ފިނިނޭވާ
ފިނިނޭވާ
12 ވަނަ އެޕިސޯޑް

==========

[ޝިފާ ކިހިނެއްވީ؟] ޝިޔާޒް ތެދުވިއެވެ. ޝިފާ ރޮމުން ޝިޔާޒްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[އަހަރެން ސަލާމަތްކުރޭ ޝިޔާ....މިހާދު އަހަންނަށް އުނދަގޫ ކުރަނީ....] ޝިފާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ.

[މިހާދޭ، ކޮބައިތަ ތިބުނާ މިހާދަކު. ތިއީ ހަމައެކަނި ޝިފާއަށް ފެންނަ މިހާދެއްތަ؟] ޝިޔާޒް ވަށައިގެން ހޯދާލިއެވެ.

[ޝިޔާ ބަލާލަބަލަ އެހުރީނުން ދޮރުވެސް ހުޅުވިފައި. ދެންމެވެސް އޭނަ ހުއްޓޭ ދޮރުމަތީގައި....] ޝިފާ މިފަހަރު ބަލައިލިއިރަކު މިހާދެއް ފެންނާކަށް ނެތެވެ. ދޮރުވެސް ހުރީ ހުޅުވިފައެއް ނޫނެވެ. ދޮރުހުރީ ޝިޔާޒްވެސް ނިދިއިރު ތަޅުލިގޮތަށެވެ. އެހެންކަމުން، ޝިފާގެ ވާހަކަ މިފަހަރުވެސް ޝިޔާޒަކަށް ގަބޫލެއް ނުކުރެވުނެވެ.

[ޝިފާ، ޝިފާއަށް ތިޔަހުރީ މިހާރު ޝައްކު ބައްޔަށް ބޭސްކުރަން ވެފައެއްނު. އެހެންޏަ ޝިފާ ބުނީ ދޮރުހުރީ ހުޅުވާފައޭ.] ޝިޔާޒްގެ ގާތަށް މިފަހަރުވެސް އައީ ހިންޏެވެ. އެރޭ ޝިފާ ހަމައަކަށް އެޅުނީ، ޝިޔާޒް ވަރަށްގިނަ ގޮތްގޮތަށް އޭނާއަށް ވިސްނައިދީ، ނަޞޭޙަތްތެރިވީމައެވެ. އެރެއަކުވެސް ޝިފާއަކަށް މިހާދު އެގޭތެރެއިން ފެންނަ ކަމަށް ޝިޔާޒަކަށް ސާބިތުކޮށެއް ނުދެވުނެވެ.

އެހެން ނަމަވެސް، އޭނާއަށް ޔަޤީންވެއެވެ. އޭނާއަށް ފެންނަނީކީ ހުވަފެންތަކެއް ނޫނެވެ. އެއީ ހަމަ މިހާދެވެ. އަޑަކީވެސް ހަމަ އެއަޑެވެ. ރާގުވެސް ބަދަލެއް ނުވެއެވެ. ހަމަ އެރާގެވެ. މޫނުމަތިން ފާޅުވަނީވެސް ހަމަ އެއަސަރުތަކެވެ. އިވެނީ ހަމަ އޭރުވެސް ބޭނުންކުރި ޢިބާރާތްތަކެވެ.

[ދަރިފުޅާ ކިހިނެއްތަ ތިކަން މަންމަމެން ޤަބޫލުކުރާނީވެސް.] ޝިފާގެ މަންމަ ޒާހިޔާއަކަށްވެސް އެކަން ގަބޫލެއް ނުކުރެވުނެވެ.

[ހަމަ ތެދެކޭ މަންމާ. މަންމަ ނިކަން ގަބޫލުކޮށްބަލަ. އަހަންނަށް ފެނި އުނދަގޫ ކުރަނީ ހަމަ މިހާދޭ. މިހެން އުޅެން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ.] ޝިފާ މަންމަގެ މޭގައި ބޯއަޅާލަމުން ރޮއިގަތެވެ. އެއީ ޝިޔާޒްވެސް ގޭގައި ނޫޅޭ ވަގުތެކެވެ.

[ޝިޔާވެސް އަހަރެން ބުނެބުނެ ގަބޫލެއް ނުކުރޭ. އަހަންނަކަށް ނުވިސްނޭ، އެކަން މަންމަމެނަށް ސާބިތުކޮށްދޭނެ ގޮތެއްވެސް.] ޝިފާއަށް ގޮތްހުސްވި ކަހަލައެވެ.

މިހާރަކަށް އައިސް އޭނާއަށް އެކަނި ތަނަކަށް ދާންވެސް، ތަނެއްގައި ހުންނާކަށްވެސް ނުކެރެއެވެ. އެހެންކަމުން، ޝިޔާޒް ގޭގައި ނޫޅޭ ވަގުތެއް ވެއްޖެއްޔާ، އޭނާ ވަގުތު ހޭދަކުރަނީ މަންމައާ އެކުގައެވެ. ނޫނީ ކޮންމެވެސް ރަޙްމަތްތެރިޔަކާ އެކުގައެވެ.

ކިރުކުލައިގެ ދޮންވެލިގަނޑުގައި ބީހިލާފައިދާ ރާޅުތަކަށް ނަޒަރު ހުއްޓައިގެން އިނަސް، މިހާރަކު އޭނާގެ ޚިޔާލުގައި އެއްވެސް ކަމެއް ދައުރުވާހެނެއް ހިއެއްނުވެއެވެ. އެހެން ރާޅުޖަހާ ފަށުގައި އިންނައިރު، އޭނާ ސިފަވަނީ ހިލައިގެ ބުދަކާއެވެ. އޭނާ އެއްވެސް ޙަރަކާތެއް ނުމެކުރޭމެއެވެ. ދުރުން މާދުރުން ދެޖިންސުގެ ތަފާތު ޢުމުރުތަކުގެ ޒުވާނުންގެ ޙަރަކާތްތައް ފެންނަ ކަމުގައިވިޔަސް، އެހިސާބުގައި އޭނާގެ ގާތުގައި އޭނާގެ މަންމަ ފިޔަވައި އިތުރު މީހަކު ނެތެވެ. މަންމަ އިނީ އޭނާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މާޔޫސްވެފައެވެ. މަންމަގެ ދެލޮލަށް ގިނަވެފައިވާ ކަރުނަތަކުން އެކަން ނިކަން ރަނގަޅަށް ސާބިތުވެއެވެ. ދޭތެރެ ދޭތެރެއިން އޭނާ ދެލޯ ފޮހެލައެވެ.

[ދަރިފުޅާ ސީނާ....ދެން ހިނގާ ގެއަށްދާން.] އަމީނާ އޭނާގެ ދެލޮލަށް ގިނަވި ކަރުނަތައް ފޮހެލަމުން ސީނާގެ ގާތަށް އައިސް އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. ސީނާ އިސް އުފުލައި މަންމަގެ މޫނަށް ބަލާލިއެވެ. އަމީނާ ސީނާގެ ދެއަތުގައި ހިފައި ނެގިއެވެ. ސީނާ މަންމަ ފޮޅުވާލުމަށްފަހު، އަނެއްކާވެސް ދޮންވެލިގަނޑު މަތީގައި އިށީނދެއްޖެއެވެ. މާޔޫސީ ގޮތަކަށް އަމީނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

[ދަރިފުޅާ...އަދި ފަހުން މިތަނަށް އަންނާނީ، ހިނގާ ދާން....] އަމީނާ އަނެއްކާވެސް ސީނާގެ އަތުގައި ހިފެހެއްޓިއެވެ. މިފަހަރު ސީނާ އިތުރު ބާރެއް ނުދައްކައެވެ. މަންމައާއެކު ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. އެދުވަހު އަމީނާ ސީނާ ގޮވައިގެން ގޮސް ގެއަށް ވަންއިރު، އެގޭ ސިޓިންގރޫމް (ބޮޑުކޮޓަރީ) ގައި މާއިޝާ އައިސް އިނެވެ.

[ސީނު....ދައްތާ...އަހަރެން އައިސް އިންނަތާ މިހާރު ކޮންއިރެއް.] މާއިޝާ ސީނާގެ އަތުގައި ހިފަހައްޓާލިއެވެ. ސީނާ ހުރީ ނުވެސް ދަންނަ މީހަކު އަލަށް ފެނުމުން ބަލަހައްޓައިގެން ހުންނަފަދަ ގޮތަކަށް މާއިޝާއާ ދިމާއަށް ބަލަހައްޓައިގެނެވެ.

[ދަރިފުޅާ މާއިޝާ މިއަދުތަ މާލެ އައީ؟] އަމީނާ އެތެރެއަށް ވަންނަމުން އެއްސެވެ. މާއިޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ސީނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

[ފިރިމީހާވެސް މާލެ އައީތަ؟] ދެންވެސް އަމީނާ ކުރީ ސުވާލެކެވެ. އަމީނާގެ މިސުވާލާއެކު މާއިޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. އެކަން އަމީނާ ދަނެގަތްވެސްމެއެވެ.

[ކިހިނެއްވީ؟ ދެމަފިރިންގެ ގުޅުން ރަނގަޅު ނޫނީތަ؟] އަމީނާ އެއްސެވެ.

[ތިވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ ދައްތާ....ކައިވެނީގެ ކުރިން އުފަލުގައި އުޅުނަސް، ކައިވެނީގެ ފަހުން އަހަރެން އުޅެނީ ވަރަށް ނިކަމެތި ހާލެއްގައި...ލިބޭ އުފަލަށްވުރެން ހިތާމައާއި ހިތްދަތިކަން ބޮޑު. އިންއިރު އަހަރެން ހީކުރިން، އޭނާގެ އުޅުން އަހަންނަށް އިޞްލާޙު ކުރެވިދާނެ ކަމަށް. އެކަމަކު އޭނައަކަށް އެވަބާއަކުން ސަލާމަތެއް ނުވެވުނު.] މާއިޝާގެ ލޯ ފެންކަޅިވިއެވެ.

[މިހާރު އޭނާ ކޮބައި...؟] އަމީނާ އަހާލިއެވެ.

[ސެންޓަރުގައި...ދެން އޭނަގެ ވާހަކަ ހުއްޓާލާ. ސީނު އެއްވެސް ގޮތަކަށް ވާހަކަ ނުދައްކަނީތަ ދައްތާ.....] މާއިޝާ މައުޟޫޢު ބަދަލުކޮށްލިއެވެ.

[އާނ....މާއިޝާ...ތިމަންޖެއާ ދޭތެރޭ ވިސްނާ ވިސްނާ މިހާރު އަހަރެންގެ ހިތް ހަލާކުވެއްޖެ.] އެހެން ބުނެވުނުއިރު، އަމީނާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

[ސީނު...މާއިއާ ވާހަކަ ދައްކަބަލަ. ކޯއްޗެއްތަ މުށަށް ލައިގެން ތިއުޅެނީ.] މާއިޝާ ސީނާގެ މުށް ހުޅުވަން މަސައްކަތް ކުރިއެވެ. ސީނާ މާއިޝާގެ އަތް ފޮޅުވާލިއެވެ.

މި އާދައިގައި ދުވަސްތައް ފާއިތުވަމުން ގޮސް، ސީނާގެ ބަނޑަށްވެސް ދުވަސް ފުރިއްޖެއެވެ. ނަމަވެސް، އޭނާގެ ޙާލަތެއް ބަދަލެއް ނުވެއެވެ. ދެލޮލުން ކަރުނަ ހުހެއް ނުވެއެވެ. ހަމައެހެންމެ، މުށެއްވެސް ނުހުޅުވައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި، މާއިޝާ ޝިޔާޒާ ދިމާވޭތޯ ނިކަން މަސައްކަތް ކުރިއެވެ. ހޯދި ހޯދުންތަކުންނާއި ލިބުނު މަޢްލޫމާތުތަކުން އެނގުނީ، އޭނާ މަސައްކަތްކުރާ އޮފީސް ބަދަލުވިކަމެވެ.

[މިހާރު ބަދަލު މިވެވުނީ މާ މަސައްކަތް ބުރަ އޮފީހަކަށް....] ޝިޔާޒް ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ޝިފާއާއެވެ. އޭރު ޝިފާ ޝިޔާޒަށް ސައި ހަދަނީއެވެ. ޝިޔާޒް އިނީ ސައިބޯން ތައްޔާރަށް މޭޒުދޮށުގައި އިށީނދެގެންނެވެ. އެވަގުތު ސިޓިންގރޫމުން އެއްޗެއް ވެއްޓި ތެޅުނު އަޑަށް ދެމީހުނަށްވެސް ސިހުން ލިބުނެވެ.

[ކޮންއަޑެއް؟ ޝިފާދޭބަލަ ބަލައިލާފައި އަންނަން....] ސައިބޯން ފަށަމުން ޝިޔާޒް ބުންޏެވެ. ކުޑަކޮށް ފަސްޖެހޭގޮތްވި ނަމަވެސް، ޝިފާ ސިޓިންގރޫމާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ދެވަނަ އެއްޗެއްވެސް ތެޅުނު އަޑު އިވިއްޖެއެވެ. ނަމަވެސް، ޝިފާ މަޑެއް ނުކުރެއެވެ. އޭނާގެ ފަހަތުން ޝިޔާޒްވެސް ހިނގައިގަތެވެ.

ބޮޑުކޮޓަރިއަށް އާދެވުމާއެކު، ޝިޔާޒާއި ޝިފާއަށް ލިބުނީ ޙައިރާންކަމެވެ. ޓީ.ވީ ރެކްމަތީގައި ހުރި ހުރިހާ މާވަށިތަކާއި، ޝިޔާޒާއި ޝިފާގެ ފޮޓޯފްރޭމް އޮތީ ބިންމައްޗަށް ވެއްޓި ތެޅިފައެވެ.

[ކިހިނެއްބާ؟ އެވީ!] ޙައިރާންކަމާއެކު ޝިޔާޒަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ. ޝިފާ އަވަސް އަވަހަށް ގޮސް ފޮޓޯ ފްރޭމް ނެގިއެވެ. އެއަށްފަހު، އޭނާ ބޭރުދޮރާ ދިމާއަށް ބަލައިލިއެެވެ. ހަމައެއާއެކު، އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔައީ، މާޒީގެ ދުވަސްތަކެއްގެ ކުރީގެ ދުވަހެކެވެ. މިހާދު އެ ފޮޓޯފްރޭމް ހިފައިގެން އެގެއިން ނުކުތް މަންޒަރެވެ. އެވަގުތު ބާރު ވައިރޯޅިއަކާއެކު ގޭގެ މައިދޮރު ނިކަން ބާރަށް ލެއްޕުނެވެ. ދެން އިވުނީ ވަޔާއެކު ކުޑަދޮރުތައްވެސް ޖެހި ތެޅޭ އަޑެވެ.

އެވަގުތު ގޯތިތެރެއިން މިހާދު ހިނގާފައި ދަނިކޮށް ޝިފާއަށް ފެނުނެވެ. ޝިފާ ހަޅޭއްލަވަމުން ގޮސް ޝިޔާޒްގެ ގައިގައި އޮޅުލައިގަތެވެ.

[ނިވަތްދަށުގައި މިހާދު އެބަހުރި. އޭނަ އަހަންނަށް ހަނާވެސް އެޅި....] ޝިފާ އެދިމާއަށް ބަލައިލިއެވެ. އެހިނދު އޭނާއަށްވެސް ކޮންމެވެސް ކަހަލަ އިޝާރާތެއް ފެނުނެވެ. އޭނާއަށް ފެނުނީ ދުންތަކެއް އަރައިގެންދިޔަ ތަނެވެ. އެހެން ނަމަވެސް، އެކަން ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

[ޝިފާއަށް ހީވޭތަ މިހާދު އަހަންނާ ވާހަކަ ނުދައްކާ ހުންނާނެހެން. ހައްތާވެސް ޝިފާގެ ހިތުގައި އުފެދިގެން އުޅެނީ ވަހުމްތަކެއް.] ޝިޔާޒް ބިންމަތީގައި ތެޅިފައި ހުރި މުށިތައް ނަގަން ފެށިއެވެ.

[ދެން އެ އަރަނީ ކޮން ދުންތަކެއް.] ދާދި ދެންމެއަކު އޭނާއަށް މިހާދު ފެނުނު ދިމާއަށް ބަލަހައްޓައިގެން ހުރެފައި ޝިފާ ބުންޏެވެ. ޝިފާގެ ބޮލަށް އެނބުރުން އަރަން ފެށީ އެހާ ހިސާބުންނެވެ. ނަމަވެސް، ޝިފާ ވެއްޓުމުގެ ކުރިން ޝިޔާޒް ޝިފާގެ ގައިގައި ހިފެހެއްޓިއެވެ.

ވަގުތުން ޝިފާ ގެންދެވުނީ ހޮސްޕިޓަލަށެވެ.

[ބޭނުންވަނީ އޯގާތެރި އަތެއް. އަޅާލުމާ އެއްވަރަށް ހިތްވަރު ދިނުން.] ސީނާއަށް ފަރުވާދޭ ޑޮކްޓަރ އަންވަރު ވާހަކަ ދެއްކީ ސީނާގެ ރަޙްމަތްތެރިޔާ މާއިޝާއާއެވެ. އޭރު މާއިޝާގެ ގާތުގައި ސީނާގެ މަންމަ އަމީނާވެސް ހުއްޓެވެ.

[މިހާރު އެހުރީ ވިހާ ދުވަސްވެސް ގާތްވެފައި. އޭނަ އެޙާލުގައި ހުރެ ވިހައިގެން ކިހިނެއްބާވާނީ؟] މާއިޝާ ވިސްނާލިއެވެ.

[ވިހެއުމަށްފަހު ފަހަރެއްގައި ރަނގަޅުވެސް ވެދާނެ. އެކަމަކު ޔަޤީންކަންދޭކަށް ނުކެރޭނެ.] ޑޮކްޓަރ އަންވަރު ބުންޏެވެ. އެދުވަހުވެސް އަންވަރު ލިޔެދިނީ ކުރީގައިވެސް ސީނާ ބޭނުންކުރަމުން އައި ބޭސްތަކެވެ. އަމީނާއާއި މާއިޝާ ސީނާ ގޮވައިގެން ގެއަށް އައީ ކޮންމެވެސް ވަރެއްގެ އުންމީދީ ހިތްހަމަޖެހުމަކާ އެކުގައެވެ.

އެދުވަސްވީ ޝިޔާޒާއި ޝިފާގެ ކައިވެނީގެ ޙަޔާތަށް ވަރަށް އުފާވެރި ދުވަހަކަށެވެ. ކައިވެންޏަށް ދެއަހަރަށްފަހު، އެދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދިނީ އެދުވަހުއެވެ.

[ވަރަށް އުފާވެއްޖެ. މިހާރުއްސުރެ ފެށިގެންވެސް ދަރިފުޅު އުފަންވާނެ ވަގުތަކަށް އިންތިޒާރު ކުރެވެން ފަށައިފި.] އުފާފާޅުކޮށްފައި ޝިޔާޒް ވާހަކަ ދެއްކީ ހޮސްޕިޓަލުން ގެއަށް އައިހެވެ.

[އަހަރެންވެސް މަޔަކަށްވުމަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސްވެއްޖެ. ވަރަށް އުފާވެއްޖެ.] ޝިފާ ބަނޑުގައި އަތްކާއްތާލިއެވެ.

[މަންމަވެސް ވަރަށް އުފާވެއްޖެ. މާމައަކަށްވުމަށް މަންމަ ދެކެމުން އައި ހުވަފެންތައް ޙަޤީޤަތަކަށްވުމުގެ ފެހި ސިގްނަލް ލިބުނީތީ. ދަރިފުޅު ދެން މާބުރަކޮށް މަސައްކަތް ނުކުރައްޗޭ.] ޒާހިޔާ އައިސް ޝިފާގެ ބޮލުގައި ފިރުމާލިއެވެ. އެދުވަހަކީ މުޅި އެގެއަށްވެސް އައި އިންތިހާއީ އުފާވެރި ދުވަހެކެވެ. އެދުވަހު އެއުފާ ޒާހިޔާގެ ރަޙްމަތްތެރިންނާއި ޝިފާގެ ރައްޓެހިންގެ އިތުރުން، ޝިޔާޒްގެ އެކުވެރިންވެސް ފާހަގަކުރިއެވެ.

[މަރްޙަބާ...މިއައީ އުފަލުގައި ބައިވެރިވާން.] ޝިފާގެ ރަޙްމަތްތެރިޔާ މުނާ އެގެއަށް އައިސް ވަންނަމުން ވާހަކަ ދެއްކިއެވެ. އެއީ ރޭގަނޑު އަށެއްޖަހާ އެހާކަންހާއިރެވެ.

[ޝުކުރިއްޔާ....ކާކު މުނާ ގާތު ބުނީ؟] މުނާއަށް ޝުކުރު އަދާކުރުމަށްފަހު ޝިފާ އެއްސެވެ.

[ބުނީ ޝިޔާ....ޝިޔާޒާ ދިމާވީ މިއަދު އިރުއޮއްސެނިކޮށް، އަހަރެންގެ ގެއާ ދިމާލު މަގުމަތިން.....] މުނާ ޖަވާބުދިނެވެ. އެތެރެއަށް އައިސްބަލާށޭ ބުނެފައި ޝިފާ މުނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އެދުވަހު އޭނާ ރަޙްމަތްތެރިޔާއަށް އޭނާގެ ޙަޔާތުގައި ދިމާވެގެން އުޅޭ ބިރުވެރި ޙާދިޘާތައް ތަފްޞީލުކޮށް ކިޔާދިނެވެ.

ބަނޑަށް ތަދުވާތީ ސީނާ ހޮސްޕިޓަލަށް ގެންދެވުނީ، އޭގެ ތިންދުވަސް ފަހުންނެވެ. އެއީ ޝީނާ ވިހާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ މުއްދަތަށްވުރެން އަވަސް ތާރީޚެކެވެ. އެހެން ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުމާއެކު، އޭނާ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނެވެ. އެހެން ނަމަވެސް، ބަނޑުގައި ކިތަންމެ ވޭން އެޅިޔަސް، ސީނާ ހޮސްޕިޓަލެއްގައި އެނދެއްގައި އޮތުމާ ދޭތެރޭ ނިކަން ދެކޮޅު ހެދިއެވެ. ވާހަކަ ނުދެއްކި ކަމުގައިވިޔަސް، އޭނާގެ ޙަރަކާތުން އެކަން ދޭހަވެއެވެ. އޭނާ އެނދުން ތެދުވެގެން ދުއްވައިގަންނަންވެސް ބައެއްފަހަރު މަސައްކަތް ކުރޭމެއެވެ. ނަމަވެސް، އެއިން ކޮންމެ ފަހަރަކުވެސް އަމީނާއާއި މާއިޝާގެ ހިތްވަރުން އޭނާ ހިފަހައްޓާލައެވެ.

ސީނާ ވިހެއީ ހޮސްޕިޓަލްގައި ިއެނދުމަތި ކުރިތާ ހަތަރުވަނައަށްވީ ދުވަހުއެވެ. ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. ސީނާގެ މުށް ހުޅުވި، މުށުތެރޭ އޮތް އެއްޗެއް އެންމެނަށް ހާމަވީވެސް ވިހެއުމުގެ ތެރޭގައެވެ. ފުރަތަމަ އެ ފެނުނީ ސީނާ ވިއްސި ޑޮކްޓަރ ޝާންއަށެވެ.

އެއީ ކޯއްޗެއް ހެއްޔެވެ؟ އެއީ ރެސްޓޯރެންޓެއްގެ ތެރޭގައި ނަގާފައިވާ ޝިޔާޒްގެ ފޮޓޯއަކާއި، އޭނާގެ ނާކާމިޔާބު ލޯތްބާ ބެހޭގޮތުން އޭނާ ހަދާފައިވާ ޅެމެކެވެ.

******************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން