ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ވެހިކަލްތަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ފުޖައިރާގައި ހިނގި މި ހިތާމަވެރި ހާދިސާގައި އަދި އެ ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެ، އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޔޫއޭއީގެ ރައީސަށާއި އެ ޤައުމުގެ ސަރުކާރަށް އަދި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވަމުން، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫއޭއީއާ އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މި ހާދިސާގެ އަސަރު ކުރި އެންމެހައި ފަރާތްތަކަށާއި ޢާއިލާތަކަށް އެމަނިކުފާނު ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ހިތާމައިގައިވާ ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ. މީގެއިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް އަދި ފުރިހަމަ ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު