ދެ ބޭފުޅަކު ލިޔުއްވާފައިވާ ފޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހަދިޔާކުރައްވައިފިއެވެ.

ރައީސަށް ހަދިޔާކޮށްފައިވަނީ އދ. ދިއްދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތްކަމަށްވާ، "ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" އާއި، މުޙައްމަދު އިސްމާޢީލުފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" އެވެ.

"ކުރީގެ ބައެއް އާދަކާދަ 1" މިފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވިގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ސަތޭކައެއްހާ އަހަރުކުރިން ހުރި ގޮތް ބަޔާންކޮށްދީފައިވެއެވެ. އަދި، "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" މި ފޮތަކީ އދ. ދިއްދޫއާ ބެހޭގޮތުން ޢާންމު މަޢުލޫމާތު ހޯދުމަށް ކުރަން ބޭނުންވާ ސުވާލުތަކާއި، ރަށުގެ ވަނަވަރާއި، އެރަށުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ މަޢުލޫމާތު ހިމެނޭ ފޮތެކެވެ.

މި ދެ ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ފޮތުގެ މުޞައްނިފު ޢަބްދުލްއަޒީޒް އިބްރާހީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތްތައް ލިޔުމުގެ ޚިޔާލު އުފެދުނުގޮތާއި، މި ދެ ފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތްތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް އުންމީދުކުރައްވާކަމަށާއި މިފަދަ މަސައްކަތްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބުދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ވަނީ މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މުޙައްމަދު އިސްމާޢީލު ފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ވަރަށް ބޭނުންތެރި ފޮތެއްކަން ފާހަގަކުރައްވައި މި ފޮތުގެ މުޞައްނިފަށް ހިތްވަރުދެއްވާފައެވެ.

މުޙައްމަދު އިސްމާޢީލު ފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" މި ފޮތުގައި ނައިފަރާއި އަދި ރަށްފުށުގައި ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ބައެއް އާދަކާދަތަކަށް ބަލާލާފައިވެއެވެ. އަދި ބައެއް އާދަކާދަތައް ފެށިގެން އައި ގޮތާއި އެކަންކަން ފަހުން ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް ވެސް މި ފޮތުގައި އަލިއަޅުވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން