އަހަރުގެ ފުރަތަމަ ހަމަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރީ 8 ލައްކަ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 809،603 ފަތުރުވެރިންނެވެ. މިއީީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 59.2 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް އެނދުގެ ޢަދަދަކީ 57،339 އެވެ.

މިއަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އުޅެނީ 14.8 އިންސައްތައިގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. މިއަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ހުރީ 11.9 އިންސައްތައިގައެވެ.

ވޭތުވެދިޔަ ޖޫންމަހުގެ ނިޔަލަށް 107،281 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ މަހު ރާއްޖެއަށް 125،522 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ މާރޗް މަހުއެވެ. އެއީ 150،748 ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިފައިވާއިރު މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ވަނީ ތަޢާރަފް ކޮށްފައެވެ. ބޭރުގެ 25 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަނީ ދަތުރުތައް ބާއްވަމުންނެވެ.

މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ޙާސިލުކޮށްފައިވާއިރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެން ގުޅިގެން ރާއްޖެއަށް އެކަން ޙާސިލްކުރެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.

ރާއްޖެއިން މިދިޔަ ދެއަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން