ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތް ކޮށްފައިވާ ފުލެޓްތައް، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން އެ ފުލެޓްތައް ލިބޭ މުވައްޒަފުންނަށް ހަވާލު ކުރެވުން ވެގެންދިޔައީ ލިބިވަޑައިގެންނެވި ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް މިރޭ ވިދާޅުވީ، އޭނާ އެ ކުންފުނީގެ އެމްޑީކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ކަނޑައެޅި ޓާގެޓަކީ ޖުލައި 24 ވަނަ ދުވަހުގެ ކުރިން މުވައްޒަފުން ފުލެޓަށް ވެއްދުން ކަމަށެވެ. އަދި ދިމާވި ކުދިކުދި ސަބަބުތަކާހުރެ 12 ވަރަކަށް ދުވަސް ލަސްވެގެން ދިޔަނަމަވެސް، ޓާގެޓްކުރި ދުވަހާ ހަމައަށް ޖުމުލަކޮށް ހުރިހާ މަސައްކަތެއް ވެސް ހުރީ ނިމިފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އަމާޒު ކުރީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މުވައްޒަފުން ދިރިއުޅޭނެ ތަން ހަވާލު ކުރުމަށް ކަމަށާ، ސަބަބަކީ އެކަން ލަސްވެއްޖެނަމަ މުވައްޒަފުންގެ ދަރިން ވައްދަންވީ ސްކޫލެއް ޔަގީން ނުވެ އެ މުވައްޒަފުން ތިބެން ޖެހިދާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، މަސައްކަތްތައް ނިންމާ މުވައްޒަފުންނާ ފުލެޓް ހަވާލު ކުރުމުން ރޭ ވެސް ފުލެޓްގައި 3 އާއިލާއެއް ނިދިކަން އެނގިވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާފުޅުވެ ހިތްޕުޅު ހަމަ ޖެހިވަޑައިގަތް ކަމަށެވެ.

ސަރުކާރުގެ އިތުރު ކުންފުނިތައް ވެސް ހިމެނޭހެން އަޅާފައިވާ ފުލެޓްތަކަށް ކަރަންޓް ލުމުގެ މަސައްކަތް އެޗްޑީސީން ހަވާލު ކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ. ނަމަވެސް، އެ ކުންފުނީގެ މަސައްކަތް ލަސްވުމާއި ގުޅިގެން ސްޓެލްކޯއިން ނިންމީ ކަރަންޓާ ނަރުދަމާފަދަ ނުނިމި ހުރި މަސައްކަތްތައް ސްޓެލްކޯގެ ހަރަދުގައި އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ކުރުމަށެވެ.

ޝަރީފް މިރޭ ވިދާޅުވީ، ސްޓެލްކޯއިން އެ މަސައްކަތް އަމިއްލައަށް ނުކުރިނަމަ އަދިވެސް މުވައްޒަފުން ތިބެންޖެހޭނީ ފުލެޓަށް ނުވަދެ ކަމަށެވެ. އަދި ކުރިން އެ މަސައްކަތާ ހަވާލުކުރި ކުންފުންޏަށް އެ މަސައްކަތްތައް ނިންމާލެވޭނެކަމަށް ދީފައިވާ ތާރީހަކީ މި އަހަރުގެ ޑިސެންބަރު ހިސާބުގެ ތާރީހެއް ކަމަށް ޝަރީފް ވިދާޅުވީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން