23 މާރިޗު 2020 - 13:24
11 ވަނަ އެޕިސޯޑް

==========

[އޭނާ ކީއްކުރަން އަހަރެންގެ ޚަބަރު ހޯދަނީ؟] ތާރާ ވާހަކަ ދެއްކީ ޝަހްލާއާއެވެ. ފޯނުންނެވެ.

[ވިހައިފިހޭވެސް އެހި. އަހަރެން ބުނިން އަދި ނުވިހައޭ. މިހާރު ވިހަން ކައިރިވެއްޖެޔޭ.] ޝަހްލާ ބުންޏެވެ.

[އަހަރެންގެ ނަމްބަރު އޭނަޔަށްދީބަލަ. އޭނާ އަހަންނަށް ގުޅައިފިއްޔާ އެއްޗެހި ކިޔާލާނަން.] ފޯނު ނަމްބަރު ޝިޔާނަށް ދިނުމުގެ ހުއްދަ ތާރާދިނެވެ.

އެރޭ އޮންލައިނުން ދިމާވެގެން ޝަހްލާ ތާރާގެ ނަމްބަރު ޝިޔާނަށް ދިނެވެ.

ވަގުތުން ސައިންއައުޓް ކޮށްލުމަށްފަހު އޭނާ ތާރާއަށް ގުޅިއެވެ. ބޭރުން އަންނަ ކޯލެއްކަން އެނގުމާއެކު ތާރާ ވަރަށް ބޮޑަށް ތައްޔާރުވެލުމަށްފަހު ފޯނު ނެގިއެވެ.

[ތާރާތަ...ތާރާ...މިއީ ޝިޔާނޭ....އަހަރެން ތާރާއާ ބައްދަލުކުރަން ހާދަ މަސައްކަތެއް ކުރީމޭ. ފޯނު ނަމްބަރާ އެއްޗެހި ބަދަލުކުރިއިރު ކީއްވެތަ އަހަރެން ގާތު ނުބުނީ. ހާދަވަރަކަށް ހޮސްޕިޓަލަށްވެސް ދިޔައިމޭ. އަހަރެން ނުވަންނަ ވޯޑެއް ކޮޓަރިއެއް ހޮސްޕިޓަލްގައި ނުހުންނާނެ.] ތާރާކަން އެނގުމާއެކު އެއްނޭވާއިން ޝިޔާން ވަރަށްގިނަ ވާހަކަތަކެއް ދައްކާލިއެވެ.

[އަހަރެން ހޯދަން ޝިޔާން ދާކަށް ނުޖެހޭނެ. ކުރިން އަހަރެން ޝިޔާނާ ވާހަކަ ދެއްކިއިރަކު ނުދެނަހުރިން، ތިޔައީ ތިހާ ގޮތެއްނެތް މީހެއް ކަމަކަށް.] ތާރާހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ތާރާ!؟ އަހަރެން ގޮތެއް ނެތިގެން ކޮންކަމެއްތަ ކުރީ. ތާރާ ތިގޮތަށް އަހަންނާ ވާހަކަ ދައްކަން އަހަރެން ކުރި ކުށަކީ ކޮބައިތަ؟] ކުއްލިއަކަށް ތާރާ ވާހަކަ ދެއްކި ގޮތުން ޝިޔާނަށް ވަރަށް އަސަރުކުރިއެވެ.

[ތިކަހަލަ މުޑުދާރު ކަންތައް ކުރާ މީހަކާ ވާހަކަ ދައްކާކަށްވެސް އަހަރެން ބޭނުމެއް ނޫން. ކަލެޔަށް އެނގެންވާނެއެއްނު...އަހަންނަކީ މީހެއްގެ އަންބެއް ކަމާއި، ޝިޔާނަށްވުރެން ދޮށީ މީހެއްކަންވެސް ނޭނގުނުދޯ؟ ތިކަހަލަ މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ.] ތާރާ ފޯނު ކަނޑާލިއެވެ. އޭރު އެމަންޒަރު ބަލަން ދުރުގައި އަރުފާނު ހުއްޓެވެ. އޭނާހުރީ ހިނިއައިސްފައެވެ.

ތާރާ ވާހަކަ ދެއްކިގޮތުން ޝިޔާން ވަރަށް ދެރަވިއެވެ. ޙަޤީޤަތުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ. އޭނާގެ ކުށެއްނެތި، ތާރާ އެގޮތަށް މުޚާޠަބު ކުރީތީ އޭނާ ވަރަށް ބޮޑަށް ޙައިރާންވެސްވިއެވެ.

[ތާރާ ކަންތައް ތިކުރީ ހަމަ ރަނގަޅަށް. ދެން ނުކެރޭނެއެއްނު ގުޅާކަށްވެސް. އަދިވެސް ކީ އެއްޗެހި މަދީ. އަހަރެންވެސް މިހާރު ހާދަ ފޫއްސެއްވެޔޭ.] އަރުފާން ތާރާއާ އަރާހަމަކުރިއެވެ.

[އަހަންނަކީ މީހަކާ ދިމާޔަށް ދުވަހަކުވެސް އެގޮތަށް އެއްޗެހިކީ މީހެއް ނޫން. އެކަމަކު މިއަދު އެހިތްވަރު ލިބުނީ ކިހިނެއްބާ؟] ބޮޑަށް ޤަބޫލުކުރެވެނީ އެއީ ތާރާ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއް ނޫން ކަމަށެވެ.

[އަހަރެންގެ ހިތަކަށްވެސް ނާރާ...އަހަންނަށް ޝިޔާނާ ދިމާއަށް އެގޮތަށް އެއްޗެހި ކިޔަން ކެރިދާނެ ކަމަކަށް. އެކަމަކު މިއަދު އަހަންނަށް ހިތްވަރު ލިބިއްޖެ.] ތާރާ ބުންޏެވެ. ޙަޤީޤަތުގައި ކުއްލިއަކަށް ހިތްވަރު ލިބި، ކުރެވުނު ކަންތަކުގެ ސަބަބުން އޭނާހުރީ ފިސާރި ނުތަނަވަސްވެފައެވެ.

އަމުދުން އަވަށްޓެރި ޢާއިލާއެއްގެ ކުއްޖަކާމެދު ކަންކުރެވުނު ގޮތުން އޭނާހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

[ތާރާ....ދެން ކުރެވުނު ކަންތަކާމެދު ވިސްނުމުގެ ބޭނުމެއް ނެތް. ޙަޤީޤަތުގައި އުފާކުރަން...މިހާރު ދެން އޭނާއަކަށް ނުކެރޭނެ، އަހަރެމެންގެ ދޭތެރެއަށް ވަންނާކަށް.] އަރުފާން ފިސާރި ލޯތްބާއެކު ތާރާގެ ބަނޑުގައި ފިރުމާލިއެވެ.

އެދުވަހުގެ ފަހުން ތާރާއަށް ގުޅާކަށް ޝިޔާނަކަށް ނުކެރެއެވެ. ތާރާގެ ފަރާތުން މިހާރު އޭނާއަށް ފެނިފައިވަނީ ކުރިން ޤަބޫލު ކުރެވިފައިވާ ސިފައެއް ނޫނެވެ. އެއްވެސް ޙައްޤެއްނެތި ތާރާ އޭނާޔާ ހުތުރުކޮށް މުޚާޠަބު ކުރީތީ އޭނާ ހުންނަނީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

އެހެންވެ އެވާހަކަ އިތުރަށް ދައްކާކަށް އޭނާ ޝަހްލާއަކަށްވެސް ނުގުޅައެވެ. ކިތަންމެވަރަކަށް ހިތް އެދުނަސް މިހާރު އޭނާ ބޭނުންވަނީ ތާރާގެ ހަނދާންތަކުން މިންޖުވާށެވެ.

އެއީ އަރުފާން ބޭނުންވާގޮތެވެ. އޭނާގެ ރޭވުމެވެ. އޭނާ ބޭނުންވަނީ ތާރާއާމެދު ޝިޔާން ވިސްނިޔަނުދޭށެވެ.

ތާރާއާމެދު ޝިޔާން ވިސްނަން ވެއްޖެނަމަ، އަރުފާންގެ ދިރިއުޅުމަށް އަސަރު ކުރާނެކަން އޭނާއަށް އެނގެއެވެ.

އަރުފާނާއި ތާރާގެ ދިރިއުޅުމަށް އަސަރުކުރާނޭ އެއްވެސް ކަމެއްވާކަށް އަރުފާން ބޭނުމެއް ނުވެއެވެ. އެކަން ކުރާކަށް އެއްވެސް މީހަކަށް އޭނާ ފުރްޞަތެއްވެސް ނުދޭނެއެވެ. އެފަދަ ކަމެއް ކުރަން މަސައްކަތްކުރާ ފަރާތަކާ ކުރިމަތިލައި، ކާމިޔާބު ހޯދާނެ ބާރު އޭނާޔަށް ލިބިގެންވެއެވެ.

[ތާރާ...ކަންބޮޑުނުވާތި. ޝިޔާން ކިތަންމެ މަސައްކަތް ކުރިޔަސް، އަހަރެމެންގެ ދިރިއުޅުމަށް އޭނަޔަކަށް ވިހައެއްނުލެވޭނެ. އެފުރްޞަތު ދީގެން ބަލާކަށް އަހަންނެއް ނުހުންނާނަން. މާ ކަންތައް ބޮޑުވެއްޖެނަމަ އަހަރެންގެ އަތުންފައިން ގޯސްވެސް ހެދޭނެ.] އަރުފާން ބުންޏެވެ.

[އަތުންފައިން ގޯސްހެދެން އަހަރެންނަށް ކޮން ކުށެއްތަ ކުރެވުނީ. އަހަރެން މިއުޅެނީ އަބަދުވެސް މަންމަގެ ބަސް ޤަބޫލުކޮށް، މަންމަ ބުނާގޮތެއް ހަދައިގެން.] ޔަޝްފާ ވާހަކަ ދެއްކީ އޭނާގެ ދޮންމަންމަ ނަޝީދާއާއެވެ.

ދޮންމަންމަ މަސައްކަތް ކުރަމުންދަނީ އޭނާއާއި ޔަޝްފާގެ ބައްޕަޔަށް ލިބިފައިވާ ދެކުދިންނަށް ދިރިއުޅުމުގެ މޮޅުގޮތް ހޯދައިދީ، ދޮންދަރި ބިކަކުރާށެވެ.

ނަމަވެސް ކުރިން ދޮންމަންމަ ބުނިގޮތެއް ހެޔޮކަމަށް ހެދިގެން އުޅުނު ޔަޝްފާ މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވެ ދޮންމަންމައާއި ބައްޕަގެ ތުރާލުން ސަލާމަތްވާށެވެ.

މިހާރު އެންމެ ބޮޑަށް އޭނާ ވިސްނަނީ ވީހާވެސް އަވަހަކަށް ކައިވެންޏެއްކޮށް، އެމީހަކާއެކު އެހިޔާދަށުން ނިކުމެ އަމިއްލަ ބޯހިޔަލަކަށްދާށެވެ. ނޫނީ އަމިއްލަ ބާރުފޯރުވޭވަރުގެ ތަނަކަށް ދާށެވެ.

[ކަލެޔަށް ކުރެވޭ ކަންތައްތައް ކަލެޔަކަށް ހަމަ ނުވިސްނޭތަ؟ އަހަރެން ކިތަންމެ ރަނގަޅު މީހަކު ހޯދައިދިނަކަސް ބަލައިގަންނާކަށް ކަލެއަކަށް ނޭނގެ. އަހަރެން ކަލޭ ގާތު ބުނީ، މިގޭ ސިޓިންގ ރޫމްގައި އިއްޔެ އިން މީހާއަކީ އަހަރެން ކަލޭގެ ދިރިއުޅުމަށްޓަކައި ހޯދި މީހެކޭ....އޭނާގެ އަތުގައި މާލޭގެ ގެދޮރާއި ފައިސާ އެބަހުރި. މިހުރިހާ ކަމަކަށް ބަލާއިރު އޭނާއަކީ ޢުމުރުން ދުވަސްވެފައި ހުއްޓަސް ކަލޭގެ ޙަޔާތަށް އެންމެ އެކަށީގެންވާ މީހާ.] ނަޝީދާ ވާހަކަ ދެއްކީ ވަރަށް ހަރު އަޑުންނެވެ.

[މަންމާ....އެމީހާޔަކީ ބޮޑު މުސްކުޅިއެއް ނޫންތަ. އެއީ އަހަރެން ބައްޕަ ޢުމުރުގެ މީހެއް. އަހަރެން ތިބުނާ މީހާޔަކާ ނީންނާނަން. އަހަރެން އިންނާނީ އަހަރެން ބޭނުން މީހަކާ.] މިފަދަ ކަންކަމުގައި އަބަދުވެސް ޔަޝްފާ ދޮންމަންމައާ ދެކޮޅުހަދައެވެ.

ދޮންމަންމަ އަބަދުވެސް ވިސްނަނީ މާލޭގެ ގެދޮރު ހުރި މީހަކާ ޔަޝްފާ ދެވުމަށްފަހު އެގެއިން ނެރެލުމަށެވެ.

[މިފަހަރު ކަލެޔަށް ޖެހޭނީ ބަކުރާ އިންނަން. އެހެން ނޫނީ ކަލެޔަކަށް އަހަރެން ކައިރީ މިގެޔަކު ނޫޅެވޭނެ.] ނަޝީދާ އަބަދުގެވެސް އާދަ ފަދައިން ޔަޝްފާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ.

[އައްދިއްޔޯއި މަންމާ...މަންމާ ކީއްވެގެންތަ އަހަންނަށް ތިވަރަށް އަނިޔާކުރަނީ. މަންމަ ތިއުޅެނީ އަހަރެން މިގޭގައި އުޅޭތީ ކަންބޮޑުވެގެންތަ. މަންމަ ތިވަރަށް އެދެންޏާ އަހަރެން މިގެއިން ނިކުމެގެން ހިނގައިދާނަމޭ.] ޔަޝްފާ ރޮއިގަތެވެ.

އެވަގުތު ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އެހެން ބުނި ކަމުގައިވިޔަސް، އޭނާ އެގޭތެރެއިން ހޯދަންޖެހޭ ސިއްރުތަކެއް ހުރުމާއެކު، އެއަނިޔާތަކަށް ކެތްކުރަން އޭނާޔަށް އަދި މަޖުބޫރުވާނެއެވެ.

[އަހަރެންގެ މަންމަގެ މަރުގެ ޙަޤީޤަތް ހޯދައިގެން ނޫނީ އަހަރެން މިގެ ދޫކޮށްފައެއް ނުދާނަން. އަހަރެން މިރޭވެސް މަންމަ ބޭރަށް ދިޔައިމާ އެކޮޓަރި ހޯދާނަން.] ޔަޝްފާ ހިތާހިތާ ކިޔާލިއެވެ.

ޔަޝްފާ އެދުވަހު ތާރާމެން އުޅޭ ގެޔަށް ގޮސްފައިވެސް، މުސްކުޅި މީހަކާ އޭނަޔާ ގުޅުވަން ދޮންމަންމަ އުޅޭ ވާހަކައާއި، އަނިޔާކުރި ވާހަކަ ކިޔައިދިނެވެ. އެއަށްފަހު އޭނާގެ މަންމަގެ މަރުގެ ޙަޤީޤަތް ހޯދުމަށްޓަކައިވެސް އޭނާދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް ބުންޏެވެ.

[އަހަރެން ތިކަމުގައި ތާރާގެ ރަޙްމަތްތެރިޔާއަށް އެހީވެދީފާނަން. ބޭނުންތަ އަހަރެންގެ އެހީ.] އަރުފާން ޔަޝްފާއާ ދިމާއަށް ބަލައިލިއެވެ.

[އާނ....އަހަރެން ވަރަށް ބޮޑަށް ބޭނުން...މި ހިތްދަތި ދިރިއުޅުމުން ސަލާމަތްވާން. މިހާރު މިކުރާ މަސައްކަތަކީ ދޮންމަންމަގެ ކޮޓަރިތެރެއިން އެއްވެސް ބޭނުންތެރި ލިޔެކިޔުމެއް ފެނޭތޯ ކުރާ މަސައްކަތް. ބައްޕަވެސް ހުންނަނީ ދޮންމަންމަގެ ދަށުވެފައި.] ޔަޝްފާ ކިޔައިދިނެވެ.

[މިރޭ ދޮންމަންމަ ބޭރަށް ދިޔުމުން ތާރާއަށް ގުޅީމާ އަހަރެން ތިގެޔަށް ދާނަން....ގުޅާތި....] އަރުފާން ބުންޏެވެ.

[ތެދެއް އަރުފާން އެބުނީ...ޔަޝް ގުޅާތި.] ތާރާވެސް އަރުފާންގެ ވާހަކައަށް ތާއީދު ކުރިއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ...ތާރާގެ ދެމަފިރިން އަހަންނަށް އެހީވާނޭ ކަމަށް ބުނީތީ. އަހަރެން މިރޭ ގުޅާނަން.] ޔަޝްފާ އުފާވެފައި ހުރެ ބުންޏެވެ.

އެރޭ ގެޔަށް ގޮސް ޔަޝްފާ އިންތިޒާރުކޮށްގެން ހުރީ ދޮންމަންމަ އޭނާގެ ދެކުދިން ގޮވައިގެން ބޭރަށް ނިކުންނާނޭ ވަގުތަކަށެވެ. ކޮންމެ ހަފްތާ ބަންދެއްގައިވެސް އޭނާ ކުދިން ގޮވައިގެން ކާލަން ދާނީ ކޮންމެވެސް ރެސްޓޯރެންޓަކަށެވެ. ވުމާއެކު މިރޭވެސް ރަށުގައި ހުރި ކުއްޖާ ގޮވައިގެން އޭނާ ދާނޭކަން އެނގެއެވެ.

އެރޭ ނަޝީދާމެން ބޭރަށް ދިޔައީ އަށެއްޖަހަން އުޅެނިކޮށެވެ. ވަގުތުން ޔަޝްފާ ތާރާގެ ފޯނަށް ގުޅިއެވެ.

އެފޯންކޯލަށް ފަސްމިނެޓްވެސް ނުވަނީސް އަރުފާން އެގެޔަށް އައިސް ވަދެއްޖެއެވެ. އަރުފާން އެދުނީ ޔަޝްފާ ކޮޓަރި ބޭރުގައި މަޑުކުރުމަށެވެ.

އެހެންވެ ޔަޝްފާ ބޭރުގައި މަޑުކޮށްލިއެވެ. އެތެރެއަށް ވަދެ ކޮޓަރި ހޯދަން ފެށީ އަރުފާނެވެ. ބޭރުގައި ޔަޝްފާ ހުރީ ފާރަޔަށެވެ.

ޔަޝްފާގެ ބައްޕަ ވަޙީދު އައިސް ގެޔަށްވަނީ އަރުފާން އެކޮޓަރިއަށް ވަންތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

ކުއްލިއަކަށް ބައްޕަ އައިސް ވަނުމުން ޔަޝްފާ ވަރަށް ބޮޑަށް ހާސްވިއެވެ. އެހެންވެ ޔަޝްފާ މަސައްކަތްކުރީ ކޮޓަރިޔާ ދިމާއަށް ދިޔަނުދީ ބައްޕަ ހިފަހައްޓާށެވެ.

[ބައްޕާ ހިނގާ ކާން. ކާންހަދާފައި ހުންނާނީވެސް.] ބައްޕަ ކޮޓަރިޔާ ދިމާއަށް ހިނގައިގަތުމުން ޔަޝްފާ ބައްޕަ ހުއްޓުވިއެވެ.

[ބައްޕަ ކާނީ ފެންވަރައިގެން އައިސް. ކޮބާ މަންމައާއި ކޮއްކޮ؟] މަޑުޖެހިލަމުން ވަޙީދު ބުންޏެވެ.

[ރެސްޓޯރަންޓަކަށް ކާށޭ ކިޔާފައި ދިޔައީ.]

[އެހެންތަ...ބައްޕަ އެބަ އަންނަން ފެންވަރައިގެން.] ވަޙީދު ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ޔަޝްފާ ދެލޯ ބޮޑުކޮށްގެން އެމަންޒަރު ބަލަން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އަރްފާން އެކޮޓަރިތެރެ ހާވަމުން ދަނިކޮށް، ބައްޕައަށް ފެނިއްޖެނަމަ، ބައްޕަ ކަންތައް ކޮށްފާނެގޮތް އޭނާއަށް އެބަ ވިސްނެއެވެ.

[ބައްޕާ...ދެން އަހަރެން ކެއްކި ނޫޑުލްސް ހިހޫވީމާ ނުބައިވާނެ. ބައްޕަ ކައިގެން ފެންވަރަން ވަންނަންވީނު.] ވަޙީދު ދޮރު ހުޅުވާލުމުން އެތެރެއަށް ނުވަދެވެނީސް ޔަޝްފާ ބައްޕަ ހުއްޓުވިއެވެ.

[މައްސަލައެއް ނެތް...ފާޚާނާޔަށް ވަދެލާފައި ބައްޕަ މިނުކުންނަނީ.] ވަޙީދު ކޮޓަރިއަށް ވަނެވެ. ކޮޓަރިތެރެ ހުރީ ވަރަށް ރަނގަޅަށް ތަރުތީބުކޮށްފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މީހަކު ތަރުތީބުކޮށްފައިވާ ތަނެއް ހެންނެވެ.

ވަޙީދު ފާޚާނާއިން ނިމިގެން ކޮޓަރިން ނިކުތްއިރުވެސް ވަރަށް ބޮޑަށް ހާސްވެފައި ޔަޝްފާ ސިޓިންގރޫމްގައި އިނެވެ.

[ހިނގާ ކާން....] ވަޙީދު ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ. އެހާ ހިސާބުން ޔަޝްފާއަށް ހަމަޖެހުން ލިބުނެވެ.

[ނަޝީދާމެން ބޭރަށް ދިޔަތާ ވަރަށްގިނައިރު ވެއްޖެތަ؟] ކާން ފަށަމުން ވަޙީދު ޔަޝްފާއާ ވާހަކަ ދެއްކިއެވެ.

[ނޫނޭ...ދިޔަތާ މާގިނައިރެއް ނުވާނެ. މަންމަމެނަށް އެއްވެސް ހަފްތާ ބަންދެއްގައި ގެޔަކުން ކާކަށް ކަމުނުދާނެވިއްޔަ.] ޔަޝްފާ ބައްޕަޔަށް ޖޫސްތަށި ހަދަމުން ވާހަކަ ދެއްކިއެވެ.

[ޔަޝްފާ...އަދިވެސް ބަކުރާމެދަކު ނުވިސްނަންދޯ؟ ބަކުރަކީ ވަރަށް ރަނގަޅު މީހެއް. އޭނާގެ އަތުގައި ގެދޮރާއި ފައިސާ އެބަހުރި. އަދި މުދާވެރިކަން އެބަހުރި. ހަމަގައިމުވެސް އޭނާއަކީ ގޯސް މީހެއް ނޫން.] ކާންފަށަމުން ވަޙީދު ވާހަކަ ދެއްކިއެވެ. ބައްޕަގެ އެވާހަކައިން ޔަޝްފާގެ މޫޑު ވަގުތުން ބަދަލުވިއެވެ.

[ބައްޕާ...ބައްޕަ ތިހެން ތިބުނަނީ ވަރަށް ވިސްނާފަތަ. ތިބުނާ ބަކުރަކީ ބައްޕަމެން ޢުމުރުގެ މީހެއް. އޭނާގެ އަހަންނާ އެއްވަރުގެ ކުދިންވެސް އެބަތިބި. ގެދޮރާއި މުދާވެރިކަމަކީ ދިރިއުޅުމެއްގެ ހުރިހާ އުފަލެއް ނޫން. މާ އަވަހަކަށް ބައްޕަމެން އަހަރެން މީހަކާ ދެވަން އުޅެނީ އަހަރެން މިގޭގައި އުޅޭތީ އުނދަގޫވަނީތަ؟] ޔަޝްފާ ފުރަތަމަފަހަރަށް ބައްޕަގެ ކުރިމަތީގައި ބައްޕައާ ދެކޮޅަށް އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

އެއީ ކުރިން ދުވަހަކުވެސް ޔަޝްފާގެ ފަރާތުން ފެނުނު ސިފައެއް ނޫނެވެ. ވުމާއެކު، ވަޙީދު ވަރަށް ބޮޑަށް ޙައިރާންވިއެވެ. އޭނާގެ ގާތަށް އެހާމެ ރުޅިވެސް އައެވެ.

[ޔަޝްފާ...އަހަރެންގެ ކުރިމަތީގައި މިހާރު ޒުވާބުވެސް ކުރަން ފެށީތަ....] އައި ރުޅީގައި ވަޙީދު އޭނާ ކައިކައި އިނދެފައި ތަށިވެސް ހޫރާލިއެވެ.

[ބައްޕާ...ބައްޕަ ތިގޮތަށް ރުޅިގަދަވާވަރުގެ އެއްވެސް ކަމެއް އަދި އަހަރެން ނުކުރަން. ބައްޕަމެން ކިތަންމެ ރުޅިގަދަވިޔަސް....ތިބުނާ ބަކުރާ އިންނާކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެ. މިގޭގައި އަހަރެން ނޫނަސް....] ޔަޝްފާއަށް މިހާ ހިސާބަށް ބުނެވުނުތަނާ ބައްޕަގެ ހޫނު ޙަމަލާއެއް ޔަޝްފާގެ ކަންކަށިމައްޗަށް އެރިއެވެ.

[އައްދިއްޔޯއި ބައްޕާ....ބައްޕަވެސް މިހާރު އަހަންނަށް އަނިޔާކުރަން ފެށީތަ؟] ޔަޝްފާ ރޮމުން ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް ބައްޕަގެ ކޮޓަރީގައި އަރުފާން ހުއްޓެވެ. އޭނާ އެތަން އެއްފުށުން އަނެއްފުށަށް ޖަހައި ހޯދަމުންދަނީ އެގޭތެރެއިން ޔަޝްފާގެ މަންމަގެ މަރުގެ ޙަޤީޤަތް ފެނޭތޯއެވެ.

ވަޙީދުމެންގެ އަމިއްލަ އެދުމާހުރެ އަމިއްލަ ދަރިފުޅު ވިއްކާލަން އުޅެނީ ވަޙީދާ އެއް ޢުމުރުގެ މީހަކަށެވެ. ބަކުރަކީ ޢުމުރުން ދުވަސްވުމުގެ އިތުރުން ސިފަވެސް ރީތި މީހެއް ނޫނެވެ.

މީކީ ޔަޝްފާގެ އަދުގެ ޙާލަތެއް ނޫނެވެ. އޭނާގެ މަންމަ މަރުވި ދުވަހުން ފެށިގެންވެސް އޭނާޔަށް އުޅެން ޖެހިފައިވަނީ ހިތްދަތިކަން ބަރުދާސް ކުރުމުގައެވެ. އޭނާގެ ހިތްދަތި ދިރިއުޅުމުގެ ހަނގުރާމައިގައި އޭނާގެ ދުޝްމިނަކީ އޭނާގެ ދޮންމަންމައާއި އޭނާގެ ބައްޕައެވެ. އެއްބަފާ ދެކޮއްކޮގެ ފަރާތުންވެސް އޭނާއަށް ކުރިމަތިވަމުން އައީ ހިތްދަތިކަމެވެ.

ފަސްބުރީގެ ޢިމާރާތް ކުއްޔަށްދީގެން ޢާއިލާއަށް ފައިސާ އޮހެމުންދާއިރުވެސް އެއިން އޭނާއަށް ކުރާ އެއްވެސް ފައިދާއެއް ނެތެވެ. ކިތަންމެފަހަރަކު ބަސްނާހާ ކަމަށް ބުނެ، ދޮންމަންމަ ޔަޝްފާ ގެއިން ބޭރަށް ނެރެއެވެ.

[ޔަޝްފާ ނުރޮއި ހުއްޓާލާ...ޔަޝްފާ ދެން ރޯކަށް ނުޖެހޭނެ.] ރޮއިރޮއި އޮތް ޔަޝްފާ ސިއްސައިގެން ދިޔައީ އެކޮޓަރިތެރެއަށް އައިސް ވަން އަރުފާންގެ އަޑުންނެވެ. އޭރު އަރުފާންގެ އަތުގައި އޭ ފޯރ ސައިޒްގެ ސިޓީއުރައެއް އޮތެވެ.

[އަރުފާން! އެތަނުން އެއްވެސް އެއްޗެއް ފެނުނުތަ؟] ޔަޝްފާ ތެދުވިއެވެ.

[އާނ....މިއޮތީ ފެނުނު އެއްޗަކީ. މިއީ ޔަޝްފާއަށް ވަރަށް މުހިންމު އެއްޗެއް. ޔަޝްފާ ވާނެ އަވަހަށް މީގެ ކޮޕީވެސް ހައްދަން. މިލިބުމުން ޔަޝްފާއަށް މިގޭތެރޭގައި ކުރިއެރުން ހޯދެންވާނެ.] މިހެން ބުނެފައި ސިޓީއުރަ ޔަޝްފާއާ ޙަވާލުކޮށްފައި އަރުފާން ނިކުމެއްޖެއެވެ.

ޔަޝްފާ ކޮޓަރި އެތެރެއިން ތަންޑު އެޅުވުމަށްފަހު، ސިޓީއުރަ ހުޅުވާލިއެވެ. އަރުފާން ބުނީ ތެދެކެވެ. އޭގެތެރޭގައި ހުރީ އޭނާގެ ލޯބިވާ މަންމަގެ ހަނދާންތަކެވެ. މަންމަގެ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެނިހެން މުހިންމު ލިޔެކިޔުންތަކެވެ. ޙަޤީޤަތުގައިވެސް އެއީ ޔަޝްފާގެ ދިރިއުޅުމަށް ވަރަށް މުހިންމު ލިޔުންތަކެކެވެ. ޖެހިގެން އައި ދުވަހު ޔަޝްފާ އޭނާގެ ލޯބިވެރިޔާ ޒާހިދަށް ގުޅިއެވެ.

ޒާހިދު ތަކުރާރުކޮށް އެތައްފަހަރަކު ކައިވެންޏަށް އެދުނީމާވެސް އޭނާ އެކަމަށް އިންކާރު ކުރަމުން އައިސްފައިވަނީ ދޮންމަންމައާއި ބައްޕަގެ ފިއްތުންތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ މަންމައާއި ބައްޕަގެ ނުރުހުމުގައިވެސް ޒާހިދާ ކައިވެނިކޮށް ދިރިއުޅުމުގައި އެހީތެރިވާނޭ ބައިވެރިޔަކު ހޯދާށެވެ.

[ޔަޝްގެ ބައްޕަމެން މިހާރު އޯކޭދިނީތަ؟] ޔަޝްފާ ގުޅުމާއެކު ޒާހިދު އެހިއެވެ.

[ނޫން...އެމީހުން އެއްބަސްވާނެތަ. މިހާރު އަހަރެން ނިންމައިފިން...އެމީހުން އެއްބަސްވިޔަސް ނުވިޔަސް ޒާހިދާ އިންނަން އެއްބަސްވާން. އަހަރެން މިއަދު މިވާހަކަ ބައްޕަމެން ގާތު ބުނާނަން.] ޔަޝްފާ އުފާވެރި ޚަބަރު ލޯބިވެރިޔާއަށް ދިނެވެ.

ދިގު އިންތިޒާރަކަށްފަހު ލިބުނު އުފާވެރި ޚަބަރާއެކު ޒާހިދަށް ލިބުނީ ބަޔާންކުރަންވެސް ދަތިވާފަދަ އުފާވެރި އިޙްސާސެކެވެ.

[އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެން މިއަދު މިވަގުތު އަހަރެންގެ ޢާއިލާ މީހުން ގާތުވެސް ތިވާހަކަ ބުނާނަން. އެކަމަކު ޔަޝް...ޔަޝްގެ ބައްޕަ ވަލީ ނުދީފިއްޔާ ކައިވެނިކުރަން ދުވަސްކޮޅެއް ނަގާފާނެ.] ޒާހިދު ބުންޏެވެ.

[ބައްޕަ ވަލީވެސް ދޭނެ. ވަލީނުދީ ބައްޕަޔަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. ޒާހިދު...އަހަރެން ހިތަށްއަރަނީ ދޮންމަންމަ އަހަންނާމެދު އިހާނެތިކޮށް ކަންތައް ކުރިޔަސް، ބައްޕަ އެގޮތަށް ކަންކުރަންވީ ކީއްވެގެންބާއޭ؟ ބައްޕަ އަބަދުވެސް ހުންނަނީ ދޮންމަންމައާ އެއްކޮޅަށް. އެކަމަކު ބައެއްފަހަރު ގޯހެއް ނޫން.] ޔަޝްފާ ފެންކަޅިވިއެވެ.

އެ ފޯންކޯލަށްފަހު ޔަޝްފާ ކޮޓަރިން ނިކުތްއިރު ސިޓިންގރޫމްގައި ދޮންމަންމައާއި ބަކުރުގެ އިތުރުން ބައްޕަ ވަޙީދުވެސް އިނެވެ. ޔަޝްފާ ނިކުމެގެން ދިޔައީ ބަދިގެފަރާތަށް ދިޔުމަށެވެ. ނަމަވެސް އެވަގުތު ޔަޝްފާގެ ބައްޕަ އޭނާއަށް ގޮވައި އޭނާ ހުއްޓުވިއެވެ.

[ޔަޝްފާ އައިސްބަލަ މިތަނަށް.] ވަޙީދު އެދުނެވެ. ޔަޝްފާ ވަކިވަކިން އެތިން މީހުންގެ މޫނަށް ބަލައިލިއެވެ.

[ފެންބޮއިގެން އެބަ އަންނަން.] ޔަޝްފާ ގޮސް ކާގެޔަށް ވަނެވެ. މާގިނައިރުތަކެއްނުވެ ފެންބޮއިގެން ޔަޝްފާ އައިސް ބައްޕަމެންގެ ކުރިމައްޗަށް ހުއްޓުނެވެ.

[ޔަޝްފާ...މިހާރު ބަކުރު ބޭނުންވަނީ ކައިވެނި ވީހާވެސް އަވަސްކުރަން. ޔަޝްފާ ބޭނުން ތާރީޚެއް ބުނޭދޯ ބަކުރާ.] ވަޙީދު ޔަޝްފާއާ ވާހަކަ ދައްކަމުން ބަކުރަށްދޯ ދިނެވެ. ބަކުރު ބޯޖަހާލިއެވެ.

[ބަކުރުބޭ...ބަކުރުބޭ އަހަންނާ އިންނަން އުޅޭއިރު، ހަމަ ކުޑަކޮށްވެސް ލަދެއްނުގަނޭތަ؟ ކޮންމެ ކަމަކަށްވެސް ޙައްދެއް އޮންނަންވާނެ. އަހަންނަކީ ތިބޭބެގެ ކާފަ ދަރިޔަކާ އެއްވަރުގެ ކުއްޖެއް. ވަރަށް ސާފުބަހުން އަހަރެން މިބުނަނީ ތިބޭބެގެ އަތުގައި މިގެ ފުރާލެވޭވަރަށް ފައިސާ ހުއްޓަސް....އަހަންނެއް ނީންނާނަން. އަންނަ މަހުގެ ފަހުކޮޅު އަހަރެން އަހަރެންގެ ލޯބިވެރިޔާއާ އިންނާނަން.] ޔަޝްފާ ފަތިވަރެއްހެން އެއްނޭވާއިން އަމުނާލިއެވެ.

[ޚަބަރުދާރު ޔަޝްފާ...ކަލޭ ހާދަ ގޮތެއްނެތޭދޯ މިހާރު. ތިގޮތަށް އަހަރެމެންގެ ކުރިމަތީގައި ޒުވާބުކުރާ ކަމަށްވަންޏާ، ކަލޭގެ އަންނައުނުކޮޅު ހިފައިގެން މިގެއިން ނިކުމޭ.] ވަޙީދުގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.

[މިގެއިން އަހަރެން ނިކުތުމަށް އަމުރު ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ. އަހަރެންގެ ކައިވެންޏަށްފަހު، މި ފްލޯރގައި އުޅޭނީ އަހަރެންގެ ދެމަފިރިން އެކަނި. މިގެއިން ނިކުންނަން ޖެހޭނީ ދޮންމަންމައާއި ބައްޕަގެ ދަރިން.] ޔަޝްފާ އޭނާގެ ޖިންސް ޖީބުގައި އޮތް ގޭގެ ރަޖިސްޓްރީ ކޮޕީ ދޮންމަންމައާ ދިމާޔަށް ދިއްކޮށްލިއެވެ. އެޔާއެކު ވަޙީދުމެންގެ ދެލޯ ބޮޑުވިއެވެ. އޭނާ ވަރަށް ބޮޑަށް ހުއްޓުންއެރިވެސް މެއެވެ. އެ ރަޖިސްޓްރީގައިވާ ގޮތުން އެގެޔާއި ގޯއްޗަކީ ސީދާ ޔަޝްފާގެ މަންމަގެ މިލްކެކެވެ.

އެގެޔާއި ގޯއްޗަށް ބާރުފޯރުވޭނެ ދެވަނަ މީހަކު ޔަޝްފާ ނޫނީ ދުނިޔެއަކު ނެތެވެ.

މިހާރު ޔަޝްފާގެ ދޮންމަންމައާއި ބައްޕަވެސް އެތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޙަޤީޤަތުގައި މިއަދު އެމީހުންނާ ކުރިމަތިމިވީ، ކުރިން އުންމީދުކުރި ކަމެއް ނޫނެވެ. އެއީ އެމީހުންނާ ކުރިމަތިވި ވަރަށްބޮޑު ހާސްކަމެކެވެ.

ޙަޤީޤަތުގައި ވަޙީދާއި ނަޝީދާ ރާވަމުން އައިސްފައިވަނީ މާލޭގެ ގެދޮރުހުރި މީހަކާ ދެވުމަށްފަހު، ޔަޝްފާ އެގެއިން ބޭރުކޮށްލާށެވެ.

[ދަރިފުޅާ...ބައްޕައަށް މަޢާފްކުރޭ....މިގެއިން ނިކުތުމަށްފަހު ބައްޕަމެން ވަންނާނީވެސް ކޮންތާކަށް. މިގެޔާ މުދަލަކީ ދަރިފުޅުގެ މަންމަގެ މުދާ. މިގެޔަކީ ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ މަންމަޔަށް ހަދިޔާކޮށްފައިވާ ގެއެއް.] ވަޙީދު އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

[ތި ބައްޕަތަ...މަންމައަށް މިގެ ހިބައިން ދިނީވެސް.] މިހާރު ޔަޝްފާއަށްވެސް ރޮވެނީއެވެ.

[ދަރިފުޅާ....މިގެޔަކީ މި ބައްޕަ ދަރިފުޅުގެ މަންމަޔަށް ދީފައިވާ ގެއެއް ނޫން. ދަރިފުޅާ....ދަރިފުޅުގެ އަޞްލު ބައްޕައަކީ އެހެން މީހެއް. މިގެޔާ މުދާލަކީ އޭނާ ދަރިފުޅަށްޓަކައި ދަރިފުޅުގެ މަންމަޔަށް ދީފައިވާ ތަކެތި.] އެންމެފަހުން މަޖުބޫރުވެގެން ވަޙީދު ހުރިހާ ވާހަކަތަކެއް ޔަޝްފާއަށް ކިޔައިދިނެވެ.

[އަޅެ އަހަރެންގެ ބައްޕަ ކޮބައިތަ؟ ދުނިޔޭގައި އެބަހުރިތަ؟] ވަޙީދަކީ ޔަޝްފާގެ ބައްޕަ ނޫންކަންވެސް އޭނާއަށް އެނގުނީ އަދި ކިރިޔާއެވެ.

[އާނ...ޔަޝްފާގެ ބައްޕަ ހާޝިމް ދުނިޔޭގައި އެބަހުރި...އެއީ ވަރަށް ބަލިމީހެއް. އޭނާއަށް ސިކުނޑީގެ ބައްޔެއް ޖެހުނީ ޔަޝްފާގެ ޢުމުރުން ތިން އަހަރުގައި. އޭރު އޭނާވަނީ މިގެ ޔަޝްފާގެ މަންމައަށް ހިބައިން ދީފައި. މިހާރު އޭނާ ގުރައިދޫގައި ހުންނަތާ އެތައް އަހަރެއް ވެއްޖެ. ޔަޝްފާ ކުޑައިރު ޔަޝްފާ ގޮވައިގެން ދެފަހަރަކު ޔަޝްފާގެ މަންމަ އޭނާޔާ ބައްދަލުކުރަން ދިޔަވެސްމެ.] ވަޙީދު ކިޔައިދިނެވެ.

އޭގެއިތުރަށް ވަޙީދު ކިޔައިދިން ގޮތުން، ހާޝިމް ގުރައިދޫއަށް ގެންދެވުނުތާ ދެއަހަރު ފަހުން ޔަޝްފާގެ މަންމަ ވަރިވެ، އޭނަޔާ ކައިވެނިކުރީ ޔަޝްފާއަށް ބައްޕައެއްގެ ލޯބި ދިނުމަށް ވަޢުދު ކުރުވުމަށްފަހުގައެވެ.

އޭނާ ކިޔައިނުދެނީ ޔަޝްފާގެ މަންމަގެ މަރުގެ ސިއްރެވެ. އޭނާ އޭގެ އެއްވެސް ތަފްޞީލަކަށް ނުދެއެވެ.

އެދުވަހަށްފަހު ޔަޝްފާ ދެން ބޭނުންވީ އޭނާގެ ބައްޕައާ ބައްދަލުކުރުމަށްޓަކައި ގުރައިދޫއަށް ދިޔުމަށެވެ.

ޔަޝްފާ ނިންމީ ޖެހިގެން އައި ދުވަހު އޭނާގެ ލޯބިވެރިޔާ ޒާހިދާއެކު އޭނާގެ ބައްޕަ ދެކެލުމަށްޓަކައި ގުރައިދޫއަށް ދާށެވެ. ބައްޕަގެ ޙާލު ރަނގަޅިއްޔާ އޭނާ އަންނާނީ ބައްޕަ ގޮވައިގެނެވެ.

[މައްސަލައެއް ނެތް...މިގޭގައި ބައްޕައަށް އުޅެވިދާނެ. އަހަރެން ބޭނުން، އަހަރެންގެ ބައްޕަ މިރަށަށް ގެންނަން. ބައްޕަ ބަލަހައްޓާނީ އަހަރެން.] ޔަޝްފާ އޭނާގެ ދޮންބައްޕަ ވަޙީދާ މުޚާޠަބުކޮށް ބުންޏެވެ.

ޖެހިގެން އައި ދުވަހު ދޮންބައްޕަވެސް ގޮވައިގެން ޔަޝްފާ ގުރައިދޫއަށް ދިޔައެވެ. ނަމަވެސް ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އުޅޭ މަރުކަޒުގައި ހާޝިމެއް ނެތެވެ. ހާޝިމާ ބެހޭގޮތުން އެމަރްކަޒުން ބުނީ އޭނާ ފަރުވާޔަށްފަހު ރަނގަޅުވެގެން އެތަނުން ނިކުތްތާ މިހާރު ދިހަވަރަކަށް އަހަރު ވެފައިވާ ކަމަށާއި، އޭނާ ގުރައިދޫގައި ކައިވެންޏެއް ކޮށްގެން އުފާވެރި ދިރިއުޅުމެއްގައި އުޅެމުންދާ ކަމުގެ މަޢުލޫމާތުވެސް އެފަރާތަށް ލިބިފައިވާ ކަމަށެވެ.

[ކީއްވެބާ....ބައްޕަ ރަނގަޅުވީމާ އަހަންނާ ބައްދަލުކުރަން އަހަރެންގެ ކައިރިޔަށް ނައީ....އަހަރެން ބޭނުން ބައްޕައާ ބައްދަލުކުރަން.] ޔަޝްފާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. އެކަރުނައަކީ ދެ އިޙްސާސެއްގެ ކަރުނަތަކެކެވެ. ބައްޕަ ރަނގަޅުވުމުން ލިބުނު އުފާވެރި އިޙްސާސާއި، ބައްޕަ ފަރުވާޔަށްފަހު އޭނާޔާ ބައްދަލުނުކުރީތީ ލިބުނު ހިތްދަތިކަމުގެ އިޙްސާސެވެ.

ވަޙީދު ފުރަތަމަވެސް ޔަޝްފާ ގޮވައިގެން ދިޔައީ ގުރައިދޫ އޮފީހަށެވެ. އޮފީހަށް ގޮސް ހާޝިމް ކިޔާ މީހަކު އުޅެނީ ކޮން ގެއެއްގައިތޯ ބެލުމަށްފަހު، އެމީހުން ދެން ދިޔައީ ސީދާ އެގެޔަށް ދިޔުމަށެވެ.

ރަށުއޮފީހުން މަޢުލޫމާތު ލިބުނު ގޮތުގައި، ހާޝިމް އެރަށު މީހަކާ ކައިވެނިކުރިތާ މިހާރު ނުވައަހަރު ވެއްޖެއެވެ. މިހާރު އެދެމަފިރިންނަށް ތިންކުދިން ލިބުނުއިރު، އުޅެމުން ދަނީވެސް ހާޝިމްގެ މިހާރުގެ އަންހެނުންނަށް ލިބުނު ގޯއްޗެއްގައި ގެއެއް އަޅައިގެން އެގޭގައެވެ. ހާޝިމް އުޅެނީ އެރަށާ ކައިރި ރިޒޯޓެއްގެ ޑައިވިން ދޯންޏެއްގައެވެ.

[އައްސަލާމް ޢަލައިކުމް.....] ހާޝިމް އުޅޭ ގެ ކަމަށް ރަށުއޮފީހުގެ މުވައްޒަފަކު ދެއްކި ގޭގެ ދޮރުމައްޗަށް އަރަމުން ވަޙީދު ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއް ސަލާމް.] ގޭގެ މެދުގޭތެރެއިން ނިކުތީ ދެބައި ޢުމުރަށްވުރެން މައްޗަށް ގޮސްފައިވާ އަންހެނެކެވެ.

[މީތަ ހާޝިމް އުޅޭ ގެޔަކީ؟] ވަޙީދު އެހިއެވެ.

[އާނ...މީ ހާޝިމްގެ ގެޔަކީ. ހާޝިމާ ބައްދަލުކުރަން އައި ބައެއްދޯ. އެތެރެއަށް ވަދެ އިށީންނަންވީނު. މިވަގުތު ހާޝިމް ގެޔަކުވެސް ނޫޅޭ. އަހަރެން ގުޅާފައި ބުނާނަން، ބަޔަކު އައިސް ތިބި ވާހަކަ. މިހާރު ގެޔަށް އައުމުގެ މަގުމަތީގައި އުޅޭނީވެސް.] ހާޝިމްގެ އަންހެނުން ރިޔާސާ ބުންޏެވެ. ޔަޝްފާމެން އެތެރެއަށް ވަނެވެ.

އެގެޔަކީވެސް އާދައިގެ ފެންވަރަށްވުރެން ރަނގަޅަށް ހަދައި، ރަނގަޅު ފަރުނީޗަރު ވައްދާފައިވާ ސާފުތާހިރު ގެއެކެވެ.

[ތީތަ ހާޝިމްގެ އަންހެނުންނަކީ...ކޮބައިތަ ހާޝިމްގެ ކުދިން؟] ވަޙީދުމެން އެތެރެއަށް ވަދެ އިށީންނަމުން ރިޔާސާއާ ވާހަކަ ދެއްކިއެވެ.

[އާނ...އަހަންނަކީ ހާޝިމްގެ އަންހެނުން. ތިން ކުދިންވެސް އެބައުޅޭ ކޮޓަރިތެރޭގައި ފިލާވަޅު ހަދަން. ތިޔައީ ކޮންބައެއްތޯ؟] ރިޔާސާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުންޏެވެ.

[ދެނަހުރިންތަ....ހާޝިމްގެ ދަރިފުޅަކު މާލޭގައި އުޅޭކަން؟] ވަޙީދު ކުރީ ސުވާލެކެވެ.

[އާނ...އެނގޭ. ހާޝިމް އެކަމާ ވަރަށް ހިތާމަކުރޭ. އޭނާ އަބަދުވެސް އެދަރިފުޅުގެ މަތިން ހަނދާންކޮށްފައި ރޮއިހަދާ. އޭނާ ބުނަނީ އެދަރިފުޅު އޭނާދެކެ އެއްވެސްވަރަކަށް ލޯބިވާނަމަ އޭނާގެ ޙާލު ދެކެލަން މިރަށަށް އަންނާނެޔޭ. އޭނާ ރަނގަޅުވެގެން މާލެ ނުދިޔައީވެސް އެކަމާ ހެދި.] ރިޔާސާ ކިޔައިދިނެވެ. ރިޔާސާއަކީ ވަރަށް އޯގާތެރި ހެޔޮލަފާ އަންހެނެކެވެ.

[ނޫން...ނޫން...ތިހެން ނުބުނޭ. އަހަރެންގެ ބައްޕަޔަކީ ކާކުކަމާއި، ބައްޕަ އުޅެނީ ކޮންތާކުކަން އެނގޭނަމަ، އަހަރެން ބައްޕައާ ބައްދަލުކުރަން ނައިހެއް ނުހުންނާނަން. އިއްޔެއާ ހަމަޔަށް އަހަރެންގެ ބައްޕަ ކަމަށް އަހަރެން ދެކެމުން އައި މީހާ މިހުރީ. އަހަރެންގެ މަންމަ....] ޔަޝްފާގެ ބަޑި ފަޅައިގެންދިޔައެވެ.

އޭރު ޔަޝްފާގެ ވާހަކަތައް އަޑުއަހަން ހާޝިމް ގޭގެ ދޮރުމަތީގައި ހުއްޓެވެ.

[ދަރިފުޅުގެ މަންމަވެސް ބައްޕަޔާ ބެހޭ މަޢުލޫމާތެއް ނުދޭތަ؟] ޔަޝްފާ ރޯން ފެށުމުން ރިޔާސާއަށްވެސް އަސަރުކޮށްފިއެވެ.

[އަހަރެންގެ މަންމަ، އަހަރެންގެ ޢުމުރުން ފަސްއަހަރުގައި ނިޔާވެއްޖެ. މަންމަ ދުނިޔޭގައި ހުރިނަމަ މަންމަ ކިޔައިދިނީސް. އަހަރެންގެ ބައްޕަ ކޮބައިތަ؟ އަހަރެން ވަރަށް ބޮޑަށް ބައްޕަ ދެކޭހިތްވޭ.] ގިސްލަ ގިސްލާފައި ޔަޝްފާ ވާހަކަ ދެއްކިއެވެ.

ހާޝިމަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އެތެރެއަށް ވަދެ ދަރިފުޅާއޭ ކިޔައި ގޮވާލުމަށްފަހު، ދަރިފުޅުގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.

[ދަރިފުޅާ....ބައްޕައަށް މަޢާފްކުރޭ. އަބަދުވެސް ބައްޕަގެ ހިތް ބުނޭ...ދަރިފުޅު އަންނާނެޔޭ. ދަރިފުޅުގެ މަންމަ ދުނިޔެ ދޫކުރި ޚަބަރު ބައްޕަޔަށް ނުދިނީ ކީއްވެބާ. ބައްޕައެއް މަންމައެއްނެތި ތުއްތުއިރުން ފެށިގެން އުޅެމުންދާނީ ހާދަ ނިކަމެތި ޙާލެއްގައޭ ދަރިފުޅު.] ހާޝިމަށްވެސް ރޮވެނީއެވެ.

[ހާޝިމް...ތިކަމުގައި ކުށްވެރިޔަކީ އަހަރެން. ހުރިހާ ކަމެއްވެސް ސިއްރުކުރީ އަހަރެން. އަހަންނަށް ހާޝިމްގެ ތި ދަރިފުޅާމެދު ކަންތައް ކުރެވުނީވެސް ރަނގަޅަކަށް ނޫން. އަހަންނަށް މަޢާފްކުރޭ.] ވަޙީދުވެސް ހުރީ ފެންކަޅިވެފައެވެ.

[ބައްޕާ....ކޮއްކޮމެން މިތަނަށް ގެނެސްބަލަ. އަހަރެންގެ މިހާރުގެ ހުރިހާވެސް އުފަލަކީ ތިޔައީ. އަހަރެން ބޭނުންވަނީ އަހަރެންގެ ޢާއިލާއާއެކު އުފަލުގައި އުޅެން.] ޔަޝްފާ އަދިވެސް ބައްޕަގެ ގައިން ދޫކޮށެއްނުލައެވެ. އެވަގުތު ރިޔާސާ އޭނާގެ ތިންކުދިން ގޮވައިގެން އެތަނަށް އައެވެ. ޔަޝްފާ ތިންކުދިންގެ ގައިގައި ބައްދާލިއެވެ.

[ބައްޕާ...މިމަންމައާއި ކުދިން ގޮވައިގެން ހިނގާ މާލެ ދާން. ބައްޕަގެ ގެ ބައްޕައަށްޓަކައި އަދިވެސް އެބަހުރި.] ޔަޝްފާ ފަހަރަކު ކުއްޖަކާ ލޯބިކުރަމުން ނުހަނު އަސަރާއެކު ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ...މި ތިންކުދިންނަށްވާވަރުގެ ގެއެއް މިގެޔަކީ. މާލޭގައި ހުރި ގެޔަކީ ދަރިފުޅުގެ މަންމަޔަށް ބައްޕަ ދީފައިވާ ގެއެއް. އެގެޔަށް ބާރުފޯރުވޭނެ އިތުރު އެއްވެސް މީހަކު ނުހުންނާނެ.] ހާޝިމް ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

[ބައްޕާ...އަހަރެން މިހާރު ބޭނުންވަނީ ބައްޕަމެންނާއެކު ޙަޔާތުގެ ބާކީއޮތް ބައި ހޭދަކުރަން. ބައްޕަމެން މާލެ ނުދަންޏާ އަހަރެންވެސް އުޅޭނީ މިރަށުގައި ބައްޕައާއި ކޮއްކޮމެން ގާތުގައި.] ޔަޝްފާ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ. ހާޝިމް އޭނާގެ ދޮށީ ދަރިފުޅު އޭނާދެކެ ލޯބިވާކަން އެނގުމުން ވަރަށް ބޮޑަށް އުފާވެފައި ހުރެމެ، ދަރިފުޅާ މުޚާޠަބު ކުރަމުން ދިޔައިރު އޭނާގެ އަނބިމީހާވެސް ހުރީ އުފާވެފައެވެ. އޭނާގެ ކުދިންނަށް ހެޔޮލަފާ ދައްތައަކު ލިބުނީތީއެވެ. އެހެން ނޫނަސް ރިޔާސާއަކީ އޯގާތެރި އިޚްލާޞްތެރި އަންހެނެކެވެ.

އޭނާ ފިރިމީހާގެ ނިންމުންތަކަށާއި އުފާތަކަށް އަބަދުވެސް މަރުޙަބާ ކިޔައެވެ.

[ހާޝިމް ކޯއްޗެއްތަ ކާންހަދާނީ. މިއަދު ކޮންމެވެސް ރަނގަޅު އެއްޗެއް ކައްކަންވާނެއެއްނު.] ރިޔާސާ ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން ހާޝިމާ ވާހަކަ ދެއްކިއެވެ.

[މަންމާ...އިތުރު އުނދަގޫތަކެއް އުފުލުމުގެ ބޭނުމެއް ނެތް. އަހަންނަކީވެސް މިގޭ ކުއްޖެއް. މިގޭގައި ހުރި އެއްޗެއް އަހަރެމެންނަށްވެސް ކެވޭނެ.] ޔަޝްފާއަކީ އެއްވެސް ބޮޑާކަމެއް ނެތް ހިތްތިރި އަންހެން ކުއްޖެކެވެ. ނަމަވެސް ރިޔާސާ ބޭނުންވީ ކޮންމެވެސް އާ އެއްޗެއް ޔަޝްފާމެނަށް ދޭން ތައްޔާރު ކުރާށެވެ.

އޭގެފަހުން ޔަޝްފާގެ ދިރިއުޅުމަށް އައީ ނުހަނު އުފާވެރި ދުވަސްތަކެކެވެ. ޔަޝްފާއާއެކު އޭނާގެ ބައްޕައާއި ބައްޕަގެ ޢާއިލާވެސް މާލެއަށް ބަދަލުވިއެވެ.

އެންމެފަހުން އަމިއްލަ ކުށް ޤަބޫލުކޮށް ޔަޝްފާގެ ދޮންބައްޕައާއި އޭނާގެ އަންހެނުން ނަޝީދާއާއި ކުދިން އެގެއިން ނިކުތީއެވެ. ޔަޝްފާ އެމީހުން ގާތު އެގޭގެ އެއް ފްލޯރގައި ތިބުމަށް އެދުނު ކަމަށްވިޔަސް، އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޔަޝްފާގެ މަޢާފް ލިބެންޖެހޭނޭ ބައެއް ނޫނެވެ.

ޔަޝްފާގެ އެންމެ ތުއްތުއިރުން ފެށިގެން ޔަޝްފާގެ މުދަލާއި ފައިސާއިން އުފާކުރަމުން އައި ބަޔަކީ އެމީހުންނެވެ. ޔަޝްފާ އުޅެމުން އައީ ނުހަނު ހިތްދަތިކަމާއެކުގައެވެ.

[އަރުފާނަށާއި ތާރާއަށް ހުރިހާ ޝުކުރެއްވެސް ޙައްޤުވަނީ. އަހަރެންގެ ޙައްޤު އަހަންނަށް ލިބުނީ ތިދެމަފިރިންގެ އެހީތެރިކަމުގެ ސަބަބުން. ވަރަށް ބޮޑަށް ތޭންކްސް.]

ޔަޝްފާ ތާރާމެން އުޅޭ ގެޔަށް ގޮސް ތާރާއަށާއި އަރުފާނަށް ޝުކުރު އަދާކުރިއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ...ހިތްދަތިކަމުގައި ޒަމާންތަކެއް ވަންދެން އުޅުމަށްފަހު، ޔަޝްއަށް އާ ދިރިއުޅުމެއް ލިބުނީތީ....ތިކަމުގައި އަހަރެމެންނަށް އެހީތެރިވެދެވުނީތީވެސް އުފާވޭ.] ބަނޑަށް ދުވަސް ފުރިފައިވުމުގެ ސަބަބުން ބަރުހެލިވެފައިވާ ތާރާ ތެދުވަމުން ވާހަކަ ދެއްކިއެވެ.

[ތާރާ...އަހަންނަށް ފެންނަނީ ތާރާ ވިހައިގެން ރަށަށް ދެވެންދެން އަހަރެމެންގެ ގެޔަށް ބަދަލުވާން. އޭރުން އަހަރެންގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ. އަރުފާން ގާތު ބުނަންވީނު ބަދަލުވާން. ހަމަގައިމުވެސް އޭރުން ކުލި ސަލާމަތް ކުރެވޭނެ.] ޔަޝްފާއަކީ ރައްޓެހިންނަށްވެސް ކަމޭހިތާ ނަމޫނާ އަންހެން ކުއްޖެކެވެ.

ޔަޝްފާ އެގޮތަށް އެދުނު ކަމުގައިވިޔަސް، އެގެޔަށް ދާން އަރުފާން އެއްބަސްވުމަކީ ނާދިރު ކަމެކެވެ. އަރުފާނަކީ ޢާންމު މީސްމީހުންނާ ޚިލާފަށް އެކަނިވެރި އެކަހެރި ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ. މިހާރު އެގޭގައި ތާރާގެ މަންމަ ޞަފޫރާ އުޅޭތީވެސް އޭނާޔަށް އުނދަގޫވެއެވެ.

އޭނާ ބޭނުންވަނީ ތާރާއާއެކު އޭނާ އެކަނި އެކަހެރިކޮށް ވަގުތު ހޭދަކުރާށެވެ. އެއީ އޭނާގެ ޠަބީޢީ އާދައެކެވެ.

[ހިއެއްނުވޭ ތިކަމަށް އަރުފާން އެއްބަސްވާނެހެނެއް. އަރުފާނަކީ ވަރަށް ތަފާތު މީހެއް. އޭނާ ބޭނުންވަނީ ވަކިން އެކަނި އުޅެން.] ތާރާ ބުންޏެވެ. އޭރު އެތަނުގައި ތާރާގެ މަންމަ ޞަފޫރާވެސް ހުއްޓެވެ.

[އަރުފާން ދިޔައީ ކޮންތަނަކަށްތަ؟ އަހަރެން އަމިއްލައަށް އަރުފާން ގާތު ބުނާނަން...އަހަރެމެންގެ ގެޔަށް ބަދަލުވާށޭ. އެގޭގައިވެސް މިނިވަންކަމާއެކު އުޅެވޭނެޔޭ.] ޔަޝްފާ ބުންޏެވެ.

[އަރުފާން ދިޔައީ ތާރާޔަށް ދޭން ކުރުނބައެއް ހޯދަން ބާޒާރުމައްޗަށްހެން ހީވަނީ. ފަހަރެއްގައި އޭނަ އެއްބަސްވެދާނެ ތިގެޔަށް ދާން.] ޞަފޫރާ ބުންޏެވެ.

އެދުވަހު އަރުފާން ބާޒާރުން އައިސް ގެޔަށް ވަނުމާއެކު، ޔަޝްފާމެންގެ ގެޔަށް ބަދަލުވުމަށް އޭނާ އެދުނު ވާހަކަ ތާރާ އަރުފާން ގާތު ބުންޏެވެ.

[އަހަރެންގެ ޝައުޤުވެރިކަމެއް ނެތް. ފުރިހަމަ މިނިވަންކަމާއެކު ނޫޅެވޭނެ. މިހާރު މިއުޅޭގޮތް ހުރިހާ ގޮތަކުންވެސް ރަނގަޅުވާނެ.] އަރުފާން ބުންޏެވެ. ތާރާ ހީކުރިގޮތަށް އަރުފާން އެކަމަކަށް އެއްބަހެއް ނުވިއެވެ.

އެހެން ނަމަވެސް، ޔަޝްފާ ތަކުރާރުކޮށް އެދުމުން، އޭގެ ދެދުވަސްފަހުން، ޔަޝްފާގެ ގޭގެ ދެވަނަބުރީގައި ހުންނަ އެއްކޮޓަރީގެ އެޕާޓްމަންޓަށް ތާރާމެން ބަދަލުވިއެވެ.

ޙަޤީޤަތުގައިވެސް އެއީކީ އަރުފާނަށް އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. ގިނަބަޔަކު ވަދެ ނިކުމެ އުޅޭ ދޮރަކުން ވަދެ ނިކުމެ ހެދުމަކީ އޭނާއަށް މާބޮޑަށްވެސް ދަތިކަމެކެވެ.

ތަފާތު މީހުންނާ ކުރިމަތިލުމަކީ އޭނާއަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

[އަހަރެން މިގެޔަށް މިބަދަލުވީ ތާރާގެ އުފަލަށްޓަކައި. ތާރާގެ އެކުވެރިންނާ ތާރާ ގުޅުން ކެނޑެން ބޭނުންނުވާތީ. އަހަރެން އުޅޭހިތްނުވިޔަސް، ވިހައިގެން ގަދަވަންދެން މިގޭގައި އުޅޭނީ.] އަރުފާން ބުންޏެވެ.

މިހާރު ތާރާގެ ބަނޑަށް ދުވަސްވެސް ފުރިއްޖެއެވެ. މިހާރަކަށް އައިސް އަބަދުވެސް ހިސާބަކަށް ރިހުން ހުރެއެވެ.

[ތާރާ...އަހަންނަށް ހީވަނީ މިހާރު މާ ދުވަސްވެސް ވެއްޖެހެން. އަދިވެސް ވިހާކަށް ނުވޭތަ؟] ތާރާގެ ރަޙްމަތްތެރިޔާ ޝަހްލާ ތާރާގެ ބަނޑުގައި އަތް ޖައްސާލަމުން ބުންޏެވެ.

[މިހާރު ހިސާބަކަށް ރިއްސާ. އެކަމަކު އަދި ވިހާ ތަދުހެނެއް ހިއެއްނުވޭ. ރަނގަޅަށް ރިއްސަން ފެށީމާ ދާނީ. އެތަނަށް ގޮސް އެކަނިމާއެކަނި ވިއްސާ ކޮޓަރިތެރޭ އޮތުމަކީ ވަރަށް ހިތްދަތިކަމެއް. ފަހުން ޝިޔާން ނުގުޅާތަ؟] އަރުފާން ނެތުމުން ތާރާ ޝިޔާންގެ ވާހަކަ އެއްސެވެ.

[އިއްޔެގައި ގުޅި...ވަރަށް ދެރަވެފައި ތާރާގެ ވާހަކަ ދެއްކި. އޭނާ ބުނީ ސީދާ ތާރާ ގާތު ބުނަންޖެހޭ ވަރަށް މުހިންމު ވާހަކައެއްވެސް އެބައޮތޭ. އަހަރެން އެއީ ކޮންވާހަކައެއްތޯ ވަރަށް ސުވާލުކުރިން. އެކަމަކު ނުބުނި. އޭނާ ބުނީ އެއްވެސް ކުށެއްނެތި ތާރާ އޭނަޔާ ދިމާއަށް އެއްޗެހިކީ ކަމަށް. އަދި ބުނި އޭނާ ތާރާ ހޯދަން އެއްވެސް މީހަކު ލައްވައި ފަންޑިތަ ނަހައްދާ ކަމަށް.] ޝަހްލާ ބުންޏެވެ.

ޝަހްލާވެސް ރަށަށް ނުގޮސް މާލޭގައި މަޑުކޮށްގެން ހުރީ ތާރާ ވިހަންދެނެވެ.

[ޙަޤީޤަތުގައިވެސް އެދުވަހު އަހަންނަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް އަހަންނަކަށް ނޭނގެ. އަހަންނަށް ވަރަށްގިނަ އެއްޗެހި ކިޔުނު. ފަހުން ދެރަވެސްވި. އެކަމަކު އަރުފާން ބުނި...އެމީހުން ފަންޑިތަ ހެއްދި ވާހަކަ ދެއްކިއަޑު އެހީމޭ. ޝިޔާންގެ މަޤްޞަދަކީ ކޮބައިތޯ ބަލަން އޭނަގެ ވާހަކަ އަޑުއަހަން ގުޅަންވީކަންނޭނގެދޯ؟]

ދެންވެސް ތާރާ ވާހަކަ ދެއްކީ އަރުފާން އާދޭތޯ ވަށައިގެން ހޯދާލުމަށްފަހުގައެވެ.

[އަހަރެން ޝިޔާން ގާތު ބުނާނަން، ތާރާޔަށް ގުޅާށޭ. އޭރުން މާ ފަސޭހަވާނެއެއްނު.] ޝަހްލާއަށް މިހެން ބުނެވުނު ވަގުތަކީ އަރުފާނަށް އައިސް ވަދެވުނު ވަގުތެވެ. ނަމަވެސް އޭނާއަކަށް ޝަހްލާގެ ވާހަކަ އަޑުއިވުނުހެނެއް ހިއެއްނުވެއެވެ.

އެރޭ ޝަހްލާ ޝިޔާނަށް މެއިލެއް ފޮނުވައި ތާރާއަށް ގުޅުމަށް އެންގިއެވެ. ނަމަވެސް އެރޭ ޝިޔާނަށް މެއިލް ޗެކް ކުރެވުނީ ވަރަށް ދަންވެފައި ހުއްޓާކަމުން، އެރެޔަކު އޭނާ ތާރާޔަކަށް ނުގުޅައެވެ.

މިހާރު ޝިޔާން ނިންމާފައިވަނީ ހުރިހާ ވާހަކައެއްވެސް ތާރާއަށް ކިޔައިދޭށެވެ. އޭނާ ތާރާއާމެދު ވިސްނަން ފެށި ސަބަބާއި، އޭނާގެ އުނަގަނޑުގައި ތަވީދު އަޅައިގެން އުޅޭ ސަބަބުވެސް އޭނާ ބޭނުންވަނީ ކެތްތެރިކަމާއެކު ތާރާ އަޑުއަހައިފިނަމަ ކިޔައިދޭށެވެ.

ޝަހްލާ ފޮނުވި މެއިލް ކިޔާލުމަށްފަހު ޝިޔާން ވަރަށް އުފާވިއެވެ. ތާރާ ގުޅާށޭ ބުނި ކަމަށް ލިޔެފައި އޮތުމަކީ އޭނާއަށް ލިބުނު މާބޮޑު އުފަލެކެވެ.

ހަމަގައިމުވެސް ޝިޔާން ގުޅައި ތާރާއަށް ވާހަކަތަކެއް ކިޔައިދީފިނަމަ، އެކަން ވެގެންދާނީ ތާރާއާއި އަރުފާނުގެ ގުޅުމަށް ހުރަސްއެޅިގެންދާނޭ ކަމަކަށެވެ. އޭރުން ތާރާޔަށް ނޭނގޭ ކިތަންމެ ސިއްރުތަކެއް ފާޅުވެ، އަރުފާނާއި އޭނާގެ ޒަވާޖީ ޙަޔާތުގެ ވާފަށް ކެނޑުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް އަދި މިހާތަނަށް އެފުރްޞަތު އަރުފާން ވަނީ އެއްވެސް މީހަކަށް ނުދީފައެވެ. އަރުފާން ހުންނަނީ އެކަމަށްޓަކައި ކުރިޔާލާ ތައްޔާރުވެގެންނެވެ. ނަމަވެސް ނޭނގެނީ މިފަހަރު ވާނެގޮތެކެވެ. އޭނަޔަށް ކިތަންމެ ބޮޑު ލަނޑެއްވެސް ލިބިދާނެއެވެ.

ޝިޔާން ބޭނުންވަނީ ހެނދުނު އިރުއެރުމާއެކު ތާރާއަށް ގުޅާށެވެ. އޭނާޔާ ތާރާއާ ދެމެދު ހިނގާފައިވާ ހުރިހާ ކަމެއްވެސް ތާރާޔަށް ކިޔައިދޭން އޭނާ ބޭނުންވެއެވެ. އޭނާ ބޭނުންވަނީ ތާރާއަށް ހުރިހާކަމެއްވެސް އޭނާއަށް އެނގިފައިވާ މިންވަރަށް އޮޅުންފިލުވައިދޭށެވެ. އެހެން ނަމަވެސް އޭނާއަށް އެކަން ކުރެވޭނީ ތާރާއަށް ގުޅިއްޖެނަމައެވެ. ހަމަގައިމުވެސް ޝިޔާން ތާރާއަށް ގުޅަން އުޅޭކަން އެނގިއްޖެނަމަ، އަރުފާން އެފުރްޞަތު ބަންދުކުރުވާނެއެވެ. ޔަޤީނުންވެސް އެފުރްޞަތު ދީގެން އޭނާގެ ދިރިއުޅުމަށް ހުރަސްއެޅިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުއްސުރެން އަރުފާންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ހީވާކަހަލައެވެ. އޭނާގެ ދިރިއުޅުމަށް ކޮންމެވެސް ޠޫފާނީ ކަންތައްގަނޑެއް ލައިގަންނަން އުޅެނީ ކަމަށް އޭނާޔަށް ހީކުރެވެނީއެވެ.

ވެދާނެއެވެ. ޝަހްލާއާއި ތާރާ ކުރީ ދުވަހު ދެއްކި ވާހަކަތައް އޭނާޔަށް ކޮންމެވެސް ގޮތަކުން އަޑުއިވުނީއެވެ. އެހެންނޫނީ އޭނާ އެގޮތަށް ނުތަނަވަސްވެފައި ހުންނަންވީ ކީއްވެބާއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން