އަވަހާރަވެފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ މައުމޫން ފައުންޑޭޝަންގެ މައި އެއް ތަނބު ކަމަށް އެ ފައުންޑޭޝަން ޗެއާމަން އަދި ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަރުހޫމް އުމަރުގެ ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލާ މައުމޫން ފައުންޑޭޝަނުން ފޮތެެއް ނެރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރަކީ މައުމޫން ފައުންޑޭޝަންގެ މައި އެއް ތަނބު ކަމަށެވެ. އެގޮތުން އެ ފައުންޑޭޝަން އުފެއްދުމުގެ ޚިޔާލާއެކު އެންމެ ފުރަތަމަ އެ ފައުންޑޭޝަންގެ މެމްބަރަކަށް އުމަރު ޒާހިރު ވެވަޑައިގެން ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެެއްވައި މަޝްވަރާ ދެއްވައި އިރުޝާދު ދެެއްވަމުން ގެންދެވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ފައިސާގެ އެހީވެސް ދެއްވި، މި ހުރިހާ ކަމެއް ކޮށްދެއްވި މައުމޫން ފައުންޑޭޝަނަަށް. އެހެންވީމަ އަޅުގަނޑުމެން އުމަރު ޒާހިރާއި ގުޅޭގޮތުން ފޮތެއް އިފްތިތާޙް ނުކުރާ ކަމަަށް ވައްޏާ ދެން ކާކާއި ބެހޭގޮތުންތޯ ކުރާނީ، އެެހެންވެގެން އުމަރު ޒާހިރާއި ބެހޭ ފޮތެއް ލިޔަން އަޅުގަނޑުމެން ހިތަށް އެރީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ އުމަރު ޒާހިރާއި ގުޅޭގޮތުން ފޮތެއް ނެރުމުގެ ބޭނުމަކީ އެމަނިކުފާނުގެ އަގުހުރި ނަމޫނާ ޝަހުސިއްޔަތުން އިބުރަތް ހާސިލްކޮށް ގައުމަށް ޚިދުމަތް ކުރާނެ ދަރިންތަކެއް އުފެދިގެން ދިޔުން ކަަމަށެވެ. އުމަރު ޒާހިރުގެ އަގުހުރި ޚިދުމަތްތައް ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނަށް އެނގެންޖެހޭ ކަަމަށާއި އެކަމުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

އުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކޮށް ތައްޔާރު ކޮށްފައިވާ ފޮތް ނެރެ ދެއްވީ ނާއިބް ރައީސް ފައިސަލް ނަސީމާއި ރައީސް މައުމޫނެެވެ. އެ ފޮތް ލިޔުއްވީ ލިޔުންތެރިޔާ އަބުދު ﷲ ޖަމީލެެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެ، އާލާސްކަންފުޅު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އުމަރު ޒާހިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެެވެ.

އުމަރު ޒާހިރުގެ ޚިދުމަތުގެ އަގު ވަޒަންކޮށް ދިވެހި ދައުލަތުން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެމަނިކުފާނަށް ވަނީ އަރުވާފައެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ވަނީ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ.

އެގޮތުން، މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ. މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ހިންގުމުގެ މޭސްތެރިއެއްގެ ގޮތުގައި ވެސް އުމަރު ޒާހިރު ހުންނެވިއެވެ. އަދި ހުޅުމާލޭގެ އިތުރުން ތިލަފުށީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެސް އެމަނިކުފާނު ވަނީ އެހީތެރިވެދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން