ފިނިނޭވާ
ފިނިނޭވާ
14 ވަނަ އެޕިސޯޑް

==========

ސީނާ އައިގޮތަށް އައިސް ދަރިފުޅާ އިސްކޮޅު ހަމަވުމަށް ދެކަކޫމައްޗަށް ތިރިވެލިއެވެ. ހަމައެޔާއެކު ބާރަށް ރޮއިގަނެވުމާއެކު އޭނާއަށް އެދަރިފުޅު މެޔާލައި ބޮނޑިކޮށްލެވުނެވެ.

[ދަރި....ފުޅާ.....] ދުވަސްތަކަކަށްފަހު ސީނާގެ އަޑުވެސް ނުކުތެވެ. އެކަމުންވެސް އަމީނާމެނަށް ޙައިރާންކަމާއެކު ހިތްހަމަޖެހުން ލިބުނެވެ. އޭރު މާއިޝާއާއި އަމީނާއަށްވެސް ރޮވެނީއެވެ.

އެދުވަހު އަމީނާމެން މާލެ އައީ ސީނާ ގޮވައިގެނެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. އެދުވަހު ގެއަށް ދެވެންދެންވެސް ސީނާ ކުޑަ ދަރިފުޅު ޝިފާންގެ ގައިން ދުލެއް ނުކުރެއެވެ. އިތުރު އެހެން ބަޔަކާ ދިމާއަށް އޭނާގެ ނަޒަރު ހުއްޓުނީ، ގެއަށްވެސް އާދެވުނުފަހުންނެވެ. ފުރަތަމަ އޭނާއަށް ބަލައިލެވުނީ ރޮވިފައި ހުރި މަންމައަށެވެ.

[މަންމާ...އަހަންނަށް މަޢާފްކުރޭ މަންމާ...އަހަރެންގެ ސަބަބުން މަންމަ ވަރަށްބޮޑު އެކަނިވެރިކަމާއި ހިތްދަތިކަމެއް ބަރުދާސްތުކޮށްފި....] މަންމަގެ މޭގައި ބޯއަޅާލަމުން ސީނާ ރޮއިގަތެވެ. ގައިމެވެ. މިހާރު އަމީނާ އެރޮނީކީ ދެރަވެގެނެއް ނޫނެވެ. ޔަޤީނެވެ. މިހާރު އޭނާގެ ލޮލުން ފައިބަމުން އެދަނީ، އުފާވެރިކަމުގެ ފޮނި ކަރުނައެވެ. އޭނާ ދުށްޓެވެ. އޭނާގެ ދަރިފުޅު މުޅިން އައު ސިކުނޑިއަކާއި ހިތަކާއެކު އެނބުރި އައު ވިސްނުންތަކަކާވެސްއެކު، އޭނާގެ ގާތަށް އައީއެވެ.

ދެން ސީނާ އެނބުރުނީ ރޮއިރޮއި ހުރި ރަޙްމަތްތެރިޔާއާ ދިމާއަށެވެ.

[މާއި....މީހަކުދެކެ ޙަޤީޤީ ލޯބިވެވުންވީ އަހަރެންގެ ބަދުނަޞީބަށް، އެލޯބީގެ ސަބަބުން އަހަރެން މުޅިން ބަރުބާދުވެއްޖެ. މީހުންގެ ކުރިމަތީ ބަދުނާމުވެ، އެއްވެސް އަގެއްނެތް މީހަކަށް ވެއްޖެ. އަހަންނަށް ޝިޔާދެކެ ލޯބިވެވުނީ އިޚްތިޔާރުގައިނަމަ، އެލޯބި ބަދަލުކޮށްލުމަށްވެސް އަހަންނަށް ބާރު ލިބުނީސް މާއީ......އަދިވެސް އަހަރެން ޝިޔާދެކެ ވަރަށް ލޯބިވޭ.] ސީނާ ބާރުބާރަށް ރޮއިގަންނަމުން މާއިޝާގެ މޭގައި ބޯއަޅާލިއެވެ. އޭރު މާއިޝާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަ ފައިބާ ހުއްޓެވެ.

[ނޫން...ސީނުގެ ޙަޔާތް ބަރުބާދެއް ނުވާނެ...އިރާދަކުރެއްވިއްޔާ، ސީނުއަށް ބާއްޖަވެރި ޙަޔާތެއް ދައްކަވާނެ....ސީނުވެބަލަ، ނިކަން އަހަރެން ކަހަލަ ކެތްތެރިއަކަށް....އަހަންނަށް މިހާހިސާބަށް އެނބުރި އާދެވިފައި މިހުރީ ހާދަ ހިތްވަރެއް ކޮށްގެނޭ.] މާއިޝާ ސީނާއަށް ހިތްވަރުދިނެވެ.

މޭޒުމަތީގައި އޮތް ޝިޔާޒްގެ ފޮޓޯގަނޑު ސީނާއަށް ފެނުނީ އެވަގުތުއެވެ. ހަމައެއާއެކު، އަނެއްކާވެސް ސީނާގެ މޫޑު ބަދަލުވެއްޖެއެވެ. މާއިޝާގެ އަތުން ދޫކޮށްލުމަށްފަހު، މަޑުމަޑުން އެފޮޓޯއާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. ހަމައެޔާއެކު، އަނެއްކާވެސް ޝިޔާޒްގެ ހަނދާންތައް، އޭނާގެ ސިކުނޑިއަށް ފުނިޖެހެން ފެށި ކަހަލައެވެ. ޝިޔާޒް ފުރަތަމަ ފެނުނު ދުވަހު އޭނާގެ ކިބައިން ފެނުނު ޙަރަކާތްތަކެވެ. އޭނާގެ ހިތް ޝިޔާޒަށް އެދެންފެށ،ީ ޝިޔާޒްގެ އެ ޙަރަކާތްތަކުގެ ސަބަބުންކަން ގައިމެވެ.

އެދުވަހު އޭނާއަށް މާނަކުރެވުނެވެ. އޭނާއާ ދޭތެރޭ އުފެދިފައިވާ ޝައުޤެއްގެ ބޮޑުކަމުންނެވެ. ތަޞްވީރު ބަލައިގެން ހިތްހަމަޖެއްސުމުގެ ގަޞްޛުގައެވެ. ނަމަވެސް، އެއީ އޭނާއަށް ހީކުރެވުނު ކުށް ހީއެއްކަން އެނގުނީ މާފަހުންނެވެ. އޭރު އޭނާގެ ހިތާއި ޖަޒްބާތުތައް ވަނީ އޭނާގެ އިޚްތިޔާރުން ބޭރުވެފައެވެ. އެހިތަށް އޭނާއަށް ބާރު ނުފޯރުވޭވަރަށެވެ. ހިތުގެ ހުރިހާ އިޙްސާސްތަކެއްވެސް ޝިޔާޒްގެ ހަނދާންތަކާ ގުޅިފައިވުމުގެ ސަބަބުން، އެކަން އޭނާއަށް ބައްޔަކަށްވެސްވިއެވެ.

ޝިޔާޒްގެ ހަނދާންތައް ސިކުނޑިއަށް ވެރިވުމާއެކު، އޭނާގެ ލޮލުން ކަަރުނަ އަތުވެއްޖެއެވެ......ކުރިއަށްވުރެން މާގިނައިންނެވެ. އޭނާ ރޮމުން ރޮމުން ގޮސް އެފޮޓޯގަނޑު ނަގައިގެން، އެއަށް ވަރަށް ޝައުޤުވެރިކަމާއެކު ނަޒަރު ހުއްޓާލިއެވެ.

[ދަރިފުޅާ...ތިފޮޓޯއަށް ބަލައިގެން އޭނަގެ ހަނދާންތައް އައުކޮށްކޮށްފައި ރޮއި ހިތާމަކުރުމަކީ އެއްވެސް ފައިދާއެއްހުރި ކަމެއް ނޫން...ތިފޮޓޯގަނޑު ވީދާލާ ދަރިފުޅާ.] އަމީނާ އައިސް ސީނާގެ ބޮލުގައި ފިރުމާލިއެވެ.

[އިޚްތިޔާރުގައި ކުރެވޭނަމަ، މިހާރު އަހަރެން ހުރީހީ އޭނަގެ ހަނދާންތަކާ ދުރުގައި. މަންމާ، މިދަރިފުޅު އަހަރެންގެ ކުރިމަތީގައި ހުރިހާ ހިނދަކު، ޝިޔާގެ ހަނދާންތަކެއް އަހަރެންގެ ކުރިމަތިން ފިލައިގެނެއް ނުދާނެ....މިދަރިފުޅަކީ ޝިޔާގެ ފަރާތުން އަހަންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް އަހަރެން ގަބޫލުކުރަން.] ސީނާ ރޮމުން، ތަރުފާލުމަތީގައި ކުޅެން އިން ކުޑަދަރިފުޅާ ދިމާއަށް ބަލައިލިއެވެ.

[މިދަރިފުޅުގެ ބައްޕައަކީ އޭނަތަ؟!.....] ޙައިރާންކަމާއެކު އަމީނާ އެއްސެވެ.

[އާނ....މަންމާ...އެކަމުގައި ޝިޔާގެ އެއްވެސް ކުށެއް ނެތް...ކުށްވެރިއަކީ އަހަރެން. އަހަންނަށް ކުރެވުނު އެންމެބޮޑު ކުށަކީ ޝިޔާދެކެ، އޭނަގެ އެއްވެސް އިޒުނައަކާނުލައި ލޯބިވުން.....ހިތަށްއަރާ އަދިވެސް އަހަންނަށް ޝިޔާގެ ލޯބި ލިބޭނެބާއޭ.] ސީނާގެ ބޮލަށް އެނބުރުން އަރަންފެށީ، މި ޖުމްލައާ އެކުގައެވެ. އަމީނާއާއި މާއިޝާ ތިބީ އެކަމަށް ވިސްނައިގެންކަމުން، ސީނާ ވެއްޓުުމުގެ ކުރިން މާއިޝާއާއި އަމީނާ، ސީނާގެ ގައިގައި ހިފެހެއްޓިއެވެ. ނަމަވެސް، އޭރު ސީނާގެ ޚަބަރުވަނީ ހުސްވެފައެވެ.

ވަގުތުން ސީނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވެން ފެށުމާއެކު، މާގިނައިރުތަކެއްނުވެ ސީނާ ހޭއަރައިފިއެވެ. ހޭއެރުމާއެކު، އަނެއްކާވެސް ސީނާ ފެށީ ރޯށެވެ.

[ޝިޔާ....އަދިވެސް ނާދޭތަ؟] ސީނާ ރޮމުން އެނދުގެ ވަށައިގެން ހޯދަން ފެށިއެވެ.

[ދަރިފުޅާ...ދަރިފުޅަށްވެސް ހަމަ ރަނގަޅަށްވެސް އެނގެއެއްނު، ތިބުނާ ޝިޔާއަކީ މީހެއްގެ ފިރިއެއްކަން. އާދޭސްކުރަން، ދަރިފުޅާ އޭނަގެ މަތިން ހަނދާން ނައްތާލާ.....] އަމީނާ އުޅުނީ އެއްވާހަކައެއް ތަކުރާރުކޮށްގެންވެސް ސީނާއަށް އިތުރަށް ވިސްނައިދޭށެވެ. ނަމަވެސް، އެ އަޑު އިވޭވަރަށްވުރެން ސީނާ އެވަނީ ދީވާނާވެ އާވާރާވެފައެވެ.

[ނޫން...އަހަންނަކަށް ޝިޔާގެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ. މިދަރިފުޅަކީ އެކަމުގެ ފުރިހަމަ ހެއްކެއް. މަންމާ، އަހަރެން ޝިޔާދެކެ އަދިވެސް ވަރަށް ލޯބިވޭ. މަންމަވެސް ޝިޔާގެ ލޯބި ހޯދުމުގައި އަހަންނަށް އެހީވެދީ.] ސީނާއަށް ރޮވުނެވެ.

މިފަހަރުވެސް ސީނާއަށް ފަރުވާދިން ޑޮކްޓަރ، އިރުޝާދު ދިނީ ސީނާ މުޅިން ހަމަޔަކަށް އެޅެންދެން ހޮސްޕިޓަލްގައި އެނދުމަތި ކުރުމަށެވެ. ސީނާވެސް ބޭނުންވީ އެގޮތެވެ. މިހާރު އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ. ޝިޔާޒްގެ ހަނދާންތަކާ ދުރުވެ، އަލުން އާ މީހެއްގެ ގޮތުގައި މުޖްތަމަޢަށް ނުކުންނާށެވެ.

[ދައްތަދޭ މިރޭ ގެއަށް....ސީނުގާތު އަހަރެން ހުންނާނަން....] އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުންދަނިކޮށް، މާއިޝާ އަމީނާގެ ގާތުގައި ބުންޏެވެ. ހީނލަމުން ސީނުގެ ބޮލުގައި ފިރުމާލަމުން، ދަރިފުޅު އުރާލައިގެން އަމީނާ ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ސީނާމެން ނުވެސް ދަންނަ، ދުވަހަކުވެސް ނުވެސްދެކޭ ޒުވާން ފިރިހެނަކު އެމީހުނާ ދާދި ގާތަށް އައިސް ހުއްޓުނީ، އަމީނާ ވޯޑުން ނުކުތްތަނާހެނެވެ.

އެއީ ރީތި ނުހަނު ހިތްގައިމު ޒުވާނެކެވެ. ސީނާ އެޒުވާނާއާ ދިމާއަށް ބަލައިލީ މާއިޝާ ސީނާގެ ގައިގައި ކޮއްޓާލުމުންނެވެ. އެޒުވާނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ.

[އައްސަލާމް ޢަލައިކުމް. ކުށެއް ކަމުގައި ނުވަންޏާ، ޙާލު އޮޅުންފިލުވާލާހިތުން މިތަނަށް މިއައީ....އަހަންނަށް ކިޔަނީ ޢާޞިމް. ބެޑް ނަމްބަރު ތިނެއްގައި އެއޮތީ އަހަރެންގެ މަންމަ....] ވާހަކަ ފެށިގޮތުން އެޒުވާނާ، އާދެ! ޢާޞިމަކީ ވާހަކަ ދެއްކުންތެރި މަޑުމައިތިރި މިޒާޖެއްގެ ޒުވާނެއްކަން ދޭހަވިއެވެ.

[ޝުކުރިއްޔާ....ޙާލު އަދި ރަނގަޅެއް ނޫން. އަހަންނަށް ކިޔަނީ ސީނާ....ދެން މިއީ މާއިޝާ.....] ސީނާ ގަދަކަމުން ހީނލިއެވެ.

[ތިގޭގައި އެއްވެސް ފިރިހެނަކު ނުއުޅެނީތަ؟ މިހެން މިބުނީ މިއަދު ހަތަރުދަމު މިތާ ތިހޭދަކުރި ވަގުތުތަކުގައި ފިރިހެނަކު އައިސް އުޅޭތަން ނުފެންނާތީ.] މާއިޝާގެ ހުއްދައާއެކު ޢާޞިމް، ޖެހިގެން ހުރި ގޮނޑިއެއްގައި އިށީނެވެ.

[ޢާޞިމަށް ތި ހީކުރެވުނީ ރަނގަޅަށް. ސީނުމެންގެއަކު ފިރިހެނަކު ނުހުރޭ. ސީނުގެ ހުންނަނީ ހަމައެކަނި މަންމައެއް....ދެން ދަރިފުޅު.....] މާއިޝާ، ޢާޞިމަށް ކިޔައިދިނެވެ.

[އެހެންތަ؟ އަޅެ...ކަމެއް ބޭނުންވެއްޖެއްޔާ އަހަރެން ގާތު ބުނައްޗޭ....] ޢާޞިމް ސީނާއަށް ހަމްދަރުދީވިއެވެ. އޭނާ ސީނާއަށް އެހީވާންވެސް ބޭނުންވިއެވެ. ވެދާނެއެވެ. ސީނާގެ ރީތިކަމުގެ ޖާދޫގައި އޭނާ ޖެހުނީއެވެ. އާއެކެވެ. ވީވެސް އެހެންނެވެ. އެހިނދުން ފެށިގެން އޭނާއަށް ސީނާގެ ޙާލާ ދޭތެރޭ ވިސްނެން ފެށުނެވެ. ސީނާގެ ދިރިއުޅުމާ ބެހޭގޮތުން އިތުރަށް ސުވާލުކޮށް މަޢްލޫމާތު އޮޅުންފިލުވަން ބޭނުންވިއެވެ.

[ސީނާގެ ދަރިފުޅުގެ ބައްޕަ ކޮބައިތަ؟] ހިތުގައި ފުރަތަމަ އުފެދުނު ސުވާލު، އޭނާއަށް ކުރެވުނީ މާފަހުންނެވެ. އެސުވާލުގެ އަޑު ކަންފަތުގައި ޖެހުމާއެކު، ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި އޮތް ސީނާގެ މޫޑު ބަދަލުވެއްޖެއެވެ. އޭނާގެ ދެލޯ ވަގުތުން ފެންކަޅިވެއްޖެއެވެ. އެކަން ވަރަށް ފަސޭހައިން ޢާޞިމް ދެނެގަތެވެ. އޭރު މާއިޝާވެސް ހުރީ ދޭނެ ޖަވާބެއް ނުވިސްނޭތީ އިސްޖެހިފައެވެ.

[އެއީ ސީނުގެ މިބަލީގެ އަޞްލު. އެވާހަކަ ދެއްކުން ރަނގަޅެއް ނޫން....] މާއިޝާ ސިއްރުން ރޮވިފައި އޮތް ސީނާގެ މޫނަށް ބަލައިލަމުން ބުންޏެވެ.

[މަޢާފްކުރޭ ސީނާ.....އަހަރެން، އަހަރެންކުރި ސުވާލު އަނބުރާ ގެނެސްފިން.] ސީނާ ރޮވިފައި އޮތްތަން ފެނުމުން، ޢާޞިމްވެސް އިންތިހާއަށް ދެރަވެއްޖެއެވެ.

އެވަގުތު ތިން ނަމްބަރު އެނދުގައި އޮތް ޢާޞިމްގެ މަންމަ، ޢާޞިމަށް އިޝާރާތް ކުރާތަން މާއިޝާއަށް ފެނުނެވެ.

[ޢާޞިމް މަންމަ އެބަގޮވާ.] މާއިޝާ ޢާޞިމްގެ މަންމަގެ އިޝާރާތް ޢާޞިމަށް އިއްވިއެވެ. ޢާޞިމް ދަނީއޭ ބުނެފައި، ސީނާއަށް ބަލައިލަމުން، ލުއި ހިނިތުންވުމަކާއެކު ހިނގައިގަތެވެ.

އެރޭގެ ގިނަ ވަގުތު ޢާޞިމް ހޭދަކުރީ ސީނާއަށް ހޭހަންކޮށްދިނުމުގައެވެ. ޢާޞިމްގެ އެހީތައް ސީނާ ބަލައިގަންނަމުން ދިޔައީވެސް ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. އެރޭ މާއިޝާ ސީނާގެ ޙާލަތު ޢާޞިމަށް ކޮންމެވެސްވަރަކަށް ކިޔައިދިނެވެ. ސީނާގެ ދިރިއުޅުމުގެ ބޮޑު ބައެއް އެނގި ހާމަވުމުން، ޢާޞިމްގެ ހިތުގައި ހަމްދަރުދީގެ ޝުޢޫރު އިތުރަށް ގަދަވިއެވެ. ސާބިތުކަމާއެކު ސީނާއަށް އެހީތެރިވެދިނުމުގައި ހުރުމަށް އޭނާގެ ހިތް އެދެން ފެށިއެވެ.

[އަހަންނަކީވެސް ޙަޔާތުގެ ފުރަތަމަކޮޅު ތިބުނިފަދަ ލޯތްބެއްގެ ޝިކާރައަކަށްވި މީހެއް...އަހަންނަށްވެސް ލޯބިވެވުނީ މީހެއްގެ އަންބަކުދެކެ....އެކަމަކު އަހަރެން، އަހަރެންގެ ހިތަށް ބާރުފޯރުވިން. ހިތަށް ވިސްނައިދީ، ހިތް މައިތިރި ކުރުވިން.] ޢާޞިމް އެކަނި މާއިޝާއަށް އިވޭވަރަށް މަޑުމަޑުން ބުންޏެވެ. އޭރު ސީނާއަށް އޮތީ ނިދިފައެވެ.

[ޢާޞިމް...އަހަންނަށް ކަމެއް ކޮށްދެންޏާ ސީނާއަށް އެހީވެދީފާނަންތަ؟ މިބުނީ ސީނާ، އެދަތުރުކުރާ މިޞްރާބު ބަދަލުކޮށްދޭށޭ.] މާއިޝާ އެދުނެވެ. ޢާޞިމް ބޯޖަހާލިއެވެ.

އެރެއަށްފަހު ޢާޞިމް މަސައްކަތް ފެށީ ސީނާގެ ހިތުން ޝިޔާޒްގެ ހަނދާންތައް ފޮހެލުމަށްފަހު، އެހިތުގައި ހަމައެކަނި އޭނާގެ ނަން ލިޔުމަށެވެ.

[ސީނު...އަހަރެންގެ ހިތަށްއަރާ ކީއްވެބާއޭ އަބަދު އަހަންނަށް ސީނު ފެންނަފަށުގައި ހުރެވެނީ. ގައިމުވެސް ކޮންމެވެސް ސިއްރެއްވާނެ.] ސީނާއާއެކު އެކަނިވީ ވަގުތު ބަލާފައި، ޢާޞިމް އޭނާގެ މަސައްކަތް ފެށިއެވެ.

ނަމަވެސް، ޢާޞިމްގެ އެވާހަކައާ ދޭތެރެއަކު ސީނާ އެއްވެސްވަރަކަށް ނުވިސްނައެވެ. ޢާޞިމަށް އޭނާގެ މަސައްކަތަށް ކުޑަވެސް ކާމިޔާބެއް ލިބެންފެށީ، އޭނާ އެކަމަށް މަސައްކަތް ކުރާތާ މަހެއްހާ ދުވަސްވެސްވީ ފަހުންނެވެ. ފުރަތަމަ އޭނާ ކުރީ އިޝާރާތްތަކެވެ. އޭނާގެ ހިތް ސީނާގެ ކުރިމަތީގައި ހުޅުވާލީ، ކުރިން އޭނާ ކުރަމުން އައި އިޝާރާތްތަކާ ދޭތެރޭ ސީނާ ވިސްނާކަމުގެ އިޙްސާސް ކުރެވިގެންނެވެ. އޭރު ސީނާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ފަހުން ޢާޞިމް ސީނާއާ ބައްދަލުކުރުމަށް ދަނީ ވިލިނގިލީގައި ހުންނަ ސީނާގެ ގެއަށެވެ.

[ސީނާ.....އަހަރެން ގާތު ނާހާނަންތަ، އަހަރެން ކޮންމެ ދުވަހަކު ހަތަރު ފަސްފަހަރު މިގެއަށް އަންނަނީ ކީއްކުރަން، ކޮންބޭނުމެއްގައިހޭ....ގައިމުވެސް ސީނާ މިސުވާލު ކުރޭތޯ އަހަރެން ވަރަށް އިންތިޒާރުކޮށްފިން....] ސީނާގެ ކުރިމަތީގައި ހިތް ހުޅުވުމަށްޓަކައި ޢާޞިމް މަގުފަހިކުރިއެވެ.

******************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން