ޞާދިރު ޢަލީދީދީ   13 ސެޕްޓެމްބަރު 2022 - 12:55
ހަކުރުބަލީގެ މީހަކު ޑޮކްޓަރެއްގެ ލަފާހޯދަނީ
ހަކުރުބަލީގެ މީހަކު ޑޮކްޓަރެއްގެ ލަފާހޯދަނީ
ހަކުރުބަލި ހުރިކަމަށް ބެލެވެނީ ލޭގައި ހަކުރުގެ ބައި ހުންނަންވީ ވަރަށްވުރެ މައްޗަށްގޮސްފައި ހުރުމުންނެވެ. މިބަލި ޖެހުމަށް މެދުވެރިވަނީ ހަށިގަނޑުގައި ހަކުރު ކޮންޓްރޯލްކޮށްދޭ މިންވަރު މަދުވުމުން ނުވަތަ ހަށިގަނޑުގައި އުފައްދާ އިންސިއުލިންގެ ބާރު ދެރަވުމުންނެވެ. ހަކުރު ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ.

* ހަކުރު ބަލި ޖެހެން ދިމާވާ ސަބަބު:

ހަކުރު ބައްޔަކީ ހަށިގަނޑުގައި އިންސިއުންލިން އުފެއްދުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ފެށޭކަމަކަށް ވީނަމަވެސް، މިކަން މިގޮތަށް މެދުވެރިވާ ވަކި މައިގަނޑު ސަބަބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިބަލިޖެހިފައި ހުންނަ މީހުންގެ ފަރާތުން ގިނަ ކަންތައްތަކެއް ފެންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ތިރީގައި ބަޔާން ކޮށްފައިމިވާ ކަންތައްތައް ފެންނަ މީސްމީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރެވެ.

- ޢާއިލާގައި ހަކުރުބަލީގެ މިހުން އުޅުން، މިބަލިޖެހޭ މީހުންގެ ޢާއިލާގައި މިބަލީގެ މީހުން ތިބުން.

- ޢުމުރުން ދުވަސްވުން

- ލޭމައްޗަށް ދިއުން

- ކޮލެސްޓްރޯލް މައްޗަށް ދިއުން

- ބަރުދަން ހުންނަންޖެހޭ މިންވަރަށް ނެތުން

- އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނުއުޅުން

- ދުންފަތުގެ އިސްތިޢުމާލު ކުރުން

* ހަކުރުބަލީގެ ބާވަތްތައް:

ހަކުރުބަލީގައި ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ "ޓައިޕް 1 ޑައެބެޓިސް" އަދި "ޓައިޕް 2 ޑައިބެޓިސް" ގެ އިތުރުން މާބަނޑު ދުވަސްވަރު ފެންނަ ހަކުރު ބައްޔެވެ.

ޓައިޕް 1 ޢާންމުކޮށް ފެންނަނީ ޅަކުދީންނާއި ޒުވާނުންގެތެރެއިންނެވެ. މިފަދަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދެނީ ވަރަށް މަދުންނެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުން އެއްގޮތަކަށްވެސް އިންސިއުލިން އުފައްދައި ނުދެއެވެ.

ޓައިޕް 2 ޢާންމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިންނެވެ. މިމީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުން އިންސިއުލިން އުފައްދައި ނުދެއެވެ. އަދި އަނެއްބައި މީހުންގެ ހަށިގަނޑުން އުފައްދައި ދިންނަމަވެސް އެ އުފައްދާ އިންސިއުލިން ފުރިހަމައަށް މަސައްކަތް ނުކުރެއެވެ.

މާބަނޑު ދުވަސްވަރު މިބަލި ޖެހެނީ ވަރަށް މަދުބަޔަކަށެވެ. މިދުވަސްވަރު ހަކުރު މަތި ވެއްޖެނަމަ ޑޮކްޓަރެއްގެ ފުރިހަމަ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުން ވިހެއުމަށް ފަހު އެ މައްސަލަ ހަމައަކަށް އެޅިދެއެވެ. އެހެނަމަވެސް މިމީހުންނަށް ފަހުން ހަކުރުމަތި ވުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން މިކަމަށް ޚާއްސަ ސަމާލުވާން ދޭންޖެހޭނެއެވެ.

މީގެ އިތުރުން، ބޭނުން ކުރާ ބޭހެއްގެ ސަބަބުން ނުވަތަ ކުރެވޭ އޮޕަރޭޝަން އެއްގެ ސަބަބުން ހަކުރުމައްޗަށް ދާގޮތް މެދުވެރިވެއެވެ. ކާބޭހެއްގެ ސަބަބުން ނަމަ އެބޭސް ކެއުން ހުއްޓާލުމުން އެކަން ހަމަޔަކަށް އެޅި ރަނގަޅުވެދެއެވެ.

* ހަކުރު ބަލީގެ ޢަލާމާތްތައް:

- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

- އާދަޔާޚިލާފަށް ކަރުހިއްކާ ފެންބޮވުން

- އަވަސް އަވަހަށް ބަޑުހައިވުން

- ބަރުދަނަށް ބަދަލުއައުން

- ވަރުބަލިވުން

- ހަމުގެ ބަލިތައް ޖެހުން

* ހަކުރު ކޮންޓްރޯލް ނުވެއްޖެ ނަމަ އިތުރަށް ދިމާވެދާނެ ކަންކަން:

- ނާރުތަކަށް ގެއްލުންވުމުގެ ސަބަބުން އަތްފައި އައްސިވުން

- ފާރުކޮޅެއް ނަގައިފި ނަމަ ފަސޭހަވުން ލަސްވުން

- ލޯފުސްވެ، ލޮލުގެ ފެނުމަށް ދަތިވުން

- ފައިގައި ރަނގަޅަށް ލޭދައުރު ނުކުރުނުގެ ސަބަބުން ފައި ހަލާކުވުން

- ކުޑަކަމުދާ ނިޒާމުގެ ބަލިޖެހުން

* ހަކުރު ކޮންޓްރޯލް ކުރުމުގެ މުހިއްމުކަން:

ހަކުރު ބައްޔަކީ މުޅިން ރަނގަޅުކުރެވޭ ބައްޔަކަށް ނުވިނަމަވެސް ކޮންޓްރޯލް ކުރެވޭނެ ބައްޔެކެވެ. ހަށިގަނޑުގައި ހަކުރުމަތިވުން ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސް ވެއްޖެނަމަ، އިތުރު ގުނަވަންތަކަށް ގެއްލުންވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ހިނގައިދާނެއެވެ. އެހެންކަމުން ހަކުރުބަލީގެ ކޮންމެ ވައްތަރެއް ނަމަވެސް އެބަލި ކޮންޓްރޯލް ކުރުމަށް، ތިމާގެ ދިރިއުޅުމުގެ އާދަކާދަ ދޫކޮށް އަމިއްލައަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

* ހަކުރުމަތި ވިޔަ ނުދީ ހިފެހެއްޓުމަށް ބަދަލު ގެންނަންޖެހޭ ކަންކަން:

- ކެއުންބުއިމަށް ބަދަލުގެނައުން:

ހަކުރުބައްޔަށް ބޭސްކުރަމުން ދިއަނަމަވެސް ކެއުމަށް އެދެވޭ ބަދަލުތަކެއް ކޮންމެހެން ގެންނަންޖެހެއެވެ. ވިސްނަންޖެހޭނީ ކެއުމުގައި ހަކުރުގެބައި އެކުލެވޭ ކާބޯހައިޑްރޭޓްސް މަދުކޮށް، ޕްރޮޓީންސްއާއި ވިޓަމިންސް އިތުރުކުރުމަށެވެ. އަދި ތެލާއި ސަރުބީ ގިނަ ކާނާ ނުކެއުމަށެވެ.

ކެއުން ރަނގަޅުނޫން ބާވަތްތަކުގެ ތެރޭގައި އައިސްކްރީމް، ކޭކް، ޕުޑިން، ޗޮކްލެޓް އަދި ބޮޑިބަތްފަދަ ހަކުރު އަޅައިގެން ތައްޔާރުކުރާ ބާވަތްތައް ހިމެނެއެވެ. މިފަދަ ކެއުންތަކާ ދުރުހެލިވާންޖެއެވެ. މަދުފަހަރެއްގައި މެނުވީ ހަކުރު އެކުލެވޭ ކެއުންތައް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ބަލި ހުންނަ މިންވަރެއްގެ މައްޗަށް ބަލާފައި ޞިއްޙީ ލަފާދެއްވާ ފަރާތެއްގެ އިރުޝާދުގެ ދަށުން ނޫނީ ހަކުރު އެކުލެވޭ ކާނާ ނުކާށެވެ. އެމީހެއްގެ ބަރުދަނާއި ހަރަކާތްތެރިވެ އުޅޭ މިންވަރާ އެކަށީގެންވާފަދަ ގޮތަކަށް ކެއުންބުއިން ގެންދަންވީ ގޮތުގެ ޗާޓެއް ޑޮކްޓަރެއްގެ މަޝްވަރާގެ ދަށުން ތައްޔާރުކޮށްގެން ގެންގުޅުން ރަނގަޅުވާނެއެވެ.

- ފުދޭ މިންވަރަށް ކަސްރަތު ކުރުން:

ކަސްރަތު ކުރުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ ބައި ދަށަށްދެއެވެ. އަދި މީހާގެ ބަރުދަން ލުއިކޮށްދީ ލޭދައުރުކުރުން ރަނގަޅުކޮށްދެއެވެ. މިގޮތުން އެންމެ ރަނގަޅުކަމަށް ބެލެވޭ ކަސްރަތަކީ ރަނގަޅަށް ދާހިއްލާވަރަށް އަވަސްއަވަހަށް ބާރަށް ހިނގުން، ނުވަތަ ދުވުމެވެ. އަދި ފެތުމަކީ އެންމެ ރަނގަޅު އެއް ކަސްރަތެވެ.

- ސާފުތާހިރުކަމަށް ސަމާލުވުން:

ހަކުރުބަލީގެ މީހުންނަށް ޖަރާސީމުންޖެހޭ ބަލިތައް ފަސޭހައިން ޖެހެއެވެ. އެހެންކަމުން، ސާފުތާހިރުކަމަށް ވަރަށް ސަމާލުވާށެވެ. އެގޮތުން، ހަށިގަނޑުގައި ތަނެއް ހަލާކުވެއްޖެނަމަ ނުވަތަ ފާރުކޮޅެއް ނަގައިފިނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުމާއި، އަތާއި ފައިތިލަ ދޮވެ ހިއްކާފައި ބެހެއްޓުމާއި، ދަތްތައް އުނގުޅާ ސާފުކޮށް ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

- ޤަވާޢިދުން ފަރުވާ ހޯދުން:

ހަކުރުބަލީގެ ނިޝާނެއް ފާހަގަ ކުރެވިއްޖެނަމަ ވީއެންމެ އަވަހަށް ޑޮކްޓަރަށް ދައްކައި އެޑޮކްޓަރަކު ދެއްވާ އިރުޝާދާއެއްގޮތަށް އަމަލު ކުރަންވާނެއެވެ.

ހަކުރުބަލީގެ ޓައިޕް1ގެ ބަލިމީހުން ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި އިންސިއުލިން ފަށަން ޖެހިދާނެއެވެ. ނަމަވެސް، ޓައިޕް2 ގެ ބަލިމީހުން ބޭސްދީގެންނާއި ކެއިންބުއިމުގެ އާދައަށް ބަދަލު ގެނައުމުން ކޮންޓްރޯލްކޮށްގެން އުޅެވެއެވެ. މިމީހުންގެ ތެރެއިން އިންސިއުލިން ޖަހަން ޑޮކްޓަރަކު ލާފާދެއްވާނީ ވަރަށް މަދުބަޔަކަށެވެ. އެއީ ބޭހުން ކޮންޓްރޯލް ނުވެއްޖެ ހިދެއްގައި ނޫންނަމަ، ހަށިގަނޑުގައި ޖަރާސީމެއް އަށަގެންފި ހިނދެއްގައެވެ.

ހަކުރުބައްޔަކީ މުޅިން ފަސޭހަކުރެވޭ ބައްޔަކަށް ނުވާތީ މިބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދާއިމީކޮށް ބޭސް ބޭނުންކުރަން ޖެހިދާނެކަން ހަނދާން ބަހައްޓަންވާނެއެވެ. މިވަގުތުވެސް ބޭސް ބޭނުންކުރާ މީހެއްނަމަ، ފަރުވާތެރިކަމާއެކު ޤަވާޢިދުން ގަޑިންގަޑިއަށް ބޭސްކެއުން އާދަކުރަން އަޒުމުކަނޑައަޅާށެވެ. އުފަލާއި ހިތްހަމަޖެހުމަކީ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުގެނެސް މިބަލި ކޮންޓްރޯލްކޮށްގެން ރަނގަޅު ޞިއްޙަތެއްގައި ދިރިހުރުމެވެ.



********

* މިލިޔުމަކީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެމުން އަންނަ "ކުލުނު"ގެ 273 އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު


14

ބަބަު

19-Sep-2022

ކޮށްމެކަމެއް ސިގިރޭޓު ހިމެނީމަ މިހާރު ވަނީ ޖޯކަކަށް. ގަބޫލުކުރަން ދަތިވޭ



ޓްރެންޑިން