ފިނިނޭވާ
ފިނިނޭވާ
09 ވަނަ އެޕިސޯޑް

==========

ކޮޓަރިއަށް ވަނުމުގެ ކުރިން ޝިޔާޒް ދޮރުގައި ޓަކިޖަހާލިއެވެ. އޭނާ ތަޅުގައި ހިފާލީ އެއަށްފަހުގައެވެ. ދޮރުހުރީ ތަޅުލާފައެވެ.

[ތަޅުލާފަ....މިހާދު....] އަނެއްކާވެސް ޓަކިޖަހާލަމުން ޝިޔާޒް މިހާދަށް ގޮވިއެވެ. ނަމަވެސް، އެތެރެއަކުން ޚަބަރެއްނުވޭމެއެވެ.

[ދަރިފުޅާ...މިހާދު ދޮރު ހުޅުވަބަލަ.] މިފަހަރު މިހާދަށް ގޮވީ ނަސީމާއެވެ. ދެންވެސް އެތެރޭން ޚަބަރެއްނުވިއެވެ. އެހެންކަމުން ނަސީމާ ކަންބޮޑުވިއެވެ.

[މިހާދު....މިހާދު...] ޝިޔާޒް ތަންކޮޅެއް ބާރަށް ގޮވިއެވެ. ނަސީމާ ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވީ، ފަހަރަކު މީހަކު ދިހަވަރަކަށް ފަހަރު ގޮވަގޮވާވެސް އެތެރެއިން ހިލަމެއް ނުވީމައެވެ. ދޮރު ހުޅުވުމާއެކު، އެންމެންގެ މޫނުމަތިންވެސް ފާޅުވީ ޙައިރާންކަމާއި ކަންބޮޑުވުމުގެ އަސަރެވެ. މިހާދެއް ކޮޓަރިއަކު ނެތެވެ. ނަސީމާ ގޮސް ފާޚާނާގެ ދޮރުވެސް ހުޅުވިއެވެ. އެތާކުވެސް މިހާދެއް ނެތެވެ.

[ނުލާހިކު ބަލިކޮށް އޮވެފައި ކޮންތަނަކަށްބާ އެދިޔައީ؟] ނަސީމާއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ.

[ދާނެ ވަކިތަނެއްވެސް ނޭނގޭތަ ދައްތައަށް؟] ކޮޓަރިން ނުކުންނަމުން ޝިޔާޒް އެއްސެވެ.

[ނޭނގެ...މިއިން ދުވަހަކުވެސް ގެއިން ބޭރަކަށް ނުދޭ. ތިގެއަށް ނޫނީ އެސޮރުދާނެ ތަނެއްވެސް ނުވިސްނޭ.] ނަސީމާ ބޯކަހާލިއެވެ.

ޝިޔާޒްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. ޝިޔާޒް ޖީބުން ފޯނު ނަގަމުން ކޮޓަރިން ނުކުމެއްޖެއެވެ.

[ޝިޔާ......] ފޯނު ކަންފަތުގައި ޖެއްސުމާއެކު އިވުނީ އާ އަޑެއް ނޫނެވެ. އެއީ ސީނާގެ އަޑެވެ.

[ޝިޔާ....އަދިވެސް އަހަންނާ އަނގައިން ބުނެލާނެ ވަގުތެއް ނުވާނެތަ؟] މިޖުމްލައާއެކު ދެން އިވުނީ ސީނާގެ ރުއިމުގެ އަޑެވެ.

[ނުރޮއޭ ސީނާ......މިވަގުތު ބާއްވާ. އަހަރެން ފަހުން ގުޅާނަން.] ޝިޔާޒް ބޭނުންވީ އަވަހަށް ފޯނު ބާއްވާށެވެ.

[އަޞްލުގައިވެސް ގުޅާނަންތަ؟ އަޅެ ގުޅާނަންދޯ.....؟] މިފަހަރު ސީނާގެ އަޑުގައި އުފާވެރިކަމުގެ އަސަރު ހުއްޓެވެ. އެހެން ނަމަވެސް، އޭނާ ފޯނު ބޭއްވީ ތަކުރާރުކޮށް ދެތިންފަހަރު ގުޅާނެ ވާހަކަ ބުނީމައެވެ.

[ކާކު ގުޅީ؟] ޝިފާ އެއްސެވެ.

[ސީނާ.] ކުރު ޖަވާބަކަށްފަހު ނަސީމާ ގާތު ދަނީއޭ ބުނެފައި، ގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ނަސީމާއާ ސަލާމްކޮށްފައި ޝިފާވެސް ހިނގައިގަތެވެ.

ނަސީމާ އަނެއްކާވެސް ގޮސް ވަނީ މިހާދުގެ ކޮޓަރިއަށެވެ. އޭނާ މިހާދު ނޫޅޭ ވަގުތަކާ ދިމާކޮށްފައި، މިހާދުގެ ކޮޓަރި ހާވާލަން ހިތުލައިގެން ހުންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. އޭނާ ކޮޓަރިއަށް ވަދެ ފުރަތަމަ ދޮރު ތަޅުލިއެވެ. އެއަށްފަހު، އޭނާ ހުޅުވީ މިހާދުގެ އަލަމާރިއެވެ. އަލަމާރިތެރޭގައި އޮތް ފޮޓޯފްރޭމް ނަސީމާގެ އަމާޒަށްއައީ އަލަމާރިތެރެ ހޯދާތާ އިރުކޮޅެއްވީ ފަހުންނެވެ.

އެފޮޓޯ ފެނުމާއެކު، ނަސީމާއަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް އެފޮޓޯއަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅެއް ވަންދެން ހުރެވުނުވެސްމެއެވެ. ވެދާނެއެވެ. އެފޮޓޯގައި އެވާ އަންހެނަކީ ޝިޔާޒްގެ އަނބިމީހާ ޝިފާ ކަމަށް ގަބޫލުކުރަން އޭނާ ބޭނުން ނުވަނީއެވެ. އިސާހިތު އޭނާގެ ދެލޮލަށް ކަރުނައިގެ އަސަރު ވެރިވެގަތެވެ. ވަގުތުން އޭނާ ބޭނުންވިއެވެ. އޭނާގެ ދަރިފުޅުގެ ބަލީގެ ޝިފާއަކީ ޝިޔާޒްގެ ޝިފާކަން ޝިޔާޒަށް އެންގުމަށެވެ. އޭނާ ވަގުތުން ޝިޔާޒަށް ގުޅިއެވެ.

[ޝިޔާޒް ވަރަށް އަވަހަށް މިގެއަށް...އައިސްދީފާނަންތަ؟] މިހެން ބުނެވުނުއިރު، ނަސީމާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

[ކިހިނެއްވީ؟ ދައްތާ. މިހާދު ގެއަށް އައިއްސިތަ؟] ޝިޔާޒް ނިކަން ކަންބޮޑުވިއެވެ. އެހެންކަމުން، އޭނާގެ ސުވާލުތައްވެސް ގިނަވިއެވެ.

[ދަރިފުޅާ...ދައްތަ ލައްވާ އިތުރަށް ވާހަކަ ނުދައްކުވާ އަވަހަށް....އައިސްބަލަ...މިހާދުގެ ފަރުވާ ދައްތައަށް އެނގިއްޖެ.....] ނަސީމާ ރޮއިރޮއިފައި ބުންޏެވެ.

[ކޮބައިތަ އެ ފަރުވާއަކީ؟.....މިވަގުތު ބުނެބަލަ ދައްތާ....] ޝިޔާޒްގެ ހިތް އަވަސްވިއެވެ. އެހެން ނަމަވެސް، އެވަގުތު ނަސީމާގެ ފަރާތުން އިތުރު އެކައްޗެއްވެސް އޭނާއަކަށް އޮޅުމެއްނުފިލިއެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް އެނބުރުނީ މިހާދުމެންގެ ގެއަށް ދިޔުމަށެވެ. އެހެން ނަމަވެސް، މިފަހަރު ޝިފާއެއް ނުދެއެވެ. އޭނާ ގޭގައި މަޑުކުރިއެވެ.

ސީނާ ފޯނު ކައިރީގައި އިންތިޒާރުގައި ހުންނަތާ މިހާރު އެއްގަޑިއިރަށް ވުރެންވެސް ގިނައިރުވެދާނެއެވެ. ނަމަވެސް، އަދިވެސް އެއްވެސް ފޫހިކަމެއްނެތި އޭނާ އެދަނީ ޝިޔާޒްގެ ފޯންކޯލަށް އިންތިޒާރު ކުރަމުންނެވެ. އޭނާ ދޭތެރެއަކުން ފޯނު ނަގައި ކަންފަތުގައި ޖައްސާލާވެސްމެއެވެ.

ކެތްތެރިކަން ކުޑަވަމުންދިޔަ ނަސީމާ އަނެއްކާވެސް ޝިޔާޒަށް [ޑައިލް] ކޮށްލިއެވެ. ނަމަވެސް، އެކޮޅުން މިފަހަރު އިވުނީ މަދުން ނޫނީ ޝިޔާޒްގެ ފޯނުން ނީވޭ އަޑެކެވެ. އާއެކެވެ. ޝިޔާޒްގެ ފޯނުއޮތީ އޮފްކޮށްފައެވެ. އެހެންކަމުން، އޭނާ ވިސްނީ، އޭނާގެ އުނދަގުލުން ސަލާމަތްވާން ޝިޔާޒް ފޯން އޮފްކޮށްގެން އުޅެނީ ކަމަށެވެ. ނަމަވެސް، ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޝިޔާޒްގެ ފޯނުގެ ބެޓެރީގެ ބާރު ގޮއްސަ އޮތީއެވެ.

ޝިޔާޒް މިހާދުމެން ގެއަށް ދިޔައިރު، މިހާދުގެ މަންމަ ނަސީމާ ބޮޑު ކޮޓަރީގައި ދެކޮޅަށް ކުރުކާލި ކަނޑަކަނޑާ ހުއްޓެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ޝިޔާޒް ދޮރުމައްޗަށް ހުއްޓި، ނަސީމާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުއްޓެވެ.

[ނަސީމާއްތަ، މިހާދު އަދިވެސް ނާދޭތަ؟] ޝިޔާޒް ވާހަކަ ދައްކަމުން އެތެރެއަށް ވަނެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، ފަހަތުން އައުމަށް އިޝާރާތް ކުރުމަށްފަހު، ނަސީމާ ގޮސް ވަނީ މިހާދުގެ ކޮޓަރިއަށެވެ. ފަހަތުން އައިސް ޝިޔާޒްވެސް ވަނެވެ. ނަސީމާ ވަންގޮތަށް ވަދެ، އަލަމާރި ހުޅުވާލުމަށްފަހު، ފޮޓޯ ފްރޭމް ނަގާފައި ޝިޔާޒާ ދިމާއަށް ދިއްކުރިއެވެ. ޝިޔާޒަށް ޙައިރާންކަމާއެކު ޤަބޫލުކުރަން ދަތިވެފައި އެފޮޓޯއަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން ހުރެވުނެވެ.

[މިހާދު....] ގަބޫލުކުރަން ބޭނުންނުވެފައި ހުރި ޝިޔާޒްގެ ދޫ ޙަރަކާތް ކުރިއެވެ.

[މިހާދު ލޯބިވާ މީހަކީ ޝިފާކަން ކުރިން އަހަރެން ގާތު....ބުނިނަމަ....ދައްތަ ނުރޮއި....އަހަރެން މިހާދަށް މިހާދުގެ ލޯބި ހޯދައިދޭނަން.] އެފޮޓޯއަށް ބަލަހައްޓައިގެން ހުރެފައި ޝިޔާޒް ވާހަކަ ދެއްކިއެވެ.

[ޝިޔާޒް...އޭރުން ޝިޔާޒޯ....] ރޮވިފައި ހުރި ނަސީމާ ހިތާދެކޮޅަށް ބުންޏެވެ.

[މިހާދަށް މިހާދުގެ ލޯބި ހޯދައިދިނުން އެއީ އަހަރެން ވެފައިވާ ވަޢުދެއް. އެހެން ނޫނަސް، އަހަންނަށްވުރެން ޝިފާގެ ލޯބި މިވަގުތު މުހިންމީ މިހާދަށް. ރަޙްމަތްތެރިޔާގެ ޙައްޤުގައި އަހަރެންގެ ލޯބި އަހަރެން ޤުރްބާން ކުރާނަން.] އެވަގުތު ބޭރުފުށަށް ނުފެނުނަސް ޝިޔާޒްގެ ހިތް ގިސްލާ ރޮމުންދިޔައެވެ. ރަޙްމަތްތެރިޔާގެ ޙައްޤުގައި ލޯބި ޤުރްބާން ކުރުމަށް ނިންމި ކަމުގައިވިޔަސް، އޭނާ ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. ކުރިން އޭނާ ޝިފާ ގާތު ވަޢުދުވެސްވެފައިވެއެވެ. އެދެމަފިރިންގެ ލޯތްބަށް ހުރަސްއަޅައި، އެ ލޯބި ނައްތާލެވޭނޭ ބާރެއް މިދުނިޔެއަކު ނުވާނެއެވެ. ކޮންމެފަދަ ޤުރްބާނީއެއް ވެގެންވެސް އޭނާ ޝިފާގެ ލޯބީގައި ސާބިތުވެ ހުންނާނެއެވެ.

[މިހާދު ކޮންތާކަށްބާ އެދިޔައީ؟] ޝިޔާޒަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ.

[މިހާދު އައިހާ އަވަހަކަށް އަހަންނަށް ގުޅާތި....] މިހެން ބުނެފައި ޝިޔާޒް ހިނގައިގަތެވެ.

[ދަރިފުޅާ މާ ބާރަކަށް ކޮންތާކަށް؟] އަމީނާ ވާހަކަ ދެއްކީ، އޭނާގެ ދަރިފުޅު ސީނާއާ އެވެ. އޭރު ރޮވިފައި ހުރި ސީނާ ގެއިން ނުކުންނަނީއެވެ.

[އޭނަ ގުޅާނަމޭ ކިޔާފައި ނުވެސް ގުޅިއޭ މަންމާ...އަހަރެންގެ އުނދަގުލާހެދި ފޯނުވެސް އޮފްކޮށްފި.....] އިޚްތިޔާރުން ބޭރުގައި ސީނާއަށް ރޮވިއްޖެއެވެ. އަމީނާ ސީނާގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ މަންމާ...އަހަރެން ބޭނުމީ އޭނަ ހޯދަން މާލެދާން....] ދައްކާ ވާހަކައިން ސީނާގެ ސިކުނޑި ހަމައިން ނެއްޓެމުންދާހެންވެސް ހީވެއެވެ.

[ކެތްކުރޭ ދަރިފުޅާ....އަދި އޭނަ ގުޅާނެ. އެވާނީ މާ މަސައްކަތް ބުރައީ ކަމަށް...] އަމީނާ ސީނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ފާހަގަކުރެވެއެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ސީނާ އޭނާގެ މަންމަގެ ބަސް ގަބޫލުކުރާ ކަމެވެ.

[މަންމާ....ކީއްވެތަ އޭނަ އަހަރެންދެކެ ލޯބިނުވީ....އަހަންނަށް އެލޯބި ހޯދައިދީ މަންމާ...އެހެންނޫނީ އަހަރެން މުޅި ރާއްޖެއަށް ގިނަވެދާނެ....] ސީނާ ރޮމުން އަމީނާގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ދަރިފުޅާ! ތިއުޅެނީ މިމަންމަ މޮޔަކޮށްލަންތަ....އާދޭސްކުރަން ދަރިފުޅާ، ނިކަން ހިތްވަރުކޮށްބަލަ. ދިރިއުޅުމުގައި ދިމާވާ ދަތިކަންތަކުގައިވެސް ފަސްނުޖެހި ކުރިމަތިލާން ދަސްކޮށްބަލަ....ދަރިފުޅު މަންމަގެ ބަސް ގަބޫލުކުރާނޭ ކަމަށް ވަޢުދުވީމަ ނޫނީ ދެން މިކޮޓަރިންވެސް ނުނުކުންނާނަން.] އަމީނާގެ ދެލޯވެސް ކަރުނައިން ތެމިފޯވެއްޖެއެވެ. ހިތާމައިގެ އަސަރު ނުހަނު ބޮޑަށް ވެރިވެފައިވާ މަންމަގެ މޫނު ފެނުމުން، ހިތްވަރު ކުރުމަށް ވަޢުދުވެ، ސީނާ ބޯޖަހާލިއެވެ. އަމީނާ ކޮޓަރިން ނުކުތީ ސީނާ ގާތު ނިދާލުމަށް ބުނެ އާދޭސްކޮށްފައެވެ. ނަމަވެސް ސީނާ އޮތީ މަންމަ ކޮޓަރިން ނުނުކުމެގެނެވެ. އޭނާ ވަގުތުން ތެދުވެ ފޯނު ނަގައިގެން ޝިޔާޒަށް ގުޅިއެވެ. މިފަހަރު ގުޅީ ސީދާ ޝިޔާޒްމެން ކޮޓަރި ފޯނަށެވެ. ރިންގުވާތާ އިރުކޮޅެއްވީފަހުން ފޯނު ނެގީ ޝިފާއެވެ.

[ޝިޔާ...ކޮބާ؟...] ގިސްލުމާއެކު ސީނާގެ އަޑު ނުކުތެވެ.

[އަދި ނާދޭ ގެއަކަށް.....] ކުރު ޖަވާބަކާއެކު ޝިފާ ޕަސްލާފައި ފޯން ބާއްވައިފިއެވެ. އެއީ ޝިޔާޒް އައިސް ކޮޓަރިއަށް ވަން ވަގުތެވެ. ޝިޔާޒް ފެނުމާއެކު، ޝިޔާޒަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފައިވާކަން ޝިފާއަށް ތަޞައްވަރު ކުރެވުނެވެ.

[ޝިޔާ....ކިހިނެއްވެފައި ތިހުރީ....] ޝިޔާޒް ކުރިއާ ތަފާތުހެން ހީވުމުން، ޝިފާ ކަންބޮޑުވާން ފެށިއެވެ. ނަމަވެސް ޝިފާގެ އެސުވާލަކަށް ޝިޔާޒް އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ ވަންގޮތަށްވަދެ، އެނދުމައްޗަށް ވެއްޓިގަތެވެ. ޝިފާވެސް އޮށޯވެ، ޝިޔާޒްގެ މޭގައި ބޯއަޅާލިއެވެ.

[އަޅެ ޝިޔާ ކިހިނެއްވެފަތަ ތިއޮތީ....އަޅެ ޝިޔާ މިހާރު އަހަރެން ބިރުގަންނަން ފަށައިފި.....އަހަރެން އެކަނިކޮށްނުލައްޗޭ....އަހަރެން ޝިޔާދެކެ ވަރަށް....ލޯބިވޭ....އަހަރެން ޝިޔާދެކެމިވާ ލޯބި އެއްވެސް މީހަކަށް ނުވެވޭނެ....] ޝިފާ ޝިޔާޒްގެ ހަށިގަނޑުގައި ބާރަށް ބައްދައިގަތެވެ.

[އަހަންނަށް.....މަޢާފްކުރޭ ޝިފާ.....އަހަރެންވެސް ޝިފާދެކެ ވަރަށް ލޯބިވޭ.....އެކަމަކު އަހަރެން ބޭނުން މިހާދަށް މިހާދުގެ ލޯބި ހޯދައިދޭން....އަހަންނަށްވުރެން މާބޮޑަށް މިހާދު...ޝިފާދެކެ......] ފޯނުގެ ރަނގަބީލުގެ އަޑަށް ޝިޔާޒްގެ ޖުމްލައިގެ މެދުކެނޑުނެވެ. ޝިޔާޒް ގޮސް ފޯނު ނެގިއެވެ. ޙައިރާންވެފައި ޝިފާ އޮތެވެ.

[ހަލޯ...ކާކު؟] ޝިޔާޒް ވާހަކަ ދައްކަން ފެށިއެވެ.

[ކާކުހޭ...އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ.....ގުޅާނަމޭ ކިޔާ ހުސް ދޮގެއްނު ތިހެދީ....މިރޭ ޝިޔާ އަހަންނާ ބައްދަލުނުކޮށްފިއްޔާ...އަހަރެން އަމިއްލައަށް މަރުވާނަން....] އަޑާއެކު ގިސްލުމުގެ އަޑުވެސް ޝިޔާޒްގެ ކަންފަތުގައި ޖެހުނެވެ. ޝިޔާޒް އަނގައިންވެސް ނުބުނެ ހިމޭނުން އިރުކޮޅެއް ވަންދެން ހުއްޓެވެ.

[އަޅެ ޝިޔާ....ވާހަކަ ދައްކަބަލަ...އެހެންނޫނީ އަހަރެން މޮޔަވެދާނެ...އަޅެ...ޕްލީޒް ޝިޔާ.....؟] ސީނާ ރޮއިގަތެވެ.

[ނުރޮއި ހުއްޓާލާ...އަހަރެން ސީނާއާ މިރޭ ބައްދަލުކުރާނަން...އިހަށް ބާއްވާ...] ޝިޔާޒަށް ހަމްދަރުދީވެވުނެވެ.

[އަންނާތި...ނައިސްފިއްޔާ ދިރިހުއްޓަކާ ޝިޔާއަކަށް ދުވަހަކުވެސް އަހަރެން ނުފެންނާނެ. ޝިޔާއަށް ފެންނާނީ...އަހަރެންގެ ފުރާނަ ނެތް މަސްގަނޑު.] ސީނާ ރޮމުން ފޯނު ބޭއްވިއެވެ.

***********************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-5

ލާލަ

11-Jun-2020

އަޅެއް ކީވެއްތައް ރޭވިލޭރޭ ގެ އިތުރު ބަައިތަައް ނާންނަނީ, ދެން ހުރި ބަައިތައް ވީ އެންމެ އަވަހަކަށް ގެ ނެސްދޭނެއް ކަމުގެ އުންމީދުގަ މިހުރީ...



ޓްރެންޑިން