ޞާދިރު ޢަލީދީދީ   17 ޖޫން 2020 - 14:55
ފިނިނޭވާ
ފިނިނޭވާ
15 ވަނަ އެޕިސޯޑް

==========

[ކީއްކުރަންށޯ؟] ސީނާގެ ހިތުގެ މިޞްރާބުވެސް ކޮންމެވެސް ވަރަކަށް ބަދަލުވަމުންދިޔައެވެ.

[އަޞްލު އަހަރެން މިގެއަށް އައުމަށް ދަޢުވަތު ދެނީ އަހަރެންގެ ބަސްނާހާ ހިތް...ކުރިން އަހަރެން އެހިތަށް ބާރުވެސް ފޯރުވިން. އެކަމަކު މިހާރު އެހިތަކަށް އަހަންނަކަށް އެއްވެސް ބާރެއް ނުފޯރުވޭ. އެހިތް މިހާރުވަނީ މިގޭ ހަތަރުފާރު އެތެރޭން ޙިމާޔަތް ލިބުމަށް އެދި ފެން ބޮވައިގެންފައި.] ޢާޞިމް ސީނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ސީނާ ލަދުވެތި ނަޒަރަކުން ޢާޞިމަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ.

[ޢާޞިމް ތިހެން ތިބުނަނީ މިގޭ ހަތަރުފާރުން އެތެރެއަށް އަދި ރަނގަޅަށް ނުވަދެވޭތީ....ވަދެވި މުޅިން ޙަޤީޤަތް ހާމަވާ ވަގުތު، ޢާޞިމްގެ ހިތުގެ މިޞްރާބުވެސް ބަދަލުވާނެ.....] ސީނާގެ ވާހަކައިގެ ރާގާއި އަސަރު ތަފާތުވިއެވެ. އަޑުވެސް ކުރެހުނެވެ.

[އަހަންނަށް ހުރިހާ ޙަޤީޤަތެއްވެސް އެނގޭ....މީގެ ދެތިންރޭ ކުރިން މާއިޝާ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީފި....ސީނާގެ ވޭތުވެދިޔަ މާޒީއާ ދޭތެރޭ ވިސްނާކަށް އަހަރެން ބޭނުމެއް ނޫން....އަހަންނަކީވެސް ސީނާ ފަދައިން، ހިތި މާޒީއެއް ޙިއްޞާކުރާ ނިކަމެއްޗެއް. އަހަންނަށްވެސް މިހާރު ބޭނުންވަނީ އޯގާތެރި އަންބެއް.] ޢާޞިމް ސީނާގެ ފަހަތުން އައިސް، ސީނާގެ އަތުގައި ހިފެހެއްޓިއެވެ. ޢާޞިމްގެ މި ޖުމްލައާއެކު، ސީނާގެ ލޮލުން ކަރުނަ އައެވެ. ޢާޞިމް ސީނާ އަތުލަފިކޮށްގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ.

[ސީނާ ހީނުކުރާތި، އަހަރެން ސީނާގެ މާޒީއާ ބެހޭގޮތުން ސުވާލެއް ކޮށްފާނެއޭ....ސީނާއާ ޙިއްޞާކޮށްގެން އަހަރެން ބޭނުންވަނީ މާޒީގެ ހަނދާންތަކެއް އާކުރާކަށް ނޫން....އަހަރެން ބޭނުންވަނީ އުފާވެރި ޒަވާޖަކާއި ކުރިމަގެއް...އަހަންނާއެކު އުފާވެރި މުސްތަޤްބަލެއް ބިނާކުރެވޭފަދަ ހުރިހާ ސިފަތަކެއް ސީނާގެ ކިބައިގައި އެބަހުރި.] ޢާޞިމް ޢިޝްޤީ ނަޒަރަކުން ސީނާގެ ލޮލަށް ބަލައިލިއެވެ. ދުވަސްތަކަކަށްފަހު ސީނާގެ ތުންފަތަށް އުފާވެރިކަން ރަމްޒުކޮށްދޭފަދަ ހިނިތުންވުމެއްގެ އަސަރުވެރިވީ އެވަގުތެވެ. އެމަންޒަރު ބަލަން ދުރުގައި އިން އަމީނާއަށް ލިބުނު އުފަލާއެކު ﷲ އަށް ޙަމްދު ކުރެވުނެވެ.

އެއަށްފަހު އޭނާ އަވަސްވެގަތީ އެއުފާވެރި ޚަބަރު، ސީނާގެ ރަޙްމަތްތެރިޔާއަށް ދިނުމަށެވެ. އޭނާ އަވަސް އަވަހަށް ގޮސް މާއިޝާއަށް ގުޅިއެވެ.

ފޯނުގެ ރަނގަބީލުގެ އަޑުއިވޭތާ އިރުކޮޅެއްފަހުން ޝިޔާޒް ކޮޓަރިން ނުކުމެގެން އައިސް ފޯނު ނަގައިފިއެވެ.

[އައްސަލާމް ޢަލައިކުމް.] އެކޮޅުން އިވުނީ ޝިޔާޒްގެ ރައްޓެއްސެއް ކަމުގައިވާ ފަރުސާނުގެ އަޑެވެ.

[ވަޢަލައިކުމުއްސަލާމް...ޝިޔާ އަބަދު ތިގޮތަށް މޮޅިސާލު ލައިގެން އުޅުން ރަނގަޅެއް ނުވާނެ. އަހަރެމެން ރާވައިފިން، މާދަމާ އޮފީސް ހުރިހާ މީހުން ވިލިނގިއްޔަށް ދަތުރުދާން. ޝިޔާވެސްވާނެ ދާން....ނުބުނައްޗޭ ނޫނެކޭ.....] ފަރުސާނު ބުންޏެވެ. ފަރުސާނުގެ އިތުރުން، އެއޮފީހުގައި ޝިޔާޒާއެކު މަސައްކަތްކުރާ ހުރިހާ މީހުންގެވެސް ބޭނުމަކީ، ޝިޔާޒަށް އަލުން އާ ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އަބަދުވެސް އެމީހުން ޝިޔާޒަށް ވިސްނައިދެއެވެ. ޝިފާ އަލުން އެނބުރި ނާންނާނެ ކަމަށާއި، ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމެވެ.

[އަހަންނަށްވެސް ތިކަން އެނގޭ. އެކަމަކު ފަރުސާނުވެސް، ޝާހިދުވެސް ނިކަން ބުނެބަލަ. ކިހިނެއްތަ އަހަރެންގެ މިދަރިފުޅަށް މައެއްގެ ލޯބި ހޯދައިދޭނީ.] ޝިޔާޒް ދަރިފުޅު މެޔާލާ ބޮނޑިކޮށްލިއެވެ.

[ޝިޔާދެކެ ލޯބިވާ ތެދުވެރި އަންބަކު ލިބިއްޖެއްޔާ، ތިދަރިފުޅަށް މައެއްގެ ލޯބި ހޯދައިދިނުމަކީ، މާ އުނދަގޫ ކަމެއް ނޫން. އަހަރެމެން ޚިޔާލުދޭނީ، ޝިޔާ ތިހެން މޮޅި ސާލު ލައިގެން ނުހުރެ، ތިދަރިފުޅަށް މަންމައަކު ހޯދައިދިނުމަށް.] ފަރުސާނު ލަފާދިނެވެ. އޭރު ފަރުސާނުގެ އަޑުއިވޭ ހިސާބުގައި ޝިފާގެ މަންމަ ޒާހިޔާވެސް ހުއްޓެވެ. ޙަޤީޤަތުގައި އޭނާވެސް އެހުންނަނީ، އެވާހަކަ ޝިޔާޒް ގާތު ދައްކަން ބޭނުންވެފައެވެ. ޒާހިޔާ ލުއި ހިނިތުންވުމެއް، ތުންފަތްމައްޗަށް ވެރިކުރުވައިގެން އައިސް، ޝިޔާޒްމެންގެ ގާތަށް ހުއްޓުނެވެ.

[ދަރިފުޅާ...މަންމަވެސް މިހުންނަނީ ދަރިފުޅު ގާތު ތިވާހަކަ ދައްކަން ބޭނުންވެފައި.] ޒާހިޔާ ފަރުސާންގެ ވާހަކައަށް ބާރުދިނެވެ. ޝިޔާޒް ގަދަކަމުން ހިނިތުންވުމުގެ އަސަރު މޫނުމައްޗަށް ވެރިކުރުވިއެވެ.

މިހާރު ސީނާގެ މޫނުމަތިންވެސް ފެންނަމުންދަނީ، އިހު ހުންނަ އަސަރުތަކެއް ނޫނެވެ. ޢާޞިމްގެ ހިތްވަރުގެ ޖުމްލަތަކުން އޭނާ ބަދަލުވެފައިވާ ކަހަލައެވެ. އޭނާ ގިނަވަގުތު ހޭދަކުރަނީ، އޭނާގެ ލޯބީގެ ނިޝާން ކަމުގައި ދެކޭ ދަރިފުޅު ޝިފާނާ އެކުގައެވެ. ހީވާކަހަލައެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ އެތުއްތު ދަރިފުޅެވެ. މިހާރު ޢާޞިމްވެސް ވަނީ އެދަރިފުޅަށް ބައްޕައެއްގެ ލޯބިދޭނެ ކަމަށް ވަޢުދުވެފައެވެ. އޭނާ ޢާޞިމްގެ ހުށަހެޅުން ޤަބޫލުކޮށް، ޢާޞިމްގެ ކައިވެންޏާ އެއްބަސްވީވެސް އެހެންވެގެންކަން ކަށަވަރެވެ.

މިހާރުވެސް ޢާޞިމް އަންނަނީ، އެކަން ސީނާއަށް ސާބިތުކޮށްދެމުންނެވެ. ސީނާއާއެކު އޭނާވެސް ޝިފާންގެ ގާތު ވަގުތު ހޭދަކުރެއެވެ. އެއީ ބައްޕަ ކަމަށް ބުނެ، ޝިފާން ލައްވާ ބައްޕަ ކިޔުއްވައެވެ. އަމިއްލަ ދަރިއަކު ފަދައިން، އެދަރިފުޅާ ލޯބިކުރެއެވެ. ޢާޞިމްގެ އެ އާދަތަކުން އެންމެބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ޙިއްޞާކުރާ އެކަކީ ސީނާގެ މަންމަ އަމީނާއެވެ.

[އަހަރެން މިހާރު އެންމެ ދެކެން ބޭނުންވަނީ ޢާޞިމް، އެމަންޖެއާ ކައިވެނިކުރާނެ ދުވަހަކަށް.....] އަމީނާ ވާހަކަ ދެއްކީ މާއިޝާއާއެވެ. އޭރު ސީނާ އުޅެނީ ޝިފާން ފެންވަރުވަން ފާޚާނާގައެވެ. އެވަގުތު ޢާޞިމްވެސް އައިސް އެގެއަށް ވަންނަނީއެވެ.

[އައްސަލާމް ޢަލައިކުމް.] އެތެރެއަށް ވަންނަމުން ޢާޞިމް ސަލާމް ގޮވާލިއެވެ. ސީލާމް ބަލައިގަތުމަށްފަހު އަމީނާ ހީލިއެވެ.

[ސީނާ ގޭގައި ނޫޅެނީތަ؟] ވަށައިގެން ހޯދާލަމުން ޢާޞިމް އެހިއެވެ. މާއިޝާ ކޮޓަރިއާ ދިމާއަށް އިޝާރާތް ކުރިއެވެ. އެހެން ނަމަވެސް، ކޮޓަރިއާ ދިމާއަށް ދިޔުމުގެ ބަދަލުގައި ޢާޞިމް މާއިޝާމެނާ ކުރިމައްޗަށް ކަހަލަ ގޮތަަކަށް ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އިރުކޮޅަކުން ދަރިފުޅު ނަލަހައްދައިގެން ސީނާ ކޮޓަރިން ނުކުމެގެން އެތަނަށް އައިސް ހުއްޓުނެވެ. ޢާޞިމް ތެދުވެގެން ގޮސް ކުޑަދަރިފުޅު ޝިފާން އުރާލިއެވެ. އަމީނާ އުފާވެރި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ. ސީނާ އައިސް މާއިޝާގެ ގާތުގައި އިށީނެވެ.

[މާއި...ސެންޓަރަށްދިޔަފަހުން ނާޞިޙްގެ ޚަބަރެއް އަދިވެސް ނުވޭތަ؟] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ސީނާ އެއްސެވެ.

[އަހަރެން އޭނައާ ދޭތެރެއަކު ނުވިސްނަން. ފޫހިވެއްޖެ މިހާރު. ހިތަށްއަރާ ކައިވެނީގެ ފުރަތަމަކޮޅު ކުއްޖަކު ނުލިބުނީވެސް ނަޞީބުންނޭ.] މާއިޝާ ބުންޏެވެ. ޙަޤީޤަތުގައި އެމަޢުޟޫއަކަށް ވާހަކަ ދައްކާކަށްވެސް އޭނާ މިހާރަކު ބޭނުމެއް ނޫނެވެ. އޭނާގެ ހިތުގައި މިހާރު ނާޞިޙަށް ކުޑަވެސް ޤަދަރެއް ނެތެވެ. އޭނާގެ ހިތުގައި ނާޞިހަށްޓަކައި އަނދަމުންދަނީ ނަފްރަތުގެ އަލިފާނެވެ.

[ނާޞިޙް ރަނގަޅު މީހެއްގެ ގޮތުގައި އަލުން މުޖްތަމަޢަށް އައިސް، މާއިޝާގެ ކިބައިން މަޢާފަށް އެދެފިއްޔާޔޯ؟] އަނެއްކާވެސް ސީނާ އެއްސެވެ. ސީނާ ބޭނުންވަނީ އޭނާއަށް ރަނގަޅު ގޮތެއް މެދުވެރިވާހިނދު، ރަޙްމަތްތެރިޔާވެސް އެ ޙާލަތަށް އިޢާދަވުމަށެވެ. އޭނާ ނާޞިޙާ ބެހޭގޮތުން އެސުވާލުތައް އެކުރަނީ އެހެންވެގެންކަން ގައިމެވެ.

[އޭނައަކީ ރަނގަޅު މީހެއްކަން ސާބިތުކޮށްދީފިއްޔާ، މަޢާފް ކުރާނަން، އަލުން އޭނާއާއެކު ދިރިއުޅުމުގެ ނަވުގައި ދަތުރު ފަށާން....] މަޑުމަޑުން މާޒީގެ ހަނދާންތަކާއެކު މާއިޝާ އޮޔާދާން ފެށީ ކަހަލައެވެ.

[ސެންޓަރުގެ ބޭނުން ރަނގަޅު ގޮތުގައި ކޮށްފިއްޔާ އެމީހަކު އިޞްލާޙުވާނެ....އެކަމަކު އެއީ އެމީހަކު އެވަބާއިން ސަލާމަތްވުމަށް ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ކޮށްގެން...] ސީނާ މާއިޝާގެ އުންމީދު އާކޮށްދިނެވެ.

[ސެންޓަރަށްދިޔަ ދުވަހު ވަރަށްރުއި...ބުނި ރަނގަޅު، މުޖްތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި ނޫނީ އެނބުރި އަހަންނާ ކުރިމަތިނުލާނަމޭ....ސީނު....އަހަރެން ކިތަންމެ ހިތްވަރު ކުރިޔަސް، ނާޞިޙްގެ މަތިން ހަނދާންވެޔޭ.....]

މާއިޝާގެ އަޑާއި ރާގު ބަދަލުވެއްޖެއެވެ. ދެލޯ ފެންކަޅިވެ، ކަރުނަތައް ޖަމާވާން ފަށައިފިއެވެ. އެކަން ސީނާއަށް ނިކަން ފަސޭހައިން ފާހަގަކުރެވުނެވެ.

[ހިތްވަރު ދެރަނުކުރޭ މާއި....އިރާދަކުރެއްވިއްޔާ، ނާޞިޙް ރަނގަޅު މީހެއްގެ ގޮތުގައި މާއިގެ ގާތަށް އަންނާނެ.] ސީނާ މާއިޝާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[އަހަރެން މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި. މާއިޝާވެސް ޙިއްޞާ ކުރަނީ އަހަރެމެންގެ މާޒީފަދަ މާޒީއެއްދޯ.....] ސީނާއާއި މާއިޝާ ދެއްކި ހުރިހާ ވާހަކަތައް އަޑުއަހަން ހުރެފައި، ޢާޞިމް އެވާހަކައިގެ ތެރެއަށް ވަނެވެ.

[މާ ހިތްދަތި....ކައިވެނިވެސް ކުރެވުނު...އެހެން ނަމަވެސް، އެކައިވެނިން އުފަލުގެ ބަދަލުގައި ލިބުނީ އަނިޔާއާއި ހިތްދަތިކަން.....] ޢާޞިމަށް ޖަވާބުދިނީ ސީނާއެވެ. ޢާޞިމް ހަމްދަރުދީވާ ފަދަ ގޮތަކަށް މާއިޝާގެ މޫނަށް ބަލައިލިއެވެ. މާއިޝާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ. އެވަގުތު އަމީނާ ބަދިގެފަރާތުން އައިސް، އެތަނަށް ހުއްޓި ކުޑަދަރިފުޅުގެ ކޮލުގައި ހިފާލިއެވެ.

[ދަރިފުޅުމެންނޭ....ޢާޞިމް ގޮވައިގެން ދާންވީނު ސައިބޯން. މަންމަ މިއައީ ތިން ކުދިންނަށް ސައި ހަދާފައި.] ކުޑަދަރިފުޅު އުރާލަމުން އަމީނާ ބުންޏެވެ. މާއިޝާއާއި ސީނާ، ޢާޞިމް ގާތު އަންނާށޭ ބުނެފައި ކާކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޢާޞިމްވެސް ހިނގައިގަތެވެ.

[މާ ބާރަށް ކޮންތާކަށް؟] ފަރުސާނު ވާހަކަ ދެއްކީ އޭނާގެ އަންހެނުން ޒޭނާއާ އެވެ. ޒޭނާ ހުއްޓުނެވެ.

[ފަރު ބުނީމެއްނު ނޫޑުލްސް ސޫޕެއް ހަދާލަދޭށޭ....މިދަނީ ނޫޑުލްސް ޕެކެޓެއް ގަންނަން.] ޒޭނާ އަނެއްކާވެސް ހިނގައިގަތެވެ.

[މިރެއަށް ކެއްކިޔަސް ރަނގަޅުވާނެ...މާދަމާ ހެނދުނު ޝިޔާމެނާއެކު ވިލިނގިއްޔަށް ދާންޖެހޭކަން ހަނދާން އެބަހުރިތަ.] ފަރުސާން އަނެއްކާވެސް ޒޭނާ ހުއްޓުވިއެވެ.

[އެންމެން ރާވައިގެން ތިއުޅެނީ އެއްކަލަ ޝިޔާއާހެދި އުޅުނު އަންހެން މަންޖެ ހޯދަންދޯ....އަހަންނަށް ހީވަނީ މިހާރު ވަގުތު ފާއިތުވެދާނެހެން...އޭނަވެސް ދެން މިއޮތްހާ ދުވަސް ވަންދެން ހުހަކަށް ޝިޔާގެ ހަނދާނުގައެއް ނުހުންނާނެއެއްނު.] ޒޭނާ އައިސް ފަރުސާނުގެ ގާތުގައި އިށީނެވެ. ފަރުސާނު ޒޭނާގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[ކޮންމެހެން އޭނަ ހޯދާކަށް ނޫން، އެރަށަށް ދާން މިއުޅެނީކީ. ބޭނުމަކީ ޝިޔާޒްގެ ހިތްހަމަޖައްސައިދިނުން...ޝިފާގެ ހަނދާންތަކާ ދުރުކޮށް، އޭނާއަށް މުޅިން އާ ދިރިއުޅުމެއް ހޯދައިދިނުން. އަހަރެމެނަށްވެސް އެނގެޔޭ، ސީނާ މިހާރު ހުހަކަށް ނުހުންނާނެކަން. އެކަމަކު ޒޭން ބުނަން...ސީނާ އެވީ ޙަޤީޤީ ލޯބީގެ ނަމޫނާއެއް. ހިތަށްއަރާ، ޒޭންވެސް އަހަރެންދެކެ އެވަރަށް ލޯބިވޭބާއޭ.] ފަރުސާން ޒޭނާގެ ލޮލަށް ބަލައިލިއެވެ.

[އެއަށްވުރެން މާބޮޑަށް......އަހަރެން ފަރުދެކެ ލޯބިވަން...އަހަންނަށްވެސް ފަރު ޙާޞިލްނުވިނަމަ، ފަރު ނޫނީ ފަރޫގެ ރައްޓެހިން ބުނާނެ، އަހަރެންގެ ލޯތްބަކީވެސް ޙަޤީޤީ ލޯބީގެ ނަމޫނާއެކޭ. ނަޞީބު ރަނގަޅުކަމުން، އަހަރެން ފަރޫދެކެ ވަނީ ޙަޤީޤީ ލޯބިކަން ސާބިތުކޮށްދިނުމުގެ ކުރިން އަހަންނަށް ފަރޫގެ ލޯބި ޙާޞިލްވެއްޖެ.] ޒޭނާ ފަރުސާނުގެ މޭގައި ބޯއަޅާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ފަރުސާނުގެ ދެއަތްވެސް ޒޭނާ ވަށާލިއެވެ. ޒޭނާ ރަނގަޅަށް ފަރުސާނުގެ މޭގެތެރެއަށް ބޮނޑިވެލިއެވެ. އެހިނދު ޒޭނާގެ ޖަޒްބާތީ ހޫނުން ފަރުސާނުގެ ޙިއްސުތަކަށް ގޮތްގޮތްވާން ފަށައިފިއެވެ. އޭނާ މަސްތީ އިޙްސާސްތަކަކާއެކު، ޒޭނާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަދެ ތަންޑު އެޅުވިއެވެ. ޒޭނާ އެނދުގައި އިށީނެވެ. އޭރު ފަރުސާނު ހުރީ ހަމަ ރަނގަޅަށްވެސް މަސްތުވެފައެވެ. އޭނާ މަޑުމަޑުން ހިނގާފައި އައިސް އެނދުގައި އިށީނެވެ. ޒޭނާއާޖެހި ފިތިގެންނެވެ. އެކެއްގެ ހޫނު އަނެކަކަށް އިޙްސާސްކުރެވޭ ވަރަށެވެ.

[އޮށޯވޭ...ތިއިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެއްނު.] ޢާޞިމް ވާހަކަ ދެއްކީ އޭނާގެ ވާންއުޅޭ އަނބިމީހާ ސީނާއާއެވެ. ޙަޤީޤަތުގައިވެސް އެވަގުތު ސީނާ އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފަހަކަށްއައިސް ދުވަހަކުވެސް މަސައްކަތް ނުކުރާ ވަރަށް ބުރަކޮށް އޭނާ މަސައްކަތް ކޮށްފައި އައިސް އޭނާ އުނދޯލީގައި އިށީނީ އޭގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ. އެވަގުތުވެސް ޢާޞިމް އޭނާއާ ދޭތެރޭ ވިސްނާވަރު އޭނާއަށް ތަޞައްވަރު ކުރެވުނެވެ.

[ތިބުނީ ތެދެއް. ވަރަށް ބޮޑަށް ވަރުބަލިވެއްޖެ. މިހާރު ހިތަށްއަރާ، އަހަރެން ރަށުގައި ނެތިވީ ދުވަސްތަކުގައި މަންމަ އުޅޭނެ ނިކަމެތި ހާލު.....] ސީނާ އުނދޯލީގައި އޮށޯވެލިއެވެ. އޭރު ޢާޞިމްގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ، ސީދާ ސީނާގެ ލޮލަށެވެ. ހީވާކަހަލައެވެ. އޭނާއަށް އެލޮލުގެ ތެރޭން ކޮންމެވެސް އެއްޗެއް ފެންނަނީއެވެ.

ޢާޞިމް....ތިވަރަށް ތިބަލަނީ އަހަރެން ލަދުގަންނަވަންތަ؟] ސީނާ ލަދުގެންފައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ޢާޞިމް އުނދޯލި ހެއްލަން ފަށައިފިއެވެ. ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމާއި ވަރުބަލިކަމާއެކު ސީނާގެ ދެލޯ މެރެން ފެށިއެވެ.

ހަވީރުވަމުން އައި ވަގުތު ފަރުސާނާއި އޭނާގެ އަންހެނުންގެ އިތުރުން، ޝިޔާޒާއި އަދިވެސް ޝިޔާޒްމެން އޮފީހުގެ ދެތިން ބައިވެރިން، ދަތުރުގެ ހުރިހާ ތައްޔާރީއެއްވިއެވެ.

[ފަތިހު ހުރިހާ މީހުންނަށް ގޮވަންޖެހޭނީ ފަރުސާނު. އެންމެ ފަތިހާ ހޭލެވެނީވެސް ފަރޫއަށް.] މީހަކަށް މަސައްކަތެއް ޙަވާލު ކުރަމުން އައިސް، އެންމެފަހު މަސައްކަތް ޝިޔާޒް، ފަރުސާނާ ޙަވާލުކުރިއެވެ.

************************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން