ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލައިފައި އޮތުމަށްފަހު އިޓާލިއަން ލީގުވެސް މިރޭ ފަށައިފިއެވެ.

މިދިޔަ މާރޗް މަހުގެ ނުވަ ވަނަ ދުވަހު މެދުކަނޑާލި އިޓާލިއަން ލީގު މިރޭ އަލުން ފަށާފައި ވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ޓޭބަލްގެ 9 ވަނައިގައި އޮތް ޕާމާ އާއި 15 ވަނައިގައި އޮތް ޓޮރިނޯ އެވެ. މިރޭ ދެ މެޗް ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފަހު މެޗްގައި މިރޭ ރާއްޖޭގެ ގަޑިން މެންދަމު 00:45 ގައި ބައްދަލުކުރާނީ ވެރޯނާ އާއި ކަލިއާރީ އެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޔުވެންޓަސްގެ ފުރަތަމަ މެޗް ކުޅެން ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އޮތް އިޓާލިއަން ކަޕްގެ ފައިނަލުގައި ނަޕޯލީ އަތުން ބަލިވިފަހުން ޔުވެންޓަސް އިން ކުޅޭ ފުރަތަމަ މެޗްގައި ރަށުން ބޭރުގައި ނުކުންނާނީ ބޮލޯނާ އާ ދެކޮޅަށެވެ.

އިޓާލިއަން ލީގު މިރޭ އަލުން ފެށިއިރު ލީގުގައި މިހާތަނަށް 26 މެޗް ކުޅެގެން 63 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ޔުވެންޓަސް އޮތްއިރު ހަމަ އެ އަދަދަށް މެޗް ކުޅެގެން އެންމެ ޕޮއިންޓެއްގެ ތަފާތުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ.

އިޓާލިއަން ލީގު މިރޭ ފެށުމާއެކު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ފްރެންޗް ލީގު ފިޔަވައި ހުރިހާ ލީގެއްގެ ކުޅުން އަލުން ފެށުނީ އެވެ. ފްރެންޗް ލީގު ވަނީ އަލުން ނުފަށަން ނިންމައި ކެންސަލްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން