ވިލިމާލެ ފަރުމައްޗަށް އެރި ބްރިޖު ޕްލެޓްފޯމުން ފަރުމައްޗަށް އެޅުނު ދަގަނޑުތައް ނަގާ ސާފުކޮށްފައިވާކަމަށް ބުރިޖު މަސައްކަތުގެ ކޮންޓްރެކްޓަރު އެފްކޮންސްއިން ބުނެފިއެވެ.

އިންޑިއާގެ އެފްކޮންސްއިން ހަދަން ފަށާފައިވާ ތިލަމާލެ ބްރިޖް މަސައްކަތުގައި ބޭނުންކުރަމުން އައި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ގައެވެ. ފަރަށް އެރިތާ އެތައް ދުވަހެއް ފަހުން ޕްލެޓްފޯމް ނެގީ މިދިޔަ މަހުގެ 27 ގައެވެ.

ޕްލެޓްފޯމް ނެގިނަމަވެސް އޭގައި ހުރި ދަގަނޑުތައް ވިލިމާލެ ފަރުމައްޗަށް ފޭބިއެވެ. އެތަކެތި ނުނެގި މިހާދުވަސް ވުމުން ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް، އެފްކޮންސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓްފޯމުން ފަރަށް އެޅުނު ހުރިހާ ދަގަނޑުތަކެއް މިއަދު މެންދުރު ނަގައި ސާފުކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، އެތަކެތި ނެގުން ލަސްވީ މިދިޔަ ދުވަސްތަކަކަކީ މޫސުން ވަރަށް ގޯސް ދުވަސްތަކަކަށްވެ ކަނޑުވެސް ގަދަވުމުގެ ސަބަބުން ކަމަށެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިންވެސް ވަނީ އެތަކެތި ނެގުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެތަނަށް އެޅުނު ދަގަނޑުތައް ނެގުމުން ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެސަސްމަންޓެއް ހަދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ފަރަށް ލިބޭ މިފަދަ ގެއްލުންތަކަކީ ފައިސާގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ކަންތައްތަކެއްކަން ފާހަގަކޮަށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން