ފިނިނޭވާ
ފިނިނޭވާ
07 ވަނަ އެޕިސޯޑް

==========

[ދަރިފުޅާ....] އަމީނާ ދަރިފުޅަށް ގޮވަމުން އެތެރެއަށް ވަނެވެ. ދަރިފުޅުގެ ޙާލަތު ފެނުމުން، ކުޑަހިނދުކޮޅެއްގެ ތެރޭގައި، އޭނާއަށްވެސް ރޮވިއްޖެއެވެ. އޭރު ސީނާ އެނދުމަތީގައި އޮވެ ގިސްލަ ގިސްލާފައި ރޮނީއެވެ. އަމީނާ ވަދެގެން އައިގޮތަށް އައިސް ސީނާގެ ގާތުގައި އިށީނެވެ.

[ދަރިފުޅާ، ދަރިފުޅު ހާދަ ފިނޑިވެގެނޭދޯ ތިއުޅެނީ. ނިކަން ހިތްވަރުކޮށްބަލަ.] އަމީނާ ސީނާއަށް ހިތްވަރުދިނެވެ. އަމީނާ ކިތަންމެ ހިތްވަރުދިން ކަމުގައިވިޔަސް، ސީނާ ރުއިން ހުއްޓައެއްނުލައެވެ.

[މަންމާ...ކީއްވެތަ އަހަންނަށް...އަހަރެންގެ ލޯބި ނުލިބެންވީ.....؟] ސީނާގެ އަޑު ބެދުނެވެ.

[ކެތްތެރިވޭ ދަރިފުޅާ، ދަރިފުޅަށް ދަރިފުޅުގެ ލޯބި ލިބޭނެ. ކީއްވެތަ ދަރިފުޅަށް މިއަދު ހިތްވަރު ނުލިބިގެން ތިއުޅެނީ. ދަރިފުޅުގެ ބައްޕަ ނިޔާވި ދުވަހު، މި މަންމައަށް ހިތްވަރު ދިނީވެސް ދަރިފުޅެއްނު....އެދުވަހު މަންމަވެސް ދަރިފުޅުގެ ބަސްއެހިން. މިއަދު ދަރިފުޅު މަންމަގެ ބަސްއަހާ.....ބުނޭ ދެން ނުރޯނަމޭ....] އަމީނާ ނުހަނު ލޯތްބާއެކު ސީނާގެ ލޯ ފޮހެދޭން ފެށިއެވެ. ސީނާ ރޮމުން މަންމަގެ ގައިގައި އޮޅުލައިގަތެވެ.

ޝިޔާޒް އޮފީސް ނިންމާފައި އައިސް ގެއަށް ވަނީ ޝިފާ ފޯން ބޭއްވިތަނާހެނެވެ.

[ރިންގުވެސް އަބަދު އޮފް ކޮށްފައި ބަހައްޓަންވީ. މިހާރު ދެން ޢާންމު އުނދަގުލަކަށް ވެއްޖެ.] ޝިޔާޒް ވަނުމާއެކު، ޝިފާ ކުދި ކިޔަން ފެށިއެވެ.

[ކާކު ގުޅީ؟] ޝިޔާޒް އެއްސެވެ.

[ކާކު ގުޅާނީ؟....ނޭނގޭ...ދެން އެ އަންހެނަކާހެދި އަހަރެން ބިރުގަންނަންވެސް ފަށައިފި.....] ޝިފާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[ޝިފާއަށް އަހަންނާ ދޭތެރޭ ޝައްކު ކުރެވެނީތަ؟ ނޫނީ ޝިފާއަށް ހީވަނީތަ، އަހަރެން ޝިފާ ދޫކޮށްފާނެއޭ. ފަހަރެއްގައިވެސް ޝިފާ އެހެން ހީނުކުރައްޗޭ. ޝިފާތީ އަހަރެންގެ މުޅި ދިރިއުޅުން.] ޝިޔާޒް، ޝިފާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ.

[އަޅެ ޝިޔާ.....އަހަރެން އެކަނިކޮށްނުލައްޗޭ....އެކަހަލަ ގޮތެއް މެދުވެރިވެއްޖެއްޔާ، އަހަރެން މޮޔަވެދާނެ...] ޝިފާއަށް ޝިޔާޒްގެ މޭގައި ބޯއަޅާލެވުނެވެ. އެވަގުތު އަނެއްކާވެސް ފޯން ރިންގުވާން ފަށައިފިއެވެ. މިފަހަރުވެސް ފޯނު ނެގީ ޝިފާއެވެ. އެހެން ނަމަވެސް، ކުރީފަހަރާ ޚިލާފަށް މިފަހަރު އެކޮޅުން އިވުނީ ސީނާގެ އަޑެއް ނޫނެވެ. އިވުނީ މިހާދުގެ އަޑެވެ.

[ޝިފާ، ސޮރީ....ސޮރީ....] ދެން އިވުނީ ފޯން ބޭއްވި އަޑެވެ. މިހާދު މަޢާފަށް އެދުމުން ޝިފާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ.

[ކާކު؟ ޝިފާއަށްދޯ؟] ހިނިތުންވެލަމުން ޝިޔާޒް އެއްސެވެ.

[އެއްކަލަ އުނދަގޫކުރާ މީހާގަނޑު. ރަނގަޅަކަށް ހަނދާނެއްނުވޭ އޭނައަށް ކިޔާ ނަމެއްވެސް. ހީވަނީ މާހިދެއް ނޫނީ ނާހިދެއްހެން...] ފޫހި ރާގަކަށް ޝިފާ ބުންޏެވެ. އެއީ ތެދެކެވެ. މިހާދުގެ ނަމެއް އޭނާ ހަނދާނެއް ނެތެވެ. އެކަން އެހެންވީ، އެނަން އޭނާ ހަނދާން ބަހައްޓަން ބޭނުންވެސް ނުވީމައެވެ. އޭނާ ދެކޭގޮތުގައި، މިހާދަކީ އޭނާގެ ދިރިއުޅުމަށް ވިހަލާން އުޅޭ ވިހަގަދަ ހަރުފައެކެވެ. އެހެންވެ، އޭނާ އެ ހަރުފަދެކެ ނިކަން ބިރުގަނެއެވެ.

ސީނާއާ ދޭތެރޭވެސް އޭނާ ދެކެނީ އެގޮތަށެވެ.

[މާދަމާއަކީ ވަރަށް ބުރަ ދުވަހަކަށްވާނެ. ފަހަރެއްގައި މެންދުރު ކާންވެސް ނާދެވިދާނެ....އަހަރީ ދުވަސްވީމަ ވަރަށްގިނަ މަސައްކަތްތައް ހުންނާނެ....ވަރަށް ބަނޑުހައިވެއްޖެ...ހިނގާ ކާންދޯ؟] ބަނޑުގައި އަތްކާއްތާލަމުން ޝިޔާޒް، ޝިފާގެ އަތުގައި ހިފައިގެން ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

ޖެހިގެން އައި ދުވަހު މިހާދުގެ ޚަބަރެއްނުވެ ގިނަ ދުވަސްވުމުން، ޝިޔާޒް އެގެއަށް ދިޔައެވެ. ޝިޔާޒާ ފުރަތަމަ ބައްދަލުވީ މިހާދުގެ މަންމަ ނަސީމާއާއެވެ. ނަސީމާ އިނީ ބޮޑު ކޮޓަރީގައި ޚަތިމް ހިފައިގެން ޤުރްއާން ކިޔަވާށެވެ.

[އައްސަލާމް ޢަލައިކުމް...ނަސީމާއްތަ....] އެތެރެއަށް ވަންނަމުން ޝިޔާޒް ސަލާމް ގޮވިއެވެ. ނަސީމާ ޚަތިމް ލައްޕާލިއެވެ.

[ވަޢަލައިކުމުއްސަލާމް. އަނހަ ޝިޔާޒް، އާދޭ އެތެރެއަށް....] ނަސީމާ ޚަތިމް ކުރިމަތީގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ.

[މިހާދު ނޫޅޭދޯ ގެއަކު؟] އެތެރެއަށް ނަޒަރު ހިންގާލަމުން ޝިޔާޒް އެހިއެވެ.

[ދަރިފުޅާ...ޝިޔާޒް...އެސޮރާހެދި ވިސްނާ ވިސްނާ ދައްތަގެ ސިކުނޑި ގޮވަން ކައިރިވެއްޖެ.....އެއްގޮތަކަށްވެސް ކޮޓަރިންވެސް ނުނިކުމެ އޮންނަތާ މިހާރު ތިން ހަތަރު ދުވަސްވަރު ވެދާނެ....ދައްތަ އާދޭސްކޮށްކޮށް ކަނީކީވެސް ނޫން. ނުކާތާ ޑޮކްޓަރަކަށް ދާންވެސް އެއްބަސްވީކީނޫން. އަބަދު ކޮންމެވެސް ކަމަކާ ފިކުރުކޮށް، ރުއިން ނޫން ދެވަނަކަމެއް ނުކުރޭ.] ނަސީމާއަށް ރޮވުނެވެ.

[ހަމަ ތެދެއް ތިބުނީ؟ ދައްތަ ނުރޮއި ހުއްޓާލާ. އަހަރެން މިހާދު ހަމަޔަކަށް އަޅުވާނަން...ޑޮކްޓަރަށްވެސް ގެންދާނަން.] ޝިޔާޒް ގޮސް މިހާދުގެ ކޮޓަރިއަށް ވަނެވެ. އޭރު މިހާދު އޮތީ ނިދިފައެވެ. ޝިޔާޒް ވަދެގެން އައިގޮތަށް އައިސް އެނދުގެ މަގަތުގައި އިށީނދެ މިހާދަށް ގޮވާލިއެވެ.

[މިހާދު...ތެދުވެބަލަ....މިހާދު ތިހެން އުޅުނީމަ ދައްތައަށް ވެދާނެ ގޮތަކާ ދޭތެރޭވެސް ކުޑަކޮށް ވިސްނާލަބަލަ...ދައްތަ މިހާރުވެސް ރޮއިރޮއި އެއޮއް ހަލާކުވަނީ....ހިނގާ މިހާދު ހޮސްޕިޓަލަށް ދާން.] ޝިޔާޒް މިހާދުގެ އަތުގައި ހިފައި މިހާދު ނެގޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް މިހާދުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

[ޝިޔާ، އަހަންނަކަށް ހިތްވަރެއް ނުކުރެވޭނެ. ހިތްވަރު ކުރިޔަސް، އެލޯތްބެއް އަހަންނަކަށް ނުލިބޭނެ. އެލޯބި ހޯދަން އަހަންނަށް އިތުރު މަސައްކަތެއްވެސް ނުކުރެވޭނެ. އެކަމަކުވެސް އަހަރެންގެ ހިތުން އޭނައަށްޓަކައި ޚާއްޞަ ކުރެވިފައިވާ

މަޤާމް، އެހެން އެއްވެސް މީހަކަށް ނުދެވޭނެ....] ތެދުވެ ފާރުގައި ލެނގިލަމުން މިހާދު ބުންޏެވެ.

[އަހަރެން ގާތު ރަނގަޅަށް ބުނެބަލަ....ތިބުނާ ލޯތްބެއް ހޯދުމަށް އިތުރަށް ކޯއްޗެއްތަ މިހާދު ބޭނުންވަނީ....] މިހާދަށް އެހީވުމަށް ޝިޔާޒް ކިތަންމެހާވެސް ބޭނުމެވެ. ފަހަރުގައި މިހާދު ޙަޤީޤަތަށް ވާހަކަ ދައްކައިފިއްޔާ، ކާމިޔާބުވެސް ލިބިދާނެއެވެ.

[އޭނަގެ ރުހުންވެސް ބޭނުން....ދެން އަޅާނުލާ...އަހަރެން މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ އެހަނދާންތަކާ ދުރަށް ދެވޭތޯ. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް.] ޙަޤީޤަތުގައިވެސް އޭނާގެ އެއްވެސް ހިތްވަރެއް ނެތެވެ.

[ބުނެބަލަ ތިބުނާ ކުއްޖަކީ ކާކުތަ؟ ހެޔޮއެދޭ ރަޙްމަތްތެރިއަކަށް އަހަރެން ދެކޭނަމަ، ބުނެބަލަ މިހާދުގެ ހިތަށް ތިފަދަ ބާރެއް ފޯރުވައިގެން އުޅޭ ކުއްޖަކީ ކާކުތަ؟] މިހާދު އޭނާއަށް ސިއްރު ކުރަން މަސައްކަތް ކުރާތީ ޝިޔާޒް ކޮންމެވެސް ވަރަކަށް ނުރުހުންވިއެވެ.

[ބުނަންވީތަ؟......] މިހާދު އެނބުރެމުންދިޔަ ފަންކާއާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް، ހަމަ އެހިނދުކޮޅު ތެރޭގައި އޭނާގެ ޚިޔާލުވެސް ބަދަލުވެއްޖެއެވެ. އަމިއްލަ އުފަލަށްޓަކައި، އެހެން މީހެއްގެ އުފާތަކަށް އަރައިގަތުމާ ދޭތެރޭ އޭނާއަށް ވިސްނުނެވެ.

[އެއީ ދިވެހި ކުއްޖެއް ނޫން...ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާ އަންހެން ކުއްޖެއް...] މަޞްލަޙަތަށްޓަކައި މިހާދު ދޮގުހެދިއެވެ.

[ތިބުނާ ކުއްޖާ އުޅެނީ ކޮންތާކުތަ؟] ޝިޔާޒް އިތުރަށްވެސް އޮޅުންފިލުވަން ބޭނުންވިއެވެ. ނަމަވެސް، މިހާދުގެ ފަރާތުން އެކައްޗެއްވެސް އޭނައަކަށް އޮޅުންފިލާގޮތެއް ނުވިއެވެ.

[އެކުއްޖާ މިހާރަކު ނެތް މާލެއަކު....ޝިޔާ ހާދަވަރަކަށް...އަހަންނާ ދޭތެރޭ ތިވިސްނަނީ. ޝިޔާ ކިތަންމެ ވިސްނިޔަސް، އަހަރެންގެ ލޯބި ހޯދައިދިނުމަކަށް ޝިޔާއަކަށް ކުޅަދާނައެއް ނުވާނެ.] މިހާދުގެ ދެލޮލުން ކަރުނަ އައެވެ. ވެދާނެއެވެ. އޭނާގެ ހިތްވަރު ހުސްވީއެވެ.

[ނުރޮއި ހިތްވަރުކުރޭ....] ސީނާއަށް ހިތްވަރުދިނީ، އޭނާގެ ރަޙްމަތްތެރިޔާ މާއިޝާއެވެ.

[އަހަރެން ކިހިނެއްތަ ހިތްވަރު ކުރާނީ...އަޅެ މާއިޝާވެސް ޝިފާއަށް ވިސްނައިދީބަލަ. ބުނެބަލަ، އަހަންނަށްޓަކައި ޝިޔާޒް ދޫކޮށްލަދޭށޭ.....] ގިސްލުމާއެކު ސީނާ ބުންޏެވެ. މާއިޝާވެސް ފެންކަޅިވިއެވެ.

[ހިތަށްއަރާ މާދަމާރޭ މާއިޝާވެސް މެރީކޮށްގެން ފިރިމީހާއާއެކު، އޭނާގެ ރަށަށް ދިޔުމުން، ތިގޮތަށް އަހަންނަށް ހިތްވަރުދޭނެ މީހަކުވެސް ނުހުންނާނެއޭ....ރަށަށް ގޮއްސަވެސް ގުޅާނަންދޯ؟] ރޮއިރޮއިފައި ސީނާ އެއްސެވެ. މާއިޝާ ބޯޖަހާލިއެވެ.

ޖެހިގެން އައި ދުވަހު މާއިޝާވެސް އޭނާގެ ލޯބިވެރިޔާ ނާޞިޙާ ކައިވެނިކުރުމަށްފަހު، ނާޞިހުގެ އުފަން ރަށް ކަމުގައިވާ އައްޑުއަތޮޅު ހިތަދުއަށް ދިޔައެވެ. އެހެންވުމުގެ ސަބަބުން، ސީނާ އިތުރަށް އެކަނިވެރިކަން އިޙްސާސް ކުރަން ޖެހުނެވެ. މިހާރު އޭނާއަށް ހިތްވަރުދޭން ހުރިހާވެސް މީހަކީ، އޭނާގެ މަންމައެވެ. އޭނާ މިހާރުވެސް މަސައްކަތް ކުރަމުން ދަނީ މަންމަގެ ކުރިމަތީގައި ހިތްވަރު ކުރެވޭތޯއެވެ. މަންމަ، އޭނާގެ ކުރިމަގު ބައްޓަން ކުރުމަށް ކުރި މަސައްކަތް، އެންމެ ގާތުން ދުށް މީހަކީވެސް އޭނާއެވެ. އެމަންމަ އޭނާއާމެދު ވިސްނާ ވިސްނުމާއި ދެކެމުންދާ ހުވަފެންތައް އޭނާއަށް ނުހަނު ރަނގަޅަށް ތަޞައްވަރު ކުރެވޭމެއެވެ.

[މަންމާ....އަހަރެން ނެތް ދުވަހަކުން މަންމަ ވަރަށް ދެރަވާނެދޯ؟ އަޅެ މަންމަ ހިތްވަރު ކުރައްޗޭ.....] ސީނާ އޭނާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް، އަތުގެ ނުފުށުން ފޮހެލަމުން ހިނިތުންވުމުގެ އަސަރު މޫނުމައްޗަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ.

[ތިކަހަލަ މޮޔަ ވާހަކަ ނުދައްކަބަލަ. ދަރިފުޅަށް ހީވަނީތަ، ދަރިފުޅަށްޓަކައި މިދުނިޔެއަށް އައީ އެންމެ ފިރިހެނެކޭ.....] އަމީނާ ސީނާގެ ބޮލުގައި ފިރުމާލިއެވެ.

[މަންމާ....ލޯބިވެވޭނީ އެންމެފަހަރަކު. ބައެއް މީހުނަށް ލޯބިވުމަކީ ކުޅިވަރަކަށްވިޔަސް....އަހަރެންގެ ހިތް އެގޮތެއް ގަބޫލެއް ނުކުރޭ....] ސީނާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

ޤުދްރަތީ ޤާނޫނާ އެއްގޮތަށް ދުވަސްތައް ފާއިތުވަމުންދާއިރު، އެއްބަޔަކު ހިތާމައާއި ހިތްދަތިކަން ތަޙައްމަލް ކުރަމުންދެއެވެ. އެހެންމެ، އުފަލާއި ހިތްހަމަޖެހުން ޙިއްޞާކުރާ މީހުންވެސް މަދެއް ނޫނެވެ. އެއްބަޔަކު ލޯބި ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ބަރުދާސްތު ނުކުރެވިގެން ހިތްވަރުއެލި، އެކަން ބައްޔަކަށްވަމުންދާއިރު، އަނެއް ބަޔަކު ތަފާތު މައިޒާންތަކުގައި ލޯބީގެ ކާމިޔާބީ ފާހަގަކުރަމުން ދަނީއެވެ. ގައިމެވެ. އެންމެބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ޙިއްޞާކުރާ މީހަކަށް މިހާދުވާނެއެވެ. ލޯތްބެއް ހޯދުމުގައި ކުރިމަތިލާން ޖެހިފައިވާ ނާކާމިޔާބީއެއްގެ ސަބަބުން، އޭނާގެ ސާފު ހިތްވަނީ ކުދިކުދިވެފައެވެ. އޭނާ މިހާރު ޙިއްޞާ ކުރަމުން އެދަނީ، ހަމައެކަނި ހިތުގެ ބައްޔެއްވެސް ނޫނެވެ. އާދަޔާ ޚިލާފަށް ގިނައިން ސިނގިރެޓް ބުއިމުގެ ސަބަބުން، އޭނާގެ މޭގައި ވަނީ ފާރު އުފެދެންވެސް ފަށާފައެވެ. ފާއިތުވި ދުވަސްތަކުގައި އޭނާގެ މަންމަ، ނިކަން ގިނަ ގޮތްގޮތަށް އޭނާއަށް ހިތްވަރާއި ނަޞޭޙަތްދީ ހެދިވެސްމެއެވެ. ނަމަވެސް، މަންމަގެ ނަޞޭޙަތާއި ހިތްވަރު ދިނުމަކުން، އޭނާއަކަށް ކުޑަވެސް ހިތްވަރެއް ލިބުނު ކަމަކަށް ނުވިއެވެ. އިތުރަށް އޭނާއަށް އިޙްސާސް ކުރެވެނީ ނިކަމެތިކަމެވެ. ފިރިހެނަކަށްވީ ކަމުގައިވިޔަސް، ފިރިހެނުންގެ ސަފުން ބާކީ ޒާތަށް އުޅެވި، މަންމަގެ ކުރިމަތީގައިވެސް ރޮވެނީއެވެ.

[މަންމާ...އަހަރެން ނެތަސް، މަންމަ ދެރަނުވައްޗޭ. އަހަންނަކަށް މިހިތާމަތަކެއް ބަރުދާސްތެއް ނުކުރެވޭނެ....] މިހާދަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.

[ތިހެން....ނުބުނޭ ދަރިފުޅާ، ދަރިފުޅު ނެތް ދުނިޔެއެއްގައި މިމަންމައެއް ނުހުންނާނެ...މަންމަ މަރުވެދާނެ..ދަރިފުޅާ ތިޔަހެން ނޯވެ ހިނގާ ހޮސްޕިޓަލަށް ދާން....] ނަސީމާއަށްވެސް ރޮއިގަނެވިއްޖެއެވެ. މިހާރު ނަސީމާއަށްވެސް ވަނީ ނިކަން ބޮޑަށް އަސަރުކޮށްފައެވެ.

[މަންމާ...މަންމަ ނުރޮއޭ...އަހަރެންގެ ފިނޑިކަމަށްޓަކައި...އަހަންނަށް މަޢާފްކުރޭ މަންމާ....] ނަސީމާ ރޯތަން ފެނުމުން، މިހާދަށް ކުރި އަސަރު ވަކިން އިތުރުވިއެވެ. ޝިޔާޒް އައިސް އެގެއަށް ވަނީ ނަސީމާ ޓެކްސީއަކަށް ގުޅަން އުޅެނިކޮށެވެ.

***********************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން