ރާއްޖޭގައި މިހާރު ހިނގަމުން މިދާ ޑިމޮކްރަސީގެ ވެރިކަމަކީ މަރްހޫމް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) މެން ފަދަ ބޭފުޅުންގެ މަސައްކަތުގެ ނަތީޖާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެމްޑީޕީ އުފެއްދުމުގެ އެއް ބާނީ ކަމަށްވާ ލަތީފް މިއަދު އަވަހާރަ ވުމާއި ގުޅިގެން ތައުޒިޔާކިޔާ ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި ސިޔާސީ އިސްލާޙީ ޙަރަކާތްތައް ކުރިއަރުވައި ސިޔާސީ ކަންކަން އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅެއް ކަމުގައިވާ ލަތީފު އަވަހާރަވި ޚަބަރު އަޑު އެހީ ފުން ހިތާމަޔަކާއެކުގައި ކަމަށެވެ.

އަދި އެއްވެސް ޝައްކެއް ނެތްގޮތުގައި މިއަދު ރާއްޖޭގައި ހިނގަމުން މިދާ ޑިމޮކްރަސީގެ ވެރިކަމަކީ އަލްމަރްޙޫމު މުޙައްމަދު ލަޠީފް މެން ފަދަ މަދު ބޭފުޅުން ކޮޅެއް ރާއްޖޭގައި ސިޔާސީ އިޞްލާޙީ މަސައްކަތް ކުރައްވާނޭ މާޙައުލެއް ނެތްކަން ޤަބޫލުކުރައްވައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، އެގޮތުން އެމަސައްކަތުގައި އުޅުއްވި މަދު ބޭފުޅުންގެ ތެރެއިން މުޙައްމަދު ލަޠީފް ފާހަގަ ކުރެވެނީ ރާއްޖެއާ ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސް، ރާއްޖޭގެ ސިޔާސީ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެއްދެވުމަށްފަހު ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ޕާޓީ ހިނގާހެން އެމްޑީޕީ ހިންގުމަށާއި، ދިވެހި ރާއްޖޭގައި ސިޔާސީ ޙަރަކާތްތައް ފުޅާ ކުރުމަށާއި، މީހުން ހޭލުންތެރި ކުރުމަށާއި، އިންސާނީ ޙައްޤުތައް ޤާއިމް ކުރުމުގެ ދާއިރާގައި މުޙައްމަދު ލަޠީފު ވަނީ މަސައްކަތްތަކެއް ކުރައްވާފައިކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު