އިންގްލިޝް ޕްރިމިއަރ ލީގުގެ ވާދަވެރި ދެބާރު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރާ މެޗު މިރޭ އޮންނާނެއެވެ.

ރާއްޖޭ ގަޑިން މިރޭ ދަންވަރު 00:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް މި ދެ ޓީމު ނުކުންނައިރު، މި ދެ ޓީމު އެންމެ ފަހުން އެއް ޓީމު އަނެއް ޓީމާ ވާދަކޮށްފައިވާ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑެވެ. މިރޭގެ މެޗަށް ނުކުންނައިރު، ޓޮޓެންހަމްގެ ޑެލޭ އަލީވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ސަސްޕެންޑްކޮށްފައެވެ.

މީގެ ކުރިން 20 ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށް، އެންމެ ގިނައިން ލީގު ކާމިޔާބު ކުރުމުގެ ޝަރަފު ހޯދާފައިވާ ޔުނައިޓެޑް މިރޭގެ މެޗަށް ނިކުންނައިރު، އެ ޓީމްގެ ރަޝްފޯޑް އާއި، ޕޮގްބާ އަނިޔާއިން ސަލާމަތްވެ މިހާރު ތިބީ ކުޅެން ތައްޔާރަށެވެ. މިރޭގެ މެޗަކީ ލީގުގެ ގަދަ ހަތަރެއްގެ މަގާމު ޔަގީން ކުރުމަށް ޔުނައިޓެޑަށް ވަރަށް މުހިއްމު މެޗެކެވެ.

މިރޭގެ މެޗަށް ނުކުންނައިރު، 29 މެޗުން 45 ޕޮއިންޓާއި އެކު ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ ފަސް ވަނަ މަގާމުގައެވެ. ޓޮޓެންހަމް އޮތީ 29 މެޗުން 41 ޕޮއިންޓާއި އެކު ޓޭބަލްގެ އަށް ވަނައިގައެވެ.

ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ، އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން 100 ދުވަހަށް ފަހު އަލުން ފަށާފައިވަނީ މި ޖޫންމަހުގެ 17 ވަނަ ދުވަހުއެވެ. ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ ބޮޑު ލީޑަކާއެކު ލިވަރޕޫލްއެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށްފަހު، ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އަލުން ފެށި ފުރަތަމަ ލީގަކީ ޖަރުމަނު ލީގެވެ. އަދި، ސްޕެއިން ލީގު މިހާރު ފަށާފައިވާއިރު އިޓާލިއަން ލީގު މި މަހުގެ 20 ވަނަ ދުވަހު ފަށާގޮތަށް ވަނީ ތާވަލްކޮށްފަ އެވެ. މަޝްހޫރު ލީގުތަކުގެ ތެރެއިން ސަރުކާރުގެ އެންގުމަށް އަމަލުކުރުމުގެ ގޮތުން ފްރެންޗް ލީގު ވަނީ ކެންސަލްކޮށްފަ އެވެ. އަދި، ނެދަލެންޑްސް އާއި ބެލްޖިއަމުން ވެސް ވަނީ ލީގު ކެންސަލްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން