- ޕްރޮފެސަރ ޙަސަން ޢުޤައިލް -

މިކައުނާއި ކައުނުގައި މާތްރަސްކަލާނގެ ލައްވާފައިވާ ތަކެއްޗާއި އެތަކެތީގެ ނިޒާމުތަކަށް ވިސްނާ ފިކުރު ހިންގައިފި ކޮންމެ މީހަކަށްވެސް ހިކުމަތްވަންތަކަމުގެ ނަމޫނާ މިސާލު ފެނިގެންދާނެކަމީ ކުޑަވެސް ޝައްކެތްއޮތް ކަމެއް ނޫނެވެ. ހަމައެހެންމެ، ދުނިޔޭގައިވާ ކުޑަކުޑަ ދިރުމަކަށް ވިއަސް ނަޒަރު ހިންގައި އޭގެ ދިރިއުޅުމާމެދު ވިސްނާލިއަސް އަޅުގަނޑުމެންގެ ސިކުނޑިތައް ސުމަކާ ހަމަޔަށް ވާސިލު ކުރުވާގޮތް ވެސް ވެއެވެ. ނޫންތޯ އެވެ؟



ހިންޏަކީ އޭގެ ޒާތުގައި ކުޑަކުޑަ، އެއްވެސް ހިކުމަތްތެރިކަމެއް އާރެއް ބާރެއް ނެތް އެއްޗެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު، ހިންޏަކީ ވެސް ދުނިޔޭގައިވާ ދިރޭތަކެތީގެ ތެރެއިން މިސާލެއްނެތްފަދަ އަޖައިބުކުރަނިވި މަޚްލޫގެކެވެ. މިކަން ފާހަގަ ކުރުމަށް ހިނީގެ އާދަޔާޚިލާފު ހުނަރެއްގެ ވާހަކަ ހާމަކޮށްދޭ ނަމެވެ.



ހިންޏަކީ އިންސާނުން ފަދައިން އިމާރާތް ކުރުމުގެ ހުނަރު ލިބިފައިވާ އެއްޗެކޭ ދެންނެވުމުން ހައިރާން ވޭ ހެއްޔެވެ؟ ހިނީގެ މިހުނަރަކީ ހަމަގައިމު ވެސް މިކަންތައް ހޯދާ ދިރާސާކުރި ސައިންސުވެރިން ހައިރާންކޮށްލި އާދަޔާހިލާފު ކަމެކެވެ. މިސާލަކަށް، ބިމުގެ އަޑީގައި ދިރިއުޅޭ ހިންޏަކީ އެސޮރުމެން އަމިއްލަ މަސައްކަތުން، ބިމުގެ އަޑީގައި ވައި ދައުރުކުރާނެ ފަދަ ނިޒާމުތައް ހަދައިގެން ދިރިއުޅޭ އެއްޗެކެވެ. އަދި މިނިޒާމުގެ ސަބަބުން، ޅަހިންޏަށް ކާންދިނުމަށްޓަކައި ބިމުގު އަޑީގައި އެސޮރުމެން ހައްދާ ގަސްގަހާގެއްސަށް ވައި ލިބެ އެވެ. ހިންޏަކީ އެސޮރުމެންގެ އަމިއްލަ ދިރިއުޅުމުގެ ބޭނުންތަކަށް ބިމުއަޑީގައި "ބޮޑެތި" އިމާރާތް ބިނާ ކޮށް ހަދާ އެއްޗެއް ވެސް މެއެވެ.

މިހަގީގަތް އާޖެންޓީނާގެ ސައެންސްވެރިންގެ ޓީމަކުން ތަހުލީލު ކޮށް ހާމަކޮށްދީފައި ވެއެވެ. މިގޮތުން، ވިނަތައް ކޮށާ ހިނީގެ ބައިގަނޑެއް ލެބޯޓްރީއަކަށް ގެންދިޔުމަށްފަހު، މަށްޓާއި، ހިމުން ވެލި އެސޮރުމެންނަށް ފޯރުކޮށް ދެވުނެވެ. އަދި ވާރޭވެހޭ ގޮތަށް އެތަނަށް ފެން އޮހޭގޮތް ވެސް ސައެންސުވެރިން ހެދި އެވެ. ދެން ފެނުނީ ހިނިތައް އެމީހުންގެ އިމާރާތް ކުރުމުގެ މަސައްކަތުގައި އަވަސްވި ތަނެވެ. އެސޮރުމެން އިމާރާތް ހަދާނިމުމުން، ސައެންސުވެރިން މައިކްރޮސްކޯޕުގެ އެހީގައި ހިނީގެ މަސައްކަތް ބަލާ ދިރާސާކުރިއެވެ.

މިގޮތުން، ހިނިތައް އިމާރާތްކޮށްފައިވަނީ، ވެއްޔާއި މަށި ބޭނުންކޮށްގެން ކުދިކުދި ބޯޅަތައް ހަދައިގެން އެ އަތުރައިގެންނެވެ. އިމާރާތުގެ އެއްވެސް ތަނެއް ހަލާކުވެއްޖެނަމަ، ހިނިތައް އެހަލާކުވިބައި ނެގުމަށްފަހު، އަލުން މަރާމާތުކުރަން ފަށައެވެ. މިދިރާސާއިން ހާމަވިގޮތުގައި ބިމުގެ އަޑީގައި ދިރިއުޅޭ ހިނިތައް ދިރިއުޅެނީ ގުދުރަތީ ހޮރުތަކުގެ ބަދަލުގައި އެސޮރުމެން އަމިއްލަ ހިކުމަތުގެ ބޭނުން ހިފައިގެން ކޮށްފައިވާ އިމާރާތްތަކުގައިކަން ވަރަށް ފުރިހަމައަށް ހާމަވެގެން ދިޔައެވެ.

މިބަޔާން ކުރެވުނީ ކުޑަ މިސާލެކެވެ. ހަމަ އެހެންމެ، ހިންޏަކީ ގޮވާންކޮށް އެހެނިހެން ދިރޭތަކެތި ގެންގުޅެ، އަދި ޅަހިނިތައް ގެންގުޅެ ބޮޑުކޮށް މިހުރިހާ ކަމެއް އެއްވެސް އަލިކަމެއް ނެތި ކަނުއަނދިރީގައި ކުރުމަށް ކުޅަދާނަ އެއްޗެކެވެ. އަދި ހިންޏަކީ އިންސާނުން މުއާމަލާތް ކުރާހެން ވާހަކަދައްކާ އުޅޭ އެއްޗެއް ނޫންކަމުގައި ވިއަސް، ދަތުރުކުރާއިރު، އެއްވެސް އަލިކަމެއް ނެތި ހަމައެކަނި އެހެނިހެން ހިނިތަކުގައި ބީހިލައިގެން އެސޮރުމެން މުއާމަލާތްކޮށް ހަދައެވެ. އެހެންކަމުން، ކަނުއަނދިރީގައި ހިނިތައް ކުރާ މަސައްކަތްތަކާ މެދު ވިސްނާލި ކޮންމެ މީހަކު ވެސް ހައިރާން ވާނެކަން ޔަގީނެވެ.

އާއެކެވެ. ކުޑަކުޑަ ހިންޏެއްގެ ދިރިއުޅުން ބައްޓަން ކުރެވިފައިވާ ހިކުމަތުގެ މައްޗަށް ދިރާސާގެ ނަޒަރެއް ހިންގާލިއަސް ހާމަވެގެން ދަނީ އަޖައިބުން ފުރިގެންވާ ފަދަ ކަންތައްތަކެވެ. މިއީ ވިސްނާ ފިކުރު ކުރާ މީހުންނަށް ލިބިގަނެވޭނެ މުހިއްމު ފިލާވަޅުތަކެއް ނޫންބާއޭ ހިތަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން