24 މާރިޗު 2020 - 14:4
12 ވަނަ އެޕިސޯޑް

==========

[އަރުފާން...މިއަދު އަރުފާން ކޮންމެވެސް ކަމަކާ ކަންބޮޑުވެ ހާސްވެފައި ހުންނަހެން ހީވަނީ. އަނެއްކާ ކިހިނެއްބާވީ؟] ތާރާއަކީ ވަރަށް ވިސްނުން ތޫނުފިލި އަންހެނެކެވެ. އޭނާ އަރުފާނަށް ކިރިޔާ ބަދަލެއް އަޔަސް، އެކަން ދެނެގަނެއެވެ.

[އަހަރެން އެއްވެސް ކަމަކާ ނުވިސްނަން. އެކަމަކު ބުނަން ތާރާ...ތާރާ އެއްވެސް ކަމެއްގައި އަހަންނަށް ދޮގުހެދުމަކީ އަހަރެން ވަރަށް ދެރަވާނެ ކަމެއް. އަހަރެން ރުހޭ ކަމެއް ނޫން...ދެން އެއްވެސް ގޮތަކުން ތާރާ ޝިޔާނާ ވާހަކަ ދައްކާކަށެއް. އަހަރެން ނުރުހޭ ކަމެއް ކުރާއިރު، ތާރާ ވިސްނަންޖެހޭނެ...މިހެން ބުނާއިރުވެސް އަހަންނަށް އެނގޭ، ތާރާ ދެން ޝިޔާނާ ވާހަކަ ނުދައްކާނެކަންވެސް.] އަރުފާން އޭނާގެ ނުތަނަވަސްކަމާއި ހާސްކަން ފިލުވުމުގެ މަޤްޞަދުގައި ބުންޏެވެ.

[އަހަރެން...އަހަރެންގެ ފިރިމީހާ ނުރުހޭ ކަމެއް ނުކުރާނަން. އަހަރެން ޝިޔާނާ ވާހަކައެއްވެސް ނުދައްކާނަން.] ތާރާ ބުންޏެވެ. އެހާ ހިސާބުން އަރުފާނަށް ހިތްހަމަޖެހުން ލިބުނެވެ.

[އޭނަ ފޯނު ކުރިޔަސް، ވާހަކަ ނުދައްކާތި. އޭނާ ރަނގަޅު ނިޔަތެއްގައި އެއްވެސް ވާހަކައެއް ނުދައްކާނެ. އޭނާ މިހާރު ވިސްނާނީ އަހަރެމެންގެ ދޭތެރެޔަށް ވަދެ ހުރަސްއަޅަން. އެކަމަކު އަހަރެން އޭނަޔަކަށް އެފުރްޞަތެއް ނުދޭނަން.] އަރުފާން ތާރާގެ ގާތުގައި އިށީނެވެ.

[އަހަރެން ނުދައްކާނަން...ދެން ދުވަހަކުވެސް އޭނަޔަކާ ވާހަކައެއް ނުދައްކާނަން.] ތާރާ މިހެން ބުނި ވަގުތަކީ ތާރާގެ ފޯނު ރިންގްވާން ފެށި ވަގުތެވެ. އަރުފާން ހުރީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެގެންނެވެ.

އޭނާ ވަގުތުން ތާރާގެ ފޯނު ނެގިއެވެ. އޭނާ ހީކުރިގޮތަށް އެއީ ޝިޔާނެވެ. ތާރާ ކަމަށް ހީކޮށް ޝިޔާން އުޅުނީ ވާހަކަ ފަށާށެވެ.

[ތާރާ...އަހަރެން ބޭނުން ތާރާއަށް ވަރަށްގިނަ ވާހަކަ މިއަދު ކިޔައިދޭން.] ޝިޔާން ހުރީ ހިސާބަކަށް ހިތް އަވަސްވެފައެވެ.

[ތާރާއޭ؟ ކޮން ވާހަކައެއް ކިޔައިދޭކަށް. ކަލެއަކަށް ނޭނގޭތަ...ތާރާއަކީ ކަލެޔާ އަޅާބަލާއިރު ބޮޑު މީހެއްކަން. އަހަރެމެން ދެމަފިރިންގެ ދެމެދަށް ވަންނަން ކަލެޔަށް އެއްވެސް ޙައްޤެއް ނޯންނާނެ. މީގެފަހުން ކަލޭ ތާރާޔަށް ނުގުޅާތި. ތާރާ ކަލެޔަކާ ވާހަކައެއް ނުދައްކާނެ. އަހަރެން ބުނެގެން ޝަހްލާ މި ނަމްބަރު ކަލެޔަށް ފޮނުވީވެސް މިފިލާވަޅު ކަލެޔަށް ދޭން.] އަރުފާން ފަތިވަރެއްހެން އަމުނާލުމަށްފަހު ފޯނު ކަނޑާލިއެވެ.

ޝިޔާން ވަރަށް ބޮޑަށް މާޔޫސްވިއެވެ. ހަމަގައިމުވެސް މިއަދު އޭނާ ތާރާޔަށް ގުޅީ ވަރަށް ފޮނި އުންމީދުތަކެއް ކޮށްފައެވެ. މިއަދު އޭނާހުރީ އޭނާގެ ހިތުގައި ތާރާއަށްޓަކައި އުފެދިފައިވާ ލޯތްބާއި އިޙްތިރާމްގެ ވާހަކަ ކިޔައިދޭށެވެ.

[އެމީހުން ރާވައިގެން އިތުރަށް އަހަރެން ދެރަކޮށްލީ. އެމީހުންގެ ހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތް.] ޝިޔާނަށް ހިތާހިތާ ކިޔާލެވުނެވެ.

ޙަޤީޤަތުގައި ތާރާގެ ހަނދާންތަކުގެ ސަބަބުން ކިޔެވުުމުގެ ކަންތައްވެސް ޝިޔާނަށް އެންމެ ރަނގަޅަކަށް ކުރިޔަކަށް ނުގެންދެވެއެވެ. އެހެންވެ ބައެއްފަހަރު ކިޔެވުން މެދުކަނޑާލާފައި މާލެ ދިޔުމަށްވެސް އޭނާ ވިސްނައެވެ.

އެދުވަހުގެ ފަހުން ޝިޔާން ޝަހްލާއަކަށްވެސް ނުގުޅައެވެ. ތާރާއަށް ނުގުޅިޔަސް ތާރާގެ ހަނދާންތަކާ ދުރަށް ދިޔުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާއަށް ކުރެވެމުންދަނީ އެއަށްވުރެން މާ ފުން އިޙްސާސްތަކެކެވެ.

އޭނާގެ ޒުވާންކަމުގެ ރާޙަތު އެންމެ ފުރަތަމަ ނޭނގުމެއްގެ ތެރޭގައި ނަމަވެސް ތާރާވަނީ ލިބިގަނެ ހިތްހަމަޖެހުން ލިބިގެންފައެވެ.

އެކަން ތާރާއަށް ނޭނގުނަސް ޝިޔާން ދެނަހުއްޓެވެ. އޭނާއަށް ހުރިހާ ކަމެއްވެސް އެނގެއެވެ.

ތާރާ ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ދެތިން ދުވަސް ފަހުންނެވެ. ނަޞީބު ދިމާކުރިގޮތުން ތާރާ ވިއްސާ ކޮޓަރިޔަށް ވެއްދުމާއެކު، އޭ ޕޮޒިޓިވް ލޭ ހޯދަންވެސް އެންގިއެވެ.

[ދަރިފުޅާ އަރުފާން...އޭ ޕޮޒިޓިވް ލޭ ބޭނުންވާ ވާހަކަ ބުނެފި. ދަރިފުޅުގެ ގައިގައި ހުންނަނީ އޭ ޕޮޒިޓިވް ލެއެއްނު. އަވަހަށް ލެބޯޓްރީއަށް ދޭބަލަ.] އަރުފާން ބޭރުގައި ހުރެފައި އައިސް ވަނީމާ ޞަފޫރާ ބުންޏެވެ.

[އަހަރެންގެ ގައިގައި ހުންނަނީ އޭކަން މަންމަޔަށް އެނގުނީ ކިހިނެއް؟] އަރުފާން ހިސާބަކަށް ނުތަނަވަސްވެފައި ހުރެ އެއްސެވެ.

[ދެކުދިން ކައިވެނި ކުރަން އުޅުނު ދުވަސްކޮޅު ތެލެސީމިޔާ ޓެސްޓް ކުރުމުން އެނގުނީ.] ޞަފޫރާ ހިނިތުންވެލަމުން ބުންޏެވެ. ހަމަގައިމުވެސް އޭނާގެ ގައިން ލޭނަގަން ޖެހުމަކީ ވަރަށްބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ތާރާގެ މަންމަ ޞަފޫރާ ބޭނުންވަނީވެސް ތާރާޔަށް ލޭއަޅަން ޖެހިއްޖެނަމަ އަރުފާނުގެ ގައިން ލޭ ނެގުމަށްފަހު އަޅާށެވެ.

[ދަރިފުޅުގެ ގައިގައި ތާރާޔާ ގުޅޭ ލޭ ހުއްޓާ، ހިލޭ މީހެއްގެ ގައިން ލޭ ނެގުމަކީ މަންމައަށް ފެންނަ ކަމެއް ނޫން. އެވަހަށްދޭ ޓެސްޓް ކުރަން.] އެއީ ޝަހްލާއާއި އޭނާގެ ފިރިމީހާ ނަވާޒް އައިސް އެތަނަށް ހުއްޓުނު ވަގުތެވެ.

ނަވާޒަކީވެސް ތާރާއާ ގުޅޭ ލޭ ހުންނަ މީހަކަށްވުމުން، ޝަހްލާގެ އެދުމުގެ މަތިން އޭނާވެސް ދިޔައީ އަރުފާންގެ ފަހަތުން ލެބޯޓްރީއަށެވެ.

[އަރުފާން....] އަރުފާންގެ ފަހަތުން ގޮސް އޭނައާ އަރާހަމަކޮށް ނަވާޒް ގޮވާލިއެވެ.

[އާނ....ނަވާޒް...މާރަނގަޅަކަށްނު މިދިމާވީ. ކޮން ގްރޫޕެއްގެ ލެއެއްތަ ހުންނަނީ.] އަރުފާން ނަވާޒާ ދިމާޔަށް އެނބުރެމުން ވާހަކަ ދެއްކިއެވެ.

[އަހަރެންގެ ލޭ ދިމާވެއްޖެއްޔާ ނަގަންވީ. އަހަންނަށް ހީވަނީ ފުރަތަމަ ބަލަންވީ އަރުފާންގެ ލޭ ދިމާވޭތޯހެން. ޙަޤީޤަތުގައި ތާރާ ވަރަށް އުފާވާނެ...އަރުފާންގެ ލޭ އަޅައިފިނަމަ.] ނަވާޒް އަރުފާނާއެކު ހިނގައިގެންފިއެވެ.

ނަމަވެސް އަރުފާންގެ އެދުމުގެ މަތިން ލެބޯޓްރީއަށް ފުރަތަމަ ވަނީ ނަވާޒެވެ. ނަޞީބު ދިމާކުރިގޮތުން އޭނާގެ ލޭ ދިމައެއްނުވިއެވެ. ވުމާއެކު ދެން ވަންނަންޖެހުނީ އަރުފާނެވެ. ހިތާދެކޮޅަށެވެ. އެހާ ވަރަށް ހާސްވެ ކަންބޮޑުވެފައި ހުރެއެވެ.

[ކުރިން އެއްވެސްފަހަރަކު ލޭ ހަދިޔާ ކުރިންތަ؟] ލެބޯޓްރީގައި ހުރި ފިރިހެން ކުއްޖާ ސުވާލުކުރިއެވެ.

[ކިތަންމެފަހަރަކު ލޭ ދީފިން. ކުރިން އެއްވެސްފަހަރަކު އަހަރެން ބިރެއްނުގަނޭ. އެކަމަކު މިފަހަރު ވަރަށް ބޮޑަށް ބިރުގަނޭ އެބަ....] އަރުފާން ދޮގުހެދިއެވެ.

ޙަޤީޤަތުގައި އޭނާ ބިރުގަންނާނީ އޭނާގެ ގައިން ލޭނަގަން އުޅޭތީކީ ނޫނެވެ. އޭނާ ބިރުގަންނަނީ ލޭނަގަން އުޅުމުގެ ތެރޭގައި އޭނާޔާމެދު ސުވާލު އުފެދޭނޭ ކަމެއް ދިމާވެދާނެތީއެވެ.

އޭނާގެ އިނގިލި ކުރިއަށް ކަށި ކޮއްޕާލުމާއެކު، އޭނާޔަށް ގަޔާ ދިމާއަށް އަތް ދަމައިގަނެވުނެވެ. އެޔާއެކު ލެބޯޓްރީގައި ހުރި ފިރިހެން މީހާގެ ދެލޯވެސް ބޮޑުވިއެވެ. އަރުފާންގެ ގައިން ނެގި ލެޔަކު ތެތްކަމެއް އޮލަކަމެއް ނެތެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާ ދުށް ކަމެއް ނޫނެވެ.

ހަމަގައިމުވެސް އެއީ އިންސާނެއްގެ ގައިގައި ހުންނަ ކަހަލަ ލެޔެއް ނޫނެވެ. އެ ލޭގެ ކުލަވެސް ތަފާތެވެ.

[އަރުފާން...އަރުފާންގެ ގައިގައި އެއްވެސް ބޮޑު ބައްޔެއް ހުރޭތަ؟ އަހަންނަކަށް ހިޔެއްނުވޭ....އަރުފާނުގެ ގައިން ލޭނެގިދާނެހެންނެއް.] ލެބޯޓްރީގައި ހުރި މީހާ އަރުފާނާ ސުވާލު ކުރިއެވެ.

[ކުރިން އެނގިފައެއް ނެތް. ކުރިންވެސް ދެތިންފަހަރަކު އަހަރެން ލޭ ހަދިޔާކުރިން. އެކަމަކު މިގޮތަކަށް ދިމައެއްނުވޭ. އެންމެ ރަނގަޅު...އަޅާނުލާ...އަހަރެން މެޑިކަލް ހައްދަން ފަހުން މިތަނަށް އަންނާނަން. އަހަރެން އެބަ އަންނަނ....ލޭ ހަދިޔާ ކުރާނެ އެހެން މީހަކު ގޮވައިގެން.] އަރުފާން ނިކުތެވެ. އަރުފާން ނިކުތަސް އަރުފާންގެ ގައިން ނެގުނު ލޭތިކި ތަޙުލީލުކުރަން ލެބޯޓްރީން ނިންމިއެވެ. ލޭނެގި މީހާ ވަގުތުން އެތަނަށް ޑޮކްޓަރުންނާއި ނަރުހުން ގެނެސް އެ ލޭ ދެއްކިއެވެ. އެންމެނަށްވެސް ލިބުނީ އިންތިހާދަރަޖައިގެ ޙައިރާންކަމެކެވެ. ބައެއް ޑޮކްޓަރުން ލަފާދިނީ އަރުފާން ގެނެސް ޓެސްޓް ހަދައި އޭނާގެ ގައިގައި، ގައިންގަޔަށް އަރާފަދަ ނުރައްކާތެރި މައްސަލައެއް ހުރިތޯ ބަލައި ޗެކް ކުރުމަށެވެ. ނަމަވެސް ހަމަގައިމުވެސް އެއީ އަރުފާން ދޭނޭ ފުރްޞަތެއް ނޫނެވެ. އޭނާގެ ޙަޤީޤަތް ހާމަވެގެން ދިޔުމަކީ އޭނާއަށް އެދެވޭނޭ ކަމެއް ނޫނެވެ.

ނަޞީބު ދިމާކުރިގޮތުން ފަޅާ ކޮޓަރިޔަށް ގެންދިޔުމަށްޓަކައި ނަރުހުން ތައްޔާރުވަމުން ދަނިކޮށް ތާރާ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. އެއީ އަރުފާންގެ ނަޞީބު ކަމަށް ވެދާނެއެވެ. ލޭވެސް އަޅާކަށް ނުޖެހުނެވެ. ދަރިފުޅު އުފަންވި ޚަބަރާއެކު އަރުފާންގެ މޫނުމަތިން އުފާވެރިކަން ފާޅުވިޔަސް، ޢާއިލާގެ މެމްބަރުންނަށް ފުރަތަމަފަހަރު ދަރިފުޅު ދައްކާލި ވަގުތު އޭނާގެ ފަރާތުން އަލަތު ބައްޕަގެ ފަރާތުން ފެންނާނޭ އެއްވެސް ސިފައެއް ނުފެނުނެވެ.

ދަރިފުޅުގެ މޫނަށް ބަލައިލެވުމާއެކު އޭނާގެ ލޯމަތިން ކުރެހިގެން ދިޔައީ ޝިޔާންގެ ތަޞްވީރެވެ. އުފަންވިއިރުވެސް އެދަރިފުޅު ހީވަނީ ކުޑަކުޑަ ޝިޔާނެއްހެންނެވެ. ޝިޔާނާ ވައްތަރީ ވަރަށް ބޮޑަށެވެ.

އެހެން ބަޔަކަށް އެކަން ފާހަގަނުކުރެވުނަސް އޭނާޔަށް އެކަން ފާހަގަކުރެވެއެވެ. ހަމަގައިމުވެސް އެދަރިފުޅު ޝިޔާނާ ވައްތަރުވުމަކީ އޭނަޔަށް ރުހެވޭނޭ ކަމެއް ނޫނެވެ.

އޭނާއަށް އެދަރިފުޅަށް ބައްޕައެއްގެ ލޯބި ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. އެހެން އެކަން ވެއްޖެނަމަ ތާރާއާއި އޭނާގެ ޢާއިލާއަށް އޭނާޔާމެދު ޝައްކު އުފެދިދާނެއެވެ.

[ހަމަ ހީވަނީ ކުޑަކުޑަ އަރުފާނެއްހެންދޯ ތާރާ....؟[ ތާރާ ވިއްސާ ކޮޓަރިން ނެރެ ވޯޑަށް ވެއްދުމުން ޔަޝްފާ ދަރިފުޅުގެ ކޮލުގައި ކޮއްޓާލަމުން ބުންޏެވެ.

[އަހަންނާ ވައްތަރުތަ؟ ވައްތަރޭ ބުނީމާވެސް އުފާވޭ...އެކަމަކު އަހަންނަށް ހީވަނީ ބޮޑަށް ވައްތަރީ ތާރާޔާހެން.] ނިދިފައި އޮތް ދަރިފުޅަށް ބަލައިލަމުން އަރުފާން ބުންޏެވެ.

އެއީ ޝަހްލާވެސް އައިސް ވަން ވަގުތެވެ. ދަރިފުޅު ގައިގައި ކޮއްޓާލުމަށްފަހު ޝަހްލާ ތާރާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.

[ތެދެއް ޝަހްލާ މިކުއްޖާ ވައްތަރީ އަރުފާނަކާ ނޫންތަ؟] ޔަޝްފާ ދަރިފުޅު ނަގާފައި ޝަހްލާ އަތަށްދިނެވެ.

[ކީއްވެ އަރްފާނާ ވައްތަރު ނުވާންވީ. އަރުފާނަކީ މިދަރިފުޅުގެ ބައްޕަ. އަދި އަރުފާން ތާރާ މާބަނޑުދުވަސްވަރު އަބަދުވެސް އެކުގައި އުޅުނު.] ޝަހްލާ ކުޑަކުޑަ ފުށްގަނޑާ ލޯބިކޮށްލިއެވެ.

[އަހަރެން ކިތަންމެ ގާތުގައި ހުއްޓަސް ތާރާ އެހެން މީހަކާމެދު ވިސްނާ ކަމަށްވާނަމަ އެމީހަކާ ވައްތަރުވެދާނެ. އެއީވެސް ބައެއް މީހުން ބުނާ ވާހަކައެއް. މިވާހަކަ ބައެއް މީހުން ޤަބޫލުވެސް ކުރޭ.] އަރުފާން ވަރަށް ވިސްނާލުމަށްފަހު ބުނެލިއެވެ. ނަމަވެސް އެއީ ޔަޝްފާ ޤަބޫލުކުރާ ވާހަކަތަކެއް ނޫނެވެ.

[ތީ އަހަރެން ޤަބޫލުކުރާ ވާހަކަތަކެއް ނޫން. ތިހެން ވެއްޖެއްޔާ އަހަރެން މާބަނޑުވާ ހިސާބުން އަހަރެން ވިސްނާނީ ރިތިކް ރޯޝަނާއި އައިޝްވާރިޔާއާމެދު. އޭރުން ފިރިހެން ކުއްޖަކު ވެއްޖެއްޔާ ރިތިކާ ވައްތަރުވާނެތާ. އަންހެން ކުއްޖަކު ވެއްޖެއްޔާ އައިޝްވާރިޔާއާ ވައްތަރުވާނެއެއްނު. ތީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން.] އެކަމަށް ޔަޝްފާ ޖެހީ ޖޯކެވެ. އެހެން ނަމަވެސް އެއީ ވަރަށްގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ބައެއް އަންހެންވެރިން އެކަން ޤަބޫލުކޮށް، މާބަނޑުދުވަސްވަރު ކޮޓަރި ފާރުގައި ބޭރުގެ ޞިއްޙަތު ރަނގަޅު ކުދިންގެ ޕޯސްޓަރުތައް އަބަދު ފެންނާނެހެން ހަރުކޮށްފައި ބަހައްޓައެވެ.

[ޔަޝްއަށް ޤަބޫލު ނުކުރެވުނަސް ބައެއްފަހަރު އެގޮތަށް ދިމާވޭ. މިފަހަރު އެނގޭނެ...މާބަނޑުދުވަސްވަރު ތާރާ ހަނދާންކުރި މީހަކީ ކޮބައިކަން.] ޝަހްލާ ތާރާއާ ދިމާކޮށްލިއެވެ.

[އަހަރެންގެ ދަރިފުޅު ވައްތަރުވާނީ އެދަރިފުޅުގެ ބައްޕަޔާ. ހަމަގައިމުވެސް އަހަރެން އިތުރު މީހަކާމެދަކު ނުވިސްނަން.] ތާރާ ބުންޏެވެ.

ތާރާ ވިހޭތާ ދެވަނަޔަށްވީ ދުވަހު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހޮސްޕިޓަލުން ދޫކޮށްލުމާއެކު އަރުފާން ބޭނުންވީ އަވަހަށް ރަށަށް ދިޔުމަށެވެ. ވުމާއެކު އޭނާ އޭގެފަހުން ދެވަނަޔަށްވީ ދުވަހު، ތާރާ ވިހޭތާ ހަތަރުވަނަޔަށްވީ ދުވަހު ރަށަށް ދިޔުމަށްޓަކައި ދަތުރުގެ ހުރިހާ ތައްޔާރީއެއްވިއެވެ.

ތޮއްޖެހިފައިވާ މާލޭގައި އުޅުމަކީ އޭނާޔަށް އެހާ ރައްކާތެރި ކަމެއް ނޫނެވެ. މިހާރުވެސް މާލޭގައި ދިރިއުޅުމުގައި އޭނާޔަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ވުމާއެކު އެދަތިކަމުގައި ތާށީގައި އުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ.

[އަރުފާން...ހާދަ އަވަހަކަށް ރަށަށް ދާން ޓިކެޓް ތިނެގީ. އަޅެ ކީއްތަވާނީ މިކޮޅުގައި ތިބެ ކުއްޖާއަށް ނަން ކިޔާފައި ދިޔައްޔާ.] ޔަޝްފާ ބުންޏެވެ.

[މިހާރު ދެން ޓިކެޓްވެސް އޯކޭ ކޮށްފިން. ދެން އެހެން ފަހަރަކުން އަހަރެމެން އަންނާނަން. މިހާރު ވާގޮތަކީ ކޮންމެހެންވެސް ފުރަތަމަ ދަރިފުޅު ވިހައިގެން ޖެހޭނެ ވަރަށް ރަނގަޅަށް ދިވެހިބޭސް ކުރަން. އެހެން ނޫނީ ތާރާގެ ރީތި ހަށިގަނޑު ހުތުރުވެދާނެދޯ؟ ތާރާ....] އަރުފާން ތާރާއަށް ދޯދެމުން ބުންޏެވެ. ތާރާ ބޯޖަހާލިއެވެ.

[މިރަށުގައި ދިވެހިބޭސް ކުރަނީ ވަރަށްމަދު ބަޔަކު. އަހަރެންވެސް ކުއްޖަކު ލިބުނީމާ ދިވެހިބޭސް ކުރަން ތިރަށަށް ދާނަން.] ޔަޝްފާ ބުނެލިއެވެ.

އަރުފާނަށް ހޮސްޕިޓަލުން ގުޅީ އޭނާ ފުރަން އެއަރޕޯޓަށް ދިޔުމަށްޓަކައި ކާރަށް އަރަން އުޅެނިކޮށެވެ.

ހޮސްޕިޓަލްގެ ފަރާތުން ވާހަކަ ދެއްކި މީހާ އެދުނީ އަރުފާންގެ މެޑިކަލް ޗެކަޕް ހަދަން ބޭނުންވާ ކަމަށާއި، އަރުފާންގެ ލޭގައި މައްސަލަ ހުރިކަމަށް ފެންނާތީ، ރައްކާތެރި ކަމަށްޓަކައި ކޮންމެހެންވެސް އަރުފާންގެ މެޑިކަލް ޗެކަޕް ހެދުން މުހިންމު ކަމުގައެވެ.

[އަހަރެން މިހާރު މިހުރީ އައްޑޫގައި. ހިތަދޫ ހޮސްޕިޓަލަށް ގޮސް އަހަރެން ޓެސްޓްތައް ހަދާފާނަން.] އަރުފާން ހެދީ ދޮގެވެ. އެއަށްފަހު އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައި އޭނާ ފޯނު ކަނޑާލިއެވެ. އެކަނި ފޯނު ކަނޑާލީކީ ނޫނެވެ. އޭނާ ފޯން އޮފްވެސް ކޮށްލީއެވެ.

އެދުވަހު އޭނާ ރަށަށް ގޮސް އޭނާގެ މޯބައިލް ނަމްބަރުވެސް ބަދަލުކުރިއެވެ. ނަމަވެސް މިގޮތުގައި ހުރިހާ ފަރާތްތަކަށް އޮޅުވާލައިގެން، އެހެން މީހުންގެ ބޮލަށް ސަވާރުވެގެން އެއްވެސް މީހަކަށް ދާއިމީކޮށެއް ނޫޅެވޭނެއެވެ. ހުރިހާ ކަމެއްގެ ޙަޤީޤަތް ހާމަވާނޭ ދުވަހަކީ އޭނާއަށް ހިތްދަތިކަން އިންތިހާއަށް ލިބޭއިރު އޭނާގެ މަޅީގައި ޖެހިފައިވާ ފަރާތްތަކަށް އުފަލާއި ހިތާމަ އެއްވަރަކަށް ލިބޭނޭ ދުވަހަކަށްވާނެއެވެ.

[އަރުފާނ...ކީއްވެތަ އަނެއްކާވެސް މޯބައިލް ނަމްބަރު ބަދަލުކުރީ. ރައްޓެހިންނަށް ވަރަށް އުނދަގޫވާނެ...އަރްފާން އަބަދު ތިގޮތަށް ސިމް ބަދަލުކުރީމަ.] ތާރާ ދަރިފުޅަށް ބުއްދޭން އިނދެ ވާހަކަ ދެއްކިއެވެ.

[މާލޭގައި އުޅުނު ދުވަސްވަރު ހޮސްޕިޓަލުން ދިމާވި އަންހެން ކުއްޖަކު ގުޅަން ފެށީ. އަހަންނަކަށް ނޭނގެ ނަމްބަރު ހޯދި ގޮތެއްވެސް.] އަރުފާން އޮޅުވާލިއެވެ.

މިއަދަކީ ތާރާގެ ދަރިފުޅަށް ނަންކިޔާ ދުވަހެވެ. ތާރާއާއި އަރުފާން އެއްބަސްވެގެން އެދަރިފުޅަށް ކިޔަން ހަމަޖެހިފައިވަނީ މުޙަންމަދު ޔަޒަން އަރުފާނެވެ. އެއީ އެގޭގެ އެހެން މީހުންވެސް އިއްތިފާޤުވި ނަމެވެ. ދަރިފުޅަށް ނަން ކިޔުމަށްޓަކައި ޙަފްލާއެއް ބޭއްވުމަކީ އަރުފާން ކުރިން ވިސްނާފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ތާރާގެ ބައްޕަ ޝަފީޤުވަނީ އެކަމަށް ތައްޔާރުވެފައެވެ. ހެނދުނު އެރި އިރާއެކު، މުދިމް މޫސާ މަނިކު ގޮވައިގެން ޝަފީޤު އެގެޔަށް އައިސް ވަނެވެ. އޭރު އަރުފާން ހުރީ އެކަމަށްޓަކައި އެއްވެސްވަރަކަށް ވިސްނައިގެން ނޫންކަމުން ކުއްލިއަކަށް އައިސް މުދިމްބެ ވަނުމުން އޭނާއަށް ވަރަށްބޮޑު ހާސްކަމެއް ލިބުނެވެ.

ވަގުތުން އޭނާގެ ދެލޯ ބޮޑުވެ މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. އެމަންޒަރު ވަރަށް ރަނގަޅަށް މުދިމްބެ ދުށްޓެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމުން މުދިމްބެ އަރުފާނަކަށް މާބޮޑަކަށް ސަމާލެއްނުވެއެވެ. އޭނާ އަރުފާންގެ ހާސްކަމާމެދު ވިސްނަން ބޭނުންވަނީ ދަރިފުޅަށް ނަން ކިޔުމަށްފަހުގައެވެ.

ދަރިފުޅަށް ނަން ކިޔަން ހުރިއިރުވެސް އޭނާ ދޭތެރެއަކުން އަރުފާންގެ މޫނަށް ބަލައިލައެވެ. ބައެއްފަހަރު އަރުފާންގެ ފަޔަށްވެސް ބަލައިލައެވެ. ލަފާކުރެވޭ ގޮތުގައި ކުރިން އެގޭތެރެއިން ޖިންނި ޙާދިޘާއެއް ހިނގާފައިވުމާއެކު، އޭނާއަށް ޝައްކު ކުރެވެނީއެވެ. ނަމަވެސް ޔަޤީން ނުކުރެވޭ ޙާލު ޝައްކެއްގެ މައްޗަށް ވާހަކަ ދައްކަން ހެޔޮވެސް ނުވާނެއެވެ. ވުމާއެކު ތާރާގެ ދަރިފުޅަށް ނަން ކިޔުމަށްފަހު އޭނާ ގެޔަށް ދިޔައީ އެކަމާމެދު ވަރަށް ބޮޑަށް ވިސްނަމުންނެވެ.

[މޫސަބޭ...މަޑުކޮށްބަލަ.] މުދިމް މޫސާ މަނިކަށް ސިހުން ލިބުނީ އޭނާ ގެޔާ އަރާ ހަމަވަނިކޮށް އަންހެން ކުއްޖަކު އޭނާއަށް ގޮވީމައެވެ.

މުދިމް މޫސަބޭ މަޑުކުރުމަށްފަހު ފަސްއެނބުރިއްޖެއެވެ. އޭރު ޒުވާން އަންހެން ކުއްޖާ ހުރީ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓުންއަރާފައެވެ. ހީވާގޮތުން އޭނާހުރީ ކޮންމެވެސް ކަމަކާ ހިތްނުތަނަވަސްވެ މާޔޫސްވެފައެވެ.

[މޫސަބޭ...އަހަރެންގެ މަންމަ...ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގެން އުޅޭތީ މިއުޅެނީ. އަޅެ އަހަންނާއެކު އެގެޔަށް އައިސްދީފާނަންތަ؟] އެ އަންހެން ކުއްޖާ އެދުނެވެ.

[އާނ...ކޮބައިތަ ތިގެޔަކީ....ބޭބެ ގޮސްދީފާނަން.] މޫސާ މަނިކު އެ އަންހެން ކުއްޖާއާއެކު ހިނގައިގެންފިއެވެ.

އޭނާގެ އެއްވެސް ހާސްކަމެއް ނެތެވެ. އެޒުވާން އަންހެން ކުއްޖާ ހިނގަމުންދިޔައީ އެރަށުގެ އަލަށް އާބާދުވަމުންދާ ސަރަޙައްދާ ދިމާޔަށެވެ.

އާބާދުވަމުން ދިޔަޔަސް، އެސަރަޙައްދުގައި އަދި ގިނައިން ހުންނަނީ ފަޅަށް ހުންނަ ފަޅުގޯތިތަކާއި ޢިމާރާތް ކުރަމުންދާ ގޯތިތަކުގެ އިތުރުން މިހާރު ޢިމާރާތްކޮށް ނިމި އަދި މީހުން ދިރިއުޅެން ފަށާފައިނުވާ ގެތަކެވެ.

[ކޮބައިތަ ކޮއްކޮގެ ގެޔަކީ؟] ފަހަރަކު ގެޔަކަށް ނަޒަރު ހިންގާލަމުން މޫސާ މަނިކު އެއްސެވެ. ހަނިކޮށް ކޮށާލެވިފައިވާ މަގަކުން އެ އަންހެން ކުއްޖާ ކުރިޔަށް ހިނގައިގަންނަމުން، މާދުރު ހިސާބެއްގައި ހުރި ގެޔަކަށް އިޝާރާތްކޮށްލިއެވެ. އެކުއްޖާގެ ފަހަތުން މޫސާ މަނިކު ހިނގާފައި ގޮސް އެގެޔަށް ވަނެވެ. އެއީ އެއްވެސް މީހަކު އުޅޭ ގެއެއް ނޫނެވެ.

މުދިމް މޫސާ މަނިކަކީ ރަށުގެ އެންމެބޮޑު މިސްކިތުގެ މުދިމް ކަމުގައި ވިޔަސް، އޭނާއަކީ ފަންޑިތަވެރިކަން މާރަނގަޅަށް ދަންނަ މީހެއް ނޫނެވެ.

[ކޮބައިތަ ތިކުއްޖާގެ މަންމަ؟] މޫސާ މަނިކު އެތެރެއަށް ވަދެ، ވަށައިގެން ހޯދާލަމުން އެއްސެވެ.

[ބަލިވެގެން އުޅެނީ މަންމައެއް ނޫން. އަހަރެން....އަހަރެންގެ ބައްޔަކީ ތިޔަފަދަ ލޯތަކުން އަހަންނަށް ދެމުންދާ އިންޒާރު. އަހަރެން ބޭނުންވަނީ ކަލޭމެންގެ ކިބައިން މިންޖުވާން.] މިހެން ބުނެފައި މޫސާ މަނިކުގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ނިކަން ބާރަށް ހީގެންފިއެވެ.

އެހާ ހިސާބުން މަނިކު ބިރުން ތުރުތުރުއަޅަން ފެށިއެވެ. އޭނާ ވަރަށް ބޮޑަށް ބިރުގެންފިއެވެ.

[ކާކުތަތީ!؟] މޫސާ މަނިކަށް ބިރުން ފަހަތަށް ޖެހެވެން ފެށުއެވެ.

[އަހަންނަކީ ކާކުކަން ދެނެގަންނަން ބޭނުންތަ؟ އަހަންނަކީ އަރުފާން.] މިހެން ބުނުމާއެކު އަންހެން ކުއްޖާގެ ސިފަ ބަދަލުވެއްޖެއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ އަރުފާނެވެ. ނިކަން ނާމާން ޒާތަކަށް ހިނިއައިސްފައެވެ.

[އަހަރެން މިތަނަށް ގެނައުމުގެ މާނަޔަކީ ކޮބައިތަ....އަނެއްކާ އަހަންނަށް ތިކުއްޖާއަށް ގެއްލުމެއް ދެވުނީތަ؟ ހަމަގައިމުވެސް އަހަރެން އެނގިގެން އެއްވެސް ގޯނާއެއް ނުކުރަން.] ފިސާރި ބިރުގެންފައި ހުރެމެ މުދިމްބެ ވާހަކަ ދެއްކިއެވެ.

އޭރު މުދިމްބެ މަސައްކަތް ކުރަމުންދަނީ މައިތިރިކުރެވޭތޯއެވެ. ނަމަވެސް އޭނާ ކުރި އެއްވެސް މަސައްކަތަކުން އަރުފާންގެ ބާރު ދެރައެއްނުވެއެވެ.

[ތިކަހަލަ މީހުންގެ ސަބަބުން އިންސާނުންގެ ތެރޭގައި އަހަރެމެން އުޅެން ކިތަންމެ ބޭނުންވިޔަސް، އެކަމަށް ހުރަސްއެޅެނީ. އަހަރެން އިންސާނުންގެ ތެރޭގައި އުޅުމަކަށް އަހަރެންގެ ޢާއިލާ ހުރަހެއްނާޅާ. އެކަމަކު ކަލޭމެންގެ ސަބަބުން އަހަރެން މިއުޅެނީ ހަމަޖެހިގެން މިދިރިއުޅުމާއިގެން ކުރިޔަށް ނުދެވިގެން.] އަރުފާންގެ ސިފައިގައި ހުރި ޖިންނީގެ އަޑު ބަދަލުވެއްޖެއެވެ.

މުދިމްބެ ބޮޑަށް ބިރުގަތީ އޭނާ ކުރި މަސައްކަތުން ކާމިޔާބުގެ އެއްވެސް އަލިމަގެއް ނުފެނުނީމައެވެ.

[އަހަރެން ސަލާމަތްކުރޭ...އަހަރެން ސަލާމަތްކުރޭ. އަހަރެން ތިކުއްޖާގެ ދިރިއުޅުމަށް އެއްވެސް އުނދަގުލެއް ނުކުރާނަން. އާދޭސްކުރަން...އަހަރެން ސަލާމަތްކޮށްދީ.] މުދިމްބެ އުޅުނީ އެގެއިން ނިކުންނާށެވެ. ވަގުތަކީ ހެނދުނުގެ ވަގުތު ކަމުގައިވިޔަސް، އެއްވެސް މީހަކު އެސަރަޙައްދަކު ފެންނާކަށް ނެތެވެ.

މުދިމްބެ ބޭރަށް ނިކުންނަން މަސައްކަތް ކުރި ކަމުގައިވިޔަސް، އޭނާޔަކަށް ނުނިކުމެވުނެވެ. ހުރިހާ ދޮރުތަކެއް މިހާރު އެހުރީ ބަންދުވެފައެވެ.

[އިންސާނުންނަކީ އެއްވެސް އިތުބާރު ހިފޭ ބައެއް ނޫން. އަހަރެން ކަލެއަކަށްވެސް އިތުބާރެއް ނުކުރަން. އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުމަށް ކިރިޔާވެސް ހުރަހެއްއަޅާފާނެ މީހަކުވިޔަސް، އެމީހެއްގެ ދުވަސް ދުއްވާލަން.] މިހާރު އަރުފާންގެ ސިފަވެސް ބަދަލުވެއްޖެއެވެ. މިހާރު މުދިމްބެގެ ކުރިމަތީގައި އެހުރީ ނިކަން ބިރުވެރި ސިފައެއްގައި ހުރި އެއްޗެކެވެ.

ހަމަ އެވަގުތެވެ. ތާރާ އަރުފާނަށް ގޮވަމުން ކޮޓަރިން ނިކުތެވެ. އޭނާ ނިކުތީ ކުޑަ ދަރިފުޅުވެސް އުރާލައިގެނެވެ. އޭރު ބޭރުގައި ޞަފޫރާއާއި ޝަފީޤުވެސް ތިއްބެވެ.

[ކިހިނެއްވީ...އަރުފާން ގޭގައި ނޫޅެނީތަ؟ މުދިމްބެގެ ފަހަތުންހެން ބޭރަށް ނިކުތްގޮތަށް އަދި ނާންނަނީތަ؟] ޞަފޫރާ ކުޑަދަރިފުޅު ނަގަމުން ބުންޏެވެ.

[އާނ...އޭގެފަހަކުން ނާދޭ. އަހަންނަކަށް ނޭނގެ ދިޔަ ތަނެއްވެސް. މިހާރު ކޮންއިރެއް ދިޔަތާ....އޭނާ އެދިޔައީ ހެނދުނު ސައިވެސް ނުބޮއި....] ތާރާ ސޯފާގައި އިށީނެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް ޝިޔާން ތާރާއަށް ގުޅީ އެވަގުތެވެ. ރާއްޖެއިން ބޭރުގެ ކޯލެއްކަން އެނގޭތީ ތާރާ ފޯނެއް ނުނެގިއެވެ. އޭނާވަނީ ޝިޔާން ގުޅިޔަސް ވާހަކަ ނުދައްކާނޭ ކަމަށް ފިރިމީހާ ގާތު އެއްބަސްވެފައެވެ. ވުމާއެކު ރާއްޖެއިން ބޭރުން އަންނަ ކޯލެއްކަން އެނގޭ ކަމަށްވާނަމަ އޭނާ އެފޯނަކަށް ޖަވާބެއް ނުދެއެވެ.

ކުރީ ދުވަހުވެސް އަރުފާން ނެތްއިރެއްގައި އެފަދަ ކޯލެއް އޭނާޔަށް އައިސްފައިވެއެވެ. ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ.

[މަންމާ...ކުރިމަތީގޭގައި އުޅޭ ޝިޔާނާހެދި މިހާރު ޢާންމު އުނދަގުލަކަށްވާވަރު ވެއްޖެ. އަހަރެންނާ ހެދި އެސޮރު އުޅޭތީ ޙައިރާންވޭ...އަރުފާން ބުނި، އޭނާ އަހަރެން ހޯދަން ފަންޑިތަ ހެއްދި ވާހަކަވެސް. އަޅެ އޭނާ ގުޅައިފިއްޔާ މަންމަ އޭނަޔާ ވާހަކަ ދައްކާލަބަލަ.] ތާރާ ފޯނު މޭޒުމަތީގައި ބާއްވާލުމަށްފަހު މަންމައާ ވާހަކަ ދެއްކިއެވެ.

ދެވަނަފަހަރަށް ތާރާގެ ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ތާރާ މަންމަ އަތަށް ފޯނުދިނެވެ. ޞަފޫރާ ފޯނު ނެގިއެވެ.

[އައްސަލާމް އަލައިކުމް ތާރާތަ؟] ޞަފޫރާ ފޯނު ނެގުމާއެކު ޝިޔާން ވާހަކަ ދެއްކިއެވެ.

[ތާރާއެއް ނޫން...ތާރާގެ މަންމަ...] ޞަފޫރާ ޖަވާބުދިނެވެ. ތާރާގެ މަންމައޭ ބުނުމުން ޝިޔާނަށް ޙަޤީޤަތް ހާމަކުރުމަށްޓަކައި ފުރްޞަތު ލިބުނީކަމަށް އޭނާ ދުށްޓެވެ.

[ޞަފޫރާ ދައްތާ....ތިޢާއިލާ ތިއުޅެނީ ވަރަށްބޮޑު އޮޅުންގަނޑެއްގެ ތެރޭގައި. މިވާހަކަ ކިޔައިދިނުމަށް ފުރްޞަތަކަށް އެދޭތާ ވަރަށް ދުވަސްވެއްޖެ.] ޝިޔާން ފުރްޞަތުގެ ބޭނުންކޮށް ހުރިހާ ވާހަކައެއް ޞަފޫރާއަށް ކިޔައިދިނުމަށްޓަކައި މަސައްކަތް ފެށިއެވެ.

ހަމަގައިމުވެސް ޝިޔާން އޭނާއަށް އެނގިހުރި މިންވަރަށް ކިޔައިދިފީނަމަ، އަރުފާނާއި ތާރާގެ ޒަވާޖީ ގުޅުމަށް ވަގުތުން ހުރަސްއެޅި ނިމުމުގެ ސިއްކަ ޖެހޭނެއެވެ. މިވަގުތުވެސް އަރުފާން އެދަނީ އެހުރަސްތައް ފިލުވުމަށްޓަކައި އަނިޔާވެރި ރަޙުމްކުޑަ ޢަމަލުތަކެއް ހިންގަމުންނެވެ. އެއްވެސް ކުށެއްނެތް އިންސާނަކާ މެދުގައެވެ. އޭނާ ބޭނުންވަނީ ކިރިޔާވެސް އޭނާގެ ޙަރަކާތްތަކަށް ފާރަލާ މީހަކު ވެއްޖެއްޔާ މަރާލާށެވެ. އޭނާގެ ދާއިމީ އުފަލަށްޓަކައެވެ. ނަމަވެސް މިއަދު އޭނާގެ މަސައްކަތް ކާމިޔާބުވިޔަސް ކޮންމެ ކޮންމެ ދުވަހަކީ އޭނާޔަށް ކާމިޔާބު ލިބޭނޭ ދުވަސްތަކެއް ނޫނެވެ.

ކުއްލިއަކަށް އަރުފާން އައިސް ގެޔަށް ވަނީ ޝިޔާން އޭނާއަށް އެނގިހުރި ޙަޤީޤަތްތައް ޞަފޫރާއަށް ކިޔައިދޭން ފެއްޓިތަނާހެންނެވެ.

އަރުފާން ވަދެގެން އައިގޮތަށް އެހެން މީހުނަށް ނޭނގޭނެހެން މައިދައިތަ ގައިގައި ޖެހިގަތެވެ. ލިބުނު ސިހުމުގައި މައިދައިތަ އަތުން ފޯނު ވެއްޓުނެވެ.

ފޯނު ވެއްޓި ޓައިލްސްމަތީގައި ޖެހުމާއެކު ދެފަޅިވެ ފޯނުގެ ބެޓެރީ ނެއްޓުނެވެ. އެއީ އަރުފާން ބޭނުންވިގޮތެވެ.

ޝިޔާނަށް ތާރާގެ ޢާއިލާގެ އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ ފުރްޞަތު ދޭކަށް އަރުފާން ބޭނުމެއް ނޫނެވެ.

[ފޯނު ހަލާކުވީކަންނޭނގެ...ވަރަށް މުހިންމު ކޯލެއްގައިދޯ މަންމަ ހުރީވެސް.] އަރުފާން ފޯނުގެ ބެޓެރީ ލެއްވުމަށްފަހު ފޯން އޮންކުރިއެވެ. ފޯނުގެ އެއްވެސް މައްސަލައެއް ނެތެވެ.

[ޝިޔާން ގުޅައިގެން އުޅެނިކޮށް ފޯނު ވެއްޓުނީ. އޭނާ ވަރަށްގިނަ ވާހަކަ ދައްކަން އެބަހުއްޓޭ ކިޔާފައި ދައްކަން ފެށިތަނާ ފޯނު ވެއްޓުނީ. އަރުފާން ކޮބައިހޭވެސް އެހި. މުދިމްބެގެ ފަހަތުން ކޮންތާކަށްތަ ދިޔައީ....] ޞަފޫރާގެ ވާހަކައިން އަރުފާނަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ.

[އޭނ....ކީކޭ! އަހަރެން އޭނާގެ ފަހަތަކުން ނުދަން. އޭނާގެ ފަހަތުން ބޭރަށް ނިކުތީ...އަހަރެން ދިޔައީ އޮޑިވެރިޔާގެ ގެޔަށް. މާދަމާ މަހަށްދާން ބޭނުންވާތީ އެވާހަކަ ބުނަން.] އަރުފާނަށް ހީވީ ޞަފޫރާމެނަށް ކަމެއް އެނގިގެން އުޅޭހެންނެވެ.

[މިދޭތެރެއަކުން މަސްވެރިކަން ނެތި އޮތުމަށްފަހު މިދުވަސްކޮޅަކީ ހިސާބަކަށް މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރެއް. ތެލުގެ އަގާއެކު މަހުގެ އަގުވެސް މިހާރު މިވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައި.] ޞަފޫރާ ތާރާއިން ސޯފާގައި އިށީނެވެ.

އަރުފާންގެ އަތުގައި އޮތް ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ގުޅީ ހަމަ ޝިޔާނެވެ.

[އަހަރެން ކަލޭ ގާތު ނުބުނަންތަ...ދެން މިގެޔަށް ގުޅައިގެން ނުވާނޭ. ކީއްވެތަ ކުކުޅަށްވުރެ ބިސް ދޮށިވެގެން މިގެޔަށް ތިގުޅަނީ. ތާރާއަކީ ކަލެޔާ އަޅާބަލާއިރު ޢުމުރުން ދޮށީ ބޮޑު މީހެއް ކަމާއި، އަދި ތާރާއަކީ މީހެއްގެ އަންބެއްކަންވެސް ކަލެއަށް ނޭނގެނީތަ؟] އަރުފާން މިހެން ބުނެލާފައި އިތުރަށް އަރުފާން ވާހަކަ ދައްކާނޭ ފުރްޞަތެއްވެސް ނުދީ ފޯނު ކަނޑާލައިފިއެވެ.

[ދަރިފުޅާ...އެސޮރު އެދައްކަން އުޅޭ ވާހަކައެއްވެސް އަޑުއަހާލިނަމަ...މަންމައަށް ހީވަނީ ކޮންމެވެސް ބޭނުންތެރި ވާހަކަތަކެއް އެސޮރު ދައްކަން އުޅޭހެން.] ޞަފޫރާ ބޭނުންވަނީ ޝިޔާންގެ ވާހަކަ އަޑުއަހާލާށެވެ.

[އަހަންނަށް އެނގޭ...އޭނާ ދައްކަން އުޅޭ ވާހަކަ. އަހަންނަށް ނޭނގޭ އެއްވެސް ވާހަކައެއް އޭނަޔަކަށް ނުދެއްކޭނެ.] އަރުފާން ފޯނު އޭނާގެ ފަޓްލޫނު ޖީބަށްލިއެވެ.

[ދަރިފުޅަށް އެނގެންޏާ ބުނެބަލަ...ކޮންވާހަކައެއްތަ އޭނާ ދައްކަން އުޅެނީ. މަންމަ ބޭނުން އެވާހަކަ ދެނެގަންނަން.] ޞަފޫރާގެ ޝައުޤުވެރިކަން ބޮޑުވިއެވެ. އަރުފާން ވިސްނާލިއެވެ. އޭނާ ޝިޔާނޭ ކިޔައިގެން މިވަގުތު ދައްކާނޭ ވާހަކަޔަކާ ބެހޭގޮތުންނެވެ.

[އޭނާ ދައްކަން އުޅެނީ އޭނާ ތާރާދެކެ ލޯބިވާ ވާހަކައާއި ތާރާގެ ލޯބި ޙާޞިލްކުރަން މަސައްކަތް ކުރާނޭ ވާހަކަތަކުގެ އިތުރަށް، މިޢާއިލާގެތެރޭގައި މަޞްލަޙަތު ގެއްލުވަން ތަފާތު ދޮގު ވާހަކަތައް ފަތުރަން ދެން އޭނާ ބޭނުންވާނީ.] އަރުފާން ބުންޏެވެ. އަރުފާން ބޭނުންވަނީ އެޢާއިލާގެ އެއްވެސް މީހަކު ހެޔޮހިތުން ޝިޔާނާ ވާހަކަ ނުދައްކާނޭ ވަރަށް މައްސަލަތައް އުފައްދައި ރުޅިވެރިކަން ޢާންމުކުރާށެވެ.

އެދުވަހުވެސް ފޯނުން ޙަޤީޤަތް، އޭނާޔަށް އެނގިހުރި މިންވަރަށް ހާމަކުރެވޭތޯ ކުރެވުނު މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން މިހާރު އޭނާ ޤަޞްދުކުރަނީ އަހަރީ ޗުއްޓީއަށް މާލެ ދިޔުމަށްފަހު ސީދާ ތާރާގެ ޢާއިލާއާ ބައްދަލުކޮށްފައި އެވާހަކަ ދައްކާށެވެ. އޭގެކުރިން އޭނާ ބޭނުންވަނީ ހުޝިޔާރު ފަންޑިތަވެރިއެއްގެ ލަފާވެސް ހޯދާށެވެ.

އެކަމަކު އެކަންވެސް އޭނާއަށް ކުރެވޭނީ މާލެ ދިޔުމަށްފަހުގައެވެ.

ޝިޔާނަކީ އަރުފާނަށް އަމިއްލައަށް ކުރެވުނު ކަންތައްތަކެއްގެ ސަބަބުން އޭނާގެ ޢާއިލާއަށް ބާރު ހިންގަން މަސައްކަތްކުރާ، އަރުފާން އެންމެ ޖެހިލުންވާ ޒުވާނާއެވެ.

އަރުފާން ތާރާއެކު ޒަވާޖީ ގުޅުމައިގެން ކުރިޔަށް ދިޔުމުގެ ހުރިހާވެސް ބިރަކީ ނުވަތަ ހުރަސްތަކެއް އެމީހެއްގެ ސަބަބުން މެދުވެރިވެދާނޭފަދަ މީހަކީ ޝިޔާނެވެ.

ޝިޔާން އެދިރިއުޅުމުގެ ތެރެއަށް ގެނައީ ސީދާ އަރުފާން އަމިއްލަޔަށެވެ. އޭރު މިހެން ކަންތައް މެދުވެރިވެދާނޭ ކަމަށް އޭނާއަށް ނުވިސްނުނީކަންނޭނގެއެވެ.

[އަރުފާނަށް ކިހިނެއްތަ ތިހާވަރަށް ޝިޔާންގެ ވިސްނުން މޭރުންވަނީ. މަންމައަށް ހީވަނީ އެސޮރު ދައްކަން އުޅެނީ އެހެން ވާހަކަތަކެއްހެން. އޭނާގެ ވާހަކަ އަޑުއަހާލަން ފުރްޞަތު ދިންނަމަ.] ޞަފޫރާ ބޭނުންވަނީ ޝިޔާން ބުނާ އެއްޗެއްގެ އަޑުއަހާލާށެވެ.

[އޭނާ އެއުޅެނީ އަހަންނާ ތާރާ ދުރުކުރުވުމަށާއި، އޭނާ ތާރާ ހޯދަން ފަންޑިތަ ހެއްދި ވާހަކަ ދޮގުކުރަން. އެކަމަކު އެއީ އޭނާ ކުރިކަމެއްކަން އަހަންނަށް އެނގިހުރެ، އަހަރެން ބޭނުންވާނެތަ، އިތުރަށް އޭނާ ދޮގުތަކެއް ހަދާއަޑުއަހަން.] އަރުފާން މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއަށްފަހު، މައިދައިތަމެނަށް ޝައްކެއްވުމުގެ ކުރިން އެހެން ގޮތެއް ރޭވުމަށް އޭނާ ވިސްނިއެވެ.

ކުއްލިއަކަށް އޭނާއަށް ރަނގަޅު ވިސްނުމެއް ލިބުނީކަންނޭނގެއެވެ. އޭނާ ފޯނުގެ ސްކްރީންގައި އިނގިލި ކާއްތާލިއެވެ. އެޔާއެކު އޭނާގެ އިނގިލި ކުރިން އާދަޔާ ޚިލާފު އައްޔެއް ފޯނުގެ ތެރެއަށް ވަދެގެންދިޔަތަން ފެނުނެވެ. ދެން އޭނާ ވިހަ ހިނިތުންވުމަކަށްފަހު، މަންމަމެންގޭގެ ކުރިމައްޗަށް ނިކުމެއްޖެއެވެ.

[މަންމައާއި ތާރާ އޭނާގެ ވާހަކަ އަޑުއަހަން ބޭނުމިއްޔާ އަޑުއަހާލަބަލަ. ފަހަރެއްގައި ގުޅާލަފާނެއެއްނު.] އަރުފާން ފޯނު މަންމަގެ އަތަށް ދީފައި އަނެއްކާވެސް ހިނގައިގެންފިއެވެ.

[ދަރިފުޅު އަދި ތިޔަ ހުރީ ނާސްތާވެސް ނުކޮށެއްނު. ދޭބަލަ ނާސްތާ ކުރަން. ހުންނާނެ ތައްޔާރުކޮށްފައި.] ޞަފޫރާ މިހެން ބުނީމާ އަރުފާން ގޮސް ކާގެޔަށް ވަނެވެ.

ފޯނު ރިންގްވާން ފެށީ އަރުފާން ނާސްތާކޮށް ނިމި ކޮޓަރިއަށް ވަންތަނާހެންނެވެ. މިފަހަރު ފޯނު ނެގީވެސް ޞަފޫރާއެވެ. ޞަފޫރާ ފޯނު ނެގުމާއެކު ޝިޔާން ވާހަކަ ދައްކަން ފެށީ ކުރިންވެސް ފެށި ހިސާބުންނެވެ.

[ޞަފޫރާ ދައްތާ...ބަޔަކު ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކިޔަސް، އަހަރެން ތާރާ ހޯދާކަށް ފަންޑިތައެއް ނަހަދަން. ތިގޭ މީހުން ތިތިބީ ވަރަށްބޮޑު އޮޅުންގަނޑެއްގެ ތެރޭގައި. އަރުފާން ގާތުވެސް ބުނެދީ މިވާހަކަ. އަރުފާން ގާތުވެސް ކޮންމެވެސް މީހަކު ދޮގު ވާހަކަތަކެއް ދައްކައިގެން އުޅެނީ. އަހަންނަކަށް ނުވިސްނޭ...ކިހިނެއްވެގެން ދައްކައިގެން އުޅޭ ވާހަކަތަކެއް ކަމެއްވެސް. އަހަރެން ވަރަށް ދެރަވެއްޖެ...އަހަންނާ ދޭތެރޭ އެކަހަލަ ތުހުމަތުތަކެއް ކުރީތީ.] ޝިޔާން ދެއްކީ އަރުފާން ބުނި ވާހަކަތަކެވެ. ވުމާއެކު ޞަފޫރާއަށްވެސް އަރުފާންގެ ވާހަކަ ޤަބޫލުކުރަން މަޖުބޫރުވިއެވެ.

[އެންމެ ރަނގަޅު...ދެން ޝިޔާން ތިހާދުރުގައި ހުރެ ގުޅަންޏާ ވަރަށް އަގުބޮޑުވާނެ. އެހެންވީމާ ފޯނު ބާއްވާލާ. އަހަރެމެންގެ ހިތް ބުރައެއް ނޫން.] މިހެން ބުނެފައި ޞަފޫރާ ފޯނު ބޭއްވިއެވެ. ޞަފޫރާ ފޯނު ބޭއްވިތަނާހެން އަރުފާން ނިކުތެވެ. އަރުފާން ނިކުތުމާއެކު، އެފޯންކޯލްގެ ވާހަކަ ޞަފޫރާ އަރުފާނަށް ކިޔައިދިނެވެ.

އެހެން ނަމަވެސް، އެދުވަހު ޝަހްލާ މާލެއިން ރަށަށް ފުރަން އުޅެނިކޮށް ޝިޔާން ފޯނުކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނަމަވެސް ޝަހްލާ ބޭނުންވީ ރަށަށް ގޮސް ތާރާއަށް އެހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެހެން ނަމަވެސް އޭނާހުރީ ވަރަށް ބޮޑަށް ހިތް އަވަސްވެފައެވެ. އޭނާއަށް އަރުފާނާ ދޭތެރޭ ޝައްކުކުރެވި ވިސްނެން ފެށުމުން ހިތަށް ބިރުވެރިކަންވެސް ވަނެވެ.

ރަޙުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ މުދިމް މޫސާ މަނިކު ފެނި މުޅި އަތޮޅުތެރެއަށް އެއަޑު ފެތުރުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އޭނާ އޮތީ އެރަށުގެ އަލަށް އާބާދުވަމުންދިޔަ ސަރަޙައްދުގެ ފަޅުގެއެއްގެ ތެރޭގައެވެ. އެއީ އަނިޔާވެރި ރަޙުމްކުޑަ މަރެކެވެ. އެއްވެސް އިންސާނަކު އިންސާނަކަށް އަނިޔާނުކުރާނޭ ވަރަށް އޭނާޔަށް ވަނީ އަނިޔާކޮށްފައެވެ.

އެހެން ނަމަވެސް އެއްވެސް ބަޔަކު އެއީ އިންސާނެއްގެ އަނިޔާވެރި މަރެއް ނޫންކަމަކަށް ނުބުނެއެވެ. އެހެން ނަމަވެސް އެހާވަރަށް ޢުމުރުން ދުވަސްވެފައި ހުރި މީހަކަށް އެވަރުގެ އަނިޔާއެއް ކުރާނީ ކާކުބާއެވެ.

އެހެން ނަމަވެސް، އަނިޔާ ނުކުރާނޭ ކަމަކަށްވެސް މިހާރު ޤަބޫލުކުރެވޭކަށް ނެތެވެ. ބޮޑެތި އަނިޔާތަކަކާއެކު ފަންސާސް އަހަރުން މަތީ ޢުމުރުގެ މީހަކު އެއޮތީ މަރާލާފައެވެ.

[ޝައްކުކުރެވޭ ބަޔަކުވެސް ނޫޅޭނެތަ؟] ލާންސް ކޯޕްރަލް އަރުޝަދު ވާހަކަ ދެއްކީ ރަށުއޮފީސް ހިންގުމާ ޙަވާލުވެހުރި އިބްރާހީމް ސަޢީދާއެވެ. މުދިމްބެގެ ޢާއިލާ މާބޮޑަށް ހިތާމައިގެ ތެރޭގައި ވުމުގެ ސަބަބުން އަދި ތަޙުޤީޤީ އެއްވެސް ސުވާލެއް އެޢާއިލާގެ މީހަކާ ކުރެވިފައެއް ނުވެއެވެ. އެމަރުޙަލާ ކުރިޔަށްދާނީ މުދިމްބެގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހުގައެވެ.

މުދިމްބެގެ އަނިޔާވެރި މަރުގެ ޙާދިޘާއަކީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައިވިޔަސް، މުޅި އަތޮޅުތެރެ މިހާރުވަނީ ވަރަށްބޮޑު ސިހުމެއްގައެވެ. ޒަމާނުގެ ޙާލަތަށް ބަލާއިރު، މުދިމްބެގެ އަތުގައި ފައިސާ ހުރެއްޖެނަމަ، އޭގެ ދަހިވެތި ކަމުގައި ބަޔަކު އެޢަމަލު ހިންގަފާނޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މައްސަލަޔަކީ އެކަމުގައި ޝައްކުކުރެވޭނޭ އެއްވެސް މީހަކު އަދި ފެނިފައިނުވާ ކަމެވެ.

ޖެހިގެން އައި ދުވަހު ތާރާގެ މަންމައާއި ބައްޕަގެ އިތުރުން އަރުފާންވެސް ހުޅުމީދޫ ޕޮލިސް ޕޯސްޓަށް ޙާޟިރު ކުރެވި ސުވާލު ކުރެވުނެވެ. ނަމަވެސް މާބޮޑު ކުރިއެރުމެއް ފުލުހުންނަކަށް ނުލިބުނެވެ.

ފުލުހުން ބުނަނީ އެމައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށާއި، މަރުވި މީހާގެ ޢާއިލާގެ ބަސް އަދި ރަނގަޅަށް ލިބިފައިނުވާތީ ތަޙުޤީޤީ މަސައްކަތަށް ހުރަސްތަކެއް މެދުވެރިވެފައިވާ ކަމަށެވެ.

[އެދުވަހު ސީދާ މުދިމްބެގެ ފަހަތުންހެން އަރުފާން ނިކުތީމެއްނު. މުދިމްބެ ދިޔަ ތަނެއް ނުދެކެންތަ؟ އަނެއްކާ އަރުފާންތަ މުދިމްބެ މެރީ؟] ތާރާ ހެނދުނު ނާސްތާ ކުރަން އިނދެފައި އަރުފާނާ ވާހަކަ ދެއްކިއެވެ. ތާރާގެ އެސުވާލުން އަރުފާނަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[އަހަރެން އޭނަޔާއެކު ނިކުތަސް ނިކުމެގެންދިޔައީ އޭނާ ދިޔަކޮޅަކަށް ނޫން. އަހަރެންގެ ހިތަށްއަރާ އެއީ ހަމަ އިންސާނެއްގެ އަނިޔާވެރި ޢަމަލެއްބާއޭ.] އަރުފާން އޭނަޔަށް ޝައްކުވިޔަ ނުދިނުމަށްޓަކައި ބުންޏެވެ.

[އަހަރެންގެ ހިތަށްވެސް މިއަރަނީ ތިޔަހެން. އެކަމަކު ވެދާނެދޯ...ފައިސާގެ ދަހިވެތިކަމުގައި މިހާރު މިއުޅޭ ޒުވާން ކުދިން ކޮށްގެން އުޅޭނެ ކަމަކަށްވެސް. އެކަމަކު މިރަށު ކުދި ބަޔަކު އެހާ ރަޙުމްކުޑަ ޢަމަލެއް ހިންގަފާނެ ކަމަކަށް އަހަންނަކަށް ޤަބޫލެއް ނުކުރެވޭ.] ތާރާ ބުންޏެވެ.

ދުވަސްތައް މިގޮތުގެ މަތިން ފާއިތުވަމުންދަނީ އަރުފާންވެސް އެކިއެކި ހުރަސްތައް ގިރާކުރުންތަކަކަށްފަހު އެތައް ގޮންޖެހުންތަކަކާ އެކުގައެވެ.

[އަރުފާން...ކީއްކުރަންތަ އަބަދު ފޯނު ނަމްބަރު ބަދަލުކުރަނީ. ތިހެން ހެދީމާ އަހަރެމެންނަށް ވަރަށް އުނދަގޫވޭ. މިއަދުވެސް އަހަންނަށް ހަނދާންނެތިގެން ގުޅުނީ. ކުރިން ގެންގުޅުނު ނަމްބަރަށް، ކޮބައިތަ ކުޑަމީހާ...] ހަވީރުވަމުން ދިޔަ ވަގުތު އެގެޔަށް އައިސް ވަންނަމުން ޝަހްލާ ވާހަކަ ދެއްކިއެވެ. އޭރު އެތަނުގައި އަރުފާންވެސް ހުއްޓެވެ. ޝަހްލާ އައީ މާލެއިން އައިގޮތަށް ޝިޔާން ކިޔައިދިން ޙަޤީޤީ ވާހަކަ ތާރާއަށް ކިޔައިދޭށެވެ. އެހެން ނަމަވެސް އޭނާ އަރުފާނާމެދަކު ޝައްކެއް ނުކުރެއެވެ. އޭނާ ޝައްކުކުރަނީ އަދިވެސް ކުރިން ތާރާއާ އަވަލީ ޖިންނި ތާރާއާއެކު ކޮންމެވެސް ގޮތަކަށް އުޅެމުންދާކަމެވެ. ނަމަވެސް މިވަގުތު އެތަނުގައި އަރުފާން ހުރުމާއެކު، އޭނާއަށް ވަރަށްބޮޑު ހުރަސްތަކެއް މެދުވެރިވިއެވެ.

އޭނާ ކޮންމެވެސް ވާހަކަތަކެއް ދައްކަން އުޅޭތީކަންނޭނގެއެވެ. އަރުފާން އެތަނަކުން ދުރަކަށް ނުދިޔައެވެ. ޝިޔާން ޝަހްލާ ގާތު ބުނެފައިވަނީވެސް އަރުފާން ނުހުންނަ ވަގުތެއްގައި ނޫނީ އެވާހަކަ ނުދެއްކުމަށެވެ.

[ކޮންއިރަކު އައީ!؟] ތާރާ އެއްސެވެ.

[ޝިޔާން ނުގުޅާތަ؟ އަހަރެން އައީ މިއަދު މެންދުރު. މީގެ ދެދުވަސް ކުރިންވެސް އަންނަން އުޅުނިން. އެއަރޕޯޓަށް ގޮސް ހުއްޓާ ކުއްލިއަކަށް ނަވާޒް ބަލިވެގެން ދަތުރު ފަސްކުރީ.] ޝަހްލާ ތާރާގެ ގާތުގައި އިށީނެވެ.

އެހާ ހިސާބުން އަރުފާނަށް ޝަހްލާއާމެދު ޝައްކު ކުރެވެން ފެށުނެވެ. އޭނާ ޝިޔާންގެ ވާހަކަ ދައްކަން ފެށުމުން، ޝިޔާން އޭނާޔަށް ހުރިހާ ވާހަކައެއް ކިޔައިދީފައިވާނޭ ކަމަށް އޭނާ ޔަޤީންކުރިއެވެ.

[އާނ...ޝިޔާން ގުޅި. އެއީ ވަރަށް މަކަރުވެރި އިންސާނެއް. މިހާރު އޭނާ އުޅެނީ އޭނަޔަށް ކުރެވުނު ކަންތައްތަކުގެ ސަބަބުން އޭނާ ދެރަވެގެން. މިހާރު އުޅެނީ ވާހަކަ އޮޅުވާލަން. އަހަރެމެން މިހާރު ކޮންމެހެން އޭނާގެ ވާހަކަ އަޑުއަހާކަށްވެސް ބޭނުމެއް ނޫން. އޭނާ މަންމައާވެސް ވާހަކަ ދެއްކި.] ތާރާ ބުންޏެވެ.

ތާރާގެ ވާހަކަތަކުން ޝަހްލާ ހިސާބަކަށް ޙައިރާންވެސްވިއެވެ. ޝިޔާން އޭނަޔަށް ކިޔައިދީފައިވަނީ ވަރަށް ތަފާތު ވާހަކަތަކެކެވެ. ހަމަގައިމުވެސް ޝިޔާން އޭނާ ގާތު ދެއްކި ވާހަކަތައް ތާރާއަށް ކިޔައިދޭން ކިތަންމެހާވެސް އޭނާ ބޭނުމެވެ. އެހެން ނަމަވެސް އަރުފާން ހުއްޓާ އެވާހަކަ އޭނާއަކަށް ނުދެއްކޭނެއެވެ.

އިރުއޮއްސުނީވެސް ފުރްޞަތަކަށް ބަލަބަލާ ޝަހްލާ އެގޭގައި އިންދައެވެ. ނަމަވެސް އަރުފާން ފުރްޞަތެއް ނުދިނެވެ. ވުމާއެކު ފަހުން އަންނާނަމޭ ބުނެފައި ޝަހްލާ އެގެއިން ނިކުތީ މާބޮޑަށް އަނދިރިވުމުގެ ކުރިން ގެޔަށްދާށެވެ.

އަރުފާން ދޯނިދޮށަށް ދާށޭ ކިޔާފައި ނިކުތީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އޭރު ޝަހްލާއަކަށް ގެޔަކަށް ނުދެވޭނެއެވެ.

ޝަހްލާގެ މޯބައިލް ފޯން ރިންގްވާން ފެށީ އޭނާ ގެޔާ އަރާހަމަވާން އުޅެނިކޮށެވެ. ފޯނުކުރީ ތާރާއެވެ. ޝަހްލާ މަޑުކޮށްލިއެވެ.

[ޝަހްލާ...ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިހެން ހީވެގެން.... އަރުފާން ހުރީމާ ނުދައްކާ ދިޔައީދޯ. ދައްކަން އުޅޭ ވާހަކަ ފޯނުން ކިޔައިދީބަލަ.] ތާރާ ބުންޏެވެ.

[އާނ...ތިބުނީ ރަނގަޅަށް. ޝިޔާން އަހަންނަށް ވަރަށްގިނަ ވާހަކަ ކިޔައިދިން. ޙަޤީޤަތުގައި އަހަރެންވެސް މިހުރީ އެވާހަކަ ޤަބޫލުކުރަން ބޭނުންނުވެފައި. އެކަމަކު ވަރަށް ބޮޑަށް ޔަޤީންކުރެވޭ، އޭނާގެ ވާހަކަތަކަކީ ޙަޤީޤަތް ކަމަށް.] ޝަހްލާ އޭނާގެ ގޭގެ ދޮރާށިދޮށުގައި އިށީނދެވޭގޮތަށް ހަދާފައި ހުންނަ އަށިގަނޑުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން