ފުލުހުން މީހަކު ހައްޔަރުކުރީ ބޭކިން ޕައުޑަރާއެކު ނޫންކަން ސާބިތުކޮށް ނުދެވުމުން ކްރިމިނަލް ކޯޓުން އެމީހާ ބަންދުން ދޫކޮށްލައިފިއެވެ

ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބު ނެރުއްވި އަމުރުގައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކޮށް ފުލުހުން އަތުލައިގަތް ތަކެއްޗަކީ ޙަޤީޤަތުގައިވެސް މަސްތުވާތަކެތިކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. ތުހުމަތު ކުރެވޭ މީހާގެ ދިފާއީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ބަދިގޭގެ ކަބަޑުން ފުލުހުން ނެގީ ބޭކިން ޕައުޑަރު ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާމެދު ޝައްކު އުފެދުމުން ތުހުމަތުކުރެވޭ މީހާ ދޫކޮށްލުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފުލުހުންނާ ޙަވާލާދީ ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އެއް ރަބަރު ޕެކެޓާއެކު އެމީހާ ހައްޔަރު ކުރިއިރު ސީންގައިވެސް އެއީ މަސްތުވާތަކެތި ނޫން ކަމަށް ތުހުމަތުކުރެވޭ މީހާ ބުނެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވަނީ އަތުލައިގަތީ މަސްތުވާތަކެތީގެ ކޮން ބާވަތެއްކަން ބެލޭނީ ތަހުލީލު ކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން ކޯޓުން ބުނެފައިވަނީ އަތުލައިގަންނަ މަސްތުވާތަކެއްޗަކީ ހަގީގަތުގައިވެސް މަސްތުވާ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ވަގުތީ ޓެސްޓް ކިޓުން ތަހުލީލު ކުރުމުގެ ބާރު ފުލުހުންނަށް އޮވެ އެކަން ކުރެވޭނެ މަގުވެސް އޮވެ، އެކަންނުކޮށް ޝައްކެއްގެ މަތީގައި މީހަކު ބަންދުގައި ނުބެހެއްޓެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން