށްވިޔަސް، އޭނާގެ ހިތްވަރެއް ނެތް ކަހަލައެވެ. އިސާހިތު ޖަޒްބާތީ ކަރުނަތަކަކުން ދެލޯ ފޯވެއްޖެއެވެ. އެހިނދު ހިތް އެދި ގޮވަމުން ދިޔައީ ޝިފާއަށް ގުޅުމަށެވެ. އެހެން ނަމަވެސް، ލޯބިވެވުމަކީ ކުށެއް ކަމަށް ގަބޫލު ނުކުރެވޭތީ މަޢާފަށް އެދޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ގައިމެވެ. އޭނާއަށް ޝިފާދެކެ ލޯބިވެވުނުއިރު، ޝިފާއަކީ ޝިޔާޒްގެ އަނބިމީހާ ކަމެއް އޭނާ ނުދެނަހުއްޓެވެ.

ރޭގަނޑުގެ އެގާރަގަޑި ބައި އެހާކަންހާއިރެވެ. ނިދި ޖެހިފައި އޮތް ޝިފާއަށް ހޭލެވުނީ ފޯން ރަނގަބީލްވާ އަޑަށެވެ. އޭނާ ދެލޯ އުނގުޅަމުން ގޮސް ފޯން ނެގިއެވެ.

[ހަލޯ.....] އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. އެހެންކަމުން، ޝިފާ ތަންކޮޅެއް ޝައުޤުވެރިވިއެވެ.

[ހަލޯ އައްސޭރި.] ޝިފާ ގޭގެ ތަޢާރަފް ދިނެވެ.

[ޝިފާތަ ތީ؟...އަޅެ ޝިޔާއަށް ގޮވާލަދީފާނަންތަ؟.....] އެކޮޅުން ވާހަކަ ދެއްކީ ސީނާކަން ވަރަށް ފަސޭހައިން ޝިފާ ދެނެގަތެވެ.

[ޝިޔާ އަދި ނާދޭ ގެއަކަށް.] ޝިފާ ބުންޏެވެ. ތެދެކެވެ. އޭރު އަދި ޝިޔާޒް ގެއަކަށް ނާދެއެވެ.

[ދޮގުދޯ ތިހަދަނީ؟ ގޮވާލަނުދޭނަންތަ...؟] ސީނާގެ ގިސްލުމުގެ އަޑުވެސް ޝިފާއަށް އިވުނެވެ. ރުއިމުގެ ސަބަބުން އަޑުވެސް ކުރަކިވެފައިވާކަން އެނގެއެވެ.

[ނޫން ސީނާ، އަހަރެން ކީއްކުރަންތަ ދޮގު ހަދަންވީ؟ ކީއްކުރަންތަ މިއޮއް ދަންވަރުގަޑީގައި ޝިޔާ ތިހޯދަނީ.] ސީނާގެ މަޤްޞަދު ރަނގަޅަށް އެނގޭ ޙާލުގައިވެސް ޝިފާ ބޭނުންވީ އޭނާގެ ފަރާތުން އިތުރު ތަފްޞީލު ހޯދާށެވެ.

[ނޭނގި....ގެންތަ ތިއަހަނީ؟ މިހާރު ޝިޔާ އޮންނާނީ ޝިފާއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދީފަ. އަހަރެން ވާހަކައެއް އަހާލަންތަ؟ ޝިފާ ޝިޔާދެކެ ވަރަށް ލޯބިވޭތަ؟] ސީނާގެ އަޑު އަންނަ ގޮތުން އޭނަ ވާހަކަ ދައްކަމުން ދަނީ ގަދަކަމުން ހިތްވަރު ކޮށްގެންކަން ދޭހަވިއެވެ.

[އާނ..ވަރަށް ބޮޑަށް ލޯބިވޭ. ޝިޔާވެސް އަހަރެންދެކެ އެވަރަށް ލޯބިވޭ....އާދޭސްކޮށްފަ ބުނަން ސީނާ، އަހަރެމެންގެ ދޭތެރެއަށް ނުވަދޭ....] ޝިފާގެ އަޑާއި ރާގުވެސް މަޑުމަޑުން ބަދަލުވިއެވެ. ޝިފާގެ ވާހަކައިން ޝިޔާޒް އޭނާއަށް ހުރިހާ ޙަޤީޤަތެއްވެސް ކިޔައިދީފައިވާކަން އެނގެއެވެ.

[އެކަމަކު ޝިފާ...އަހަރެންވެސް ޝިޔާދެކެ ހާދަ ލޯބިވެޔޭ....އަޅެ ވަރިހަމައޭ...އަހަންނަށް [ޝެއަރ] ކޮށްލިޔަސް....] މިހެން ބުނެވުމާއެކު ސީނާއަށް ރަނގަޅަށް ރޮވިއްޖެއެވެ.

[ނޫން...ތިހެން ނުބުނޭ ސީނާ، އަހަންނަށް އަހަރެންގެ ފިރިމީހާ، އިތުރު އެއްވެސް މީހަކަށް ޝެއަރއެއް ނުކުރެވޭނެ....] ޝިފާގެ ދެލޮލަށްވެސް ކަރުނަތައް ޖަމާވިއެވެ. އެހެންކަމުން، އިތުރަށް ވާހަކަ ދައްކަން ނަހަދާ ޝިފާ ފޯނު ބާއްވާލިއެވެ.

އައި ރުޅީގައި ސީނާއަށް ފޯނު ހޫރާލެވުނެވެ. ފޯނުގޮސް ބިންމަތީގައި ޖެހުނު އަޑަށް އޭނާގެ މަންމަ އަމީނާ އައިސް ކޮޓަރި ދޮރުގައި ޓަކިޖަހަން ފެށިއެވެ. ނަމަވެސް، އޭނާ ދޮރެއް ނުހުޅުވައެވެ. ރޮއިރޮއި އޮތީއެވެ. އެންމެފަހުން ކެތްނުވެވިގެން ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވާފައި އަމީނާ ކޮޓަރިއަށް ވަނެވެ.

***********************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން