ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއަރމަން މުހައްމަދު އިސްމާއީލަށް 21 އަހަރުގެ ޖަލު އަދަބެއް އަތުވެދާނެ 2 ދަޢުވާއެއް ޕީޖީ އޮފީހުން އުފުލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ދަޢުވާ އުފުލާފައެވެ.

މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލަށް ކުރާ ފުރަތަމަ ދަޢުވާއަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ. އެކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މުޙައްމަދު އިސްމާޢީލުގެ މައްޗަށް އުފުލާފައިވާ 2 ވަނަ ދަޢުވާއަކީ ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޔޯގާ މައްސަލާގައި ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ދަޢުވާ 15 މީހެއްގެ މައްޗަށްވެސް އުފުލާފައިވެއެވެ. އެކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލާގައި ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން