ފިނިނޭވާ
ފިނިނޭވާ
13 ވަނަ އެޕިސޯޑް

==========

[މާއިޝާ މިއީތަ ޝިޔާޒަކީ؟] ޝިޔާޒްގެ ފޮޓޯއަށް ނަޒަރު ހުސްކޮށްގެންހުރެ އަމީނާ އެހިއެވެ.

[އާނ...ތީ ޝިޔާޒަކީ...ތީ އަހަރެން....ވަރަށް ފޫހިވާ މީހެއް. އެއްވެސް ރަޙްމެއްނެތް މީހެއް ތިޔައީ....ކީއްތަވާނީ އޭނާ ސީނުގެ ޙާލަތަށްޓަކައި ހަމްދަރުދީވީނަމަ.] މާއިޝާގެ އަޑާއި ރާގުގައިވެސް ވަނީ ނުރުހުމާއި ރުޅިވެރިކަމުގެ އަސަރެވެ.

[އަހަރެން ބޭނުން، ޝިޔާޒްގެ ގާތަށް ދާން. އަހަރެން...އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރާނަން.] އަމީނާގެ ދެލޮލުން ކަރުނައިގެ ތެތްކަން ފާޅުވާން ފަށައިފިއެވެ.

[އަހަރެންވެސް އޭނަ ފެނޭތޯ ވަރަށް މަސައްކަތް ކޮށްފިން. އޭނަ މިހާރު އުޅެނީ ކުރިން އުޅުނު އޮފީހުގައެއްވެސް ނޫން. އަހަންނާ އޭނަ ކުރިމަތިވާހިނދު، ދުލަކަށް ނާންނާނެ ނުކިޔާކަށް އެކައްޗެއްވެސް.] މާއިޝާ ބުންޏެވެ. މާއިޝާގެ އަޑާއި ރާގުގައިވެސް ވަނީ ރުޅިވެރިކަމެވެ.

[ނޫން......އެއްގޮތަކަށްވެސް އެހެން ހަދައިގެން ނުވާނެ. އޭނާގެ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތެއްގައި ރުޅިއިސްކޮށްގެން މާބޮޑު ފައިދާތަކެއް ނުނިކުންނާނެ. މާއިޝާވެސް ވެވިއްޖެއްޔާ އޭނަގާތު ސީނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރޭ.] މާއިޝާއަށް ރަނގަޅުގޮތް ވިސްނައިދިނުމަށްފަހު އަމީނާ ބުންޏެވެ. މާއިޝާ ބޯޖަހާލިއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ސީނާގެ ދަރިފުޅު ޝިފާނަށް އަހަރު ފުރުނު ދުވަސްވީ އެޢާއިލާ އިތުރު ހިތްދަތިކަމެއް ބަދުރާސްތު ކުރަން ޖެހުނު ދުވަހަކަށެވެ.

އެދުވަހު އުފާވެރި ޙަރަކާތްތަކެއް އެގޭގައި އިންތިޒާމް ކުރެވުނެވެ. އެކަން އަމީނާއާއި މާއިޝާ ރޭވީވެސް ސީނާގެ ޙަޔާތަށް ލުޔެއް ހޯދައިދިނުމުގެ ގަސްދުގައެވެ. ނަމަވެސް، އެކަމުން ޙާޞިލްވީ އެމީހުންގެ މަޤްޞަދެއް ނޫނެވެ. ކުރެވުނީ ހިތި ތަޖްރިބާއެކެވެ.

އެދުވަހުގެ އުފާވެރި ޙަފްލާގެ ތެރޭގައި، އާވެ އުތުރި އަރަމުންދިޔަ ހަނދާންތަކަކާއެކު، ސީނާފަކީރުގެ ސިކުނޑިއަށް އިތުރަށް ބާރުބޮޑުވިއެވެ. ކުރިއަށްވުރެން ޙާލަތު ގޯސްވެ ދުނިޔެއިން މޮޔަވީއެވެ. އެކަމާ އަމީނާއާއި މާއިޝާ ވަރަށް ރުޔެވެ.

އެންމެފަހުން އަމީނާއަށް މަޖްބޫރުވީ ސީނާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރްކަޒަށް ފޮނުވާލާށެވެ. އެއީވެސް ލުޔެއް ލިބޭތޯ އޭނާ އެޅި ފިޔަވަޅެކެވެ.

އެއީ ޝިޔާޒާއި ޝިފާގެ އަންހެން ދަރިފުޅު ޔުމާ އުފަންވިތާ ތިންމަސްފަހެވެ. އެހެންކަމުން، އެދުވަސްވަރަކީ ޝިޔާޒާއި ޝިފާގެ ކައިވެނީގެ ޙަޔާތުގައި ނިކަން އުފާވެރި ދުވަސްތަކެއް ގުނަމުންދާ ދުވަސްވަރެކެވެ. އޮފީސް ވަގުތު ނޫން އެހެން ހުރިހާ ވަގުތެއްވެސް އޭނާ ހޭދަކުރަމުން އަންނަނީ ލޯބިވާ ދަރިފުޅާއި އަނބިމީހާގެ ގާތުގައެވެ.

މާބަނޑުދުވަސްތަކަށް މެދުކެނޑުމަށްފަހު ބިރުވެރި ކަންތައްތަކަކާ ޝިފާއަށް ކުރިމަތިލާން ޖެހުނީ، ދަރިފުޅު އުފަންވިތާ ހަތަރުވަނައަށްވީ މަހުގައެވެ. ފުރަތަމަ އޭނާއަށް ފެންނަން ފެށީ ނާމާން ހުވަފެންތަކެކެވެ. އެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހެންވެސް މާގިނަ ދުވަސްތަކެއް ނުނަގައެވެ.

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް ޝިފާއަށް ހޭލެވުނީ، ވައިއަޑުން މީހަކު އޭނާއަށް ގޮވާ އަޑަށެވެ. އޭނާ ވަށައި ހޯދަމުން ތެދުވެއްޖެއެވެ. އެއަށްފަހު، އެއަޑު އިވެމުންދާ ކަމަށް އޭނާއަށް ލަފާކުރެވޭ ކުޑަދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

[ޝިފާ.....ޝިފާ....އައިސްބަލަ.] މިފަހަރުވެސް އިވުނީ ވައި އަޑެކެވެ. ޝިފާ މަޑުމަޑުން ގޮސް ދޮރުފޮތިގަނޑު ހިއްލާލިއެވެ. އެވަގުތު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި މީހަކު ހިފާލިހެން ހީވިއެވެ. ހަމައެއާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުމާއެކު، ދުއްވައިގަނެވިއްޖެއެވެ. ގެންފައިވާ ބިރުވެރި ކަމެއްގެ ސަބަބުން ދުވެފައި ގޮސް އޭނާއަށް ނުކުމެވުނީވެސް ކޮޓަރިން ބޭރަށެވެ. އޭރު އޭނާއަށް އަޑުވީއްލާ ރޮވެނީއެވެ.

[ޝިޔާ.....އަހަރެން ސަލާމަތްކުރޭ....އަހަރެން ސަލާމަތްކުރޭ.....] ދެކަންފަތުގައި އަތް އަޅައިގެން ހުއްޓި ހުރުމަށްފަހު، އަނެއްކާވެސް ޝިފާއަށް ދުއްވައިގަނެވުނީ އަނދިރިކަން ވެރިވެފައިވާ ކެޔޮފީނިތަކުގެ ތެރެއަށެވެ.

[ނުދުވެ މަޑުކުރޭ ޝިފާ.....ދިރިހުރެގެން އަހަންނަށް ނުލިބުނު ޝިފާގެ ލޯބި އަހަރެން ހޯދާނަން.] މިފަހަރުވެސް އިވުނީ އަޑެކެވެ. މީހަކު ނުފެނިއެވެ. އެހެންކަމުން، ޝިފާގެ ހިތަށް ވެރިވަމުންދިޔަ ބިރުވެރިކަންދިޔައީ އިތުރަށް ބޮޑުވަމުންނެވެ.

[ބިރުނުގަނޭ....މިހާރު އަހަރެން މިހުރީ ދުވަހަކުވެސް ނުވެވޭވަރަށް ޝިފާއާ ގާތުގައި. އަހަރެންގެ އަތް މިހާރު ޙަރަކާތްތެރިވަމުން މިދަނީ ޝިފާގެ ރީތި ތުނިތުނި އަތްތިލައާ ދިމާއަށް....އަހަރެންގެ އަނެއް އަތުގެ އިނގިލިތައް ބީހެމުން މިދަނީ ޝިފާގެ ތިޔަ ރީތި ކަނދުރާގައި....] މިފަހަރުވެސް މީހަކު ނުފެނި އިވުނީ އަޑެކެވެ. ނަމަވެސް، ނުހަނު ގާތުގައި މީހަކު އުޅޭ ކަމުގެ އިޙްސާސް ޝިފާއަށް ކުރެވުނެވެ. އެހެންކަމުން، ޝިފާ ތެޅިފޮޅިގަތެވެ.

[ނޫން...އަހަރެންގެ ގައިގައި އަތްނުލާތި. ނޫން...އަހަރެން..ބިރުގަނޭ....] ޝިފާ ރޮމުން ތުރުތުރުއަޅަމުން ދުއްވައިގަތެވެ. މިފަހަރު އޭނާއަށް ގޮސް ވަދެވުނީ ގޭގެ މެދުގޭތެރެއާ ހަމައަށެވެ. އޭނާ ޚަބަރު ހުސްވީ އެހާ ހިސާބުންނެވެ.

ހޭނެތިފައި އޮތް ޝިފާ އެންމެ ފުރަތަމަ ފެނުނީ، ފަތިސް ނަމާދަށް ހޭލި އޭނާގެ މަންމަ ޒާހިޔާއަށެވެ. ތަރުފާލުމަތީގައި އޮތް ދަރިފުޅު ފެނުމާއެކު، ޒާހިޔާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ގޮވަން ފެށިއެވެ.

[ދަރިފުޅާ....ކިހިނެއްވެފަ ތިއޮތީ؟] ޒާހިޔާ ޝިފާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ޝިފާ އޮތީ ޚަބަރު ހުސްވެފައިކަން އޭނާއަށް އެނގުނީ ގޮވާގޮވާ ޚަބަރެއް ނުވީމައެވެ. އޭނާ ދުވެފައި ގޮސް ޝިޔާޒަށް ގޮވައި ހޭލެއްވީ، އެއަށްފަހުގައެވެ. ޝިޔާޒް އަވަސްވެގަތީ ޝިފާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

[މަންމަވެސް ދޭ އަވަހަށް ތައްޔާރުވެލަން.] ޝިފާ ގެންގޮސް އުނދޯލީގައި ބާއްވަމުން ޝިޔާޒް އެދުނެވެ. އޭރު އޭނާގެ ހިތް ހީވަނީ ތެޅިފޮޅޭހެނެވެ. ހާސްވެގެން ގޮސް މުޅި މީހާވެސް ހުރީ ދާހިއްލާ ފޯވެފައެވެ.

މައިދައިތަ ތައްޔާރުވެލަން ކޮޓަރިއަށް ވަން ވަގުތު އޭނާ ޓެކްސީއަކަށް ގުޅިއެވެ. އިސާހިތު ކާރު އައިސް އެގޭ ދޮރާށި ކުރިމައްޗަށް މަޑުކޮށްފިއެވެ. އޭރު އަދި ޒާހިޔާ ތައްޔާރުވެލައިގެން ނުނިކުމެއެވެ.

[މަންމާ ކާރު އަތުވެއްޖެ.] ޝިޔާޒް ޝިފާ އުފުއްލައިގެން ގޮސް ކާރުގެ ފަހަތުސީޓަށް އެރިއެވެ. ޒާހިޔާވެސް ހެދުން ރަނގަޅު ކުރަމުން އައިސް ކާރަށް އެރިއެވެ.

[ވަރަށް އަވަހަށް ހޮސްޕިޓަލަށް...އޭ.ޑީ.ކޭ. އަށް...] ޒާހިޔާ ކާރަށް އެރުމާއެކު ޑްރައިވަރު ގާތު ޝިޔާޒް އެދުނެވެ. ޑްރައިވަރު ކާރު ދުއްވާލިއެވެ. އާދައިގެ ބާރުމިނެއްގައި ކާރު ދުވަމުންދިޔައިރު، ޝިޔާޒްގެ ހިތް އަވަސްވަމުންދިޔައެވެ.

[ޑްރައިވަރު ތަންކޮޅެއް ބާރަށް ކާރު ދުއްވަބަލަ.] ޝިޔާޒް އެދުނެވެ. އެވަގުތުކޮޅު ޑްރައިވަރު ކާރުގެ ދުވެލި ބާރުކުރިހެން ހީވުމާއި ކާރު ހުއްޓުންވީ އެއްވަގުތަކަށެވެ.

[ކިހިނެއްވީ މަޑުތިކުރީ......؟ މީގައި މިއޮތީ ބަލިމީހެކޭ.] ޝިޔާޒަށް ރުޅިއާދެވުނެވެ. އެހިނދު ފުރަތަމަފަހަރަށް ޑްރައިވަރު ޝިޔާޒާ ދިމާއަށް ބަލައިލިއެވެ.

[ހަން ފަޅައިގެން ގޮއްސި....ވަރަށްދެރަ.] ކަރުއެލުވާލަމުން އިނދެ ޑްރައިވަރު ބުންޏެވެ.

[ޝިޓް....] ޝިޔާޒަށް ސީޓްގައި ގޮށްމުށް ކަވާފައި ޖެހުނެވެ. ޑްރައިވަރު ކާރުން ފޭބިއެވެ.

[އަދިވެސް ފައިބަނީތަ. ސެޓުން ގުޅާފައި ކާރެއް މިތަނަށް ގެނެސްދީބަލަ.] ޝިޔާޒްގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.

[މީގެ ސެޓްވެސް ހަލާކުވެފައި. މަގުމަތިން އެއްޗެއް އަތުޖެހޭތޯ ބަލަންވީނު.] ޝިޔާޒާއި ޒާހިޔާ އެވަރަށް ހާސްވެފައި ތިބިއިރުވެސް، އެ ޑްރައިވަރުގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ. ޝިޔާޒް އައި ރުޅީގައި ޝިފާ ކޮނޑަށްލައިގެން ޓެކްސީ ޑްރައިވަރަށް ކުދިކިޔަމުން ހިނގައިގަތެވެ. ނަޞީބު ދިމާކުރިގޮތުން، އޭރު އެމީހުންނަށް ތިބެވުނީ އޭ.ޑީ.ކޭ އާ ދާދި ކައިރިއަށް އާދެވިފައެވެ.

އެމީހުން ހިނގައިގަތްތަނާހެން ކާރު ސްޓާޓް ކުރި އަޑު އިވުމާއެކު، ފަސްއެނބުރި ބަލައިލެވުނީ ޝިޔާޒާއި މައިދައިތައާ ދެމީހުނަށް އެކުއެކީގައެވެ.

ލިބުނީ ކުއްލި ޙައިރާން ކަމަކާއެކު ސިހުމެކެވެ. ކާރެއް ނެތެވެ. އިވުނީ އެކަނި އަޑެކެވެ. ކާރު ހުއްޓިފަައި އޮތްތަނުން ދުންތަކެއް އަރައަރާ ހުއްޓެވެ. އެވަގުތު އެމީހުން ހީކުރިއެވެ. ކުރިމަތީގައި އޮތް މަގުން އެކާރު ދިޔައީއެވެ. އެ ދުންތަކަކީ އެ ކާރު ދުއްވިލެއް ބާރުކަމުން އަރަމުންދިޔަ ދުންތަކެކެވެ. ނުވަތަ އެރި ދުންތަކެކެވެ.

ހޮސްޕިޓަލަށް ދެވުމާއެކު އިމަރޖެންސީ ޙާލަތުގައި ޝިފާ ވެއްދުނީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ.

ޑޮކްޓަރ ރާކޭޝް ފުރަތަމަވެސް ބެލީ ޝިފާ ނޭވާލާތޯއާއި ވިންދު ޖަހާތޯއެވެ. އެއަށްފަހު ޑޮކްޓަރ ބަލައިލީ ޝިޔާޒްގެ މޫނަށެވެ.

[ދިރުމެއްނެތް، ގެނެވުނުލެއް މާލަސްވީ. ދެން އަހަންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތް.] ޑޮކްޓަރ ރާކޭޝް ކަރުއެލުވާލިއެވެ.

ޒާހިޔާއާއި ޝިޔާޒާ ދެމީހުނަށް ހަޅޭއްލަވައިގަނެވުމާއެކު ރޮއިގަނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

[ނޫން...ޝިފާ މަރެއްނުވާނެ....ކީއްވެތަ ޝިފާ މަރުވާންވީ. ޝިފާ މަރުވީމާ އަހަރެންގެ ދަރިފުޅު ކިހާ ނިކަމެތިވާނެ....] ޝިޔާޒް ހީވީ ދުނިޔެއިން މޮޔަވިހެންނެވެ. މާގިނައިރުތަކެއްނުވެ ޒާހިޔާގެ ޚަބަރު ހުސްވެއްޖެއެވެ. އެއާއެކު ޒާހިޔާއަށް ފަރުވާދެވެން ފެށުނެވެ.

އެދުވަސް ފާއިތުވެދިޔައީ، ޝިޔާޒް މުޅިން އެކަނިވެރި ކުރުވާފައެވެ. ލޯބި ކަފުން ކުރެވުނީއެވެ. އުންމީދުތައް ކަޝްފުވީއެވެ. އުފާތައް އޮޔާލީއެވެ. ދެރަކަމަކީ އޭނާގެ އެއްވެސް ކުށެއްނެތި އޭނާއަށް އެފަދަ ހިތްދަތި އިޙްސާސްތަކެއް ކުރަން ޖެހުނީމައެވެ.

އޭގެފަހުން އެއްމަސް ފާއިތުވެދިޔައިރުވެސް ޝިޔާޒް އުޅުނީ އެފަދަ ހާލެއްގައެވެ. ޝިފާގެ ހަނދާންތަކާ ދުރަށް ދިޔުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ޝިފާއަކީ މިދުނިޔެއިން އޭނާ އެންމެ ލޯބިވި އަންހެނާއެވެ. ސީނާ ދިއްކުރި ލޯބީގެ އަތުގައި އޭނާއަށް ނުހިފުނީވެސް އެހެންވެގެންކަން ގައިމެވެ.

[ދަރިފުޅާ، ދެން ތި ވިސްނުންތަކާ ދުރަށް ދެވޭތޯ މަސައްކަތްކޮށްބަލަ. މިމަންމައަކީ ޝިފާ ބަނޑުއަޅައި ވިހޭ މައިމީހާ. އެކަމަކު މަންމަވެސް ހިތްވަރު މިކުރަނީނު.] ޝިޔާޒަށް ހިތްވަރުދިނީ ޝިފާގެ މަންމަ ޒާހިޔާއެވެ. ޝިޔާޒަށް ހިތްވަރުދޭން ތެދުވެ ހުރިއިރު ޒާހިޔާގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ.

[މަންމާ...ކިހިނެއްތަ އެހާ ފަސޭހައިން ޝިފާގެ ހަނދާންތަކާ އަހަރެން ދުރަށްދާނީ....] ޝިޔާޒް ބޮލުގައި ހިފަހައްޓާލިއެވެ.

[ދޫކުރޭ....ދޫކުރޭ....އަހަރެންގެ ގައިން ދޫކުރޭ.] ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރްކަޒުގައި ހުރި މޮޔަ އަންހެނަކު، އޭނާއަށް ފަރުވާދޭ ޑޮކްޓަރާ ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ޑޮކްޓަރ ޙަމީދާއި އިތުރު ދެމީހަކު އެ މޮޔަ އަންހެން ކުއްޖާގެ އަތުގައި ހިފަހައްޓައިގެން ތިއްބެވެ.

އޭރު އެތާ ކުރިމަތީގައި ހުރި ގޮޅިއެއްގައި ސީނާ އިނެވެ. ޑޮކްޓަރުގެ ޙަރަކާތްތަކަށް ބަލަހައްޓައިގެނެވެ. އޭރުވެސް އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

ދުވަސްތަކަކަށްފަހު ސީނާގެ މަންމައާއި މާއިޝާ، ދަރިފުޅު ގޮވައިގެން އެތަނަށް އައީ އެދުވަހުއެވެ. އެމީހުން އައިއިރުވެސް ސީނާގެ ނަޒަރު ހުއްޓިފައި ވަނީ އެދިމާއަށެވެ. އޭނާއަށް އޭނާގެ މަންމައާއި ދަރިފުޅުގެ އިތުރުން، ރަޙްމަތްތެރިޔާ ފެނުނީ އެމީހުން އައިސް ހުއްޓި ތިބޭތާ އިރުކޮޅެއްވީ ފަހުންނެވެ.

[ދަރިފުޅާ ސީނާ، މަންމަ މިއައީ ދަރިފުޅު ބަލާ، ހިނގާ ދާން.] ސީނާ އިން ޙާލަތު ފެނުމުން، ވަގުތުން އަމީނާއަށް ރޮއިގަނެވިއްޖެއެވެ. އޭރު މާއިޝާވެސް ހުރީ ފެންކަޅިވެފައެވެ. މަންމަގެ އަޑު އިވުމުން، ސީނާ މަންމަމެނާ ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ނުހަނު މަޢުޞޫމް ގޮތަކަށް ހިނިއައިސްފައި އިން ދަރިފުޅު ޝިފާނަށް ސީނާގެ ނަޒަރު ހުއްޓުނެވެ. ވެދާނެއެވެ. އެދަރިފުޅުގެ މޫނުމަތިން އޭނާއަށް އިތުރު އެހެން މީހަކު ސިފަވަނީއެވެ. އާއެކެވެ. ވީވެސް އެހެންނެވެ. ކުޑަކުޑަ ޝިފާންގެ މޫނުމަތިން އޭނާއަށް ސިފަވަމުންދަނީ، އެމީހެއްގެ ލޯތްބަށްޓަކައި އޭނާ ދީވާނާވެފައިވާ ޒުވާނާ، އާދެ! ޝިޔާޒްގެ ތަޞްވީރެވެ. އެއީ އޭނާގެ އެދަރިފުޅުގެ ބައްޕަވެސްމެއެވެ. ޝިޔާޒްގެ ލޯބި އޭނާއަށް ނުލިބުނުތާ އޭނާއަށް ޝިޔާޒްގެ ފަރާތުން އެ ތުއްތު ދަރިފުޅަށް ބައްޕައެއްގެ ލޯތްބެއްވެސް ހޯދައިނުދެވުނެވެ. މިއަދު އޭނާ އެވަނީ އެހުރިހާ ކަމަކަށް ނުކުޅެދިފައެވެ.

އަދިވެސް ސީނާ ކަޅިޖަހާނުލާ ބަލަން އެހުރީ، އޭނާގެ ލޯބީގެ ނިޝާން ކަމުގައި އޭނާ ޤަބޫލުކުރާ ދަރިފުޅު ޝިފާނާ ދިމާއަށެވެ. އެގޮތަށް ހުންނަތާ ދިހަވަރަކަށް މިނިޓް ފަހުން، އޭނާއަށް ހެޔޮ ވިސްނުން ލިބުނު ކަހަލައެވެ. އޭނާ މަޑުމަޑުން އެދަރިފުޅާ ދިމާއަށް ހިނގައިގެންފިއެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު އެރަށަށް އަންނައިރުވެސް، އެއީ އޭނާގެ ފަރާތުން ފެނިފައިވާ ސިފައަކަށް ނުވާތީ، އަމީނާއާއި މާއިޝާގެ އިތުރުން މަންޒަރު ބަލަން ދާދި ގާތުގައި ހުރި ޑޮކްޓަރުވެސް ޙައިރާންވިއެވެ. ސީނާ އައި ގޮތަށް އައިސް ހުއްޓުނީ ސީދާ ކުޑަދަރިފުޅުގެ ކުރިމައްޗަށެވެ. އޭރުވެސް ކުޑަކުޑަ ޝިފާން ހުރީ އޭނާގެ މަންމައާ ދިމާއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ.

******************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން