ފިނިނޭވާ
ފިނިނޭވާ
11 ވަނަ އެޕިސޯޑް

==========

[އެނގޭތަ؟ އަހަރެން ޝިފާ ގޮވައިގެން އައިކަމެއް. މިހާދު އެބައޮތޭ މިތާނގެ އައި.ސީ.ޔޫ.ގައި...އަވަހަށް އާދޭ....] ޝިޔާޒް އެތެރެއަށް ވަދެގެން ހިނގައިގަތެވެ. ޝިފާ ކުޑަކޮށް ފަސްޖެހުނެވެ. އެހެން ނަމަވެސް، ދެވަނަފަހަރަށް ޝިޔާޒް ފަސްއެނބުރި ބަލައިލުމަށްފަހު، އައުމަށް އިޝާރާތް ކުރުމުން، ޝިޔާޒްގެ ފަހަތުން އޭނާވެސް ހިނގައިގެންފިއެވެ. އެމީހުނަށް އައި.ސީ.ޔޫ.ގެ ދޮރާ ހަމައަށް އާދެވުނުތަނާ ރޮމުން ގިސްލަމުން އެތަނުން ނުކުތީ މިހާދުގެ މަންމައެވެ. އޭރު އޭނާގެ ގައިގައި ހިފަހައްޓައިގެން ދެނަރުސް ކުއްޖަކުވެސް ތިއްބެވެ.

[ދަރިފުޅާ...ނޫން....މިހާދު މަރެއް ނުވާނެ....އާދޭސް ކުރަން އަދި ވައްދަބަލަ....] މިޖުމްލަތަކާއެކު ނަސީމާގެ ޚަބަރު ހުސްވިއެވެ. ދެނަރުސްކުދިންނާއި ޝިޔާޒްގެ އެހީގައި ނިކަން އަވަހަށް ނަސީމާ އަވަސް ފަރުވާދޭ ކޮޓަރިއަށް ގެންދެވުނެވެ. ޝިޔާޒް ނަރުސްކުދިންނާ ސުވާލުކުރީ އެއަށްފަހުގައެވެ.

[މިހާދަށް ކިހިނެއްވީތަ؟] ޝިޔާޒް އެއްސެވެ.

[މިހާދު މަރުވެއްޖެ. ޑޮކްޓަރު، މިހާދު ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި...އޭނާ މަރުވީ ހާރޓް ފެއިލްވެގެން.] ނަރުސް ކުއްޖާ ކިޔާދިނެވެ. ވަގުތުން ޝިޔާޒްގެ ދެލޯ ކަރުނުން ތެމިއްޖެއެވެ. ރޮމުން އިންޓެންސިވް ކެއަރ ޔުނިޓާ ދިމާއަށް ދުއްވައިގަނެވިއްޖެއެވެ.

[އަދި މިހާދު މަރެއް ނުވާނެ....] ދޮރު ހުޅުވާފައި އެތެރެއަށް ވަންނަމުން ޝިޔާޒަށް ބުނެވުނެވެ. ޝިޔާޒްގެ ފަހަތުން ޝިފާވެސް ވަދެއްޖެއެވެ. އޭރު ޝިފާގެ ލޮލުންވެސް ކަރުނަ އަންނަން ފަށައިފިއެވެ. ޝިޔާޒް ވަންގޮތަށް ވަދެ، ރޮމުން މިހާދުގެ ފުރާނަ ނެތް ހަށިގަނޑުގައި އޮޅުލައިގަތެވެ.

[މިހާދު...ލޯހުޅުވަބަލަ...އަހަރެން މިހުރީ ޝިފާވެސް ގޮވައިގެން އައިހޭ....އަހަރެން ވަޢުދުވީމެއްނު، މިހާދަށް މިހާދުގެ ލޯބި ހޯދަދޭން....] މޮޔައަކު ފަދައިން ޝިޔާޒް ރޮއިރޮއިފައި ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ޝިފާއަށްވެސް ރޮވެނީއެވެ.

[ނުރޮއޭ...ޝިޔާ....] ޝިފާ އައިސް ޝިޔާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ. ޝިޔާޒް ހަމައަކަށް އަޅުވައި، ވިސްނައިދިނީ އެވަގުތު އެތަނަށް އައިސް ވަން ޑޮކްޓަރާއި ނަރުހުންނެވެ. އޭނާ ހަމައަކަށް އެޅުނީ އެ އެންމެންގެ ނަޞޭޙަތާއި ހިތްވަރުގެ ބާރުގައެވެ.

އެރޭ ޝިފާގެ ލޮލަކަށް ނިންޖެއްވެސް ނާދެއެވެ. ލޯ މަރާލާއިރަށް އޭނާއަށް ސިފަވަމުންދަނީ، ހިނަވާ ކަފުން ކޮށްފައި އޮތް މިހާދެވެ. ބައެއްފަހަރަށް މިހާދު އައިސް އޭނާގެ ގާތުގައި އޮށޯންނަހެންވެސް ހީވެއެވެ. ލޯ މަރައިގެން އޮތް ނަމަވެސް، ޝިޔާޒްވެސް އެރޭ ހޭދަކުރީ އެފަދަ ހާލެއްގައެވެ. އޭނާއަށް ސިފަވަމުން ދިޔައީ މިހާދުގެ ހެޔޮ ޙަޔާތުގައި އޭނާއާއެކު އުޅެފައިވާ އުފާވެރި ދުވަސްތަކެވެ. އޭނާގެ ގާތުގައި ލޯތްބާ ބެހޭގޮތުން މިހާދު ދައްކާފައިވާ ތަފާތު ވާހަކަތަކެވެ.

[މިހާދު މަރުވީ ހާރޓް ފެއިލްވެގެން.] ނަރުސް ކުއްޖާގެ މިޖުމްލަ ޝިފާގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ. އޭނާއަށް އަބަދުވެސް އެ އަޑު އިވިއިވި ހުންނަ ކަހަލައެވެ.

[ޝިޔާ އަހަރެން ކީއްތަކުރީ...މިހާދަށް....އަހަރެން ކުށެއް ނުކުރަން...] ހެނދުނު ޝިޔާޒްގެ މޭގައި ބޯއަޅާލަމުން ޝިފާ ވާހަކަ ދެއްކިއެވެ.

[ކާކުތަ ޝިފާ ކުށްވެރި ކުރަނީ.....؟ ޝިފާގެ އެއްވެސް ކުށެއް ނެތް....] ޝިފާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ޝިޔާޒް ބުންޏެވެ.

[ޝިޔާ....އަހަރެން ބިރުގަންނަން ފަށައިފި. އަހަންނަކަށް ރެއަކު ނުވެސް ނިދޭ. ލޯ މަރާލާއިރަށް ފެންނަނީ މިހާދު....] ޙަޤީޤަތުގައިވެސް ޝިފާހުރީ ފިސާރި ބިރުގެންފައެވެ.

[އަހަރެން ބިރުވެސްގަނޭ. މީނަ ދޫކޮށްފަ ގެއިން ނުކުންނަންވެސް.] ސީނާގެ މަންމަ އަމީނާ ވާހަކަ ދެއްކީ ސީނާގެ ރަޙްމަތްތެރިޔާ މާއިޝާއާއެވެ. ފޯނުންނެވެ.

[ޑޮކްޓަރަކަށް ދައްކަންވީނު...އަހަރެންވެސް ވަރަށް އެބަ މަސައްކަތް ކުރަން މާލެދެވޭތޯ....] މާއިޝާ ބުންޏެވެ.

[ދައްތަ ނިކަން މަސައްކަތް ކޮށްފިން ގެންދެވޭތޯ. ދައްތައަކަށް އެކަމެއްނުވި. މިއަދު މިއުޅެނީ ޑޮކްޓަރަކު ގެންނަން. ނޫނީ ހިސާބުގަނޑު މީހެއްގެ އެހީގައި ހޮސްޕިޓަލަށް ގެންދެވޭތޯ.] މިހެން ބުނެވުނުއިރު އަމީނާއަށް ރޮވިއްޖެއެވެ.

[މިހާރު ސީނު ކޮބައިތަ؟] މާއިޝާއަށްވެސް އިންތިހާއަށް އަސަރުކޮށްފިއެވެ.

[މިހާދު ނިދިފައި އޮންނަތާ އިރުކޮޅެއްވެއްޖެ....ހޭލާހުރި ވަގުތެއް ވެއްޖެއްޔާ އަބަދުވެސް ރުއިން ނޫން ކަމެއް ނުކުރޭ ދަރިފުޅާ...ދައްތަ ހާދަ ވަރަކަށް ނަޞޭޙަތްދީފީމޭ....] އަމީނާއަށް ގިސްލެވުނެވެ.

[ދައްތާ....މިކަހަލަ ދަނޑިވަޅެއްގައި ދައްތަ ހިތްވަރު ދެރަނުކުރޭ...އިރާދަކުރެއްވިއްޔާ، ސީނުއަށް މާތްރަސްކަލާނގެ ދެރަގޮތެއް މެދުވެރިނުކުރައްވާށި....] މާއިޝާއަށްވެސް ރޮވުނެވެ. އެދުވަހުވެސް މާއިޝާއަށް ފޯނު ބާއްވަންޖެހުނީ ފިރިމީހާ އައިސް ކޮޓަރިއަށް ވަދެ ހަޅޭއްލަވައިގަތީމައެވެ.

އަވަށްޓެރިންގެ އެހީގައި އެދުވަހު ސީނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުނެވެ. ތަފާތު ދެތިން ޓެސްޓްތަކެއްވެސް ހެއްދިއެވެ.

[ބަނޑަށް...ހަ ހަފްތާ...ކޮބައިތަ ސީނާ ފިރިމީހާ.] ޓެސްޓަށްފަހު ޑޮކްޓަރު ދިނީ އަމީނާ ޙައިރާންކުރުވަނިވި ޚަބަރެކެވެ.

[އޭނ...ބަނޑަށް ހަ ހަފްތާއޭ...ރަނގަޅަށްތަ ތިބުނީ؟] އަމީނާއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. ޑޮކްޓަރ ބޯޖަހާލަމުން އިތުރަށް ޔަޤީންކޮށްދިނެވެ. އޭރު ސީނާ އޮތީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ.

ނިދިފައި އޮތް ޝިފާއަށް ހޭލެވުނީ މެދުގޭތެރެއިން މީހަކު އޭނާއަށް ގޮވާހެން ހީވެގެނެވެ. އޭނާ ތެދުވެގެންގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

[ޝިފާ އަހަންނަށް ތިހެން ނުހަދާ. ޝިފާގެ ތިނުރުހުމުން...އަހަރެންގެ ކެތްތެރިކަން ކޮޅުންލާފާނެ.....އަހަރެން މޮޔަވެދާނެ...ބުނޭ އާއެކޭ...ބުނޭ އަހަރެންދެކެ ލޯބިވަމޭ....] ކޮޓަރިން ނުކުތާއެކު، އޭނާގެ ކަންފަތުގައި ޖެހުނީ، އޭގެ ދުވަސްތަކެއް ކުރިން މިހާދު އޭނާގެ ގާތުގައި ކޮށްފައިވާ އާދޭހެއްގެ އަޑެވެ. އެ އަޑު އަންނަ ވަކިދިމާއެއް ނޭނގޭތީ، އޭނާއަށް ވަށައިގެން ހޯދާލެވެން ފެށުނެވެ. އޭރު އޭނާ ހުރީ ބިރުން ދާހިއްލާފޯވެފައެވެ.

[ކާކު....ކާކު.....] ޝިފާ ބިރުން ތުރުތުރުއަޅަން ފެށިއެވެ. ދެވަނަފަހަރަށް އެއަޑު އޭނާގެ ކަންފަތުގެ ހިނދުރި ފޫއަޅުވާލީ އެވަގުތެވެ.

[އަހަރެން..... ޝިފާގެ ލޯތްބަށްޓަކައި މިދުނިޔެއިން މަޙްރޫމްވީ މިހާދު.....] އަޑާއެކު އެވަގުތު ފެނުނު މަންޒަރަކުން ރޮމުން ސަލާމަތަށް އެދި ގޮވަމުން އޭނާއަށް ދުއްވައިގަނެވިއްޖެއެވެ. އާއެކެވެ. މެދުގޭތެރޭ އުނދޯލީގައި ރޮއިރޮއި އެއިނީ މިހާދު ނޫން ދެވަނަ މީހެއް ނޫނެވެ.

ހިކި އަނަރޫފަވެފައިވާ މިހާދުގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައި ވަނީ ސީދާ ޝިފާއާ ދިމާއަށެވެ.

[ނުދުވެ މަޑުކުރޭ ޝިފާ....ބިރުނުގަނޭ....އަހަރެން އައިސް މިހުރީކީ ޝިފާއަށް ގެއްލުމެއްދޭކަށް ނޫން....އަހަރެން މިއައީ ޝިފާގެ ލޯބި ހޯދަން....] މިހާދުގެ އަޑުގައި، ކުރީގައިވެސް ހުންނަފަދަ އަސަރުތަކެއް ހުއްޓެވެ. އަޑާއި ރާގުވެސް ތަފާތެއް ނޫނެވެ.

[ބިރުގަނޭ...އަހަރެން....ކާކުތީ؟] ބިރުން ޝިފާ ތުރުތުރުއަޅަން ފެށިއެވެ. މިހާދުގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

[އަހަންނަކީ މިހާދު. ޤަބޫލު ނުކުރެވެނީތަ؟] މިހާދު އެއްފައިން އުނދޯލި ހެއްލަން ފެށިއެވެ.

[ނޫން...ނޫން ތިއީކީ މިހާދެއް ނޫން. އޭނަ މަރުވެއްޖެ....] ޝިފާ ބިރުން ހަޅޭއްލަވަމުން ދުއްވައިގަތެވެ. ގެއިން ނުކުންނާށެވެ. އެއީ ބޭރުގައި އުޅުމަށްފަހު، ޝިޔާޒް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. ދޮރާށި ހުޅުވާފައި ނުކުތްގޮތަށް ޝިފާއަށް ލައްވެގަނެވުނީ ޝިޔާޒްގެ ގައިގައެވެ. ޝިޔާޒް ޝިފާ ހިފެހެއްޓިއެވެ.

[އަހަރެން....ބިރުގަނޭ...އެއީ މިހާދު....] ޝިފާ ޝިޔާޒްގެ މޭގައި ބޯއަޅާލާފައި ބާރުބާރަށް ރޮއިގެންފިއެވެ.

[އޭނ...މިހާދޭ ކާކު؟ މީހަކު އުޅެނީތަ އެތެރޭގައި....] ޝިޔާޒް ޝިފާ އަތުލަފިކޮށްގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

[ނޫން...ޝިޔާ...ނުކެރޭނެ ވަންނާކަށް. އޭނަ އުނދޯލީގައި އެބައިން...އޭނަ އަހަންނާ ވާހަކަވެސް ދެއްކި....] ބިރުގަނެ ހާސްވެފައިވުމުގެ ސަބަބުން އޭނާގެ ނޭވާވެސް އަވަސްވަމުންދިޔައެވެ.

[ޝިފާ....ސާބަސް ޝިފާއަށް. ތިކަހަލަ މޮޔަ ވާހަކަ ނުދައްކަބަލަ. މިހާދު ހިނަވާ ކަފުންކޮށްފައި ވަޅުލިތަން ޝިފާވެސް ދުށީމެއްނު.] ޝިޔާޒްގެ ގާތަށް ހިނިއައެވެ. ޝިފާގެ ވާހަކަވީ އޭނާއަށް ވަރަށް ހެއްވާ ވާހަކައަކަށެވެ.

[ހެޔޮނުވާނެ...ޝިޔާ، ޝިޔާ ގަބޫލުކޮށްބަލަ.] އެތެރެއަށް ވަންނަމުން ޝިފާ ބުންޏެވެ. އެތެރެއަށް ވަދެވުމާއެކު، ޝިފާއަށް ގޭތެރޭގެ އެކިދިމަދިމާއަށް ކަޅިއުކަން ފެށުނެވެ. އެވަގުތު އަނެއްކާވެސް އުނދޯލީގައި އިން މިހާދު ޝިފާއަށް ފެނުނެވެ.

[އެއިނީނުން އުނދޯލީގައި.] ޝިފާ މެދުގޭތެރޭ އުނދޯއްޔާ ދިމާއަށް އިނގިލި ދިއްކުރިއެވެ. ތެދެކެވެ. ޝިޔާޒަށް ނުފެނުނަސް އޭރުވެސް އެއުނދޯލީގައި މިހާދު އިނެވެ. އޭނާ އިނީ ސީދާ ޝިފާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[ކޮންތާކު....އަހަންނަކަށް ނުފެނޭ...] ޝިޔާޒް ޝިފާގެ އަތުން ދޫކޮށްލުމަށްފަހު އުނދޯއްޔާ ދިމާއަށް ހިނގައިގެންފިއެވެ.

[އަޅެ ޕްލީޒް ޝިޔާ...ނުދޭ ޝިޔާ މަޑުކުރޭ....] ޝިފާ ބޭނުންވީ ޝިޔާޒް ހުއްޓުވާށެވެ. ނަމަވެސް އޭނާ މަޑެއް ނުކުރިއެވެ. އޭނާ އެދިޔަގޮތަށް ގޮސް އެއުނދޯއްޔާ ދިމާ ކައިރިއަށް ހުއްޓިއްޖެއެވެ.

[ޝިފާ ތިބުނާ މީހަކު ކޮބައިތަ؟ މިތާ ކޮންތާކު ހުރި މިހާދެއް.] ޝިޔާޒް އުނދޯލީގައި އިށީނެވެ. އޭރުވެސް ހަމައެކަނި ޝިފާއަށް ފެންނަ މިހާދު އުނދޯލީގައި އެއްފަރާތެއްގައި އިނެވެ.

[އަޅެ ޝިފާ ތިއިނީއޭ....] ޝިފާގެ އަޑު ތުރުތުރުއަޅަން ފަށައިފިއެވެ. ޝިޔާޒް އުނދޯލިން ތެދުވެގެން އައިސް ޝިފާގެ ގާތަށް ހުއްޓުނެވެ. އޭރުވެސް ޝިފާގެ ކަޅި ހުއްޓިފައިވަނީ އުނދޯލިން އޭނާއަށް ފެންނަމުންދިޔަ މިހާދަށެވެ.

[ތީ ޝިފާއަށް ހީވާ ހީވުމެއް.....ހިނގާ ކޮޓަރިއަށް ދާން....] ޝިޔާޒް ޝިފާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެވުމާއެކު، ސީނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު ގާތުގައި އަމީނާވެސް އިނެވެ.

[މަންމައާ ވާހަކަ ދައްކަބަލަ ދަރިފުޅާ.] އަމީނާ ސީނާގެ ގާތުގައި އިށީނެވެ. އޭރު ސީނާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

ލޯބިވެވުނުފަހުން އެފަކީރުގެ ޙާލަތަކީ އެއީއެވެ. އެންމެ ގާތް ބައިވެރިއަކަށްވެފައިވަނީ ކަރުނައެވެ. އެހެން ނަމަވެސް، ފަހުން ކަރުނައިގެ އިތުރުން ބައިވެރިއެއްގެ ގޮތުގައި އެހެން ކޮންމެވެސް އެއްޗެއް އޭނާގެ މުށުތެރޭގައި އޮވެއެވެ. ނަމަވެސް، އެއީ ކޯއްޗެއް ކަމެއް އެކަކަށްވެސް ނޭނގޭމެއެވެ. ތަކުރާރުކޮށް އެތައްފަހަރަކު އަމީނާވެސް ސީނާ މުށަށްލައިގެން ގެންގުޅެނީ ކޯއްޗެއްތޯ ބެލުމަށް އުޅެފިއެވެ.

[ދަރިފުޅާ ކޯއްޗެއްތަ ދަރިފުޅު މުށަށްލައިގެން މިއުޅެނީ. މުށް ހުޅުވަބަލަ.] އަމީނާ ސީނާގެ އަތުގައި ހިފަހައްޓާލިއެވެ. ސީނާ އަތް ފޮޅުވާލިއެވެ. އެވަގުތު ފޯނު ރަނގަބީލުވާ އަޑު އިވުމުން، އަމީނާ ތެދުވެގެން ބޮޑުކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ފޯނު ރަނގަބީލްވާތާ އިރުކޮޅެއްގެ ފަހުން ޝިފާ ގޮސް ފޯނު ނެގިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ޝިޔާޒް ނިދާފައި އޮތެވެ.

[ހަލޯ...ހަލޯ....] ފޯނު ނެގުމަށްފަހު ފުރަތަމަ ޝިފާ ވާހަކަ ދެއްކިއެވެ. ނަމަވެސް، އެކޮޅުން އަޑެއް ނީވެއެވެ. އިވެނީ މީހެއްގެ ރުއިމެއްގެ އަޑެވެ.

[ހަލޯ...ކާކު؟] ޝިފާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ދެންވެސް އިވުނީ އެއަޑެވެ. ޝިފާގެ ހިތް ބާރަށް ތެޅެންފެށިއެވެ. އޭރުވެސް ރުއިމުގެ އަޑެއް ނުކެނޑެއެވެ. ދެން އިވުނީ ކޮޓަރި ދޮރު ހުޅުވުނު އަޑެވެ. ޝިފާއަށް ސިއްސައިގެން ގޮސްފައި އެދިމާއަށް (ދޮރާ ދިމާއަށް) އެނބުރިލެވިއްޖެއެވެ. ހަމައެއާއެކު، އޭނާއަށް ހަޅޭއްލަވައިގަނެވުމާއެކު، ފޯނުންވެސް އަތް ދޫކޮށްލެވުނެވެ. އާއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހުޅުވިފައިވާ ދޮރުމަތީގައި އެހުރީ މިހާދެވެ. ނަމަވެސް، މިފަހަރު ކުރިއާ ތަފާތެވެ. މިފަހަރު ފެންނަން ހުރި މިހާދުގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. އޭނާހުރީ ޝިފާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.

[ޝިޔާ.....ތެދުވެބަލަ....] ޝިފާ ޝިޔާޒްގެ ގައިގައި ކޮއްޓާލަމުން ގޮވަން ފެށިއެވެ. އޭރު އޭނާ ހުރީ ބިރުންގޮސް ދާހިއްލާފޯވެފައެވެ.

[ނުތެދުވާނެ ޝިޔާއެއް...]

ދޮރުމަތީގައި ހިނިއައިސްފައި ހުރި މިހާދުގެ އަޑުން ޝިފާގެ ބިރުވެރިކަން އިންތިހާއަށްދިޔައެވެ. އޭނާ ބާރުބާރަށް ރޮއިގަންނަމުން އަނެއްކާވެސް ޝިޔާޒަށް ގޮވަން ފަށައިފިއެވެ. ޝިޔާޒަށް ހޭލެވުނީ ޝިފާ ރޮއިރޮއިފައި ގޮވާތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

******************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން