ފިނިނޭވާ
ފިނިނޭވާ
10 ވަނަ އެޕިސޯޑް

==========

[ޝިޔާ.....ދެންމެ ތިބުނީ ކީކޭތަ؟...އާދޭސް ކުރަން ޝިޔާ....އަހަންނަށް ޝިޔާ ނޫން މީހަކުދެކެ ލޯތްބެއް ނުވެވޭނެ....] ޝިފާގެ ލޮލުންވެސް ކަރުނަ އައެވެ.

[އަހަރެން ބުނީ....އަހަރެންވެސް ޝިފާދެކެ ވަރަށް ބޮޑަށް ލޯބިވެޔޭ....އެކަމަކު އަހަންނަށްވުރެން ޝިފާގެ ލޯތްބާއި އޯގާތެރިކަން މިހާދަށް މާ ބޭނުމޭ.] ޝިޔާޒް އެނދުގައި އިށީންނަމުން ބުންޏެވެ.

[ނޫން...ތިހެން ނުބުނޭ ޝިޔާ....ޝިޔާޒް....ގެ ލޯބިން އަހަރެން މަޙްރޫމް ކުރަން ނުއުޅޭ....ރަޙްމަތްތެރިޔާގެ ޙައްޤުގައި އަހަރެންގެ ލޯބި ނީލަން ކިޔަން ޚިޔާލު ނުކުރޭ....] ޝިފާއަށްވެސް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ.

[މިހާދަށް ލޯބި ހޯދައިދިނުން އެއީ އަހަރެން މިހާދު ގާތު ވެފައިވާ ވަޢުދެއް. އެހެން ނޫނަސް، ދިރިހުރުމަށްޓަކައި މިހާދަށް ޝިފާގެ ލޯބި ބޭނުން...އަހަންނަށް މަޢާފްކުރޭ ޝިފާ....] ޝިޔާޒްގެ ދެލޯވެސް ކަރުނައިން ތެމުނެވެ. ޝިފާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

[އަހަންނަށް ތިހެން ނަހަދާ ޝިޔާ....އަހަރެން ކޮން ކުށެއްތަ ކުރީ.....] ޝިފާ ރޮމުން ޝިޔާޒްގެ ފައިގައި ހިފެހެއްޓިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގްވާން ފަށައިފިއެވެ. ޝިޔާޒް ޝިފާ ނެގުމަށްފަހު ދެލޯ ފޮހެދިނެވެ. ޝިޔާޒަށް ހިތްވަރު ކުރެވުނީ އެހާ ހިސާބަށެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ޝިފާ އޭނާގެ މެޔާލާ ބޮނޑިކޮށްލެވިއްޖެއެވެ. ފޯނު ނަގަން ހަނދާންވީވެސް އެއަށްފަހުގައެވެ.

[އަދިވެސް ނާންނަނީތަ....؟ ދިރިހުއްޓާ އެންމެފަހުން އަހަރެން ދުށް މީހަކަށްވާކަށް ޝިޔާ ބޭނުމެއް ނުވޭތަ؟....] މިޖުމްލައާއެކު ރޮއިގެންފައި ސީނާ ފޯނު ބޭއްވިއެވެ. ސީނާގެ އެޖުމްލައިން ޝިޔާޒް ނިކަން ކަންބޮޑުވެއްޖެއެވެ. އޭނާއަށް ހަދާނެގޮތް ހުސްވެއްޖެކަހަލައެވެ. އެވަގުތު އޭނާގެ ހިތް ބުނާކަހަލައެވެ. ސީނާ މަރުވެދާނެއެވެ. ސީނާ މަރުން ސަލާމަތް ކުރުމުގެ ފުރްޞަތު އޭނާއަށް ލިބިފައިވެއެވެ.

[ވަރަށް އަވަހަށް އެބަ އަންނަން.....] ޝިފާގެ ގައިން ދޫކޮށްލުމަށްފަހު، ޝިޔާޒް ގެއިން ނުކުތެވެ. ދެލޯ ފޮހެމުން ޝިފާ އެނދުގައި އޮށޯވެލިއެވެ.

ޝިޔާޒް ދިޔައީ ސީދާ ވިލިނގިއްޔަށެވެ. އޭނާއަށް ސީނާމެންގެއަށް ދެވުނުއިރު، މެންދަމުން އަނބުރާ ދޭއްޖަހާ ބޮޑުވެދާނެއެވެ. ދޮރާށި ހުޅުވާފައި އޭނާ ވަންއިރު، ގޯތިތެރޭ ހުރި ފަތްޖެހި އެނދެއްގައި ސީނާ ރޮއިރޮއި އިނެވެ. ދަންވަރުގެ ވަގުތުކަމުން، އޭނާގެ މަންމަވެސް އެވަގުތު އޮތީ ނިދާފައެވެ. ޝިޔާޒް މަޑުމަޑުން ހިނގާފައި އައިސް، ސީނާއާ ދާދި ގާތަށް ހުއްޓި ސީނާއަށް ގޮވާލިއެވެ.

[ސީނާ.......] ރޮއިރޮއި އިން ސީނާގެ ލޮލަށް ޝިޔާޒް ބަލައިލިއެވެ. ޝިޔާޒް ފެނުމުން، އިރުކޮޅެއް ވަންދެން ޤަބޫލުކުރަން ދަތިވެފައި އިނދެވުނެވެ.

[އަހަރެންގެ....ޝިޔާތަ ތިއީ......ޝިޔާ އައީތަ؟] ސީނާއަށް ތެދުވެވިއްޖެއެވެ. އޭރު ޝިޔާޒް ހުރީ ސީނާއާ ދެތިން ފޫޓެއްހާ ގާތުގައެވެ.

[އާނ...ސީނާ....] ޝިޔާޒް މަޑުމަޑުން ބުނެލިއެވެ. ލިބުނު އުފަލާއެކު ސީނާއަށް ޝިޔާޒްގެ އަތުގައި ހިފަހައްޓާލެވުމާއެކު، އޭނާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ. ޙަރަކާތް ހުއްޓިފައި ޝިޔާޒަށް ހުރެވުނީއެވެ.

[ޝިޔާ.....އަހަރެންދެކެ ލޯބިވަމޭ ދެން ބުނެބަލަ.] ސީނާ އިތުރަށް ޝިޔާޒްގެ ހަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި، ޝިޔާޒްވެސް އިޚްތިޔާރުން ބޭރުވުމާއެކު، އޭނާގެ ދެއަތްވެސް ސީނާ ވަށާލިއެވެ. ހިނދުހިނދުކޮޅުން ޙަރަކާތްތައްވެސް ބަދަލުވަމުންދިޔައެވެ. ޝިޔާޒްގެ ކޮންމެ ޙަރަކާތެއްވެސް ސީނާއަށް ވަރިހަމަކަހަލައެވެ. ޝިޔާޒްގެ އެ ޙަރަކާތްތަކުން ސީނާއަށް ލިބެމުންދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. ތަޖްރިބާ ކުރެވެމުންދިޔައީ މުޅިން އާ ކަންތައްތަކެކެވެ. ހުރިހާ ކަމެއް ވިސްުނުނީ މާފަހުންނެވެ. އޭރު ވަގުތުވަނީ ފާއިތުވެފައެވެ.

[އައި އޭމް ސޮރީ...ސޮރީ....] ކުރެވުނު ކަންތަކާ ދޭތެރޭ ފަހުން ޝިޔާޒް ދެރަވިއެވެ. ކުރެވުނީ ކުށެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. ހަމަ ވިސްނުން ސިކުނޑިއަށް ފައިދާވުމުން، ޝިޔާޒް ބޭނުންވީ އަވަސް އަވަހަށް ސީނާގެ ކުރިމަތިން ދިޔުމަށެވެ. އޭރު ސީނާވެސް ރޮނީއެވެ. ވެދާނެއެވެ. އޭނާއަށްވެސް ހަމަ ވިސްނުން ލިބުނީއެވެ.

[އަހަންނަށް މަޢާފްކުރޭ ސީނާ.] ދެރަވެފައި ހުރި ޝިޔާޒް އަނެއްކާވެސް މަޢާފަށް އެދުނެވެ. ސީނާ ރޮމުންގޮސް ގެއަށް ވަނެވެ. ޙަޤީޤަތުގައި ޝިޔާޒްދެކެ ކިތަންމެ ލޯބިވިޔަސް، ކުރެވުނު ކަންތަކާ ދޭތެރޭ ސީނާ ނިކަން ބޮޑަށް ދެރަވެއްޖެއެވެ. އޭނާ ދެރަވެ ނުރޯންވީ ސަބަބެއް ނެތެވެ. އެވަގުތާ ޖެހެންދެންވެސް އޭނާއަކީ ޢިއްފަތްތެރި ކަމަށް ނުހަނު ލޯބިކުރާ ކުއްޖެކެވެ. އެކަން އޭނާގެ ވަރަށްގިނަ ރައްޓެހިންވެސް ފާހަގަކުރެއެވެ. އެރޭ ވެދިޔަކަންތަކާ ދޭތެރޭ ވިސްނާފައި، އޭނާ ނިކަން ގިނައިރު ރުޔެވެ. އެހެން ނަމަވެސް، އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ޝިޔާޒް ގެއަށް އައިސް ވަންއިރުވެސް ޝިފާ އޭނާގެ އިންތިޒާރުގައި ހޭލާ އޮތެވެ. އެހެން އޮންނައިރު، އޭނާގެ ލޮލުން ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. ޝިޔާޒް ވަންގޮތަށް ހެދުންވެސް ބަދަލުނުކޮށް އެނދުގައި އޮށޯތެވެ. ޙަޤީޤަތުގައި އޭނާ މިހާރު އެއޮތީ ދާދި ކުޑަ ވަގުތުކޮޅެއް ކުރިން ކުރެވުނު ކަންތަކާ ދޭތެރޭ ވިސްނި، ދެރަ އިޙްސާސްވެފައެވެ.

[ޝިޔާ...އަޅެ އަހަރެން...އެކަނިކޮށްނުލާނަންދޯ؟] ޝިފާ ޝިޔާޒްގެ މޭގައި ބޯއަޅާލިއެވެ. ޝިޔާޒް އަނގައިންވެސް ނުބުނެ، އެނބުރެމުންދާ ސީލިންގ ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ހީވާކަހަލައެވެ. ޝިފާގެ އަޑު އޭނާއަކަށް ނީވޭމެއެވެ. އެހެން ހީވުމުން ޝިފާ އަނެއްކާވެސް ވާހަކަ ފެށިއެވެ.

[ޝިޔާ...ވާހަކަ ދައްކަބަލަ...ކޮންތާކުން ތިއައީ؟] ޝިފާ ޝިޔާޒްގެ ހަށިގަނޑުގައި ރަނގަޅަށް ބައްދާލިއެވެ. އެކަމުން އެވަގުތު ޝިޔާޒަށް އިޙްސާސް ކުރެވުނީ އުނދަގުލާއި ހިތްހަމަނުޖެހުމެވެ.

[އުނދަގޫނުކޮށް ނިދާލެވޭތޯ ބަލާބަލަ...މިވަގުތު އެއްވެސް ވާހަކައެއް އަހަންނަކަށް ނުދެއްކޭނެ....އަހަރެން ބޭނުންވަނީ އަރާމްކޮށްލަން.] ޝިޔާޒް ޝިފާއާ ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. ޝިފާ އެއްފަރާތަށް ޖެހިލިއެވެ.

އެރޭ ޝިޔާޒަށް ހަމަނިދިވެސް ނުލިބުނެވެ. ދޭތެރެ ދޭތެރެއިން ނިދި ނިދިފައި ހޭލެވެނީއެވެ. އެގޮތުގެ މަތިން ވަރަށް ފަތިހާވެސް އޭނާއަށް ހޭލެވުނެވެ. އޭރުވެސް ޝިފާ އޮތީ ގަދައަށް ނިދާފައެވެ. އެހެންކަމުން ނިދާފައި އޮތް ޝިފާގެ މޫނަށް ބަލަން އޮވެފައި އޭނާ ތެދުވެއްޖެއެވެ. އަދިވެސް އޭނާގެ ސިކުނޑީގައި ވަނީ އެހަނދާންތަކެވެ. އާއެކެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ޙަޔާތުގެ މިހާ ހިސާބަށް ދިޔައިރު އެނޫނީ ކައިވެނިން ބޭރުގައި އެފަދަ ޢަމަލެއް އޭނާއަށް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިހާރު އޭނާގެ ހިތް އޭނާ ގާތު ބުނާކަހަލައެވެ. ނޭނގި ނަމަވެސް އޭނާއަށް ޝިފާއަށް ބޭވަފާތެރިވެވިއްޖެއެވެ. އެކަން ޝިފާއަށް އެނގޭހިނދު، އޭނާ ވަަރަށް ދެރަވާނެއެވެ. އޭނާ މަޢާފްވެސް ނުކޮށްފާނެއެވެ.

[ޝިޔާ....ކޮންހާ ފިކުރުތަކެއްތަ ތިކުރަނީ؟] ޝިޔާޒް ސިއްސައިގެންދިޔައީ، ފަހަތުން އައިސް ޝިފާ އޭނާގެ ކޮނޑަށް އަތް ވައްޓާލުމުންނެވެ. އޭރު ޝިޔާޒް ހުރީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެނެވެ.

[އެއްވެސް ފިކުރެއް ނުކުރަން. ފާޑަކަށް ބޮލުގައި ރިއްސާތީ މިއުޅެނީ؟] ޝިޔާޒް އަނެއްކާވެސް އައިސް އެނދުގައި އިށީނެވެ.

[ޕެނެޑޯލް ގުޅައެއް ގެނެސްދެންތަ؟ ނިދި މަދުވީމަވެސް ބޮލުގައި ރިއްސާނެ. ބޭސް ކައިގެން ނިދަންވީނު.] ޝިފާ ސައިޑް ކަބަޑް ހުޅުވާފައި ދެގުޅަ ބޭސް ނެގިއެވެ. އެވަގުތު ސައިޑް ކަބަޑް މަތީގައި އޮތް ޝިޔާޒްގެ ފޯނު ރިންގުވާން ފެށިއެވެ. ޝިފާ ފޯން ނަގާފައި ޝިޔާޒްގެ އަތަށްދިނެވެ.

[ޝިޔާޒް.....އަދިވެސް މިހާދު ގެއަކަށް ނާދޭ. ދައްތަ ސިފައިންނަށްވެސް ގުޅައިފިން....] ރޮވިފައިވާ ނަސީމާގެ އަޑުން ޝިޔާޒް އިތުރަށް ހާސްވި ކަހަލައެވެ.

[އޭނ....އަދިވެސް ނާދޭތަ؟ ވަރަށް އަވަހަށް އަހަރެން އެބަދަން....] ބޭސްވެސް ނުކައި ތެޅިފޮޅެމުން ޝިޔާޒް ދިޔައީ މިހާދުމެން ގެއަށެވެ. ޙަޤީޤަތުގައިވެސް ޝިޔާޒް ވަރަށް ކަންބޮޑުވެއްޖެއެވެ. އޭނާއަށް މިހާދުމެން ގެއަށް ދެވުނުއިރު، މިހާދުގެ މަންމަ ނަސީމާ ގެއިން ނުކުންނަނީއެވެ.

[ކޮންތާކަށް ދައްތާ؟] ކާރުން ފައިބަމުން ޝިޔާޒް އެއްސެވެ. އޭރު ނަސީމާ ހުރީ ދާހިއްލާފޯވެފައެވެ. ހީވަނީ މަސައްކަތެއް ކޮށްކޮށް ވަރުބަލިވެފައިވާހެނެވެ.

[މިހާދު ހޮސްޕިޓަލުގަޔޯ.....ދެންމެ ހޮސްޕިޓަލުން ގުޅީވެސް. ވަރަށް ޙާލު ދެރަޔޯ.] ނަސީމާގެ ލޮލުން ކަރުނަހިލުނެވެ.

[އަވަހަށް....ހިނގާ....] ޝިޔާޒް އޭނާ އައި ޓެކްސީއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ގޮސް ނަސީމާވެސް ކާރަށް އަރައިފިއެވެ.

[އައި.ޖީ.އެމް.އެޗަށް....ވަަރަށް އަވަހަށް ދެވޭގޮތަށް އެންމެ ޓްރެފިކް މަދު މަގަކުން ދުއްވައްޗޭ....] ޝިޔާޒްގެ ހިތްވެސް އަވަސްވަމުންދިޔައެވެ. ޑްރައިވަރު ކާރު ދުއްވާލިއެވެ.

ޝިޔާޒާއި ނަސީމާއަށް ހޮސްޕިޓަލަށް ދެވުނުއިރު، މިހާދު އޮތީ ޙާލު ދެރަވުމުން، އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) އަށް ވައްދާފައެވެ. ޙާލު ދެރަވެފައި އޮތް ދަރިފުޅު ފެނުމާއެކު ނަސީމާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. އެވަގުތު އޭނާއަށް ހިތްވަރުދީ، އޭނާ ހުއްޓުވީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ޑޮކްޓަރ މިހާދުގެ ބައްޔާ ބެހޭގޮތުން އިތުރު ތަފްޞީލު ދިނީ، ޝިޔާޒް ގޮވައިގެން ދުރަށް ގޮސްފައެވެ.

[އޭނަގެ ޙާލު ވަރަށް ސީރިއަސް......މިތަނަށް ގެނައިއިރުވެސް އޮތީ ހުއްޓިފައި....] ޑޮކްޓަރ ވަރުމާ ކިޔާދިނެވެ.

ފަހުން ޝިޔާޒްމެނަށް މަޢްލޫމާތު ލިބުނު ގޮތުގައި، މިހާދު ގެއިން ނުކުމެގެންގޮސް އެރޭ އޮތީ ގެސްޓްހައުސްއެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެނައީވެސް އެތާނގެ ފަރާތުންނެވެ.

[ޑޮކްޓަރ އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ. ކިހިނެއްވެފައިތަ އެއޮތީ...] ނަސީމާ ރޮމުން ޑޮކްޓަރ ވަރުމާއާ މުޚާޠަބު ކުރިއެވެ.

[ހިތްވަރުކުރޭ...އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއްނުވާނެ.] ޑޮކްޓަރ ވަރުމާ ނަސީމާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުންޏެވެ.

[ދައްތާ އަހަރެން ގެއަށް ގޮސް ޝިފާ ގޮވައިގެން އެބަ އަންނަން.] ޝިޔާޒް ބޭނުންވީ ޝިފާ ގެނެސްގެންވެސް މިހާދުގެ ހިތަށް ހަމަޖެހުމެއް ހޯދައިދޭށެވެ.

ކުރީރޭގެ ކަންތައްގަނޑަށްފަހު ސީނާ ޝިޔާޒަށް ގުޅީ އޭނާ ހޮސްޕިޓަލްގެ ބެލްކަނީ (ނިވަތްދަށުގައި) ގައި ޓެކްސީއެއްގެ އިންތިޒާރުގައި ހުއްޓައެވެ.

[ޝިޔާ....އަމުދަކުން ދެން އަހަންނަކަށް ޝިޔާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ...ޝިޔާ އަހަންނަށް ވަރިހަމައޭ ދެއަންބަށް ވިޔަސް....] އާދައިގެ މަތިން ފުރަތަމަވެސް އިވުނީ ސީނާގެ އާދޭހުގެ އަޑެވެ. އެއީ އެއަޑެއް އިވިއިވި އޭނާގެ ކަންފަތުގައި ހަރުލާފައިވާ އަޑެކެވެ.

[ސީނާ އަހަންނަށް އުނދަގޫ ނުކުރޭ....ސީނާގެ ސަބަބުން އަހަންނަށް ވަރަށްބޮޑު އުނދަގޫތަކެއް އިޙްސާސްވާން ފަށައިފި....ސީނާ ދެން އަހަންނަށް ނުގުޅާނެ ކަމަށް ހީކުރަން.] ޝިޔާޒް ފޯން އެއްކޮށް އޮފްކޮށްލިއެވެ. އެވަގުތު އޭނާ އިންތިޒާރުކޮށްގެން ހުރި ޓެކްސީވެސް އައިސް ނިވަތްދަށަށް މަޑުކުރިއެވެ. ޝިޔާޒް ކާރަށް އެރުމާއެކު، ޑްރައިވަރު ކާރު ދުއްވާލިއެވެ.

ޝިޔާޒްގެ އެންމެފަހު ޖުމްލަވީ ސީނާގެ ހިތަށާއި ސިކުނޑިއަށް ހެރުނު ވިހަ ތީރުތަކަކަށެވެ. އެފޯނުކޯލަށްފަހު، އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. މިހާރު ޝިޔާޒްގެ ލޯބި އޭނާއަށް ނުލިބޭނެ ކަމަށް އޭނާއަށް ޤަބޫލުކުރެވެން ފެށުނެވެ.

[އަހަރެން އޭނައަށް...އުނދަގުލެއް ނުކުރާނަން. އަހަންނަށް ލޯބިވެވުނީ...ލޯބިވެވުނީ....] ހިތްދަތިވެގެން ގޮސް ސީނާފަކީރުގެ ސިކުނޑީގެ ހަމަ ބުއްދިވެސް ފިލައިދިޔަކަހަލައެވެ. އޭނާ އަމިއްލައަށް ބޯ ފާރުގައި ތަޅަންވެސް ފެށިއެވެ.

[އޭނައަށް އުނދަގޫކުރަން މިދުނިޔޭގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން.] ސީނާ ކުރިއަށްވުރެންވެސް ބާރަށް ފާރުގައި ބޯ ތަޅަން ފެށިއެވެ. އެވަގުތު ބޭރުގައި އުޅެފައި ގެއަށް އައިސް ވަން އަމީނާއަށް އެމަންޒަރު ފެނުމާއެކު، އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ސީނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، އެވަގުތު ސީނާއަށް އައިސްފައިވަނީ އާދަޔާ ޚިލާފު ބާރެކެވެ. އޭނާ އަމީނާވެސް ފޮޅުވާލިއެވެ. ދެވަނަފަހަރަށްވެސް އަމީނާ އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ.

[އަހަރެންގެ ގައިން ދޫކުރޭ....މިދުނިޔެމަތިން އަހަރެން ފޫހިވެއްޖެ...އަހަރެން...މަރުވިޔަދީ މަންމާ....] ސީނާ ރޮމުން އަމީނާގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެހިނދު ދެރަވުމުގެ އިތުރުން އަމީނާގެ ގާތަށް ރުޅިވެސް އައެވެ. އޭނާ ހޫނުއެތިފަހަރެއް ސީނާގެ ކަންކަށިމަތީގައި ޖަހައިފިއެވެ. އިޙްސާސް ކުރެވުނު ދިލަހޫނާއެކު ސީނާއަށް މަންމަގެ މޭގައި ބޯއަޅައިގެންފައި ރޮއިގަނެވިއްޖެއެވެ.

[ދަރިފުޅާ...ހިތްވަރުކުރޭ....] އަމީނާއަށްވެސް ރޮވުނެވެ.

[މަންމާ...އަހަރެން ޝިޔާދެކެ ވަރަށް ލޯބިވޭ.....ވަރަށް ލޯބިވޭ މަންމާ...] މިއީ ހަމަ ބުއްދީގައި ހުރެ ސީނާގެ ދުލުން ބޭރުވި އެންމެފަހުގެ ޖުމްލައެވެ. އާއެކެވެ. ހިތްދަތިކަން ބަދުރާސްތު ކުރުމަށް ކުޅަދާނަ ނުވުމުން، އޭނާގެ ހަމަ ބުއްދިފިލާ ދިޔައީއެވެ. އެއަށްފަހު އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ހުންނަނީ ގަނޑުވެފައެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް ޚިޔާލެއްގައި ހުންނަހެނެވެ.

[ދަރިފުޅާ ވާހަކަ ދައްކަބަލަ މަންމައާ....] އަމީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. އެވަގުތު ސީނާ އަމީނާގެ އަތުން ވީއްލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ، އެތެރެއިން ތަންޑުވެސް އަޅުވައިފިއެވެ.

ކާރު އައިސް ހޮސްޕިޓަލްގެ ނިވަތްދަށަށް މަޑުކުރުމާއެކު، ޝިޔާޒާއި ޝިފާ ކާރުން ފައިބައިފިއެވެ. މިހާދު އެހޮސްޕިޓަލްގައި އެނދުމަތިކޮށްފައި އޮތް ވާހަކަ އޭނާ ޝިފާ ގާތުގައި ބުނީ އެއަށްފަހުގައެވެ. އޭނާ ޝިފާ ގޮވައިގެން ގެއިން ނުކުތީ ބަލިމީހަކަށް ޒިޔާރަތް ކުރާށޭ ބުނެފައެވެ.

******************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން