މުލީއާގެ ކައިރީގައި އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ބޭއްވި މައްސަލައިގައި ތ. ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 17 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

މި މައްސަލާގައި ހިމެނޭ ޒިހާންގެ އިސްތިއުނާފުގައި ހައި ކޯޓުން އިއްޔެ އިއްވި ހުކުމުގައިވަނީ އެ މައްސަލާގައި ޖަލަށްލި ތަލްއަތު މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަަށެވެ. އަދި ޒިހާންގެ މައްޗަށް ވެސް ކޮށްފައިވަނީ ހަމަ އެ ދައުވާ ކަމަށްވުމުން ޒިހާންގެ މައްޗަށް ދައުވާކުރީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުން ކުރެއްވި އެ ހުކުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިއްތިފާޤުން ނިންމަވާފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކަށް އެއަށްވުރެ ދަށުމަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭކަމަށާއި، އެހެންކަމުން ޒިހާން ޖަލަށްލާން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.

މި މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ހއ. ހޯރަފުށީ، އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އޭނާގެ އިތުރުން ދެން އެ މައްސަލައިގައި ހިމެނޭ، މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދުގެ އިތުރުން ހ.މިޓާޒް، ތަލްއަތު މުހައްމަދަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ އިއްވާފައިވަނީ 17 އަހަރުގެ ޖަލު ޙުކުމެކެވެ.

މި އެންމެންގެ ހުކުމްވެސް މަތީ މަރުޙަލާގެ ކޯޓުތަކުން މިހާރުވަނީ ބާތިލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން