ކޯވިޑް-19 ގެ ބްރޭކަށްފަހު، ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ބާސާއާއި ދެމެދުއޮތް ފަރަޤު ކުޑަކޮށްފިއެވެ.

ރެއާލް މެޑްރިޑްގެ ތަމްރީނުތަކުގައި ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެރޭ އެއިބާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 3-1 ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫސްގެ ގޯލަކުން ރެއާލުން މެޗްގެ ލިޑް ނަގާފައިވާއިރު، މެޗުގެ 30 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކުގައި އެޑެން ހެޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ސާޖިއޯ ރާމޯސް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ދޭއް ސުމަކަށް ބަދަލުކުރިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު ޖެހީ ޑިފެންޑަރު މާސެލޯއެވެ.

މެޗުގެ ދެވަނަ ހާފުގައި އެއިބާއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ބިގާސްއެވެ.

މިނަތީޖާ އާއެކު ރެއާލުން ވަނީ އެއްވަނައިގައި އޮތް ބާސާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ 61 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން