ފ. ބިލެއްދޫގައި ބުދު ހަދައިގެން ގެންގުޅެނިކޮށް ހައްޔަރު ކުރި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިލެއްދޫގައި ފެނުގެ މަސައްކަތް ކުރަން އައިސްތިބި ބިދޭސީންތަކެއް ބުދު ހަދައިގެން އެ ހިފައިގެން ހިނގާފައިދަނިކޮށް ނަގާފައިވާ ފޮޓޯއެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެކަން ފެންމަތިވުމާއި ގުޅިގެން ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ގޮސް އެކަން ކުރި ތިން ބިދޭސީއަކު ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އެމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 27 އަހަރާއި 37 އަހަރާއި 39 އަހަރުގެ މީހުން ކަމަށެވެ. އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި ހައްޔަރު ކުރި ބިދޭސީން ގެންގުޅުނު ބުދަކީ އެމީހުން އަމިއްލައަށް މަށިން ހަދައިގެން ކުލަ ޖައްސައިގެން އުޅުނު ބުދެކެވެ. އަދި މިހާރު އެ ބުދު ކަނޑު ފައްތާފައިވާ ކަމަށް ބިލެއްދޫ ކައުންސިލުން ވަނީ ބުނެފައެވެ. އެމައްސަލަ ފެންމަތިވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް އެކަމުގައި ޝާމިލްވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން