ހަތެއް ފެބްރުއަރީގެ މަންޒަރެއް
ހަތެއް ފެބްރުއަރީގެ މަންޒަރެއް
ކޯނީ ރިޕޯޓް: ކުރީގެ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމިގެންދިޔައީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އާންމުންގެ ބަޔަކު ނުކުމެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި ހިންގި ބޮޑެތި ހަމަނުޖެހުން ތަކަށް ފަހުއެވެ. ރައީސް ނަޝީދުގެ އިސްތިއުފާއާ އެކު، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވުމުން ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، 2012 ފެބްރުއަރީ 8 ގައި ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މާލޭގައި އޮތް ބޮޑު މުޒާހަރާ ރޫޅާލަން ފުލުހުން ކުރިމަތިލައި، އެމްޑީޕީގެ އެތައް ސަޕޯޓަރުންނަކަށް އަނިޔާވިއެވެ.

މި ދަންނަވާލީ ގާތްގަނޑަކަށް އެރިޕޯޓްގެ އެންމެ ކުރު ޚުލާސާ ލިޔެވޭނެ ގޮތެވެ. ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެރިކަން ބަދަލުވި ގޮތް ތަހުގީގް ކުރުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީއެއް (ކޯނީ) އުފެއްދެވިއެވެ. ވަހީދުގެ ސަރުކާރުން ކޮމަންވެލްތާއި ބޭރުގެ ފަނޑިޔާރުންވެސް ހިމެނޭ ގޮތަށް ހިންގި މިނިވަން އިންކުއަރީ އަކަށް ފަހު އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައި އާންމުކުރި ކޯނީ ރިޕޯޓް ރައީސް މުހަންމަދު ނަޝީދު ވަނީ ބަލައިގެންފައެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތާއި ގުޅޭގޮތުން އެމަނިކުފާނު އެކި ހާލަތުގައި އެކިގޮތަށް ދައްކަވަމުން ގެންދަވާތީ އެމަނިކުފާނުގެ ނިންމުމަކީ ސީދާ މިއީއޭ ދަންނަވަން ތަންކޮޅެއް ތައްޗެވެ. ކޯނީ ރިޕޯޓް ގަބޫލުކުރެއްވި ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާއިރު ވެރިކަން ވައްޓާލީ ބަޣާވާތެއް ކޮށްގެން ކަން ހަމަ ޔަގީންވާ ވަރަށް ވިދާޅިވެ ދެއްވައެވެ. ތަފާތަކީ ބަޣާވާތް ކުރި ނުވަތަ ބަޣާވާތުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި އެކަން ކުރި ގޮތާއި މެދު އުފެދޭ ތަފާތެކެވެ.

އެންމެ ގިނައިން ވިދާޅުވެފައިވަނީ ބަޣާވާތުގެ އިސްބައިވެރިއަކީ އެމަނިކުފާނުގެ އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ނާއިބްރައީސް ޑރ ވަހީދު ހަސަން ކަމަށެވެ. ނަމަވެސް ބައެއް ހާލަތް ތަކުގައި ވަހީދު ބަޣާވަތް ކުރި ކަމަށް ވިދާޅުނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. އަނެއްބައި ފަހަރު ބަޣާވަތްކުރިކަމުގެ ތުހުމަތު ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ވަޒީރު އިމްރާނުގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދަވައެވެ. އެމަނިކުފާނު އެވިދާޅުވަނީ ހަގީގަތުގައި ވެސް ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ވާނަމަ ފެންނަން ހުރި މަންޒަރުތަކަށް ބަލައިގެން ލިސްޓެއް ހަދާނަމަ އެންމެ ކުރިއަށް އަންނާނީ ވަޒީރު އިމްރާނުގެ ނަމެވެ. ދެން އަބްދުﷲ ރިޔާޒާ ކާނަލް ނަޒިމްގެ ނަމެވެ. މަންޒަރުން ރައީސް ވަހީދު ފެންނަނީ ތަންކޮޅެއް ފަހުންނެވެ. ރައީސް މައުމޫން ވެސް ހަމަ އެހެނެވެ. ފަހަރެއްގައި އެދެބޭފުޅުންގެ ރޯލަކީ ގޭގައި ތިއްބަވައިގެން އެކަން ރޭވުން ކަމަށް އެލިސްޓުގައި ޖެހިދާނެ އެވެ. އެހެން ވިއްޔާ ޖެހޭނީ ވަރުގަފަ އިންޓެލް އަކުން "ޕެން ޑްރައިވް" އެއް ހޯދާށެވެ.

ކޮންމެއަކަސް މިއަދުގެ ސިޔާސީ މަޝްރަހާއި ގަައުމުގެ ހާލަތު މިވަނީ އެއްކޮށް ބަދަލުވެފައެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެންމެ ފުރަތަމަ އިންތިޚާބީ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރަން ފޫގަޅައިގެން އުޅުނު އޭރުގެ ޚަތުރުން މިއަދު ވަނީ މިތުރުންނަށްވެފައެވެ. ކުރީގެ "ބާޣީން" މިއަދު ވަނީ ޣާޒީންނަށްވެފައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި އޭރު ބާޣީންގެ ފަރާތުން މަދަދާއި އެހީތެރިކަން ހޯދަން އޯކޭވީ އެވެ. ވެރިކަން ހޯދަން ވެގެން ބާޣީންގެ އަރިހަށް ވަޑައިގަތީ ކަމެއް "ބާޣީން" ރައީސް މުހަންމަދު ނަޝީދާއި ބައިއަތު ހިފައި އެއްގަލަކަށް އަރާ ވަގުތީ ގޮތުން ނަމަވެސް ހަތުރުން މިތުރުންނަށް ވީ ތޯއްޗެކެވެ.



ކޮންމެއަކަސް ބާޣީންގެ ލަގަބު އެމްޑީޕީން ދިން ކުރީގެ ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ވަޒީރު އިމްރާން އަބުދު ﷲ ގެ ތާއިދާއެކު ވެރިކަމުގައި މިއަދު ހުންނެވީ އެމްޑީޕީގެ ބޭފުޅެކެވެ. އެއީ އެމްޑީގެ ފަރާތުން ކޯލީޝަންގެ ނަންބޯޑު ހިއްޕަވައިގެން ނުކުމެ ވަޑައިގެންނެވި ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ. ރައީސް ސޯލިހްގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ސަރުކާރުން އެވަނީ ބައިއަޅައި ފައެވެ. ވެރިކަން ހޯދަން ކުރި ހުރިހާ މަސައްކަތެއް ކުރީ އެކުގައެވެ. އެއްބަޔަކު ރާއްޖެއިން ބޭރުގައެވެ. ހުކުމް ތަކުގައި އަރުވާލެވިގެންނެވެ. އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މާޒީ ބާއްވާފައި ނުކުތީ އިދިކޮޅު ސިޔާސީ ހައްޔަރީންގެ ފޮޓޯ ހިފައިގެންނެވެ. "ބާޣީން" ގެ ލަގަބުގައި ތިއްބެވި ލީޑަރުންނާއި އެމީހުން ދިފާއުކުރަން ތިބި އެކްޓިވިސްޓުންވެސް މާޒީގެ ވާހަކަ ބާއްވާފައި ނުުކުތީ އަނެއް ކޮޅުގައި ތިއްބެވި ސިޔާސީ ހައްޔަރީންގެ ފޮޓޯ ހިފައިގެންނެވެ. އެންމެ އާރާ ބާރުގައި އުޅުއްވި ދުވަސްވަރުވެސް އިންޓަރުވިއެއް ދެއްވާތީ، ވިޑިއޯ މެސެޖަކުން ވިޔަސް ފެނިފައި ނުވާ ރައީސް މައުމޫންގެ އަނބި ކަނބަލުން ވިޑިއޯ އިންޓަރވިއު ދެއްވައި ރައީސް ޞާލިހަށް ވޯޓު ހޯދަން ސަލާން ޖެއްސެވިއެވެ. މިވާހަކަ ދިގު ކުރާން ދައްކާނެ ކަމެއް ނެތެވެ. އަޅުގަނޑުމެން ވެސް މިތިބީ އެއީ މާޒީ ކަމުގައި ބަލައިގެންނެވެ.

ބާޣީންނަށް ހައްގު އަދަބު ދިނުމަކީ އެމްޑީޕީގެ ސަޕޯޓަރުން އަބަދުވެސް ގޮވާލަމުންދާ އެއް ގޮވާލުމެވެ. ލިބުނު އަނިޔާގެ ބަދަލު ހިފާން އެމީހުން ކެނޑިނޭޅި ދިޔައީ ގޮވަމުންނެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު އަބަދުވެސް ވިދާޅުވާ އެއް ވާހަކަ އަކީ ކާމިޔާބީގައި ހިތްތިރިކުރުމާއި ނާކާމިޔާބީގައި ހިތްވަރުގަދަ ކުރަންޖެހޭ ވާހަކައެވެ.

ޑިމްކޮރަސީ އަށް ފެށި ދަތުރުގައި ރައީސް ނަޝީދުގެ ހިތްތިރިކަމާއި އޯގާތެރިކަމަކީ ގިނަ ބަޔެއްގެ ސަޕޯޓާއި ލޯތްބާއި ތާއިދު ލިބެމުންދިޔަ މައިގަނޑު އެއް ސަބަބެވެ. ރައީސް ނަޝީދު ގަބޫލުކުރައްވާ އުސޫލުތަކާއި ހަމަތަކުގައި ދެމިހުންނަވާތީއެވެ. އެހެން ނަމަވެސް މަންޒަރު މިއަދު ބަދަލުވެއްޖެއެވެ. އާރާއި ބާރު ލިބުނީމާ ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުތަށް އުޑާއި ބިމާހާ ތަފާތެވެ. ތިމާ އާއި ޚިޔާލު ތަފާތުވާ މީހާ މަގުމަތިން ފެނުމުން އޭނާއާއި އާއިލާގެ މީހުންނަށް ފާޑުފާޑުގެ ނަންނަމުން ގޮވައި ފުރައްސާރަކޮށް ގަޔަށް ލޮލަށް ބޮލަށް އަރައި އަނދަގޮނޑިވެސް ޖަހަންވީއެވެ. ކުދިކޮށް ކޮށައި ކާޅަށް ވެސް ކާންދޭންވީއެވެ. ނުވިތާކަށް ދަރިންނާއި އާއިލީނ ދަރިފަސްކޮޅު ވެސް އެ ހައިޖާނު ގަނޑުގެ ތެރެއަށް ވަދެ ނިމިއްޖެއެވެ.



މިއީ ކުރިން ރައީސް މުހަންމަދު ނަޝީދު ގެންގުޅުއްވި އުސޫލުތަކެއް ނޫނެވެ. އެހެން ވެއްޖެނަމަ ރައީސް ނަޝީދުގެ ހިތްތިރިކަމާއި ވަރުގަދަ އަޒުމް ބަދަލު ހިފުމުގެ ޖަޒުބާތަށް ބަދަލުވީތޯ ރައްޔިތުން ސުވާލު އުފައްދާނެއެވެ. މިކަން ފެންމަތިވެގެން އުޅެނީ އަނެއްކާވެސް ރައީސް ނަޝީދު ވެރިކަން ބަދަލުވި ހިލުން ގަނޑާއެކުއެވެ. އެބޭފުޅުންގެ ބަހުރުވައިން ނަމަ "ބަޣާވަތް" ކޮށް ނަޝީދުގެ ވެރިކަން "ފޭރިގަތުމާ" ހަމަޔައިންނެވެ.

ރާއްޖެއަށް މިއިން ޒަމާނަކުވެސް ކުރިމަތިނުވާ ފަދަ ބޮޑު ބަލިމަޑު ކަމެއްގެ ވަބާގައި ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ މިދަނޑިވަޅުގައި ގައުމުގެ އިގްތިސާދު އިނދަޖެހި ދައުލަތް ބަނގޫޓްވަމުންދާ މިވަގުތު މީގެ އަށް އަހަރު ކުރީގެ މާޒީގައި، ނިމި ސިއްކަ ޖަހާފައިވާ މައްސަލައެެއް ނަގައިގެން އަނެއްކާވެސް ބޮޑު ސަކަރާތް ގަނޑެއް ގަންނަން މިއީ އެންމެ ރަނގަޅު ވަގުތުތޯ ރައްޔިތުން ސުވާލު އުފައްދާނެއެވެ. ގައުމުގެ މާލީ ހާލަތު މިއިން ދުވަހަކުވެސް ދަށައް ނުދާވަރަށް ދަށައް ގޮސް ގައުމު ހައްސާސީ އެތަށް މައްްސަލައެއް ފުނިޖެހި ގައުމުގެ ތަރައްގީ އެތަށް އަހަރެއްގެ ފަހަތަށް ސޮއްސާލާފައިވާ މިވަގުތަކީ މިއީ 7 ފެބްރުއަރީގައި ކުރީ ބަޣާވާތެއްތޯ ނުވަތަ އަށެއް ފެބްރިއަރީގައި ކުރި އަނިޔާގެ ބަދަލުހިފުމުގެ މަސައްކަތް ފަށަން އެންމެ މުނާސަބު ވަގުތު ތޯވެސް ރައްޔިތުން ސުވާލު ކުރަނެއެވެ.

އެމްޑީޕީ އަށް ދެވަނަ ފަހަރު ވެރިކަން ލިބި ދެއަހަރު ހަމަވާން ދާއިރު ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އޮވެމެ ކޯނީގެ ރިޕޯޓާއި މެދު އެޅި ފިޔަވަޅެއް ކުރި މަސައްކަތެއް މިހާތަނަށް ވެސް ފެންނާކަށް ނެތެވެ. ފާޑުފާޑުގެ ކޮމިޝަންތައް ހަދައި "ކުރިއަށް ނުދުވާ ނަމޫނާ އޮޑިފަހަރު ބަނދެ" ބަޔަކަށް މުސާރަ ދިނުން ފިޔަވައި އެކޮމިޝަނުން ނެރެވުނު ނަތީޖާއެެއް ވެސް ނެތެއް ނޫންތޯއެވެ.؟

ދެން ހަތަރު އުދަރެސް ފެނުޖެހޭ ހިސާބުގައި ގައުމު އޮއްވައި މިއަދު ދެން ކޮން ގަނޑެެއް ގަންނާކަށް ހެއްޔެވެ؟ ތިޔަކަމުން ރައްޔިތުންނާއި ގައުމަށް މިވަގުތު ވާނީ ކޮން ފައިދާއެއްތޯއެވެ؟ މިއީ ހައްތަހާވެސް ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލެވެ. ބަޣާވާތެއް ކޮށްފައި އޮތިއްޔާ އެކަން ބަލައި ތަހުގީގު ކުރަން ވަނެއެވެ. މިނިވަން ކޮމިޝަނަކުން ކުރިއަސް އަދި އެކޮމިޝަނުގެ ނިންމުމެއް އޮތަސް މިހާރު އޮތް ކޮމިޝަނުން ވެސް ކަމެއް ގޯސްކޮށް އޮތިއްޔާ ބަލަންވީއެވެ. ޖޭއެސްސީން އަންގައިގެން ކޯޓުތަކުން ވެސް އަލުން ބަލަންވީއެވެ. އިންސާފު ހޯދަން ވީއެވެ. ބަޣާވާތް ކުރި ބަޔަކު ހޯދާ ހައްޔަރުކޮށް، ތަޅާ އަނިޔާ ކުރި ބަޔަކު ހޯދައި އަނިޔާކުރަން ޖެހެންޏާ އެކަން ވެސް ހަމަ ކުރަންވީއެވެ. ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ވިދާޅުވާހެން "އެބައެއްގެ ފުށްގަނޑު އެބަޔަކު މޮޑޭނެ ގޮތަކަށް މޮޑެންވީ" އެވެ.



އެކަމު މި ސަކަރާތް ޖަހަން ފެށުމާއެކު ފެންނަން ފެށި ތަފާތު މަންޒަރެއްގެ ވާހަކަ މިތާނގައި ތަފުސީލު ކޮށްލެވޭތޯ ބަލާނަމެވެ. މިފަހަރުގެ ހައިޖާނު ގަނޑުގައި ދެ ޢާއިލާގައި މިހާރު ތިބި ކަމަށް މިވަނީ ހުސް ބާޣީންނެވެ. އެއްބަޔަކު އަނެއް ބަޔަކުގެ ބޮލުގައި އިލްޒާމް އަޅުވަނީއެވެ. ފޮޓޯތައް ހަދައިގެންނާއި ނުހަދައިވެސް "ބާޣީ" ޖަހާފައި މީސް މީޑިއާއަށް ދޫކުރަނީއެވެ. ކަންކަން މިމަގުން ހިނގަމުންދާނަމަ މިކަމަކީ "ދެ ގަބީލާއެއް" ނުވަތަ "ދެ އާއިލާ" އެއްގެ މެދުގައި ހިނގާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެންވެސް ހިގައިދާނެ ކަމުގެ ބިރު މިހާރު އެބައޮތެވެ. ދެދަރިކޮޅެއްގެ ނަފްރަތުގެ ހުޅު ރޯވެ ހަލާކުވެފައިވާ ގައުމުތަކުގެ ތަޖުރިބާ އަކީ ތާރިޚެއް ނޫނެވެ. އެއީ މިއަދު ވެސް ގައުމުތަކުން ފެންނާން އޮތް ދުނިޔަވީ ހަގީގަތްތަކެވެ.

މިފަދަ ކަންކަމުން އުފެދިގެންދާ ނަފުރަތުގެ އަލިފާނަކީ އެތައް ޒަމާނަކަށް ދިގުދެމިގެންދާ ކިހާ ނުރައްކާތެރި ކަމެއްކަން، އެގައުމުތަކަށް ކުރިމަތިވެފައިވާ، އަދި ތަޖުރިބާ ކުރަންޖެހިފައިވާ ކަންކަމަށް ނަޒަރު ހިންގާލުމުން ވަރަށް ރަނގަޅަށް އެނގިހާމަވެއެވެ. މި ކުޅިގަޑު ނުހުއްޓި ދިގު ދެމިގެންދާނަމަ އަރައިންނަ ހޫނު އާވި ގަނޑުގެ ދިލައަށް ކެއް ނުކުރެވިގެން މީސް މީޑިއާއިން ވެސް ބޭރަށް ނުކުމެ ދޮރޯށިން ވެސް ބޭރަށް، މަގުމައްޗަށް ނުކުމެ އެއްބަޔަކު އަނެއްބަޔަކު ކަރުހިފައި ކަތިލާ ހިސާބަށް ދިޔުމުގެ ކުރިން ކޮންމެވެސް ބަޔަކު ފެންޖަހާ ފިނިކުރާން އެބަޖެއެވެ..

މިގައުމުގެ ކޮންމެ މީހަކަށް ވެސް ތިމާ އާއި ތިމާގެ އަނބިދަރިންނާއި މައިބަފައިންނާއި އާއިލާ މީހުންނާއެކު މިފަސްގަނޑަށް ހަމަނޭވާ ލައިގެން މިނިވަން ކަންމަތީ ބިރުވެރި ކަމެއް ނެތި މަގުމަތީގައި އުޅެލެވޭންޖެހޭނެއެވެ. މިކަންކުރެވޭނީ ހަސަދަވެރިކަމާއި ރުޅިވެރިކަން އެއްފަރާތްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ޒައިތޫނި ފަތްކޯޅި އެއް ދިއްކޮށްލައިގެންނެވެ.

ސިޔާސީ ދެބަސްވުމާއި އަރައިރުންވުން ތަކުން ގައުމަށް ލިބުނު އިގްތިސާދީ އަދި އިޖްތިމާއީ ގެއްލުން މިހާރުވެސް ވަކި ކުޑައެއް ނޫނެވެ. މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިފައިވާ މިންވަރުވެސް ވަކީން ކުޑައެއް ނޫނެވެ. މިއަދު މިއީ އެހާލަތުން އަރައިގަންނަން ލިބިފައިވާ ފުރުސަތެއް ކަމުގައި ބަލައި ވޭތުވެ ދިޔަ ވަގުތު ހޯދައި މިއީ ގައުމު އާއުސްމިން ތަކަކަށް ގެންދިޔުމަށް އެންމެން ގުޅިގެން ކަމަރު ބަންނަންވީ ވަގުތެވެ. ހެއު ނުވާާނެއެވެ. ޢިއްޒަތްތެރި މެމްބަރުންނޭވެ. ތިޔަ ޖައްސަވާ ސަކަރާތް ހުއްޓަވާލައްވައި ރައްޔިތުންނާއި ގައުމަށް ފައިދާހުރި ކޮންމެވެސް އެހެން ކަމަކާ އުޅުއްވާށެވެ. ރައްޔިތުން ބަލައިގަންނާނީ އޭރުންނެވެ. އެހެންނޫނީ ރައްޔިތުން ރިޕޯޓް ދޭއިރު ދެވަނަ ދައުރަކަށް ގޮނޑިވެސް ކަށަވަރު ނުވެދާނެއެވެ. އެއީ މިގައުމުން ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫންތޯއެވެ؟

މިއަދު އަނެއްކާ ތިޔަ ވިދާޅުވާ "ބަޣާވާތް" އަލުން ބަލައި ތަހުގީގު ވެސް ކުރެވިދާނެ އެވެ. ތިޔަ ބުނާ މައްސަލަ މަޖިލީހުން ވެސް އަދި ޝަރުޢީ ކޯޓަކުން ވެސް ބެލި ދާނެއެވެ. ޝަރީއަތްވެސް ހިންގިދާނެ އެވެ. ބަޔަކަށް ހުކުމްކޮށް ޖަލަށް ވެސް ލެވިދާނެއެވެ. އެކަމާ ތިޔަ ބޭފުޅުން ހިތްޕުޅު ހަމަޖެހެންޏާ ނާޗަރަންގީ ނުކުޅުއްވައި އަވަހަށް އެކަން ކުރައްވައި މިގައުމު ހަމައަކަށް އެޅުވައި ދެއްވާށެވެ. ދެން އަނެއްކާވެސް ދެން ވެރިކަމަށް އަންނަ ބަޔަކު ހަމަ މިއަދު ތިޔަ ކަން ކުރާ ގޮތަށް ތިބޭފުޅުން "މިނުނު ނާޅިން" މިނާނީއެވެ. އެހެންވީމާ ކޮންމެ ވެރިކަމެއްގެ ފުރަތަމަ ދެއަހަރު ދާނީ އަނެއް ވެރިކަމުގައި ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް ފިޔަވަޅުއަޅައި ބަޔަކު ޖަލަށް ލުމަށެވެ.

އެހެންވީމާ ދެން ތިޔަ ވިދާޅުވާ ޑިމޮކްރެސީގައި މިގައުމަށް ހަމަޖެހުން ލިބޭނެ ހެނެއް ހަމަ ހިއެއް ނުވެއެވެ. ބާރެއް ލިބުނީމާ އެބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނަތީޖާ އިހަށް ދުވަހު ފެނިގެން އެދިޔައީ ނޫންތޯއެވެ؟ އަދި އޭގެ ރަހަ އަދިވެސް އެ ދެކެނީ ނޫންތޯއެވެ؟ ތިޔަ ކޯލިޝަނެއް ހެދިގެން މިއަދު ވެރިކަމަށް އާދެވިފައި ވެސް ތިޔަ ތިއްބެވީ އޭގެ ނަތީޖާއެއްގެ ގޮތުން ނޫންތޯއެވެ؟ މިއީ ދުނިޔެ ދައްކާ ހަގީގަތެވެ. ބާރެއް ލިބުނީމާ ކިތަންމެ ވަރަކަށް ބާރު ދައްކާލާނަމޭ ހިތައި ބޮޑާވެގަތަސް ފިތުރަތުގެ ނިމުން ނެތް ގޮތަކަށް އެއްވެސް ކަމެއް ނުނިމޭނެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެއްވީ ތިޔަ ބޭފުޅުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން