ހުޅުމާލޭގައި އަލަށް މީހުން އާބާދުވި ދެވަނަ ފިޔަވަހި ސަރަހައްދުގައި މިއަދު ހުޅުވި ސުކޫލަށް އެކަނި 23 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަށް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެކަމާ ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ 23 މިލިއަން ރުފިޔާއަށް ހަވާލުކުރީ ދެ ޕްރީސުކޫލު އިމާރާތް ކުރުމަށް ކަމަށެވެ. ދެ ސުކޫލު ވެސް ހަވާލުކުރީ 165 ދުވަސް ތެރޭ ނިންމާ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސައްކަތް ނިންމަން ޖެހޭ މުއްދަތައްވުރެ އަވަހަށް ސްކޫލުގެ މަސައްކަތް ނިމިފައިވުމުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށީ ކަމަށެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ ޕްރީ ސްކޫލެއްގެ ގޮތުގައި އިމާރަތްކުރަން ހަވާލުކުރި ސްކޫލެއް ކަމަށާއި ނަމަވެސް ފޭސް ދޭއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާތީ އެ ސްކޫލުގައި ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭން ފެށީ ކަމަށް އެޑިއެކޭޝަނުން ނެރުނު ބަޔާނުގައިވެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވެ އަދި ކިޔެވުން ނުގެއްލޭނެ ގޮތަކަށް މި ދިރާސީ އަހަރު ސްކޫލުތަކުގައިވާ ޖާގައިގެ ދަތި ކަމަށް ހައްލެއް ހޯދައިދިނުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިއަދު، 824 ކުދިންނާއެކު ހުޅުވި ކާމިލްދީދީ ސުކޫލުގައި އެލްކޭޖީއިން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. ވަގުތީ ގޮތުން އެ ސަރަހައްދުގައި ހުޅުވި މި ސުކޫލު އިމާރާތްކޮށްފައިވާ ގޮތާމެދު ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފުރަތަމަ ސްކޫލު ހުޅުވާފައިވާއިރު ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލަކާއި ސެކަންޑަރީ ސްކޫލެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އޭގެ ތެރެއިން ޕްރީ ސްކޫލު އަންނަ މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު، ސަލާހުއްދީން ސްކޫލުގެ ނަމުގައި ހަދާ ސެކަންޑްރީ ސްކޫލް ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެޑިއުކޭޝަން މިިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން