23 މާރިޗު 2020 - 13:13
11 ވަނަ އެޕިސޯޑް

==========

[ގީތާއާއެކު އަހަރެންގެ ދިރިއުޅުމުގައި ޙިއްޞާވާށޭ!؟] ބިރުގަތް ނަމަވެސް، އެކަން މަލަކާއަށް ދައްކާކަށް އިޔާދު ބޭނުމެއް ނޫނެވެ.

[އާނ، އަހަރެން ބޭނުން، އިޔާދުގެ ދިރިއުޅުމުގައި ޙިއްޞާވާން.] މަލަކާ އެހުރިގޮތަށް ހުރެ ތަކުރާރު ކުރިއެވެ.

[ހަނދާން ނައްތާލާ....ދުވަހަކުވެސް ކަލޭގެ ތި އުންމީދު ފުރިހަމައެއް ނުވާނެ....ކަލޭމެނަށް މާތްރަސްކަލާނގެ ބާރު ދެއްވާފައިވަނީ، އިންސާނުންނަށް ދުއްތުރާ ކުރާކަށް ނޫނޭ....] އިޔާދުގެ އަޑު ބާރުވިއެވެ. މަލަކާ ހީގަތެވެ.

[އަޑުގަދަނުކުރޭ އިޔާދު....ގީތާ ހޭލަފާނެ. އޭރުން އިޔާދު ފަޟީޙަތްވެ، އިޔާދާއި ގީތާގެ ދިރިއުޅުމުގައި މައްސަލަޖެހެން ފަށާފާނެ. އެއީ ފަހަރެއްގައިވެސް އަހަރެން ބޭނުންވާ ގޮތެއް ނޫން.] މި ޖުމްލައާއެކު، މަލަކާ ފާރުތެރެއަށް ގެއްލުނެވެ. އިޔާދު ފުން ނޭވާއެއްލުމަށްފަހު، އޮށޯވެއްޖެއެވެ.

[އެ އެއްޗެއްގެ ކިބައިން މިންޖުވެވޭނީ، ކޮން ދުވަހަކުންބާ؟] ހިތާހިތާ އިޔާދަށް އަހާލެވުނެވެ. އެހިނދު ނިދީގައި އޮވެ ގީތާ ފުރޮޅިލިއެވެ. އެރޭ ހަތަރުދަމު އިޔާދު ވިސްނީ، މަލަކާގެ ފުށުން ސަލާމަތްވެ، އޭނާގެ ދިރިއުޅުން މިނިވަންކުރާނެ ގޮތަކާ ދޭތެރޭގައެވެ. އެހެންކަމުން، ކުރިންވެސް ތަވީދު ލިޔުއްވި މީހާ ލައްވާ އިތުރު ތަވީދެއް ހެއްދުމަށް އެރޭ އޭނާ ނިންމިއެވެ. އެހެން ނަމަވެސް، އެއީވެސް ގީތާއަށް ސިއްރުންނެވެ.

ޖެހިގެން އައި ދުވަހު ހަވީރު ރެކިބޭބެ ޢަޞުރު ނަމާދުން ފައިބާހާއިރު ކޮށްފައި، އިޔާދާއި ނަޒްމީ އެގެޔަށް ދިޔައެވެ. ނަމަވެސް، އޭނާގެ ގާތުގައި ޒަބީލް ހުންނަ ވާހަކައެއް އިޔާދު ރެކިބޭބެއަކަށް ކިޔައެއްނުދެއެވެ. ލަފާކުރެވޭ ގޮތުން އެވާހަކަ ބުނަން އޭނާ ބޭނުންނުވީ ގީތާގެ ޙައްޤުގައެވެ.

[ފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު، ތަވީދަށް ސަމާލުވާށޭ...މިފަހަރު ގޭގެ ހަތަރުފަރާތު ވަޅުލާނެ ލޯ ފޮތިތަކެއްވެސް ދޭނަން...އޭރުން އެބާވަތުގެ އެއްވެސް އެއްޗަކަށް ތި ގެޔާވެސް ކައިރިނުވެވޭނެ.] ރެކިބޭބެ ބުންޏެވެ. ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން، އިޔާދު ބޯޖަހާލީ، އެއީ ޒަބީލްވެސް އެގެއިން ބޭރުވެދާފަދަ ބާރެއް ކަމަށް ހީކޮށްފައެއް ނޫނެވެ. އޭނައަށް ހީކުރެވިފައިވާ ގޮތުގައި، ޒަބީލް ޙިއްޞާކުރަނީ ހަމައެކަނި އޭނާގެ ނަސްލެވެ.

އެހެންކަމުން، ރޫޙާނީ ބާރުތަކާ ދެކޮޅަށް ކުރާ ކަމަކުން ޒަބީލަށް އަސަރުކޮށްފާނެ ކަމަކަށް އިޔާދަށް ހީކުރެވިފައެއް ނެތެވެ. އޭނާ އެކަމަކަށް ނުވެސް ވިސްނައެވެ. އިޔާދު އެނބުރި ގެޔަށް ދާން ބޭނުންވަނީވެސް ތަވީދު ނިންމައި، އުނަގަނޑުގައި އަޅުވައިގެނެވެ. ރެކިބޭބެ ބުނާގޮތުން، އެގޭގެ ހަތަރުފަރާތުގައި ލޯފޮތި ވަޅުލުމަށްފަހު، ރޫޙާނީ އެއްވެސް ބާރަކަށް އެގެޔަށް ނުވަދެވޭނެއެވެ. އެއީ ހަމަގައިމުވެސް އިޔާދަށް ލިބޭނެ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.

[ރެކިބޭބޭ، އަހަރެން ބޭނުންވަނީ ތަވީދު އަޅައިގެން ގެޔަށްދާން. އެހެން ނޫނީ، އޭތީގެ އުނދަގުލާއި ތުރާތަކާ މިރޭވެސް އަހަރެން ކުރިމަތިލާންޖެހޭނެ.] އިޔާދު ބުންޏެވެ.

[ދެން މާގިނައިރެއްނުވެ ތަވީދު ނިމިދާނެ.] ތަވީދު ލިޔަން އިނދެފައި، އިޔާދާ ދިމާއަށް އެނބުރި، ރެކިބޭބެ ބުންޏެވެ. އިޔާދުގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ.

އެދުވަހު އިޔާދު ގެޔަށް އައީ އެ ތަވީދު އަޅައި، ހަށި ރައްކާވުމުގެ އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުންނެވެ. އޭނާ ގެޔަށް ވަން ވަގުތު، ޒަބީލް ގީތާގެ އުނގުގައި އިނެވެ. އިޔާދު ފެނުމާއެކުހެން، ޒަބީލް ގީތާގެ އުނގުން ފުންމައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ހީވެއެވެ. ޒަބީލަށްވެސް އެ ތަވީދުގެ އަސަރު ކުރަނީއެވެ. އޭނާއަށް އުނދަގޫވަނީއެވެ.

[އަހަރެން އައީމަ، އެ ސޮރު އެދިޔައީ ކީއްވެބާ؟] އިޔާދަށް ހިތާހިތާ އަހާލެވުނެވެ. ނަމަވެސް އޭނާގެ އުނަގަނޑުގައިވާ ތަވީދާ އެކުއްޖާއާ ގުޅުން އޮވެދާނެ ކަމަކަށް އޭނާއަކަށް އެހިނދަކު ނުވިސްނުނެވެ.

[އިޔާ...ހިނގާ ސައިބޯން...] އިންތަނުން ތެދުވަމުން ގީތާ ބުންޏެވެ. އިޔާދު ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ.

[މީ ދެން ސައިބޯ ގަޑިއެއްވެސް ނޫނެއްނު. އެއޮއް ހަތްގަޑިބައިވަނީ...ދެން މިރޭ ކާނީ...] އިޔާދު ބުންޏެވެ.

[ތިހެންވީއިރު ހިނގާ ކާންދަމާ....] ގީތާ ހިނގައިގެންފިއެވެ. ފަހަތުން ކާގެޔާ ދިމާއަށް އިޔާދުވެސް ހިނގައިގަތެވެ.

ކައިގެން އަދި ރެކިބޭބެގެ ގާތަށް އިޔާދު ދާންޖެހެއެވެ. ނަމަވެސް، އެއީ ގީތާއަށް ސިއްރުންނެވެ. މިހާރު މަލަކާގެ ކިބައިން އޭނާ ސަލާމަތްވާން ބޭނުންވަނީ، ގީތާއަށް އެއްވެސް ކަމެއް ނާންގައެވެ.

އެހެންކަމުން، ކައި ނިމިގެން ނަޒްމީއާ ބައްދަލުކޮށްފައި އެބަ އަންނަމޭ ބުނެފައި އިޔާދު ނުކުތެވެ.

ނަޒްމީއާއި އިޔާދު ރެކިބޭބެގެ ގެޔަށް ދިޔައިރު، ރެކިބޭބެ އޭނާގެ މަސައްކަތް ނިންމުމަށްފަހު، އިޔާދުމެންގެ އިންތިޒާރުގައި ހުއްޓެވެ. ނަމަވެސް، އެ އެއްޗެތި ވަޅުލުމަށް ރެކިބޭބެ ބުނީ އަނެއް ދުވަހުގެ މެންދުރު ނަމާދަށްފަހުގައި ކަމަށްވުމުން، ކޮންމެވެސް މޮޅު ރޭވުމަކުން ގީތާ އެވަގުތާ ދިމާކޮށް ގެއިން ބޭރަށް ފޮނުވުމަށް އެންމެން މަޝްވަރާކޮށް ވިސްނިއެވެ.

[ލީނާ ގުޅާފައި ބުނީ ވަރަށް އަވަހަށް އައިސްބަލާށޯ....] މެންދުރު ނަމާދު ވަގުތު ވުމާއެކު، އިޔާދު ކޮޓަރިތެރޭ ހުރި ގީތާއަށް ގޮވާލަމުން ބުންޏެވެ. ނަޞީބު ރަނގަޅުކަމުން، އޭރު ގީތާ ހުރީވެސް ނަލަހެދިލައިގެނެވެ.

[ޒަބީލް ބަލާތި....] ނުކުމެގެން ހިނގައިގަންނަމުން ގީތާ ބުންޏެވެ. އިޔާދު ބޯޖަހާލަމުން ހިނިތުންވެލިއެވެ. ގީތާ ނުކުތުމާއެކު، އިޔާދު، ރެކިބޭބެއާއި ނަޒްމީއަށް ގުޅައިގެން ގެނައެވެ.

[އިޔާދު އެތެރޭގައި މަޑުކޮށްލާ. އަހަރެމެން ހުރިހާ ފޮތިތައް ވަޅުލާނަން.] އޭރު އެތާނގައި ޒަބީލްވެސް ހުއްޓެވެ. އޭނާހުރީ ބިރުގަނެ ނިކަން ހާސްވެފައެވެ.

[ބައްޕާ.....ބައްޕަ ތިއުޅެނީ އަހަރެންވެސް މިގެއިން ނެރެލަންތަ؟] ކުއްލިއަކަށް ޒަބީލް ބުނި އެއްޗަކުން އިޔާދު ސިހުނެވެ. އޭރު ކުޑަކުޑަ ޒަބީލްގެ ޙަރަކާތްތައްވެސް އައީ މަޑުމަޑުން ބަދަލުވަމުންނެވެ. ހީވަނީ ހަށިގަނޑުގެ އެތަން މިތާނގައި އާދަޔާ ޚިލާފު ރިހުމެއް އުފެދިގެން އުޅޭހެންނެވެ.

[ބައްޕާ....އަހަރެން...ދަނީ....އަހަންނަށް މިގެޔަކު ދެން ނޫޅެވޭނެ....] ވަރުގަދަ އަޑަކާއެކު، ވިދުވަރުގެ އަލިފަދަ އައްޔަކާއެކު، ޒަބީލް ގެއްލުނެވެ.

ނަމަވެސް އެއީ އިޔާދު ބޭނުންވި ގޮތެއް ނޫނެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ޒަބީލް މިހާރު އެވަނީ އޭނާގެ ލޯމަތިން ގެއްލިފައެވެ. ދެން ވިސްނަންވީ ޒަބީލާ ބެހޭގޮތުން ގީތާ ގާތު ބުނާނެ އެއްޗަކާ މެދުގައެވެ. ގައިމުވެސް ގީތާ ގާތު ތެދު ބުނެވޭކަށް ނޯންނާނެއެވެ.

ގީތާ ގެޔަށް އައީ ރެކިބޭބެއާއި ނަޒްމީ ހުރިހާ ކަމެއްކޮށް ނިންމުމަށްފަހު ދިޔަތާ ފަނަރަވަރަކަށް މިނެޓްވީ ފަހުންނެވެ. އޭރު އިޔާދުހުރީ، ޒަބީލާ ބެހޭގޮތުން ގީތާ ކުރާ ކޮންމެ ސުވާލަކަށްވެސް ޖަވާބުދާރީވުމަށް ނިކަން ފުރިހަމައަށް ތައްޔާރުވެގެނެވެ.

[ޒަބީލް ކޮބާ؟] ގީތާ ގެޔަށް ވަންގޮތަށް، ޒަބީލް ފެންނަން ނެތުމުން އެއްސެވެ.

[ޒަބީލް...އަހަރެންވެސް މިހުންނަނީ ވަރަށް ދެރަވެފައި. ޒަބީލްގެ މަންމައާއި އެއްބަނޑު އޭނާގެ ބޭބެ އައިސް އެސޮރު ގެންގޮސްފި. ނުދޭން އަހަރެން ވަރަށް މަސައްކަތް ކުރިން. އެހެން ނަމަވެސް، އެމީހާ ބުނީ އެމީހުނަށް އެކުއްޖާ ބެލިދާނެޔޯ. ހިލޭ ބަޔަކު ނުޖެހޭނެޔޯ އެސޮރު ބަލާކަށް...] ރޭވިގޮތަށް އިޔާދު ގީތާގެ ކުރިމަތީގައި ބަސްތައް އަތުރާލިއެވެ.

[އަޅެ....ދެން....އަހަރެން މުޅިން އެކަނިވެރިވީޔޭ....އެމީހާ ދެން ކީއްކުރަންތަ އެސޮރު ގެންދަންވީ...އިޔާ އަދި ބުނަންވީނު...އެސޮރު މިގޭގައި ބަހައްޓާށޭ.] ގީތާ މުޅިން މާޔޫސްވެއްޖެ ކަހަލައެވެ.

[ގީތު...އަހަރެން ގީތު ނުބުންޏަސް، ވަރަށް އާދޭސް ކުރީމޭ....އެކަމަކު ކީއްކުރާނީ...އެއްގޮތަކަށްވެސް އޭނަ ގޮތެއް ދުލެއްނުކުރި....ދެރަނުވޭ ގީތު...އިރާދަކުރެއްވިއްޔާ، އަހަރެމެނަށް ދަރިޔަކު ލިބޭނެ.]

އިޔާދު ގީތާއަށް ހިތްވަރު ދިނެވެ. ދަރިޔަކު ލިބިދާނެ ކަމަށް އިޔާދު ބުނުމުން، ގީތާއަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް، އެ ކުޑަކުޑަ ސިޔާސަ ޒަބީލްގެ މަތިން ހަނދާން ނައްތާލުމަކީ އޭނާއަށް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެކުއްޖާ ވަނީ އޭނާގެ ހިތުން ވަރަށް ފުރިހަމަ މަޤާމެއް ހޯދާފައެވެ. އެ ދަރިފުޅަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވަނީ މައިވަންތަ ކަމުގެ ލޯތްބެވެ.

[އަހަރެމެނަށް ދަރިޔަކު ލިބިދާނެތަ؟] ޒަބީލް ގެއްލުނުތާ ދެވަނައަށްވީ ދުވަހުގެރޭ، ނިދާ އެނދުގައި އޮވެ ގީތާ އިޔާދު ގާތު އެއްސެވެ.

[އިރާދަކުރެއްވިއްޔާ ލިބޭނެ...] އިޔާދު ގީތާގެ މޭމަތީގައި ބޯއަޅާލިއެވެ.

[އަހަރެން ވަރަށް އަވަހަށް ކުއްޖަކު ބޭނުން.] ގީތާ ފިރިމީހާގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ.

ދެން ފާއިތުވެގެން ދިޔައީ، އިޔާދާއި ގީތާގެ ޙަޔާތުގައި (ޒަވާޖީ ގުޅުމަށްފަހުގައި) އައި އެންމެ އުފާވެރި ދުވަސްތަކެވެ. މިހާރު އެދެމަފިރިންނަށް އިޙްސާސް ކުރެވެނީ އަލުން ކައިވެނީގެ އާކޮޅުމަތި ތަކުރާރުވާ ކަމުގައެވެ. ހީވަނީ އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރުވެސް މިހާރު އިތުރުވެފައިވާހެނެވެ. އިޔާދު ކޮންމެފަދަ ކަމެއް ކުރިޔަސް އަނބިމީހާ ޙިއްޞާ ކުރެއެވެ. އެފަދައެވެ. ގީތާވެސް ފިރިމީހާގެ ޚިޔާލު ހޯދައިގެން ނޫނީ އެއްކަމެއްވެސް ނުކުރެއެވެ. އުފަލާއި އަރާމު އެކަކު އަނެކަކުގެ ޙިއްޞާއާއެކު ލިބިގަންނަ ގޮތަށް، މަސައްކަތުގެ މައިދާނުގައިވެސް އެކަކު އަނެކަކަށް ޚިޔާލު ބަދަލުކޮށް ހެދުމަކީ، މިހާރު އެދެމަފިރިންގެ އާދައެކެވެ.

މިހާރު ކޮންމެ ހަނދުމަހެއްގެވެސް ވަކި ދުވަހެއް އަންނަންދެން ގީތާ އަދި އިޔާދަށްވެސް ބައްޕައަކަށް ނޫނީ މަންމައަކަށް ވުމުގެ އިޝާރާތަށް ވިސްނެއެވެ. ކޮންމެ މަހެއްގެވެސް އަށާރަ ނޫނީ ނަވާރަ ފާއިތުވެދަނީ ގީތާއާއި އިޔާދު މާޔޫސްކޮށްލާފައެވެ.

[ކުއްޖަކު ލިބޭތޯ އަހަރެމެނަށް ވަރަށް މަސައްކަތް ކުރެވިއްޖެ....ކާމިޔާބުގެ އެއްވެސް ނިޝާނެއް ނުފެނޭ. މީހަކާ އިނދެގެން އުޅޭނަމަ، ކުއްޖަކު ނެތުމުގެ ފަޅުކަން ލީންއަށްވެސް އިޙްސާސް ކުރެވޭނެ.] ގީތާއާއި ލީނާ ވާހަކަ ދައްކަން ތިބީ ލީނާގެ ގޭގެ ބޮޑު ކޮޓަރީގައެވެ.

[އިޔާދު ޚިޔާލެއް ނުކުރޭތަ، އިންޑިޔާ ކަހަލަ ތަނަކަށް ގޮސް، ތިކަމަށް ފަރުވާ ހޯދާކަށް.] ލީނާ އެއްސެވެ.

[އެބަ ވިސްނާ އެކަމަށް. އެކަމަކު އެވަރަށް އަދި އަހަރެމެން އަތަކު ފައިސާއެއްވެސް ނެތް. މިހުރިހާ ދުވަސް ވަންދެން، ގޭގެ ހުރިހާ ޚަރަދުތަކެއް ބެލެހެއްޓީ، އިޔާދަށް އެކަނި ލިބޭ އެއްޗަކުންވިއްޔަ.....މިހާރު ދެން، ދެ ބައްޕަ ގުޅިގެން މަސްވެރިކަން ފެށީމާ، ޢާއިލާއަށް އާމްދަނީ އިތުރުވެ، އިޔާދަށް ލިބޭ މުސާރައިން ކޮންމެވެސްވަރެއް ފަހަށް ރައްކާކުރެވޭ.] ގީތާ ބުންޏެވެ.

[އިރާދަކުރެއްވިއްޔާ، ރާއްޖެއިން ބޭރަށް ނުދިޔަޔަސް، ގީތުއަށް ކުއްޖަކު ލިބޭނެ.] ލީނާ ގީތާއަށް އުންމީދު އާކޮށްދިނެވެ.

[ތިހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު....] ގީތާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

[ލީން...އަހަރެންގެ ނަޞޭޙަތަކީ، ލީންވެސް އަވަހަށް މެރީކޮށްގެން ދިރިއުޅުމެއް ފަށަން. މިހާރު ފިރާޒްގެ ހަނދާންތަކުގައިވެސް ދުވަސްތަކެއް ހޭދަކުރެވިއްޖެއެއްނު.] ރަޙްމަތްތެރިޔާގެ އެކަނިވެރި ދިރިއުޅުމާ ދޭތެރޭ ގީތާ ވިސްނާލިއެވެ.

[އަހަރެން އެއްވެސް ކަމެއް ކުރާހިތެއްނުވޭ. ފިރާޒް މަރުވިފަހުން ދިރިއުޅުން މަތިންވެސް އަހަރެން ފޫހިވެއްޖެ.] ތެދެކެވެ. މިހާރު އެއްވެސް ކަމަކަށް އޭނާގެ ޝައުޤެއް ނުހުރެއެވެ. ފިރާޒް މަރުވިފަހުންވެސް އެތައް ފިރިހެން ކުދިންނެއް އޭނާގެ ޙަޔާތަށް އަންނަން މަސައްކަތް ކޮށްފިއެވެ. ނަމަވެސް، އެއިން އެއްވެސް މީހަކަށް އޭނާ އާނ ބަހެއް ނުބުނެއެވެ.

[ކަންމަތީގޭ ޢަޒީމްވެސް ކޮންމެ ދުވަހަކުހެން ގުޅާ....އެކަމަކު...އަހަރެންގެ ހިތަށްއަރަނީ، އަހަންނާ ގުޅިއްޖެއްޔާ، ކޮންމެވެސް މީހަކު އޭނަވެސް މަރާލާފާނެޔޭ....އަހަރެންގެ ސަބަބުން ދެވަނަ ފުރާނަދާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫން.] ލީނާގެ ލޮލުން ކަރުނަ ހިލިގަތެވެ.

[ޢަޒީމް އަހަރެން ގާތުވެސް ލީނާގެ ވާހަކަ ވަރަށް ދައްކާ. ލީން ތި ވިސްނަނީކީ ރަނގަޅަކަށް ނޫން. އަހަރެންގެ ނަޞޭޙަތަކީ، ލީން ހިތްއެދޭ މީހަކާ ގުޅިގެން ވީހާވެސް އަވަހަކަށް ޒަވާޖެއް ފެށުން.] ގީތާ ލީނާއަށް ވިސްނައިދިނެވެ. ނަމަވެސް، ކަނޑައެޅިގެން މިވެނި މީހަކު ރަނގަޅޭ ބުނެ، އެމީހަކާ ގުޅެން ބާރުއަޅާކަށް ގީތާ ބޭނުމެއް ނޫނެވެ.

[ޢަޒީމާ ދޭތެރޭ ވިސްނޭ. އެކަމަކު އޭނާގެ ބަދުނަޞީބަށް އަހަރެން ވެދާނެތީ ބިރުގަންނަނީ.] ތެދެކެވެ. ފަހަަކަށް އައިސް އޭނާއަށް ޢަޒީމްގެ ކޯލްތަކަށް އިންތިޒާރު ކުރެވެއެވެ. ޢަޒީމް ދައްކާ ވާހަކަތައް ކަނުލާ އަޑުއެހެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ޢަޒީމްގެ ހުށަހެޅުމާ ދޭތެރޭ ވިސްނި ޚިޔާލު ކުރެވެއެވެ.

[ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތް....މެރީކޮށްގެން ފިރިމީހާގެ އަޅާލުން ލިބުނީމާ، ހުރިހާ ހިތި ހަނދާންތަކެއް މާޒީވެދާނެ. ޢަޒީމާ ދޭތެރޭ އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ....އެއީ މާތް އަޚްލާޤެއްގެ ވެރިއެއް.] ގީތާ ޢަޒީމަށް ތަޢުރީފް ކުރިއެވެ.

[އަހަންނަކީވެސް ކިހާ ހިތްދަތި މާޒީއެއް ޙިއްޞާކުރި މީހެއް. އެކަމަކު މިހާރު އޭގެ އެއްވެސް ހަނދާންތަކެއް ނެތެއްނު.] ގީތާ އޭނާގެ އަމިއްލަ ނަފްސަށް މިސާލު ޖެހިއެވެ. ލީނާ ބޯޖަހާލިއެވެ.

[އެކަމަކު ބުނަން...ކައިވެންޏަށްފަހު، އެކަކު އަނެކަކަށް ރަނގަޅަށް ދަސްނުވަނީސް، ކުއްޖަކު ހޯދުން ރަނގަޅެއް ނުވާނެ. ފުރަތަމަ ބަލަން ޖެހޭނެ، ދެމީހުންގެ ކައިވެންޏަކީ ދާއިމަށް ދެމިގެންދާފަދަ ބަނދެވުމެއްތޯ....މިބުނީ މިޒާޖް އެއްގޮތްތޯ ބަލަންވާނެޔޭ.] ގީތާ ނަޞޭޙަތްތެރިވިއެވެ. ފާރުގައި ހުރި ގަޑިން ހައެއް ޖެހިކަން އިޢުލާން ކުރީ އެވަގުތެވެ.

[ދެން އަހަރެން ދަނީ...ވަރަށް ގިނައިރު މިގޭގައިވެސް އިނދެވިއްޖެއެއްނު. އިޔާދު މިހާރު ހުންނާނެ، އަހަރެން ވީތަނެއް ނޭނގިގެން.] ގީތާ ތެދުވެއްޖެއެވެ.

[ދަނީ...ޢަޒީމާ ދިމާވެއްޖެއްޔާ ބުނާނަން، ލީންއަށް ގުޅާށޭ.] ގީތާ ހިނިތުންވެލަމުން އެގެއިން ނުކުމެގެން ހިނގައިގަތެވެ.

ވިއްސާރައިގެ އަސަރު ދުނިޔެމައްޗަށް ވެރިވެގަތީ އެވަގުތެވެ. ގީތާ މައްޗަށް ބަލައިލިއެވެ. އުޑުމަތިވަނީ ބޯ ކަޅުވިލާތަކަކުން ބައްދާލާފައެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެންވެސް ހީވާފަހަރު އާދެއެވެ. ކުއްލިއަކަށް ވައިވެސް ބާރުވެއްޖެއެވެ. އިސާހިތު ވާރޭވެހެން ފަށައިފިއެވެ. ގީތާ ދުވެފައި ގޮސް ގެއެއްގެ ނިވަތްދަށަށް ވަނެވެ. ނަމަވެސް، އޭރު އޭނާ ލައިގެންހުރި ހެދުމުގެ ބޮޑު ބައެއްވަނީ ތެމިފައެވެ.

ގީތާ އެގޮތަށް އެ ނިވަތްދަށުގައި ހުންނަތާ ބައިގަޑިއެއްހާއިރުވިއިރުވެސް ވާރޭ ތުނިކޮށެއް ނުލިއެވެ. ގީތާގެ ހިތަށް ވިއްސާރައިގެ ބިރުވެރިކަން ސަވާރުވީ ގަދައަށް ވިދާ ގުގުރަން ފެށީމައެވެ. ނަމަވެސް، ވާރެޔާ ތެމިފޯވެގެން ގެޔަށް ދެވޭހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ވަރަށް ކުޑައިރުއްސުރެންވެސް އޭނާއަކީ ފިންޏަށް ނިކަން ބަލި މީހެކެވެ. މިހާރުވެސް އޭނާއަށް ކެތްކުރެވެނީ ކިރިޔާއެވެ.

[މިހާ ވިއްސާރަ ރެއެއްގައި އަނދިރީގައި އެކަނިމާއެކަނި ހުންނަން ބިރެއްވެސްނުގަނޭތަ؟] ކުއްލިއަކަށް ގީތާގެ ފުރަގަހުން އިވުނު އަންހެން އަޑަކާ ދިމާއަށް ގީތާއަށް އެނބުރިލެވުނީ ސިއްސައިގެންދާފަދަ ގޮތަކަށެވެ. ކުރިމަތީގައި ހުރީ ކުރިން ދުވަހަކުވެސް އޭނާ ދެކެފައިނުވާ މުސްކުޅި ފުރައިގެ އަންހެނެކެވެ. އެމީހާވެސް ހުރީ ވާރެޔާ ތެމިފޯވެގެންނެވެ.

[ވިއްސާރައިގައި ޖެހުނީ....އަރާކާ ރަށެއް ނޫނިއްޔަ. ކޮން ބިރެއް އަހަރެން ގަންނަންވީ...ދައްތަވެސް އެކަނިމާއެކަނި ތެމިގެން ތިދަނީނު.] ގީތާ އެ ނުދަންނަ މީހާއާ ވާހަކަ ދެއްކިއެވެ. އެމީހާ ހިނިތުންވެލަމުން ހެދުމުން ފެން ފޮޅާލިއެވެ.

[ދައްތަގެ ދަރިޔަކު ވިހައިގެން އުޅޭތީ، އެގޭގައި އިނދެފައި، ގެޔަށްދާން ނުކުތްތަނާހެން ވާރޭ ވެހެންފެށީ....] އެ މުސްކުޅި މީހާ ގީތާގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ.

[ވިހައިގެނޭ! އަޅެ އަހަންނަށްވެސް ދަރިޔަކު ލިބޭނެނަމަ، ހާދަ އުފާވީހޭ އަހަރެން...] ގީތާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[ދަރިޔަކު ނުލިބިގެންތަ ތިޔައުޅެނީ؟] އެމީހާ އެއްސެވެ. ގީތާ ބޯޖަހާލިއެވެ.

[ލިބޭނެ. ދައްކަބަލަ، ބަނޑުގައި ދައްތަ އަތްލަން.] އެމީހާ ގީތާގެ ހުއްދައަކާ ނުލައި ގީތާގެ ބަނޑުގައި އަތް ކާއްތާލިއެވެ. އެހިނދު ގީތާއަށް ހޫނު އިޙްސާސެއް ކުރެވުނުހެން ހީވިއެވެ. ހަމައެއާއެކު، ގީތާއަށް ތެޅިގެންފައި އެމީހާއާ ދުރަށް ޖެހިލެވުނެވެ.

[ކިހިނެއްވީ؟] އެމީހާގެ ތުންފަތުގައި ކުޅެލީ ލުއި އެހެނަސް މާނައިން ފުރިގެންވާ ހިނިތުންވުމެކެވެ.

[ހީވީ ކަރަންޓެއްގައި ޖެހުނުހެން.] ގީތާ އެމީހާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. އެމީހާގެ ލޯތެރޭންވެސް ގީތާއަށް ފެނި އިޙްސާސް ކުރެވެމުންދަނީ އާދަޔާ ޚިލާފު ކަންތައްތަކެކެވެ.

[އެހެންތަ؟ ކާކުތަ ބުނީ ގީތާއަށް ކުއްޖަކު ނުލިބޭނޭ....ގީތާގެ ބަނޑުގައި އެއްވެސް މައްސަލައެއް ނެތް....ވަގުތު ޖެހުނީމާ ގީތާ ބަލިވެއިންނާނެ.] މިހެން ބުނެފައި، އިތުރަށް ގީތާއާ ދިމާއަށް ބަލައިވެސްނުލައި އެމީހާ ހިނގައިގެންފިއެވެ.

ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން ތެމި ހިކަރި (ތެމިފޯ) ވެގެންނެވެ. ގީތާ އެމީހާގެ ފުށުން އިތުރު ކަންތައްތަކެއް އޮޅުންފިލުވަން ބޭނުންވިނަމަވެސް، އޭނާއަކަށް އެމީހާއަށް ގޮވައި ހުއްޓުވާކަށް ނުކެރުނެވެ. ދަންނަ ރައްޓެއްސަކަށް ނުވާތީއެވެ. ނަމަވެސް، އެމީހާގެ ސަބަބުން މިހާރު ގީތާއަށް އެވަނީ ނިކަން ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މިހާރު އޭނާގެ އުންމީދު އާވެއްޖެއެވެ. އެހެންކަމުން، އެ އުފާވެރި ޚަބަރު ފިރިމީހާއަށް ދިނުމަށްޓަކައި އޭނާގެ ހިތް އަވަސްވެ، ވާރޭގެ ތެރެޔަށް ނުކުމެ ގެޔާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. އޭރުވެސް އެމީހާގެ ޖުމްލަތައް އޭނާގެ ސިކުނޑީގައި އެނބުރެމުންދެއެވެ. އެހެންކަމުން، ވެހެމުންދާ ވާރޭގެ މާބޮޑު އިޙްސާސެއް ގީތާއަށް ކުރެވޭހެނެއްވެސް ހިއެއްނުވެއެވެ. ގެޔަށް ވަދެވުނުއިރު، ތެމި ހިކަރިވެފައި ހުއްޓަސް އޭނާހުރީ ހަމަޖެހިފައެވެ. ނަމަވެސް، އެވަގުތު ގޭގައި އިޔާދު ނެތުމުން، ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުމެއް އިޙްސާސް ކުރެވުނެވެ.

ދެތިންފަހަރަކު އިޔާދަށް ގޮވަ ގޮވާފައި ޚަބަރެއް ނުވުމުން، ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށް ތައްޔާރުވެލިއެވެ.

[މަންމާ...އިޔާދު އަދި ގެޔަށް ނާންނަނީތަ؟] ހެދުން ބަދަލުކޮށްލައިގެން މެދުގޭތެރެއަށް ނުކުމެ، މަންމަ ޝަޒާދާ ގާތު ގީތާ އެއްސެވެ.

[އަދި ނާދޭ އޭރު ދިޔަގޮތަކަށް. މަންމަ ހީކުރީ ދަރިފުޅުވެސް ދިޔައީ އިޔާދާއެކު ކަމަށް. ކޮންތާކުން ދަރިފުޅު ތިއައީ؟] ޝަޒާދާ ބުންޏެވެ.

[އަހަރެން މިއައީ ލީނާމެންގެއިން. ދާންވީ އިޔާދު އަންނަންވާއިރަށް ކާންހަދަން.] ގީތާ ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން ޝަޒާދާވެސް ހިނގައިގެންފިއެވެ.

[މިހިސާބަށް މޯބައިލް ފޯނުގެ ޚިދްމަތް ލިބުނީމާ މިހެނެއް ނުވާނެ. އޭރުން ކޮންމެތާކު ހުއްޓަސް ގުޅޭނެ. މިހާރު އެދުވަސްވެސް ބޯމަތިވަމުން މިއަންނަނީ.] މޭޒުމަތީގައި ތަށިތައް އަތުރަމުން ގީތާ ބުންޏެވެ.

[ރަނގަޅަށް ތިބުނީ....އޭރުން ފަސޭހަވެދާނެ. އެކަމަކު ޖީބަށް ނިކަން ބާރުބޮޑުވާނެ. މުޅި ރާއްޖެއަށް އެ ޚިދްމަތް ފުޅާވީމާ، ޚިދްމަތުގެ އަގު ކުޑަކޮށްފިއްޔާ، ކިތަންމެހާވެސް ރަނގަޅު. މަންމަ ޤަބޫލުކުރާ ގޮތުގައި، އެއިން ޙަޤީޤީ ފަސޭހައެއްވާނީ އޭރުން.]

ޝަޒާދާއަކީ އަބަދުވެސް ޚަރަދު ބަރަދުތަކާ ދޭތެރޭ ނިކަން ވިސްނާ މީހެކެވެ. ކަރަންޓް ބިލް ބޮޑުވެގެންވެސް އޭނާ އަބަދުވެސް ޝަކުވާ ކުރެއެވެ. އޭނާއަކީ ފަހަށް ރައްކާ ކުރުމަށް ނިކަން ވިސްނައި، އެކަމަށް ޢަމަލީ ގޮތުންވެސް މަސައްކަތްކުރާ މީހެކެވެ. އެރަށުގެ ރަށްކުރިއަރުވާ ކޮމެޓީގެ ރައީސާއަކަށް އޭނާ އިސްކުރެވިފައިވަނީވެސް އޭނާގެ އެ ވިސްނުމާއި ހަރުދަނާ އުޞޫލުތަކުގެ ސަބަބުންނެވެ.

[މަންމަ ތިބުނީވެސް ރަނގަޅަށް. މިހިސާބަށް އެ ޚިދްމަތް ލިބިއްޖެއްޔާ، ފޯނެއް ނުގަންނާނެ މީހަކު ނުހުންނާނެ. އަޞްލު ޚިދްމަތުގެ އަގު ކުޑަވެގެން ނޫނީ، އަހަރެމެންނަށް އޭގެ ޙަޤީޤީ ފައިދާއެއް ނުކުރާނެ. އިރާދަކުރެއްވިއްޔާ، އަހަރެމެނާ ހަމައަށް ޚިދްމަތް އަންނައިރު، ޚިދްމަތުގެ އަގުވެސް ކުޑަވާނެ.]

ޝަޒާދާ އެކަންޏެއް ނޫނެވެ. ކޮންމެ ފަރުދަކުވެސް ބޭނުންވާނީ، ލިބޭ އެއްޗަކުން ދެކޮޅުޖެހި، ފަހަށް ރައްކާކުރެވޭފަދަ ލުއިފަސޭހަ ގޮތްތަކެއް، ޢާންމު ދިރިއުޅުމުގައި ހަމަޖެހުމެވެ.

މިހާރުވެސް ގިނަ ޒުވާނުން މޯބައިލް ފޯނު ގެންގުޅެނީ، ލިބޭ އެއްޗަކުން ދެކޮޅުޖެހޭތީއެއް ނޫނެވެ. މިފަދަ ބައެއް ޒުވާނުންގެ ބޭރުފުށުން އޮފެއް ހުއްޓަސް، ގޭތެރޭގެ ކަންތައްތައް އޮންނަނީ ބޮއްސުންލާފައެވެ. ފޯނުބިލާއި އެހެނިހެން ބިލްތައް ދައްކާފައި، ހައިހޫނުކަން ފިލުވާނެ ފައިސާ ފޮއްޗެއްހާ މިންވަރުނެތި ޚަލާޞްވުމުން، މަދު ފަހަރެއްގައި ނޫނީ އޮންނަނީ ދަރަނިވެރިވެފައެވެ.

ގިނަފަހަރަށް މިފަދަ ގޮތްތައް ދިމާވަނީ ފޯނުންވެސް އަދި އެނޫން ކަންތަކުގައިވެސް ބޭކާރު ގޮތުގައި ހޭދަކުރެވޭތީ ކަމަށްވެސް ޤަބޫލުކުރަން ޖެހެއެވެ.

[މަންމާ، މިރޭ މަގުމަތިން ދިމާވި މުސްކުޅި އަންހެނަކު އަހަރެންގެ ބަނޑުގައި އަތްލާފައި ބުނީ، ވަރަށް އަވަހަށް އަހަންނަށް ކުއްޖަކު ލިބިދާނެޔޯ...] އެ އުފާވެރި ޚަބަރު މަންމައަށްނުދީ، ގީތާއަށް މާގިނައިރެއް ވަންދެނެއް ނުހުރެވުނެވެ.

[މުސްކުޅި ކާކުތަ؟ ނުވެސް ދަންނަ މީހެއްތަ؟] ޝަޒާދާ އެހިއެވެ.

[އާނ، ދުވަހަކުވެސް ދުށް މީހެއްވެސް ނޫން. އެކަމަކު ވަރަށް ގާތްކޮށް ވާހަކަ ދެއްކި މީހެއް އެއީ....] ގީތާ ބުންޏެވެ. އިޔާދު ގެޔަށް އައިސް ވަނީ އެވަގުތެވެ.

[އަވަހަށް އާދޭ ކާން....އިންތިޒާރު ކުރާތާވެސް ލައްކަ ގިނައިރުވެއްޖެ....] އިޔާދު އައިސް ވަނުމާއެކު، ގީތާ އެދުނެވެ. އިޔާދު އައިސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. އިޔާދު ވަނުމާއެކު، ޝަޒާދާ އެތަނުން ނުކުމެއްޖެއެވެ.

ލީނާއަށް މިހާރު އިންތިޒާރުވެސް ކުރެވެއެވެ. އެ އަޑު އަހާލުމަށް ހިތް އެދެނީއެވެ. ނޫނީ ޢަޒީމް ބޭނުންވާގޮތަށް އޭނާގެ ޚިޔާލު ބަދަލުވިކަން ޢަޒީމަށް އަންގަން އޭނާ ބޭނުންވަނީއެވެ. އެކަމަކު މިހާރު ޢަޒީމް އޭނާއަށް ނުގުޅާތާ ތިންދުވަސްވީއެވެ. ކުރިން ޢަޒީމް އެއްފަހަރު ނޫނީ ދެފަހަރު ގުޅައެވެ. ވެދާނެއެވެ. ގީތާގެ ފަރާތުން އިޝާރާތް ލިބުމުން، ޢަޒީމް އޭނާ އިމްތިޙާނު ކުރަނީއެވެ. ނަމަވެސް، ލީނާ ކެތްތެރިކަން ޚިޔާރު ކުރާނެއެވެ.

ޢަޒީމް ގުޅީ ލީނާ މިފަދަ ޚިޔާލުތަކެއްގައި ހުއްޓައެވެ. ނަމަވެސް، ޢަޒީމްގެ އަޑު ޖެހުމާއެކު، ލީނާ ފިނިވެއްޖެއެވެ. ހަލޯއަކަށްފަހު، ހީވީ އޭނާގެ އަޑުވެސް ބެދުނުހެންނެވެ.

[ލީނާ ވާހަކަ ދައްކަބަލަ..ބާއްވަންވީތަ...ވާހަކަ ނުދައްކަންޏާ...ބާއްވަނީ.] ޢަޒީމް ބުންޏެވެ. މާބޮޑަށް ހިތްހަމަޖެހިފައި ވުމުގެ ސަބަބުން ޢަޒީމްގެ އަޑުވެސް އައީ ތުރުތުރަކާ އެކުގައެވެ.

[ނޫން....ނޫން...] ލީނާއަށް ނޫނެކޭ ބުނެވުނީވެސް ތެޅިގެންފައެވެ.

[ވަރަށް ދުވަސްކޮށްފަދޯ މި ގުޅުނީ. ވަރަށް ކެތްކޮށްގެން މިހާދުވަހު ހުރެވުނީވެސް....] ޢިޝްޤީ ރާގުގައި ޢަޒީމް ބުންޏެވެ. ދެންވެސް ލީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންކަމުން، އަނެއްކާވެސް ވާހަކަ ދައްކަން ޖެހުނީ ޢަޒީމަށެވެ.

[ލީން...އަހަންނާ ވާހަކަ ދައްކަން ހިތްހަމަނުޖެހެނީތަ؟] ޢަޒީމް އެއްސެވެ.

[އުނހު...ކީކޭތަ އަހަރެން ކިޔަންވީ؟] ލީނާ ނިކަން ހިތްވަރުކޮށްފައި ބުންޏެވެ.

[ލޯބިވެޔޭ...ވަރަށް ލޯބިވެޔޭ...ކުރިން ނުވިޔަސް މިހާރުވެޔޭ...] ޢަޒީމްގެ މަޤްޞަދަކަށްވީ، ލީނާ ހެއްވާލުމެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ކުރެވުނެވެ. ލީނާގެ ބަޑިދިޔައީ ފަޅައިގެންވެ. ޢަޒީމަށްވެސް ނިކަން ބާރަށް ހީގަނެވުނެވެ.

[ހީކޮށްލާ އަހަރެން ތި މާނަ ދޭހަވާ އެހެން ޢިބާރާތަކުން ބުނެފިޔޭ.] ލީނާގެ ކުރިމަތީގައިވާ ލަދުވެތިކަމުގެ ފަރުދާ ކެހިއްޖެއެވެ. އޭނާގެ ވާހަކައާއި ރާގަށް ޢިޝްޤީ އަސަރު ވެރިވެއްޖެއެވެ.

[ވަރަށް އުފާވެއްޖެ. މި ހިތް އުފަލުން ފުރިއްޖެ. ހިތަށްއަރާ، ސީދާ އަހަރެންގެ ކުރިމަތީ، އެ ޢިބާރާތުން ލީން އަހަންނާ މުޚާޠަބުކޮށްފާނެބާއޭ.] ޢަޒީމް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

[އެއްވެސް ކަމެއް ނޫން...ޢަޒީމް ޖެހޭނެ ލޯމަރާލަން. އެހެން ނޫނީ، އަހަރެން ފަސްޖެހިދާނެ.] ލީނާ ހިނިތުންވެލިއެވެ.

އެދުވަސް ފާއިތުވެދިޔައީ، ލީނާއާއި ޢަޒީމްގެ ޙަޔާތުގައި ލޯބީގެ ކުލަޖެހިގެންނެވެ. ލީނާއާއި ޢަޒީމްގެ އިތުރުން، އެކަން އުފަލެއްގެ ގޮތުގައި ޙިއްޞާކުރީ ގީތާއެވެ. ލީނާއަށް އެފަދަ އުފަލެއް ލިބުމަށް ގީތާ އެދޭތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެއެވެ.

[އަހަރެން އަޞްލު ވަރަށް އުފާވެއްޖެ. ލީނާގެ ޙަޔާތުގައި އަލުން ލޯބީގެ ކުލަޖެހުމަށް އަހަރެން އިންތިޒާރު ކުރާތާ މިހާރު ކޮން ދުވަހެއް.] ގީތާ ވާހަކަ ދެއްކީ ލީނާއާއެވެ. އޭނާ ލީނާއާ ވާހަކަ ދައްކަން ހުރީ އޭނާގެ ކޮޓަރީގައެވެ.

[ޢަޒީމްގެ ހާދަ ދިގު އިންތިޒާރެކޭދޯ ނިމުނީ.] ދެންވެސް ވާހަކަ ދެއްކީ ގީތާއެވެ.

[އެކަމަކު...ގީތު ބުނަން، އަދިވެސް އަހަރެންގެ ހިތުން ބިރު ފިލައިގެނެއްނުދޭ.] ލީނާ ބޯކަހާލިއެވެ.

ތެދެކެވެ. މާޒީގެ ހިތްދަތި މަންޒަރުތައް ހިތަށް ތަޞްވީރުވުމުން، އަދިވެސް އޭނާއަށް ރޮވެއެވެ. ޙަޔާތުގައި ބީހިލި މަޑު ވައިރޯޅިއެކޭ އެއްފަދައިން، އޭރުގެ އެ އުފާވެރިކަން އޭނާގެ ޙަޔާތުން ފޭއަށް ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

ނަމަވެސް، މިހާރު ލީނާ ޢަޒުމް ކަނޑައަޅައިފިއެވެ.

ޢަޒީމް ބައިވެރިކޮށްގެން، އޭނާގެ ޙަޔާތަށް އަލުން ބަހާރު މޫސުމް ގެންނާށެވެ. އެއީ އޭނާގެ އުންމީދެވެ.

[ލީން...ކިތައްފަހަރު އަހަރެން ލީން ގާތު ބުނާނީ، އެދުވަސްތައް ހަނދާން ނައްތާލާށޭ....ޢަޒީމް ކިހާ ރަނގަޅު. އެއީ ކޮންކަހަލަ ރަނގަޅު މީހެއް....] ގީތާ ޢަޒީމަށް ތަޢުރީފް ކުރިއެވެ.

[ގީތު....އަހަރެން އެދުވަސްތައް ހަނދާން ކުރަނީކީ ނޫނޭ. ޢަޒީމަށްވެސް އެފަދަ ގޮތެއް މެދުވެރިވެދާނެތީ ބިރުގަންނަނީ.] ލީނާ ބުންޏެވެ.

[ކޮންމެފަހަރަކު ބަދުނަޞީބު ތަކުރާރެއް ނުވާނެ. އަހަންނަށް މިހާރުވެސް ލީންގެ މުސްތަޤްބަލް އެބަ ފެނޭ. ލީން އެއުޅެނީ ކިހާ އުފަލުގައި....އެއީ ކިހާ އުފާވެރި ވެށްޓެއް.] ގީތާ ހީލިއެވެ. ރަޙްމަތްތެރިޔާއަށް ހެޔޮއެދެމުންނެވެ.

[ތީ މުސްތަޤްބަލް ބަލާ ދުރުމީއެއްތަ؟ ކިތަންމެހާވެސް ރަނގަޅު، އަހަންނަށް އަލި މުސްތަޤްބަލެއް މާތްﷲ މިންވަރު ކުރައްވައިފިއްޔާ.] ލީނާވެސް ހީލިއެވެ. ގީތާގެ ހެޔޮއެދުމުގެ ސަބަބުން ލީނާއަށް ހިތްވަރު ލިބުނު ކަހަލައެވެ.

[ދެން އެންމެ ރަނގަޅޭ. މިހާރު ކައިވެންޏަށް ތާރީޚެއް ކަނޑައަޅައިފިންތަ؟ ކައިވެނި މާލަސްކުރާކަށް އަހަންނަކަށް ނުފެނޭ. އަވަހަށް ކައިވެނިކޮށް، ކުއްޖަކު ހޯދާ. އޭރުން އެ ދަރިފުޅު އަަހަރެން ބަލާނަން. މިބުނީ އަހަރެންގެ ދަރިއެއްހެން ބަލާނެ ވާހަކަ.] ގީތާ ބުންޏެވެ.

[ކުރީ ދުވަހު ގީތު ބުނީމެއްނު، މަގުމަތިން ދިމާވި މުސްކުޅި އަންހެނަކު ބުންޏޭ، ގީތަށް ކުއްޖަކު ލިބޭނޭ....އޭގެފަހުން އަދި...ނުވެސްވެއެއްނު. ވެދާނެއެއްނު، ބަނޑު ބޮޑީކަމަށްވެސް....] މާ ދުރުނޫން ހަނދާނަކާއެކު ލީނާ ބުންޏެވެ.

[އަހަންނަށްވެސް ހީވޭ ތަފާތުހެން. ވެދާނެ، ބަލިވެއިނީ ކަމަށްވެސް. ޓެސްޓް ކުރަންވީކަންނޭނގެ.] ގީތާ ބޯޖަހާލިއެވެ. ހިތަށްވެރިވި އުފާވެރި އިޙްސާސެއްގެ ސަބަބުންނެވެ.

[އަހަންނަށްވެސް މިހާރު އެބަ އިޙްސާސް ކުރެވޭ، އަހަންނަށް ކުއްޖަކު ލިބެން އުޅޭ ކަމުގައި...އަހަރެން ނުހަނު ލޯބިން ގެންގުޅުނު ކުއްޖާވެސް، އޭނާގެ ތިމާގެ މީހުން ގެންދިޔައީވިއްޔަ...އެދުވަހު އަހަންނަށް ގޭގައި ހުރެވުނުނަމަ، އެކުއްޖާ ގެންދިޔަކަ ނުދޭނަން...] ގީތާ އެއްއަތް ބަނޑުގައި ކާއްތާލިއެވެ.

[އަޅެ ޓެސްޓްކޮށްލަންވީނު...ފަހަރެއްގައި ޕްރެގް ވެދާނޭ.] ލީނާ ގީތާއަށް އުންމީދު އާކޮށްދިނެވެ.

[ރަނގަޅަށް ތިބުނީ، އަހަރެން އިޔާދު ގާތު މިއަދު ބުނާނަން، ޓެސްޓް ކުރާ އެއްޗެއް ގެނެސްދޭށެ....] ގީތާ ބުންޏެވެ.

[ޕްރެގްނެންސީ ޓެސްޓް ކުރާ އެއްޗެހި ވިއްކަން ހުރޭތަ؟] ލީނާ ކުޑަކޮށް ޙައިރާންވިއެވެ.

[އާނ...ބޭސްފިހާރަތަކުގައި ޢާންމުކޮށް ވިއްކަން ހުންނާނެ. ޔޫރީން ޓެސްޓް ކުރާ އެއްޗެއް. އެއީ ވަރަށް އިތުބާރު ޓެސްޓެއް ކަމަށް ގިނަމީހުން އިއްތިފާޤުވޭ. މާ ރަނގަޅެއްނު، ޝައްކެއްވާއިރަށް އަމިއްލައަށް ޓެސްޓް ކޮށްލަންވީ.] ގީތާ އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ވާހަކަ ދެއްކިއެވެ. އެއީ އިޔާދުވެސް ގެޔަށް އައިސް ވަން ވަގުތެވެ.

އިޔާދު ވަނުމާއެކު، ގީތާ އެވާހަކަ އިޔާދު ގާތު ބުނެފިއެވެ. އިޔާދު ބުނީ ގެނެސްދޭނެ ކަމަށާއި، އޭނާވެސް ބައްޕައަކަށްވުމަށް އުންމީދުކުރާ ކަމަށެވެ.

[އޭއި މިވަގުތު އަހަރެން ދަނީ...ހިތަށްއެރިހާއިރެއް ވަންދެން ގީތުގެ މޮޅު ވާހަކަ އަޑުއަހަން ކުރިން ހުރެވުނަކަސް، މިހާރަކު ނުހުރެވޭނެ. އަހަންނަށް އިންތިޒާރު ކުރާނޭ މީހަކު މިހާރު ހުރެޔޭ....] ސަމާސާއަކަށްފަހު، ލީނާ ހެމުން އެގެއިން ނިކުމެއްޖެއެވެ.

[ކުއްލިއަކަށް ޓެސްޓް ކުރަން ތިއުޅެނީ؟ އަނެއްކާ ގީތާއަށް ތަފާތު ގޮތްތަކެއް ވަނީތަ؟] އިޔާދު ގީތާގެ ބަނޑުގައި ނިކަން ލޯތްބާއެކު ފިރުމާލިއެވެ.

[އާނ، އުނދުން ކައިރިއަށް ލެފިލާއިރަށް ބޮލަށް އެނބުރުން އަރާފަދަ ގޮތްތަކެއްވޭ....އަހަންނަށް ވަރަށް ޔަޤީން ޕޮޒިޓިވްވާނެ.] ގީތާ އިޔާދުގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ތިހެން ވެއްޖެއްޔާ، ކިތަންމެހާވެސް ރަނގަޅު. އެކަމަކު ޑޮކްޓަރު ބުންޏޭ، ގީތު ދެން ކުއްޖަކު ނުވިހާނެޔޭ. ޑޮކްޓަރު އެހެން ބުނެފައި ވަނިކޮށް، ލިބިދާނެބާއޭ ހިތަށްއަރާ....] އިޔާދު ބޯހޫރާލިއެވެ.

އެރޭ އިޔާދު ބޭރަށް ގޮސް އެނބުރި އައީ ޔޫރިން ޓެސްޓްކުރާ އެއްޗެއް ހިފައިގެނެވެ.

ޖެހިގެން އައި ދުވަހުގެރޭ ހެނދުނުގެ އިރު ފެނުން ތޮޅިލުމާއެކު، ގީތާއާއި އިޔާދަށް، އެ ދެމަފިރިންގެ ނަޞީބު ދާއިމަށް ލިބިއްޖޭ ހީކުރެވި، އެކަމުގެ އުފާވެރި އިޙްސާސްތައް ކުރެވެން ފަށައިފިއެވެ. އާއެކެވެ. އެ ވެރިން އަމިއްލައަށް ކުރި ޓެސްޓުން ދެއްކި ގޮތުގައި ގީތާ އިނީ ބަލިވެއެވެ.

[ވާހް....އަޅެ....އިޔާ އަހަރެން ހާދަ އުފާވެއްޖޭ....އަވަހަށް ހިނގާ ހޮސްޕިޓަލަށް ދައްކަން. އަހަރެން ބޭނުން ޔަޤީންކުރަން...] މިހާރު ގީތާއަށް ލިބިފައިވަނީ، އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ. ހީވަނީ އުފަލުން ފުމޭހެންނެވެ.

[ހިނގާ ދަމާ...ގީތު އެކަނިތަ އުފާވާނީ. އަހަރެންވެސް މިހުންނަނީ އުފަލުން ގޮސް ކުރާނޭ ކަމެއް ނޭނގިފައި.] އުފާވެފައިހުރި އިޔާދު ގީތާ އުރާލިއެވެ.

އެދުވަހު ހޮސްޕިޓަލަށް ގޮސް ކުރި ޓެސްޓްގެ ނަތީޖާ ދެއްކީވެސް ގީތާމެން އެންމެ އެދޭގޮތަށެވެ.

ނަތީޖާ ފެނުމާއެކު، ފުރަތަމަވެސް އެ ދެމަފިރިންނަށް އެކުއެކީގައި ބުނެވުނީ، [الحمد الله ޝުކުރު] އެވެ. އެއީ ހަމަ ﷲގެ އިރާދަފުޅެވެ.

[ބަނޑަށް ނައިން ވީކްސް ކަމަށް ބެލެވެނީ. ރަނގަޅަށް ދުވަސް އެނގޭނީ ސްކޭނަކަށްފަހު. ސްކޭން ކުރާނީ އަންނަ މަހު.] ދިވެހިން ވާހަކަ ދައްކަން ހިސާބަކަށް ދަންނަ ޑޮކްޓަރ ލިލީތާ ކިޔާދިނެވެ. އެއަށްފަހު، ގީތާގެ އުޅުން މިހާރު ބަހައްޓަންވީ ގޮތަކާއި، ކާން ރަނގަޅު އެއްޗިއްސާއި، ބޭނުންވާނޭ ވިޓަމިންސް ޑޮކްޓަރު ލިޔެދިނެވެ.

[ފުރަތަމަ ދަރިފުޅުގެ ޙާދިޘާއިން މިބުނަނީ، ބޭބީ ބަނޑަށް މަރުވީ ކީއްވެކަމާއި، ދެމަފިރިން އުޅެންވީ ގޮތް ރަނގަޅަށް މިފަހަރު އެނގެންޖެހޭނޭ....ޚާއްޞަކޮށް، ވިސްނައިގެން އުޅެން ގީތާގެ ހަޒްބަންޑަށް ނަޞޭޙަތްތެރިވަން...] ޑޮކްޓަރ ލިލީތާ ހީލަމުން އިޔާދަށް ބަލައިލިއެވެ.

[އަހަންނަށް ވިސްނިއްޖެ. ތޭންކްސް ޑޮކްޓަރ.] ޑޮކްޓަރު ދިން މަޢުލޫމާތަށްޓަކައި އިޔާދު ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ.

އެނޫނަސްވެސް ތަފާތު އެތައް މަޢުލޫމާތުތަކެއް ޑޮކްޓަރު ލިލީތާ ގީތާމެނަށް ދިނެވެ.

ގީތާމެން ގެޔަށް އައިސް އެންމެ ފުރަތަމަ އެ ޚަބަރު ދިނީ ޝަޒާދާއަށާއި ޝާރިޔާއަށެވެ. ޝަޒާދާއާއި ޝާރިޔާއަށް ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ.

ޝަޒާދާ ވަގުތުން ގީތާގެ ބަނޑުގައި އަތް ކާއްތަން ފެށިއެވެ. ޝާރިޔާ ފިރުމަން ފެށީ ފަހަތުން ގޮސް ގީތާގެ ބުރަކަށީގައެވެ.

އޭރު ޝާކިރާއި ޒާހިރުވެސް އެ އުފާވެރި އިޙްސާސްގައި ހިނިއައިސްފައި ތިއްބެވެ.

މިހާރު އެ ޢާއިލާއަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސް ބޯމަތިވެގެން އުޅޭހެންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ކުލަވަރެވެ.

ލީނާއަށް އެ ޚަބަރު ލިބުމާއެކު، އޭނާ އެ އުފާ ފާހަގަކުރީ، ރީތި މާބޮނޑިއަކުންނެވެ.

[ވަރަށް އުފާވެއްޖެ، އަޅެ ގީތު ދެންވެސް، މާ ބުރަކޮށް މަސައްކަތް ނުކުރައްޗޭ....އިރާދަކުރެއްވިއްޔާ، މިފަހަރު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ގީތާގެ ބަނޑުގައި ލީނާ އަތް ކާއްތާލިއެވެ.

[މިފަހަރު އެއްވެސް މަސައްކަތެއް ނުކޮށްވޭތޯ ބަލާނަން.] ލީނާ ދިން މާބޮނޑި މޭޒުމަތީގައި ބާއްވާލަމުން ގީތާ ބުންޏެވެ.

[މިރޭ ކޮންމެވެސް ވަގުތަކު އަންނާނަން.....މިހާރު ޢަޒީމް ދާނެ ގެޔަށް....ދަނީ....] ލީނާ ގެއިން ނުކުންނަން ހިނގައިގަތެވެ. ލީނާގެ ފަހަތުން ގީތާވެސް ބޭރަށް ނިކުތެވެ.

ދުވަސްކޮޅެއްގެ ކުރީގެ ރެއެއްގައި (ވިއްސާރައިގައި ޖެހިގެން ގެއެއްގެ އަސްކަނި ދަށުގައި ގީތާ ހުއްޓާ) ދިމާވި މުސްކުޅި އަންހެންމީހާ އެގެޔާ އަރާހަމަވީ ލީނާ ގެޔަށް ދިޔަތަނާހެނެވެ.

އެމީހާ އައިގޮތަށް އައިސް ގީތާއާ ދާދި ގާތަށް ހުއްޓި ހީލިއެވެ. އެއަށްފަހު، ބަނޑުބޮޑުދޯއޭ ބުނެފައި، ބަނޑުގައި އަތް ކާއްތާލިއެވެ. ގީތާގެ ހުއްދައެއް ހޯދުމަކާވެސް ނުލައެވެ.

[އާނ، ދައްތަ ތީ ވަރަށްމޮޅު މީހެއް...އަހަންނަށް ކުއްޖަކު ލިބޭނޭ ވާހަކަ އެންމެ ފުރަތަމަ އަހަރެންގެ ގާތު ބުނީވެސް ތި ދައްތަ. އަޅެ އައިސްބަލަ މިގެޔަށް ވަދެ، މިގޭ މަންމަމެނާ ބައްދަލުކޮށްލަން.] އެމީހާއަށް ތަޢުރީފު ކުރަމުން ގީތާ އެދުނެވެ.

[މިވަގުތު އެތެރެއަށް ވަންނާކަށް ވަގުތެއް ނެތް. އެހެން ކޮންމެވެސް ދުވަހަކުން އެވެރިންނާ ބައްދަލުކުރަން އަންނާނަން....ދެން ދަނީ...] އެމީހާ ހިނގައިގަތެވެ.

ގީތާ އެނބުރި އެތެރެއަށް ވަނެވެ. އޭރު ބޮޑު ކޮޓަރީގައި ޝަޒާދާއާއި ޝާރިޔާއާ ދެމީހުން ކޮންމެވެސް މަޖައްލާއެއް ކިޔަން ތިއްބެވެ.

[މަންމާ...އަހަންނަށް ކުއްޖަކު ލިބޭނޭ ވާހަކަ ބުނި އަންހެންމީހާޔާ ދެންމެ ދިމާވި. އެމީހާ އަހަރެން ފެންނައިރަށް، ބަނޑުގައި އަތް ކާއްތާލާފައި ބުނީ، މިހާރު ބަނޑުބޮޑުދޯއޭ. އަހަރެން ބުނިން އާއެކޭ. ބުނީމާ ނިކަން އުފާވެފައި ހުރެފައި ހިނގައްޖެ.] ގީތާ ޝާރިޔާއާއި ޝަޒާދާ އިށީނދެގެން ތިބި ސޯފާގެ ކުރިމަތީގައި ހުރި އަދަރާދަ ގޮނޑިއެއްގައި އިށީނެވެ.

[ދަރިފުޅު ތިޔަބުނާ މީހަކީ ކާކުބާ؟] ޝަޒާދާ ވިސްނާލިއެވެ.

[އެއީ ވަރަށް ހިތްހެޔޮފާޑުގެ މީހެއް...އޭނާ އަހަންނާ ދޭތެރޭ ހަމްދަރުދީވޭ. ކޮންމެވެސް ދުވަހަކުން އަހަރެން މަންމަމެނަށް އޭނާ ތަޢާރަފްކުރާނަން.] ގީތާ ބުންޏެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، ގީތާގެ ބަނޑަށް ހަމަސް ފުރިއްޖެއެވެ. މިހާރު އޭނާގެ ބަނޑުގައި އާދަޔާ ޚިލާފު ވޭން ހުރެއެވެ.

[އިޔާދު...މިހާރު ބަނޑަށް ވަރަށް އުނދަގޫވޭ. ބަނޑުތެރޭގައި އޮވެ ދަރިފުޅު ވަކިއަޅާހެން ހީވަނީ.] ގީތާ ބަނޑުގައި އަތް ކާއްތާލިއެވެ.

[ހިނގާ ޑޮކްޓަރަށް ދައްކަން ދަމާ. ތި ވަރަށް އުނދަގޫވާނީ، ކޮންމެވެސް މައްސަލައަކުން ކަމަށްވެދާނެ. ކުރީފަހަރުވެސް ދިމާވީ ތިކަހަލަ ގޮތެއްނު.] އިޔާދު ގީތާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[ތިހެން ނުބުނޭ އިޔާ....މިފަހަރު ކުރީފަހަރުހެނެއް ނުވާނެ....މިފަހަރު އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅާ ދޭތެރޭ އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރަން. މިއީ އަހަރެމެންގެ ލޯބީގެ ނިޝާން....] ގީތާ އިޔާދުގެ ކޮނޑުގައި ބޯއަޅާލިއެވެ. ޙަޤީޤަތުގައި ބަނޑުގައި އަޅަމުންދާ ވޭނުގެ ސަބަބުން އޭނާއަށް މިހާރު ކެތްވަނީ ހަމަ ކިރިޔާއެވެ.

[އަޅެ ވަރަށް އުނދަގޫވޭ....ހިނގާ އަވަހަށް ދަމާ. އިޔާ އަވަހަށް ކާރަކަށް ގުޅާބަލަ.....] ގީތާ ބަނޑުގައި މަޑުމަޑުން އަތް ކާއްތާލިއެވެ. އިޔާދު ވަގުތުން ކާރަކަށް ގުޅައިފިއެވެ.

[މަންމަވެސް ދާނަން....ދަރިފުޅުމެނާއެކު.] ބަދިގޭގައި ހުރެފައި އެތަނަށް އައިސް ހުއްޓެމުން، ޝަޒާދާ ބުންޏެވެ. އިޔާދު އެންމެ ރަނގަޅޭ، މަންމަވެސް ތައްޔާރުވާށޭ ބުނެފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭނާވެސް ކުޑަގޮތަކަށް ތައްޔާރުވެލުމަށްޓަކައެވެ.

[މަންމަ އަބަދުވެސް ބުނަމެއްނު، ކިރިޔާވެސް އުނދަގުލެއް އިޙްސާސްވަންޏާ ދައްކަންޖެހޭނޭ.] ޝަޒާދާ މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ގީތާ އޮތީ މެދުގޭތެރޭ އުނދޯލީގައި އޮށޯވެގެނެވެ.

އެވަގުތު ބަދިގެތެރޭގައި މަސް ސާފުކުރަން ހުރެފައި ޝާރިޔާވެސް އެތަނަށް އައީ ޝަޒާދާގެ އަޑު އިވިގެންނެވެ.

[ދަރިފުޅާ ބަނޑުގައި ރިއްސަނީތަ؟ މަންމަވެސް ދަރިފުޅުމެނާއެކު ދާން ބޭނުން...] ގީތާ އޮތް އުނދޯލީގެ މަގަތުގައި އިށީންނަމުން ޝާރިޔާ ވާހަކަ ދެއްކިއެވެ.

[ނޫނޭ...މަންމަ އިހަށް މަޑުކޮށްލާ. މިހާރު އަނެއް މަންމަ ތައްޔާރުވަނީ...ކަމެއް ގޯސްވަންޏާ، މަންމައަށް އިޔާދު އަންގާނަންދޯ؟ އިޔާ....] ތައްޔާރުވެލައިގެން ނިކުތް އިޔާދަށް ދޯއެއްލުމަށްފަހު ގީތާ ބުންޏެވެ.

އެންމެ ރަނގަޅޭ...ކަމެއް ގޯސްވަންޏާ މަންމައަށް ގުޅާށޭ ބުނެފައި، އަނެއްކާވެސް ޝާރިޔާ ބަދިގެފަރާތަށް ގޮސް، އޭނާގެ މަސައްކަތުގައި ޝާމިލް ވެއްޖެއެވެ. އެވެރިން މާލެ ފޮނުވުމަށްޓަކައި ގޯންޏަށް މަސް އަޅާ ބަންދުކުރަނީއެވެ.

އެއީ މިހާރު ޝާރިޔާގެ ދެމަފިރިންނާއި، ޒާހިރުގެ ދެމަފިރިން ގުޅިގެން އާމްދަނީ ހޯދުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތެވެ. އެ މަސައްކަތުގައި އިޔާދުގެ ބައިވެރިވުންވެސް ވަރަށް އެދެވޭގޮތަށް ލިބެމުންދޭމެއެވެ. އިޔާދުވެސް އޭނާ އަދާކުރަމުންދާ ސަރުކާރުގެ ވަޒީފާ (އައިލެންޑް އޭވިއޭޝަންގެ ކޭޝިޔަރެއްގެ) އަށްފަހު، މުޅިންވެސް ހޭދަކުރަނީ، ޢާއިލާގެ ފަރާތުން ކުރަމުން އަންނަ މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައެވެ.

[މިފަހަރު ހީވަނީ ތި މަސްކޮޅަށް ރަނގަޅު އެއްޗެއް ލިބޭނެހެން...މަހުގެ އަގުވެސް ވަރަށް ރަނގަޅު ކަމަށްވަނީ...މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކިލޯއެއް އަށާރައަށް ތިރިވި ނަމަވެސް، މިހާރު ވަރަށް މަތިވެއްޖެ....އަށާވީސް، ތިރީހުގައި އުޅެނީ.] މަސް ގޯންޏެއް ބަންދުކޮށް ނިންމާލަމުން، ޒާހިރު ޝާކިރާ މުޚާޠަބު ކުރިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން