ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގެ ތެރެއިން.
ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތުގެ ތެރެއިން.
ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ މީހަކުވެސް އެމީހަކު ވެރިކަމަށް އަންނަން ކުރާ މަސައްކަތުގައި ދަޢުލަތުގެ މުއައްސަސާތަކުގެ އަގުވައްޓާލާ އަދި އެ މުއައްސަސާތަކުގެ ވެރިންނާމެދު ރައްޔިތުންގެ މެދުގައި ނުރުހުމާއި ނަފުރަތު އުފެއްދުމަށް ކުރަމުންދާ ނޭދެވޭ ތުހުމަތުތަކާ ހަޤީގަތާއި ޚިލާފު ވާހަކަތައް ހުއްޓާލައި އެތަންތަނުގެ ޚިދުމަތާ އެތަންތަނުގެ ވެރީންގެ މައްސަލަތަކެއް ހުރިނަމަ އެކަންކަން ހައްލުކުރުމަށް ހުރި ސިސްޓަމާއި އޮނިގަނޑު އިސްލާހް ކުރަން ގިނައިން ވާހަކަ ދައްކަންވީއެވެ.


ޚާއްޞަކޮށް ސަލާމަތީ ޚިދުމަތްތަކާމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާ ނަފުރަތު އުފައްދާ އެ ނަފުރަތާ ރުޅިވެރިކަމުގެ ޖަޒުބާތުގައި ޖެހި އެމީހަކު ތާޢީދުކުރާ ސިޔާސީ ޕާޓީ އާއި ސިޔާސީ ލީޑަރު އެދައްކަމުންދާ ގޯސްމަގު އިޚްތިޔާރުކޮށް އެއީ ކަމުގެ ހަގީގަތްކަމާ އެފަދަ ސިޔާސީ ވާހަކަތަކަކީ މުޅީން ތެދުކަމަށް ޤަބޫލުކޮށް، އެފަދަ މުއައްސަސާ ތަކާމެދު އާންމުކޮށް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ މެދުގައި އެފަދަ މުއައްސަސާ ތަކާމެދު ރުޅިވެރިކަމާ ނަފުރަތާ ނުރުހުން އުފައްދައި އޭގެ ނަތީޖާއެއްގެ ގޮތުން މި ކުޑަކުޑަ މުޖުތަމަޢުގައި އެކަކު އަނެއްކަކަށް އެނގި ދަންނަ ހިނދު އެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ޕުރޮފެޝަނަލް މީހުނާ ދިމާއަށް އާންމުންގެ ކުރިމަތީގައި އިހްތިރާމާއި އަބުރު ގެއްލޭގޮތަށް ހިތުހުރި މިންވަރަކަށް ހިތުހުރި ވާހަކައެއް ދައްކާ ނިންމާލަނީ ތިމާ ތާޢީދުކުރާ ޕާޓީއާއި ޕާޓީގެ ލީޑަރުގެ ބަސް އެއީ ތެދުކަމަށް ޤަބޫލުކުރެވިގެންނެވެ.

އެފަދަ ވާހަކަތައް ކަމުގެ އެއްވެސް ހަގީގަތެއް ބެލުމަކާނުލާ ސިޔާސީ މަންފާއަކަށް ދައްކަވަމުންދާ ސިޔާސީ ލީޑަރުން އެފަދަ ވާހަކަތައް ދައްކަމުންދާއިރުވެސް އެބޭފުޅުންގެ ހަށިފާރަވެރިންގެ ގޮތުގައި އެ ތިއްބަވަނީ ވެސް އެ ވިދާޅުވާ އަގެއްނެތް މުއައްސަސާތަކަށް ނިސްބަތްވާ މުވައްޒަފުން ނޫންބާވައެވެ.؟ ނޫންނަމަ ސަލާމަތީ ޚިދުމަތްތަކުގެ ފަރާތުން ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދު ތަކަށް ބޯލަބައި ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ސަލާމަތީ ޚިދުމަތްތަކުގެ ފަރާތުން ދެމުންދާ ސެކިއުރިޓީ އާއެކުގައި އެބޭފުޅުން އުޅެމުން އެގެންދަވަނީ ހަޤީގަތުގައިވެސް ޔަގީންކަމާއި އިތުބާރުގެ ކަށަވަރުކަން އެ މުއައްސަސާތަކުގެ މައްޗަށް އޮންނާތީ ނޫންހެއްޔެވެ؟

ސިޔާސީ ކޮންމެ ލީޑަރަކުވެސް މަސައްކަތް ކުރާނީ އޭނާގެ ތާޢީދު އިތުރުކޮށް އޭނާބޭނުންވާ މިސްރާބަށް ދަތުރުކޮށް އަމާޒުހިފުމަށް ކަމަށްވީ ނަމަވެސް ސިޔާސީ ލީޑަރުން އާޚިރުގައި ރައްޔިތުންނަށް ވިއްކާ ސިޔާސަތުތައް ގަބޫލްކޮށް އާޚިރު ނަތީޖާއަކީ ރައްޔިތުންގެ ވޯޓުން ކާމިޔާބު ލިބިއްޖެނަމަ، ވެރިކަމާ ހަވާލުވުމުން ކުރިން ބުނި އަދި ވޯޓްހޯދުމަށް ދެއްކި ހަގީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން އެބަޔަކަށް ތާޢީދުކުރާ ރައްޔިތުންގެ ރުޅިވެރިކަމާ ނަފުރަތު ސަލާމަތީ ޚިދުމަތްތަކުގެ އެންމެހާ ފަރާތްތަކުގެ މައްޗަށް އުފެއްދި އުފެއްދުމުގެ ޒިންމާއިން ބަރީއަވެ އެއީ އަމުދުން ނުވެސް ހިނގާ ކަމެއްކަމަށް އަދި އެއީ ނުވެސް ދައްކާ ވާހަކައެއްކަމަށްވެ އެހަނދާންތައް ވެރިކަން ނިމެންދެން އޮންނަނީ ފޭދި ނިމިގޮއްސައި ނޫންތޯއެވެ؟ މާޒީގެ ވެރިކަންތަކުން އެފަދަ ކަންކަން ފާހަގަ ނުކުރެވޭތޯ؟
ޤާނޫނުއަސާސީ ގެ 67 ވަނަ މާއްދާގެ (ރ) އަށް އެކަނި ނަޒަރު ހިންގާލުމުން ވެސް މިފަދަ ކަންކަން ސިޔާސީ ބޭނުމަކަށް އަދި ވެރިކަމުގެ ދަހިވެތިކަމުގައި ކުރުން ހެޔޮވާނެތޯއެވެ، އެހެނީ ޤައުމުގެ އެންމެ މަތީ ވެރިމީހާ ކަމަށް އާދެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން ކިތަންމެ ބޭނުންވިޔަސް " ކޮންމެ މީހަކަށްމެ ލިބޭ ހައްގުތަކާއި މިނިވަންކަމާއި،އެމީހަކު އަދާކުރާންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސްކަމަށް ވީހިނދު،" (ރ) ދިވެހިރާއްޖޭގެ ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި،އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރުން ، މިޒިންމާ އާއި މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުމަށް، ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް ހާއްޞަ އިމްތިޔާޒްތަކެއް ޤާނޫނުއަސާސީން ލިބިދީފައިވާކަމަކަށް ފެންނާކަށް ނެތެވެ
މިހުރިހާ ކަމެއް ރޯމާދުވާލު ހިނގަމުންދާއިރުވެސް އަދި އެދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތައް ކަމުގައި ވީނަމަވެސް އަޅާފައިހުރި ސަލާމަތީ ޚިދުމަތުގެ ޔުނީފޯމާއި، ކޮށްފައިވާ ޤާނޫނީ ހުވައިގެމަތީގައި ކެއްތެރިކަމާއެކު އެވެރިންގެ ހަށިފާރަވެރިންގެ ގޮތުގައި ރައްކާތެރިކަމާއި ހިމާޔަތް ދީގެން މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބު އަދާކުރުންމަތީ ތިބި ދިވެހި ދަރީންގެ ހިތްތަކުގައި އުފެދެމުންދާނެ ކަންކަމާމެދު ވިސްނާނުލައްވާނަމުތޯއެވެ ނޫނީ އެމީހުންގެ ކަންފަތަށް އެފަދަ އަޑުތައް ނީވޭނެކަމަށް ހީވަނީ ތޯއެވެ އަދި ގެއްލިގެން އެދަނީ ހަމަ ތިމާގެ އަގުނޫން ދެން ކޮން އެއްޗެއް ތޯއެވެ.

އަޑަށް ލެވުނުހާ ބާރެއްލާފަ އިންޑިއާ އައުޓް، އިންޑިއާ މިލިޓަރީ އައުޓް، އަދި ނުވިތާކަށް ދިވެހީންނަށް އެތަކެއް ދާއިރާއިން ޚިދުމަތް ކޮށްދެމުންދާ އިންޑިއާގެ ރައްޔިތުން އައުޓް ހަގީގަތުގައި އައުޓްވާންވީ ކާކުކަން ޚުދު ތިމާއަށް ނޭނގުމަކީ އެހެންމީހުންގެ މައްސަލައެއްތޯއެވެ؟ ރައްޔިތުންގެ ލޭކައްކުވާލައި ހަމައިންނައްޓާލުމަށް ބޭނުންކުރަމުންދާ އަނެއް އުކުޅަކީ ބޭރުގެ ގައުމެއްގެ އަސްކަރީ ބަޔަކު ދިވެހިރާއްޖެ ބަނޑުދޮށުލައިގެން ދިވެހީންނަށް އެއްވެސް މިނިވަންކަމެއްނެތި ތިބިވާހަކަ ނޫންތޯއެވެ މިވާހަކަ މިގޮތަށް ދައްކަނީ ވެސް ޤާނޫނީ ހަމަތަކުގެމަތީން ދިވެހީންގެ މައްޗަށް ވެރިކަން ކުރުމަށް ފޫގަޅާގެން ހުރި މީހަކަށްވާއިރު އެމީހެއްގެ ވާހަކަތައް ހުންނާންވާނީ ވެސް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އިމުގެގެތެރޭގައި ނޫންހެއްޔެވެ އެހެންނޫންކަމަށްވާނަމަ އެދައްކަނީ ހުސް ދެކޮޅުނުޖެހޭ މުޅީންހެން ދޯހޮޅި ވާހަކައެވެ، މިކަން ދެނެގަންނާކަށް މާކައުނދަގޫ ފޯމިއުލާއެއް އީޖާދު ކުރާކަށް ނުވެސް ޖެހެއެވެ ކުރާންޖެހެނީ ހަމައެންމެކަމެކެވެ އެއީ ތިމާގެދުލުން ތިމާއަމިއްލަ ނަފުސަށާއި އެހެންމީހުނަށް ތެދުބަހުން ވާހަކަ ދެއްކުމެވެ، ތެދުބަހުން އެފަދަ ހައްސާސީ ވާހަކައެއް ނުދައްކާ ހަމައެކަނި ތިމާގެ މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ރައްޔިތުންގެ ލޭކައްކާލުމަށް ދައްކާއިރު އެފަދަ ހާލަތެއް ކަމެއް ކުރެވޭނެ ހަމައެކަނި ގޮތަކީ ކޮބާކަން ޤާނޫނުއަސާސީގެ 251 ގެ (ށ) ގައި ސާފު ރީތި ދިވެހިބަހުން ލިޔެ ބަޔާންކޮށްފައިވާކަން އެފަދަ ބޭފުޅަކަށް ނޭންގުމަކީ ދިވެހީން އެބޭފުޅަކާ ދިމާއަށް ވެރިކަމަށް ތަސައްރަފު ނުފުދެނީއްޔޭ ބުނުން މައްސަލައަކަށް ވާންޔާ އަޅުގަނޑު މިބުނީ އެވާހަކައެވެ.

ދެން ވަރިހަމަތާއެވެ. އަޅުގަނޑު މިހެން މިބުނީ ކީއްވެތޯ އަހާނެ މީހުން ތިބުމަކީ އެކަށީގެންވާކަމެކެވެ. ބުނެލަން އޮތީ މީ އަޅުގަނޑު ބުނާވާހަކައެއް ނޫންކަމެވެ. މީ ރައްޔިތުން އެމައްޗަށް ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ ބުނާވާހަކައެވެ. އެއީ ގާނޫނުއަސާސީގެ 251 (ނ) ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސްބައެއް އަސްކަރީ ބޭނުމަކަށްދީގެންނުވާނެއެވެ. މިހާ ސާފުކޮށް މިވާހަކަ ލިޔެބަޔާންކޮށްފައިވާއިރު އަދި މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް އެފަދަ މައްސަލައެއް ހުށަހަޅާފައިނެތްއިރު، އަދި އެ މަޖިލީހުން މިހާތަނަށް އެފަދަ ސަރަހައްދެއް ރާއްޖޭންބޭރުގެ އެއްވެސް ފަރާތަކަށް ދިނުމަށް ހުށަހަޅާ ބަހުސްކޮށް ފާސްކޮށްފައި ނުވާއިރު އުފަންނުވާ މައްސަލައެއް އަމިއްލައަށް އުފަންކޮށް މަކަރުވެރި ހީލަތްތެރި ގޮތެއްގައި ފޮރުވާފައިވާ ސިއްރު އެޖެންޑާއެއްގެ ދަށުން ރައްޔިތުންނަށް އޮޅުވާލާ ތިމާވެރިކަމަށް ގެނައުމަށް ވާގިވެރިވާ ގައުމުގެ އަސްކަރީ ބޭނުމަށް ފުރުސަތުހޯދުމަށް ކުރާކަމެއްނަމަ މިފަދަ މީހެއްގެ ސަހްސިއްޔަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އަދުލުވެރި ވެރިކަމެއް ކޮށްދެވޭނީ ކޮންހަމަޔަކުންހެއްޔެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ދިވެހި ގައުމާއި ރައްޔިތުންގެ ދިފާޢުގައި މޭއައްޑަނައަކަށް ދިއްކޮށްގެންތިބި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޝައްކާވަހުމާއި ނަފުރަތާ ރުޅިވެރިކަން އުފަންދައިގެން ލިބޭނެވަކި މޮޅެއްނޯންނާނެކަން ދަންނާށެވެ މީ މަގޭވެސް ޤައުމެވެ.

މީ އަޅުގަނޑަށް ފެންނަ އަޅުގަނޑުގެ އަމިއްލަޚިޔާލެވެ. މިޚިޔާލާ ކޮންމެހެން ތިބޭފުޅުންގެ ޚިޔާލު އެއްގޮތްވާކަށް ނުޖެހެއެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލަށް އިހްތިރާމްކުރައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު