ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު (ކ) އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު (ކ) އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް
މެއި 6ގެ ޙަމަލާއާއި ގުޅިގެން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމަށް ކުރާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ޙަމަލާދިންކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ދެކޮޅަށް 2 ސިއްރު ހެކިވެރިޔަކު މިއަދުވަނީ ހެކިބަސްދީފައެވެ.

މިއަދު ހެކިބަސްދިން އެކަކު ބުނެފައިވަނީ، ތަސްލީމަކީ މީސްމީޑިއާ މެދުވެރިކޮށް ހަރުކަށި ފިކުރު ފުޅާދާއިރާއެއްގައި ފަތުރަމުންދިޔަ މީހެއް ކަމަށެވެ. އެގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތަކީ ސައްޙަ ޚިލާފަތެއްކަން މީހުންނަށް ވިސްނައިދިނުމަށް ތަސްލީމް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވަނީ ދައުލަތުގެ ވެރިންގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނެފައިވާކަމަށާއި، އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނިކަމަށް ހެކިބަސްދިން ހެކިވެރިޔާވަނީ ބުނެފައެވެ.

ހަމައެއާއެކު ޢަބްދުﷲ އަލީމަނިކު ހިންގި ތައުހީދު ކްލާސްތަކެއްގައި ދީނީ ގޮތުން ހަރުކަށި ފިކުރު ޕްރޮމޯޓްކޮށް ރާއްޖެއަކީ ކުފުރުގެ ބިމެއް ކަމާއި، އެހެންކަމުން ހަނގުރާމަކޮށްގެން ޖިހާދުކުރުން ފަރުޟު ޙާލަތު އައިސްފައިވާކަމަށް ޢަލީމަނިކު ކްލާހުގައި ބުނެފައިވާކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މިއަދު ސިއްރު ހެކިބަސްދިން ދެވަނަ ހެކިވެރިޔާ ބުނީ އޭނާ ގާތުގައި ތަސްލީމު އައިސިސް ޖަމާއަތަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓުކުރުމަށް ވާހަކަދައްކާފައިވާ ކަމަށާއި އެހެންކަމުން އޭނާއަކީ އެފުކުރު ފަތުރާ މީހެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ޤާޟީ ޢަލީ އާދަމް ބައްލަވާ މިމައްސަލައިގައި ދެންވެސް އޮންނާނީ ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުމެވެ.

ޢަލިމަނިކަކީ އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން މެއި 15، 2008 ގައި ހުކުމް ކޮށްފައިވާ މީހެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި އޭނާއަށް މާފުދީ ޖަލުން ދޫކޮށްލިއެވެ.

ހައެއް މެއިގެ ހަމަލާއާއި ގުޅިގެން ދައުލަތުން މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ އަލީ މަނިކާއި، ތަސްލީމްގެ އިތުރުން، ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

އޭގެތެރެއިން އަދުހަމް ދައުވާތަކަށް އިއުތިރާފްވުމުން 23 އަހަރުގެ ޖަލުހުކުމެއްވަނީ އިއްވާފައެވެ. އަދުހަމްގެ މައްޗަށް ކުރި ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ 8:27 ހާއިރު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާއަށްފަހު ރައީސް ނަޝީދު ވަނީ އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން