ޞާދިރު ޢަލީދީދީ   19 ޖޫން 2020 - 14:27
ފިނިނޭވާ
ފިނިނޭވާ
17 ވަނަ އެޕިސޯޑް

==========

ޢާޞިމަކީ ކިހާ މޮޔަ މީހެއް ހެއްޔެވެ؟ ގައިމެވެ. އޭނާގެ ވާހަކައިން ދޭހަވެއެވެ. އޭނާ ސީނާދެކެ އިންތިހާއަށް ލޯބިވެއެވެ. ސީނާގެ ޙަޤީޤަތް އެނގިހުރެއެވެ. އެހެން ނަމަވެސް، އޭނާ އެ ޤަޞްދުކުރީ، އޭނާގެ ލޯބި ކަފުންކޮށް ވަޅުލާށެވެ.

ގެއާ ހަމައަށް އާދެވުނުއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންއައީ އެ ޚިޔާލުތަކެވެ.

[އާދޭ އެތެރެއަށް ވަންނަން. އެއިވެނީ ސީނާ ރޯ އަޑު....] ޝިޔާޒް ސިހުނީ ޢާޞިމްގެ އަޑުންނެވެ. ޝިޔާޒް ހުޅުވާފައި ހުރި ދޮރާށިން އެތެރެއަށް ބޯދިއްކޮށްލިއެވެ. އެހިނދު އޭނާއަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ސީނާ ރޮއިރޮއިފައި ސިޓިންގރޫމް (ބޮޑުކޮޓަރީގައި)ގައި ހުރި ފޮތް އަލަމާރީގައި ޖަހާފައި ހުރި ފޮތްތަކާއި، މޭޒުމަތީގައިވެސް ހުރިނަމަ ހުރިހާ އެއްޗެއްހެން އެކިދިމަ ދިމާއަށް ހޫރަމުން ދަނީއެވެ. ސިކުނޑި ހަމަނުޖެހޭ މީހެއްގެ ޙަރަކާތްތަކަކާ އެކުގައެވެ. އޭނާ ހޫރަމުންދިޔަ ފޮތްތަކުގެ ތެރެއިން ބައެއް ފޮތްތަކުގެ ގަނޑުތައް ލުހިގެން، ވަޔާއެކު އެކިދިމަދިމާއަށްދެއެވެ. އެވަގުތު ސީނާގެ މަންމަ އަމީނާވެސްވީ ކޮންމެވެސް ކަމެއްގައި ބޭރަށްގޮހެވެ.

[ކަލޭމެން އެކަކުވެސް މިގެއަށް ވަދެގެން ނުވާނެ. ތި ދަރިފުޅުވެސް ގެން.....ދޭ މިހާރު އަހަރެންގެ ކުރިމަތިންދޭ.] ސީނާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އެއަޑު ނާހާ ޢާޞިމް އެތެރެއަށް ވަނެވެ. އޭނާ ވަންގޮތަށްވަދެ ސީނާގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ....އަހަރެންގެ އަތުން...ދޫކުރޭ....ދޫކުރޭ...ދޫކުރޭ.....] ސީނާގެ އަޑު އައީ މަޑުވަމުންނެވެ. އިރުއިރުކޮޅާ ރުއިމުގެ އަޑުވެސް މަޑުވަމުން އައިސް، ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާ ޚަބަރު ހުސްވެއްޖެއެވެ.

ޢާޞިމާއި ޝިޔާޒް އަދި އޭނާގެ ބައިވެރިންގެ ހިތްވަރުން ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީނާ ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ދާން ދިޔަ ދަތުރުމަތީގައި ޢާޞިމް ޝިޔާޒާ ވާހަކަ ދައްކައިގެން ސީނާގެ ކައިވެންޏަށް އެއްބަސް ކުރުވިއެވެ. ސީނާދެކެ އޭނާ ކިތަންމެ ލޯބިވިޔަސް، ވަރިހަމަ ކަމަށް ނިންމުމަށްފަހުގައެވެ. އޭނާގެ ލޯތްބަށްވުރެން އޭނާ ވިސްނީ، ސީނާއަށް އޭނާގެ ލޯބި ހޯދައިދިނުމަށެވެ. ސީނާ ހޭއެރިއިރު އެއްބަޔަކު ލައްވާ ސީނާގެ ގެވެސް މަލުގެ ގުލްދަސްތާއެއް ފަދައިން ތައްޔާރު ކުރެވުނެވެ. ގެ ޒީނަތްތެރި ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވީ ޢާޞިމްގެ ދެތިން ރައްޓެހިންނާއި ފަރުސާނާއި ޝިޔާޒްގެ އޮފީސް ބައިވެރިންނެވެ.

[އަހަރެން ވަރަށް ބޭނުން، ސީނާ އުފަލުގައި އުޅޭތަން (މަންޒަރު) ދެކެން...އެހެންވެ އަހަރެން އެގޮތް ޚިޔާލުކުރީ ސީނާދެކެ ލޯބި ނުވާތީއެއް ނޫން...އަހަރެން ސީނާދެކެ ވަރަށް ލޯބިވޭ....ވަރަށް ލޯބިވޭ....] ޢާޞިމް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނަޞީރާއެވެ. ނަޞީރު ހުރީ ޢާޞިމްގެ އެނިންމުމާމެދު ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. ޢާޞިމް ކުރިން ތަޖްރިބާ ކުރި ލޯބީގެ ހިތި ތަޖްރިބާ، އެންމެ ގާތުން ދުށް މީހަކީވެސް އޭނާއެވެ. އެ ލޯތްބާހެދި ޢާޞިމް ކަރުނަ އަޅާ ރުއިތަންވެސް އޭނާ ދުށްޓެވެ.

[ތިގޮތަށް އަބަދު އެހެން މީހުންގެ އުފާތަކަށް ވިސްނަން ހަދައިގެން ކޮންދުވަހަކުތަ ޢާޞިމަށް ދިރިއުޅުމެއް ލިބޭނީ.] ނަޞީރު ބުންޏެވެ.

[ވެދާނެއެއްނު މިއީވެސް އަހަރެންގެ މުސްތަޤްބަލް އުޖާލާވުމަށް ދިއްލުނު ފެހި ސިގްނަލަކަށް...އަހަރެން ސީނާދެކެ ކިތަންމެ ލޯބިވިޔަސް، އަހަރެން ސީނާގެ އުފާތަކަށް އަރައެއްނުގަންނާނަން.] ޢާޞިމް ތެދުވެގެން ސީނާ އޮތް ވޯޑާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން ނަޞީރުވެސް ތެދުވެގެން ހިނގައިގަތެވެ. އޭރު ސީނާއަށް ހޭހަންކޮށްދޭން އޭނާގެ ގާތުގައި ތިބީ ސީނާގެ ރަޙްމަތްތެރިޔާ މާއިޝާއާއި މަންމަ އަމީނާއާ ދެމީހުނެވެ. ޢާޞިމްމެން ވަނުމާއެކު، އަމީނާ ޢާޞިމަށް ގޮނޑި ދިނުމަށްފަހު ތެދުވިއެވެ. އެއީ ޝިޔާޒްވެސް އައިސް އެތަނަށް ވަން ވަގުތެވެ. އޭރު ސީނާއަށް އޮތީ ނިދިފައެވެ.

[ޝިޔާޒް އާދޭ އިށީންނަން.] ޝިޔާޒް ވަނުމާއެކު، ޢާޞިމް ޝިޔާޒަށް ތަން ދެއްކިއެވެ. ޝިޔާޒް ހީނލަމުން އިށީދެއްޖެއެވެ.

އެދުވަހު ޝިޔާޒާއި ސީނާގެ ކައިވެނި ތައްޔާރުވަމުންދާ ޚަބަރު، ޢާޞިމް ސީނާއަށް ދިނީ ޝިޔާޒްވެސް ހުއްޓައެވެ. އޭރު ޝިޔާޒް ހުރީ ސީނާއަށް ފުރަގަސްވާ ގޮތަށް ކުޑަދޮރު ކައިރިއަށް ހުއްޓިގެނެވެ.

[ތީ ދޮގެއް...ޝިޔާޒް އަހަންނަކާ ނީންނާނެ. ގަބޫލެއް ނުކުރާނަން....ޝިޔާޒް ލޯބިވަނީ ޝިފާދެކެ.] ސީނާއަށް ގަބޫލު ކުރާން ދަތިވިއެވެ.

[ގަބޫލުކުރޭ...ސީނާ ކައިވެނީގެ ހުރިހާ ތައްޔާރީއެއްވެސް މިހާރު ކޮށް ނިމިއްޖެ.] ޢާޞިމް ޔަޤީންކޮށްދިނެވެ.

[ނޫން އަހަރެން ކަހަލަ ނިކަމެއްޗަކާ ޝިޔާޒް ނީންނާނެ.] ސީނާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

[ގަބޫލުކުރޭ ސީނާ....ޢާޞިމް އެބުނަނީ ތެދެއް....މިހާރު ސީނާ ގަބޫލު ކަމަކަށްވަނީނަމަ، ސީނާ އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ހަދަން އަހަރެން ކިތަންމެހާވެސް ބޭނުން.....] ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިގެން ހުރި ޝިޔާޒް، ސީނާއާ ދިމާއަށް އެނބުރި ސީނާއަށް ޔަޤީންކަން ދިނެވެ. އެހިނދު ސީނާއާއި ޝިޔާޒް ހަތަރުކަޅި ހަމަވިއެވެ. ޝިޔާޒް އެއްމިޔަކަނުން ހީލިއެވެ. ޖަވާބުގައި ސީނާގެ ދެލޮލުން އައީ ކަރުނައެވެ. ގަބޫލު ކުރެވެއެވެ. މިހާރު ސީނާގެ ލޮލުން އެއަންނަނީ އުފާވެރިކަމުގެ ކަރުނައެވެ.

[ސީނާ އަހަންނަކީ މިހާރު ސީނާއަށްވުރެން މާބޮޑު ނިކަމެއްޗަކީމު....ޝިފާވެސް އަދި އަހަރެންގެ ރަޙްމަތްތެރިޔާވެސް އަހަރެން އެކަނިކޮށްފައި މިދުނިޔެއާ އަލްވަދާޢުކީއިރު، އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފާނެ މީހެއް ކަމަށް އަހަންނަށް ޤަބޫލު ކުރެވޭ މީހަކީ ސީނާ.....ސީނާ ބުނޭ އާއެކޭ....] އާދޭހުގެ ރާގަކަށް ޝިޔާޒް ބުންޏެވެ. ސީނާއަށް ބަލައިލެވުނީ ޢާޞިމްގެ މޫނަށެވެ. އެމޫނުމަތިން ސީނާއަށް ސިފަކުރެވުނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއި ނުތަނަވަސްކަމެކެވެ.

ޢާޞިމަކީ އޭނާ އެންމެ އެހީއަށް ބޭނުންވި ދުވަހު އެހީތެރިވެދިން މީހާއެވެ. ސީނާގެ ނިކަމެތިކަމާއި ޙަޤީޤަތް ރަނގަޅަށް އެނގިހުރެއެވެ. ބޭރުފުށަށް ހިތްހަމަޖެހުމުގެ އަސަރު ކިތަންމެ ވެރިކުރުވަން އުޅުނަސް، ޢާޞިމްގެ ހިތުގެ ރުއިމުގެ އަޑު އޭނާއަށް އިވެމުންދާ ކަހަލައެވެ.

[ޕްލީޒް، ސީނާ އަހަންނަށް ޖަވާބުދީ.] ސީނާ ސިއްސައިގެން ދިޔައީ ދެންވެސް ޝިޔާޒް ވާހަކަ ދައްކަން ފެށީމައެވެ.

[އަހަރެންގެ ކައިވެނީގެ ވަގުތު ޖެހިއްޖެ ކަމަށް އަހަރެންވެސް ގަބޫލުކުރަން...އެކަމަކު....] ސީނާ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. ސީނާގެ ވާހަކައިގެ މާނަ ތަފާތަސް އެކަން ޝިޔާޒަކަށް ނުވިސްނުނެވެ. އެހެންކަމުން، އޭނާގެ މޫނުމައްޗަށް ވެރިވެގެންދިޔައީ އިންތިހާއީ އުފާވެރިކަމެކެވެ.

ސީނާގެ ޠަބީޢަތު މުޅިން ރަނގަޅުވުމުން، އޭނާ ހޮސްޕިޓަލުން ގެއަށް ފޮނުވާލެވުނީ، އެދުވަހުއެވެ. ގެއަށް އައިއިރު އޭނާގެ ޚިޔާލާއި ހުރިހާ ވިސްނުމެއްވެސް ބަދަލުވެފައިވާ ކަހަލައެވެ.

އޭނާ ޝިޔާޒްދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ޝިޔާޒް އޭނާދެކެ ލޯބިވާކަމުގެ އެއްވެސް ހެއްކެއް އޭނާއަކަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، އޭނާއަށް ޔަޤީންވެއެވެ. ޢާޞިމް އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ފިނިނޭވާއެއް ލެވިދާނެ ފުރްޞަތު ނުލިބޭ ވަރަށެވެ. އެލޯބީގެ ސަބަބުން އޭނާގެ ހިތުން ޖާގަ ހޯދޭހާ ބޮޑަށެވެ.

[ދަރިފުޅާ އަވަހަށް ފެންވަރައި ރީތިވެލައިގެން ބޭރަށް އާދޭ. ކުޑައިރުކޮޅަކުން ހެކިވެރިން ރަން ކިޔުއްވަން އަންނާނެ.] ސީނާގެ ކޮޓަރިއަށް ބޯދިއްކުރުމަށްފަހު މަންމަ ބުންޏެވެ. ސީނާ އާއެކޭ ބުނެފައި ފާޚާނާއަށް ވަދެއްޖެއެވެ.

އޭރުވެސް ގޭތެރެ ޒީނަތްތެރި ކުރުމުގައި އެއްބަޔަކު ޙަރަކާތްތެރިވަމުންދެއެވެ. ޢާޞިމްވެސް ގޮނޑިއެއްގައި ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ގައިމެވެ. އޭނާގެ ސިކުނޑީގައި މިހާރުވެސް އެނބުރެމުން އެދަނީ ސީނާގެ ޚިޔާލުތަކެވެ. އޭނާ ސީނާގެ ލޯތްބަށް ކުރީ ފޮނި އުންމީދުތަކެކެވެ. ކުރި އިންތިޒާރުތަކެވެ. ވިސްނި ވިސްނުންތަކެވެ. ކުރި ޚިޔާލުތަކާއި ފިކުރުތަކެވެ.

ސީނާ ރީތިވެލައިގެން (ނަލަހެދިގެން) ކޮޓަރިން ނުކުތްއިރުވެސް ޢާޞިމް އެއިންގޮތަށް އިނެވެ. ޢާޞިމް ފެނުމާއެކު، ޢާޞިމް އިންގޮތުން ސީނާ ދޮރުމަތީގައި ހުއްޓިއްޖެއެވެ. އެއީ ޝިޔާޒާއި ފަރުސާނުވެސް އައިސް އެގެއަށް ވަން ވަގުތެވެ. އޭރު ޢާޞިމްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ސީނާ ދުރުގައި ހުއްޓިހުރީ އެހެންވެގެނެވެ. ޝިޔާޒާއި ފަރުސާނު އައިގޮތަށް އައިސް ޢާޞިމާ ޖެހިގެން ހުރި ދެގޮނޑިއެއްގައި އިށީނުމުން، ޢާޞިމަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ.

[ޢާޞިމް ހާދަ ފުން ޚިޔާލެއްގަ.] ޝިޔާޒް ޢާޞިމާ ވާހަކަ ދެއްކި ވަގުތަކީ ސީނާވެސް އައިސް އެތަނަށް ހުއްޓުނު ވަގުތެވެ.

[ނުވިސްނަން...އަހަރެންގެ ބަދުނަޞީބު ޙަޔާތާ ދޭތެރޭ....ކޮންމެވެސް ވަރަކަށް ފިކުރު ކުރެވުނީ.] ޢާޞިމް ލޯ ފޮހެލިއެވެ. އެވަގުތު ރަން ކިޔުއްވަން ދެހެކިވެރިން އައިސް އެގެއަށް ވަނުމުން، އެންމެންގެ ސަމާލުކަން ކުއްލިއަކަށް އެމީހުނާ ދިމާއަށް ހުއްޓުނެވެ. އެމީހުން އައިސް ހުއްޓުނީ ސީދާ ސީނާގެ ކުރިމައްޗަށެވެ. ދެންވެސް ސީނާއަށް ބަލައިލެވުނީ ޢާޞިމްގެ މޫނަށެވެ. އޭރު ޢާޞިމްގެ ދެލޯ އެއްވެސް އިޚްތިޔާރަކާ ނުލައި ކަރުނައިން ތެމެމުންދަނީއެވެ.

[ސީނާ، ތި ހެކިވެރިންގެ ކުރިމަތީގައި ޝިޔާޒާ އިނުމަށް ރަންކިޔާ....] ޢާޞިމްގެ އަޑުވެސް ކުރިއާ ތަފާތުވިއެވެ.

[ނޫން..ޢާޞިމް، ޢާޞިމް ކިތަންމެ ސިއްރު ކުރަން އުޅުނަސް، އަހަންނަށް ޢާޞިމްގެ ހިތް އެބަ ފެނޭ. އެހިތް އަހަންނަށް އެދި ގޮވާ އަޑު އެބައިވޭ....އަމިއްލަ ހިތަށް އަމިއްލަ އަތުން ޒަހަރުލާން ނޫޅޭ ޢާޞިމް....އަހަރެން ޝިޔާޒާ އިންނަން ރަން ކިޔާނީ އަންހެނަކަށް ދެފިރިން ހުއްދަވަނީނަމަ....އަހަންނަށް މިވަގުތު މުހިންމީ އަހަރެންދެކެ ލޯބިވާ ތެދުވެރި ފިރިއެއް.....ޢާޞިމް އަހަރެންދެކެ ލޯބިވެ، އަހަންނާ އިންނަން ނިންމީ، އަހަރެންގެ ހުރިހާ ޙަޤީޤަތެއްވެސް ރަނގަޅަށް އެނގިހުރެ.....] ސީނާގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. އޭނާ މަޑުމަޑުން އައިސް ޢާޞިމްގެ ކުރިމައްޗަށް ހުއްޓުނެވެ. ހަމައެއާއެކު ޝިޔާޒްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ކަރު އެލުނެވެ.

[ނޫން..ސީނާ.....އަހަންނަށްޓަކައި ސީނާގެ ލޯބި ޤުރްބާން ނުކުރޭ...އަހަންނަށް ތަޞައްވަރުވޭ....ސީނާ ޝިޔާޒްދެކެ ލޯބިވާ މިންވަރު...އަހަންނަކީ ސީނާގެ ޙަޔާތަށް އައި ކުޑަދުވަސްކޮޅެއްގެ މެހްމާނެއް ކަަމަށް ހީކޮށްލުމަށްފަހު، ޝިޔާޒްގެ ކައިވެންޏަށް އެއްބަސްވޭ ސީނާ.....] ޢާޞިމް އުޅުނީ ހިނގައިގަންނާށެވެ. ނަމަވެސް، މިފަހަރު އޭނާ ހިފެހެއްޓީ ޝިޔާޒެވެ.

[ނޫން...ޢާޞިމް...ޢާޞިމް ނުދޭ، ސީނާގެ ލޯބި އެންމެ ޙައްޤު މީހަކީ ޢާޞިމް. ސީނާ އެހީއަށް އެންމެ ބޭނުންވި ވަގުތު ސީނާއަށް އެހީތެރިވެދިނީވެސް ޢާޞިމް....އަހަރެން ހިނގައިދާނަން.....ޢާޞިމް ސީނާދެކެ ލޯބިވާ މިންވަރު، ޢާޞިމްގެ މޫނުމަތިންވެސް ވަރަށް ރަނގަޅަށް އެބަ ދޭހަވޭ.....] ޝިޔާޒް ޢާޞިމްގެ އަތުގައި ހިފައިގެން އައިސް ސީނާގެ އަތާއި އަތް ގުޅުވައިދިނެވެ.

ނަމަވެސް، އެންމެންވެސް ހީކުރިގޮތާ ޚިލާފަށް، އެގޭގައި އޭގެ އެއްހަފްތާ ފަހުން ކުރެވުނީ، ސީނާއާއި އޭނާގެ އެންމެ ލޯބިވާ ޝިޔާޒްގެ ކައިވެންޏެވެ. ދިގު އިންތިޒާރަކަށްފަހުގައެވެ. ފިނި ނޭވާތަކަކަށްފަހު، ސީނާއަށް އޭނާގެ ލޯބިވެސް ލިބުނީއެވެ. އާއެކެވެ. އެރެއަށްފަހު، އޭނާގެ ޙަޔާތަށް އައީ އުފާވެރި ދުވަސްތަކެކެވެ. ގެވެހި އަންބަކަށްވެ، ދެކުދިންގެ މަންމައަކަށްވެ ހުރެއެވެ. ޝިޔާޒް ކައިވެންޏަށްފަހު ވަޢުދުވިއެވެ. ސީނާއަށް ފިނިނޭވާއެއް ލުމުގެ ފުރްޞަތު ނުދިނުމަށެވެ. ސީނާއަށްޓަކައި ތެދުވެރި ވަފާތެރި ފިރިއަކަށްވުމަށެވެ. އޭނާ އެގޮތުގައި ސާބިތުވެ ހުރިވެސްމެއެވެ. މިހާރު ސީނާލާ ކޮންމެ ނޭވާއެއްވެސްލަނީ އުފަލާއި ހިތްހަމަޖެހުމާ އެކީގައެވެ.

އެ އުފާވެރި ކައިވެންޏަށްފަހު އެދެލޯބިވެރިން، ކުރިން ކުރެވިފައިވާ ކުށްތަކަށް ތައުބާވިއެވެ. ވުމާއެކުވެސްމެއެވެ. ސީނާގެ ޒަވާޖަކީ މިހާރު ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ޙަޔާތުގެ ކުރީކޮޅު ފިނި ނޭވާތަކެއް ލުމަށްފަހު، އުފަލުގެ މަންޒިލަކަށް އާދެވުނީއެވެ. ދިގު އިންތިޒާރަކަށްފަހުގައެވެ.

- ނިމުނީ -

********************

"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން