ޞާދިރު ޢަލީދީދީ   21 ޖޫން 2020 - 16:6
ސަރާ
ސަރާ
އެޕިސޯޑް 02

...............

ސަރާގެ ގެ ކަމުގައިވާ ދަނޑިފަނުން ހަދާފައިވާ ހަރުގެ (ގެއަށް ކިޔާނަން)އާ ހަމައަށް އެވެރިންނަށް ދެވުނު ވަގުތަކީ، ސަރާގެ މަންމަ ނަޖުމާ ކަންނެލިމަސް ފޮއްޗެއް ހިފައިގެން ގެއަށް ވަން ވަގުތުކަމުން، ފުރަތަމަ އެގެއަށް ވަނުމާ ދޭތެރޭ ނިޔާޒް ފަސްޖެހުނެވެ. އެހެންކަމުން، ނިޔާޒް އެގޭ ކުރިމަތީގައި އޮތް ރުއްގަނޑު މަތީގައި އިށީނެވެ.

އެހިސާބުގަނޑުގައި ސަރާގެ ގެ ކަމުގައިވާ ހަރުގެ ނޫނަސް ފަނުން ހަދާފައިވާ ގެތައް ހުއްޓެވެ. ނަމަވެސް ގޯތިތެރެ ކުނިކަހާ ސާފުކޮށް، ހުދު ކަށިވެލިލާފައި ވަނީ، އެގެ އެކަންޏެވެ. ވުމާއެކު އެގެ ފެންނަނީ، މާހިތްގައިމު މަންޒަރެއްގެ ގޮތުގައެވެ.

[ނިޔާ ދެން އެތެރެއަށް ބޯދިއްކޮށްލާ ސަލާމް ގޮވާލަބަލަ.] ޢިމްރާން ނިޔާޒްގެ ގައިގައި ކޮއްޓާލިއެވެ. ނިޔާޒް ތެދުވެގެންގޮސް ގޭތެރެއަށް ބޯދިއްކޮށް ސަލާމް ގޮވައިލިއެވެ.

ސަލާމް ބަލައިގަތުމަށްފަހު ބޭރަށް ނުކުތީ ޢިމްރާނުމެން އުންމީދު ކުރި ގޮތަށް ސަރާއެއް ނޫނެވެ. ނުކުތީ ނަޖުމާއެވެ. ސަރާ ފެންނާކަށްވެސް ނެތެވެ.

[ސަރާއާ ބައްދަލުވެދާނެތަ؟] ނިޔާޒް އިސް ޖަހާލައިގެން ހުރެ އެއްސެވެ. ނަޖުމާ ލުއި ހިނިތުންވުމަކާއެކު، އަނެއް ފަރާތަށް އެނބުރި ސަރާއަށް ގޮވިއެވެ. ސަރާއަށް ގޮވުމަށްފަހު ނިޔާޒް ގާތު އެތެރެއަށް ވަދެ އިށީންނާށޭ ބުނެފައިމެ، ނަޖުމާ އެދިމާގައި ހުރި ދޮރަކުން ބޭރަށް ނުކުމެއްޖެއެވެ. އެއީ އެގޭ ބަދިގެ ފަރާތް ކަމަށް ބެލެވެއެވެ. ހަމަ އެހިނދެވެ. ސަރާ ނަޖުމާ ނިކުތް ދޮރުން އެތެރެއަށް ވަދެއްޖެއެވެ.

[ނިޔާޒް...އިށީންނަންވީނު...] ސަރާ އެގޭގައި ހުންނަ ހަމައެކަނި ގޮނޑި ފޮހެލުމަށްފަހު އެދުނެވެ. ނިޔާޒް ގޮނޑީގައި އިށީންނަމުން އޭނާ އައި ސަބަބާއި، ޢިމްރާނާބެހޭ ފުރިހަމަ މަޢްލޫމާތު ސަރާއަށް ދިނެވެ.

ނަމަވެސް ނިޔާޒްގެ އެވާހަކަތަކަށް ސަރާގެ މާބޮޑު ޝައުޤެއް ހުރިހެނެއް ހިއެއްނުވެއެވެ. ސަރާ ބުނިހާވެސް އެއްޗަކީ، އޭނައަކީ ކާކުކަން ޢިމްރާނަށް ބުނެދިނުމަށާއި، އެކަހަލަ މުއްސަނދިންނަކީ އަނިޔާވެރި، ނިކަމެތިންނާ ދޭތެރޭ ރަޙުމް ހުންނަ ބައެއް ނޫން ކަމަށެވެ.

[ތިހެން ނުބުނޭ ސަރާ. އޭނައަށް ސަރާގެ ހުރިހާ ޙަޤީޤަތެއްވެސް އެނގޭ.] ނިޔާޒް ބުންޏެވެ.

[ތިބުނީ ރަނގަޅަށް. އޭނަ ރަނގަޅުވެދާނެ. އެކަމަކު އޭނަގެ ޢާއިލާގެ އެއްވެސް މީހަކު ގަބޫލެއް ނުވާނެ. ނިޔާޒް ނިކަން ވިސްނާލަބަލަ. މިރަށު މީހުން އަހަންނާ ދޭތެރޭ ދެކޭގޮތް. މިގެއާ ދިމާއަށް ފިރިހެން ކުއްޖަކު ބަލައިލިޔަސް، އެކުއްޖެއްގެ މައިންބަފައިން އެކުއްޖަކު ނޮޅާލާ. ކޮބައިތަ އަހަރެންގެ ކުށަކީ. މިނިކަމެތި ކަމަކީ މާތްރަސްކަލާނގެ އަޅަށް މިންވަރު ކުރެއްވި ގޮތް.] ސަރާގެ ދެލޯ ފެންކަޅިވިއެވެ. އަމިއްލަ ޙާލާ ދޭތެރޭ ވިސްނި، ހިތަށް އަސަރު ކުރިއެވެ. ސަރާގެ ވާހަކައިން ނިޔާޒަށްވެސް ހިސާބަކަށް އަސަރު ކުރިއެވެ.

އެހިނދު ނިޔާޒުގެ އެއްވެސް އިޝާރާތަކާނުލާ ޢިމްރާން އައިސްވަނެވެ. ޢިމްރާން ފެނުމާއެކު، ސަރާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. ޢިމްރާން ވަނުމާއެކު އަމިއްލައަށް ސަރާއާ ވާހަކަ ދައްކާށޭ ބުނެފައި ނިޔާޒް ބޭރަށް ނުކުތެވެ. ބޭރުގައި މަޑުކުރާނަމޭވެސް ބުނެފައެވެ.

[އަހަރެން ގަބޫލުކުރަން ނިޔާޒްގެ ފުށުން އަހަރެންގެ މަޤްޞަދު ސަރާއަށް އެނގިފައިވާނެ ކަމަށް.] ނިޔާޒް ބޭރަށް ނުކުތުމާއެކު ޢިމްރާން ސަރާއާ ވާހަކަ ދައްކަން ފެށިއެވެ. ސަރާ ހުރީ އިސް ޖަހާލައިގެން ހިމޭންވެފައެވެ.

[މަޤްޞަދެއް އެއްގޮތަކަށްވެސް ނޭނގެ. ހިތަށްއަރާ ނުވެސް ދަންނަ މީހަކު މިގެއަށް އައިސް ތިބީދައިން ވާހަކަ ދެއްކުމުގެ މަޤްޞަދަކީ ކޮބައިބާއޭ.] ސަރާ އިސް ޖަހާލައިގެން ހުރެ ބުންޏެވެ.

[ސަރާ ނޭނގެއޭ ނުބުނޭ. އަހަރެންގެ މަޤްޞަދު ހޯދަން ސަރާ ނިކަން އަހަރެންގެ ހިތާ ސުވާލުކޮށްބަލަ.] ޢިމްރާން ސަރާ އިސްއުފުލާލި ދަނޑިވަޅު ސަރާގެ ލޮލަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ. އެހިނދު ޢިމްރާންގެ އެނަޒަރުން ސަރާ ހިސާބަކަށް ލަދުގަނެ ރަކިވެސްވިއެވެ.

[ތިހެން މިރަށަށް އައި ބީރައްޓެއްސެއް...އަހަރެންގެ ނިކަމެތި މަންމަގެ ދިރިއުޅުން ނަގާލީވެސް. މަންމަގެ ހިތްދަތި ދިރިއުޅުމުން އަހަންނަށް ވަނީ ވަރަށް ހިތި އަސަރުތަކެއްކޮށް، ގިނަގުނަ ތަޖްރިބާތަކެއް ލިބިފައި. ހެއްލުމަކީ ގެއްލުމެއްކަން އަބަދުވެސް އަހަރެން ހަނދާންހުރޭ. އެންމެ ފެނިލުމަކަށްފަހު، މީހަކު އައިސް ޤުރްބާންވާނަމޭ ބުންޏަކަސް، އަހަރެން ގަބޫލެއް ނުކުރާނަން.] ވާހަކަ ދައްކަމުންދިޔައިރުވެސް ސަރާވަނީ ފެންކަޅިވެފައެވެ.

[ސަރާ، ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ. އަހަންނަށް އިތުބާރުކުރޭ. އަހަރެން ސަރާއަށް ދެރައެއް ނުދޭނެ ކަމަށް ވަޢުދުވަން.] އާދޭހުގެ ރާގެއްގައި ޢިމްރާން ވާހަކަ ދެއްކިއެވެ.

[ތިކަހަލަ ވަޢުދުތަކުގެ އަޑު އަހަރެންގެ ނިކަމެތި މަންމަވެސް އެހި. ތިކަހަލަ ވާހަކަ ނުދައްކާ. ތިކަހަލަ ވާހަކަތައް އަޑުއިވުނީމަ އަހަންނަށް ތަޞައްވުރުވަނީ އަހަރެންގެ މަންމަގެ މާޒީ.] ޙަޤީޤަތުގައި ސަރާއަށް ވަރަށް ފުން އަސަރުތަކެއްކޮށް، ދެލޮލުން ކަރުނަވެސް އަތުވެއްޖެއެވެ. އޭރު ސަރާއާއި ޢިމްރާންގެ ވާހަކަތައް އަޑުއަހަން ނަޖްމާ ދޮރުމަތީގައި ހުއްޓެވެ. ނަމަވެސް ސަރާމެނަކަށް ނުފެނެއެވެ. ދަރިފުޅުގެ ވާހަކަތައް އަޑުއިވުމުން، އޭނާއަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

[ސަރާ...އެންމެ ފެނިލުމަކުންވެސް، ފުރަތަމަ ނަޒަރުންވެސް ލޯބިވެވިދާނެ. ލޯބީގެ ޖަޒްބާތަކީ ކިތަންމެ ވަރުގަދަ އިންސާނެއްގެވެސް ހިތްބަލިވެ، އަނެކާގެ ކުރިމަތީގައި ނިކަމެތިކޮށްލާ ބާރެއް. އެ ބާރު އަހަރެންގެ ހިތުގައި މިއަދު މިވަނީ އަށަގެންފައި. އަހަންނަކަށް އަހަރެންގެ ހިތަކަށް ކުޑަވެސް ބާރެއް ނުފޯރުވޭނެ.]

އެއީ ތެދެކެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާ އެވަނީ ލޯބީގެ ޖަޒްބާތުން ފޯވެ، ނިކަމެތި އަންހެން ކުއްޖެއްގެ ކުރިމަތީގައި ހިތްވަރު ދެރަވެފައެވެ. ކުރިން އޭނާއަކީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާގެ މަދުރަސީ ދައުރުގައިވެސް އޭނާ ހިމެނިފައިވަނީ އެންމެ ހިތްވަރުގަދަ ފަހުލަވާނުގެ ގޮތުގައެވެ.

ތިޔަ މައުޟޫއަށް ވާހަކަ ނުދައްކާ، މިތަނުންދޭ. އަހަރެން ބިރުގަނޭ. އަހަންނަކީ ނިކަމެއްޗެއް. އިތުރަށް އަހަރެން ނިކަމެތި ކުރަން ނޫޅޭ. ދޭ، މިތަނުންދޭ.] ސަރާ އޭނާގެ ލޮލުން ފޭދިގެން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. ދޮރުމަތީގައި ހުއްޓިހުރި މަންމަ އޭނައަށް ފެނުނީ އެވަގުތުއެވެ. އޭރު ނަޖްމާ ކަރުނައިން ތެމިފައިވާ ލޮލުން ސަރާއަށް ބަލަހައްޓައިގެން ހުއްޓައި ފެނުމުން، ސަރާ މަންމާއޭ ކިޔާ ގޮވާލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަންމަގެ މޭގައި ލައްވެލިއެވެ. ނަޖުމާ ހިންދިރުވާލުމަށްފަހު، ދަރިފުޅުގެ ގައިގައި ބައްދާލިއެވެ.

އިސްޖަހާލައިގެން މާޔޫސީ ހިނގުމެއްގައި ޢިމްރާން އެގެއިން ނުކުތީ ކޮންމެހެން އުންމީދު ކަނޑާލާފައެއް ނޫނެވެ.

[ނިޔާ...އަހަރެންވެސް ހަމަ ޙައިރާންވެއްޖެ. ކުރިން މީހުން ބުންޏަސް އަހަރެން ގަބޫލެއް ނުކުރަން. އެންމެ ފެނިލުމަކުން މިވަރު ވެދާނެއެކޭ. ހިތަށްއަރާ ސަރާގެ ކިބައިގައި އެވަނީ ކޮންފަދަ ޖާދޫއެއްބާއޭ. ނިޔާޒް އަހަންނަށް ސަރާދެކެ ލޯބިވެވިއްޖެ. އަހަރެން ސަރާގެ ހިތް ރުއްސައި، ސަރާގެ ލޯބި ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކުރާނަން.] ޢިމްރާން ނިޔާޒް އިށީނދެ އިން ރުއްގަނޑުމަތީގައި އިށީނދެ ނިތްކުރީގައި އަތް އަޅައިގެން އިނދެ ބުންޏެވެ.

[ޢިމްރާން ތިކަން ކޮށްފިއްޔާ ހީވޭތަ ފަހީމާ ދައްތަމެން ޢިމްރާން ގެއަށް ވައްދާނެހެން. އެމީހުނަށް އަމުދުން ސަރާގެ ފަތިފުށް އެނގިއްޖިއްޔާ ކުޅިވަރެއް ހުންނާނެ.] ނިޔާޒް ޢިމްރާނަށް ހަނދާންކޮށްލަދިނެވެ.

[މަންމަވެސް ބައްޕަވެސް އޯކޭވާނެ. އަހަރެން އުފަލުގައި އުޅޭތަން ބަލަން އެމީހުންވެސް ބޭނުންވާނެއެއްނު.] ޢިމްރާން އޭނަގެ މައިންބަފައިންނަށް އިތުބާރު ކުރެއެވެ. މަންމަމެން ނުރުހުނަސް އޭނާއަށް ވަރިހަމައެވެ. އޭނާ ސަރާ ބޭނުމެވެ. ޒަވާޖީ ބައިވެރިއެއްގެ ގޮތުގައެވެ.

[އަހަންނަށް ހީވަނީ ޢިމްރާން ކުރަން ތިއުޅޭ ކަމެއްގެ ސަބަބުން އެންމެފަހުން އަހަރެންގެ ވަޒީފާވެސް ގެއްލޭނީހެން.] ނިޔާޒް ބޯހޫރާލިއެވެ.

[މިކަމާ ނިޔާޒްގެ ވަޒީފާއާ އޮތީ ކޮން ގުޅުމެއް؟] ނިޔާޒް ބުނި ބަހުގެ މާނައެއް ޢިމްރާނަކަށް ނުވިސްނުނެވެ.

[އަދިވެސް ބުނާތި އަހަރެންގެ ސިކުނޑި ސުމެކޭ. އަހަންނާއެކު އަހަރެންގެ ރަށަށް އައިސް ތިފަދަ ކަމެއް ފަށައިގެން ދިޔައީމަ އެމީހުން ހުރިހާ ރުޅިއެއް ބާލާނީ އަހަންނަކަށްނު. އަދި ޢަމުދުން ސަރާފަދަ ނިކަމެތި ކުއްޖަކު....] ނިޔާޒް ވަކިހިސާބަކުން ހުއްޓާލިއެވެ. ޢިމްރާން ރުޅިއަތުވެދާނެތީކަންނޭނގެއެވެ.

[އަހަރެން ކުރާ ކަމަކުން ނިޔާގެ ވަޒީފާ ގެއްލޭކަށް ނުޖެހޭނެ. އެހެންވިޔަކަވެސް ނުދޭނަން.] ޢިމްރާން ހަށި ފުއްޕާލިއެވެ.

އޭގެފަހުން ފާއިތުވާ ކޮންމެ ދުވަހަކުވެސް އެއްފަހަރަށްވުރެން ގިނައިން ޢިމްރާން ސަރާގެ ގާތަށްގޮސް އޭނާގެ އެދުމަށް އާނބަސް ބުނުމަށް އެދި އާދޭސް ކުރެއެވެ. އަދި އެއަށްވުރެ ގިނަފަހަރު ނިޔާޒްވެސް ސަރާގެ ގާތަށް ފޮނުވައެވެ. ނަމަވެސް އަދި އަދަށްދާންދެންވެސް ސަރާ ބުނަމުން އަންނަނީ ނޫނެކޭއެވެ. މިހާރު ސަރާގެ މަންމަ ނަޖްމާވެސް ޢިމްރާނާ ދޭތެރޭ ވިސްނުމަށް ސަރާ ގާތު ބުނެފިއެވެ. ނަމަވެސް ހީވާކަހަލައެވެ. ސަރާ ބިރުގަންނަނީއެވެ. މަންމައަށް ދިމާވިފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ.

[ދަރިފުޅާ...އެސޮރު އެހާވަރަށް އުޅޭތީ މަންމަގެ ހިތެއް ނުބުނޭ، އެސޮރު ދަރިފުޅަށް ދެރައެއް ދީފާނެއެކޭ. މަންމައަށް ހީވަނީ އެސޮރު ދަރިފުޅުދެކެ ނިކަން ލޯބިވޭހެން.] ނަޖުމާ ސަރާގެ ބޮލުގައި އަތް ކާއްތާލުމަށްފަހު ބުންޏެވެ.

[މަންމާ...އެކަމަކު...އަހަރެން ހާދަ ބިރުގަނެއޭ. ޢިމްރާނަކީ މާލޭގެ ނުލާހިކު މުއްސަނދި ޢާއިލާއަކަށް އުފަން މީހެއް. އަހަންނަކީ ނިކަމެތި ކަމުގެ އިންތިހާ.....] ސަރާއަށް ރޮވިއްޖެއެވެ.

[ނުރޮއޭ ދަރިފުޅާ....މާތްރަސްކަލާނގެ އިރާދަފުޅުން މާގިނަ ދުވަސްތަކެއްނުވެ ދަރިފުޅުގެ ނަޞީބު ބަދަލުވެދާނެ.] ނަޖުމާ ސަރާއަށް ހިތްވަރުދިނެވެ.

[މަންމާ...އެކަކުވެސް އަހަންނަކަށް ހަމްދަރުދީއެއް ނުވާނެ. މަންމަގެ ދިރިއުޅުމަށް ވިހަލީވެސް އެގޮތަށް މިރަށަށް އެރި ކުޑަދުވަސްކޮޅެއްގެ މެހްމާނެއްނު.] ބަދުނަޞީބު އަމިއްލައަށް ގަބޫލުކުރާ ސަރާ ކަރުނުން މަންމަގެ މޭ ތެންމަމުން ވާހަކަ ދެއްކިއެވެ.

ޙަޤީޤަތުގައި އޭނައަށްވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. މަންމަގެ ބަދުނަޞީބު ދިރިއުޅުމުންވެސް އޭނާއަށްވަނީ އެތައް ހިތްދަތިކަމެއް ބަރުދާސްތު ކުރަން ޖެހިފައެވެ.

އެއަށްފަހު އޭނާ ފުރާވަރަށް އެރީއްސުރެން ރަށުގެ އެކިއެކި މީސްމީހުންގެ މަލާމާތާއި ފުރައްސާރަކުރުންތަކުން އޭނާގެ ހިތުގައި އައީ ވިދު އެޅެމުންނެވެ. އެއްވެސް ޙައްޤަކާ ނުލައެވެ. ބައެއްފަހަރު އެފަދަ މީސްމީހުންގެ ވިސްނުން ކޮށިކަމޭވެސް ހިތަށް އަރައެވެ.

ފަހީމާއާއި ޝާޢިރާ މިހާރު ރާވަމުންދަނީ ޢިމްރާން މާލެ އައިހާ އަވަހަކަށް ޢިމްރާނާއި މަލަކާގެ ކައިވެނި ކުރުވުމަށެވެ. ދެޢާއިލާގެ ވިޔަފާރި ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އެހެން ނަމަވެސް، މަލިކާވެސް ކޮންމެހެން އެހާވަރަކުން އެގުޅުމައިގެން އުޅޭ ކަމަކަށް ނުބެލެވެއެވެ. ގެއިން ބޭރުގައި ހޭދަވާ ވަގުތުތަކުގައި މިހާރަކަށްއައިސް އަބަދުވެސް މަލަކާ ފެންނަނީ ކޮންމެވެސް ފިރިހެނަކު ގޮވައިގެން އުޅޭތަނެވެ. ތަފާތު މައިޒާންތަކުންނާއި ރެސްޓޯރެންޓް، ކެފެޓޭރިޔާފަދަ ތަންތަނުންނެވެ.

އެއްދުވަހު އެމަންޒަރު އޭނާގެ މަންމަ ޝާޢިރާއަށް ފެނުނުވެސްމެއެވެ. އެމަންޒަރު ފެނުމުން ޝާޢިރާ ހިސާބަކަށް ރުޅިއައެވެ. ވުމާއެކު އޭނާ އެދުވަހު ހުރީ މަލަކާ ގެއަށް އައުން ލަސްވެފައެވެ.

[ދަރިފުޅާ މަލަކާ...މިރޭ މަންމައަށް ފެނުނީ ރަނގަޅު މަންޒަރެއްތަ؟] ދަރިފުޅާއެކު ގާރޑިއަން ރެސްޓޯރެންޓަށް ވަނީ ކޮން ފިރިހެނެއް؟] ޝާޢިރާ ހިސާބަކަށް ރުޅިއައިސްފައި ހުރެމެ އެއްސެވެ. މަންމަގެ ޖުމްލައިން ސިހުނު ނަމަވެސް ވަރަށް އަވަހަށް އޭނާ ހަމަޖެހޭގޮތް ދެއްކިއެވެ.

[މަންމާ ހާދަ ޝައްކުބޮޑޭ މަންމަ. އެއީ އަހަރެންގެ ކްލާސްމޭޓެއް. ރައްޒާޤު ކިޔަނީ. އޭނަވެސް ކިޔެވީ ސީ.އެޗް.އެސް.އީ. އިން.] މަލަކާ ހިނގައިގަންނަމުން މަންމަގެ ބޮލުގައި އަތް ކާއްތާލިއެވެ. އެހާ ހިސާބުން މަލަކާގެ ވާހަކަ ޝާޢިރާ ގަބޫލުކޮށްފިއެވެ. އޭނަ ގާތު އޭނާގެ ދަރިފުޅު ދޮގު ހަދާފާނެ ކަމަކަށް ފަހަރެއްގައިވެސް އޭނައެއް ނުވިސްނައެވެ.

[އެކަމަކު ދަރިފުޅާ އެކަނި އެގޮތަށް ފިރިހެނުންނާއެކު ތަންތަނަށް ނުދައްޗޭ. މީހުނަކަށް ނޭނގޭނެ ދަރިފުޅާ އޭނަޔާ އޮންނަނީ ކޮންކަހަލަ ގުޅުމެއް ކަމެއް. މަންޒަރު ފެންނަ މީސްމީހުން ނިކަން ފަސޭހައިން ވާހަކަ ހަދާނެ. އެއިން އަޑެއް ފަހީމާމެނަށް އިވުނަދީގެން ނުވާނެ.] ޝާޢިރާ މަލަކާއަށް ނަޞޭޙަތްތެރިވިއެވެ. މަލަކާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ދަރިފުޅާ އަދި އައިސްބަލަ. ޢިމްރާނުގެ ޚަބަރެއްވިތަ؟] ޝާޢިރާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އަހާލިއެވެ. މަލަކާ ކޮޓަރިން ބޭރަށް ބޯދިއްކޮށް ޚަބަރެއްނުވެޔޭ ބުނެފައި ދޮރު ލައްޕާލިއެވެ.

އެއަށްފަހު އޭނާ ރައްޒާޤަށް ގުޅާފައި މަންމަ އެމީހުން އެކުގައި ރެސްޓޯރެންޓަށް ވަންތަން ފެނި، އެވާހަކަ ދެއްކި ވާހަކައާއި، ދެން ގުޅުން ކުރިއަށް ގެންދަންވާނީ ތަންކޮޅެއް ސިއްރިއްޔާތުގައި ކަމަށް ބުންޏެވެ.

[މަލީ އަހަރެން ބޭނުން މާދަމާރޭ ބައްދަލުކުރަން. ހިނގާބަލަ ދެމީހުންވެގެން ކޮންމެވެސްތަނެއް ހަމަޖައްސަމާ. އަބަދު ރެސްޓޯރެންޓްތަކުން ކެޔަސް، އެއީ ހިތްހަމަޖެހުމެއް ނޫނެއްނު.] ރައްޒާޤުގެ ޚިޔާލު މުޅިން އެހެން މިޞްރާބަކަށްދިޔަ ކަހަލައެވެ.

[ރިޒޯޓަކަށްދަމާ...ހަމަޖައްސަންތަ؟] މަލަކާ ބުންޏެވެ. ނަމަވެސްއެގޮތެއް ރައްޒާޤަކަށް ކަމަކުނުދިޔައެވެ.

[ރިޒޯޓަކަށް ނޫން. އަހަރެން ރައްޓެއްސެއްގެ ކޮޓަރިއެއް އެބަހުރި ހުސްކޮށް....އޭނަޔާ އޭނަގެ އަންހެނުންވީ ފަނަރަ ދުވަހުގެ އިންޑިޔާ ދަތުރެއްގައި....ބަޔަކަށް ރޭކާވެސް ނުލާނެ. އެތަނަށް ވަދެވެން ހުންނާނީވެސް ވަކިން.] ރައްޒާޤު ބުންޏެވެ.

މައްސަލައެއް ނެތް ކަމަށް ބުނެފައި މަލަކާ ފޯނު ބޭއްވިއެވެ.

[މައްސަލަ ވަރަށްގިނަ. ފުރަތަމަ ކަމަކީ އަހަރެންގެ ނިކަމެތިކަން. މަންމަގެ ދިރިއުޅުމުން އަހަންނަށް ހިތި ތަޖްރިބާތަކެއް ފެނިފައިވުން. ވަރިހަމަ، ދެން އިތުރަށް ކިޔައިދޭކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން ޢިމްރާނާ ގުޅޭކަށް.] ސަރާ ވާހަކަ ދެއްކީ ޢިމްރާންގެ މެދުވެރިޔަކަށް އެގެއަށް އައިސް ހުރި ނިޔާޒާއެވެ. އޭނަގެ މަންމަ ނަޖްމާގެވެސް ޙާޒިރުގައެވެ.

[ދަރިފުޅާ ތިވަރަށް ހިތްހަރުވާކަށް ނުވާނެ. އެސޮރު ރޭގަ މަންމަ ގާތުވެސް ވަރަށް އާދޭސްކުރި. މަންމައަށް ހީވަނީ އެސޮރުގެ ނިޔަތް ރަނގަޅުހެން.] ނަޖުމާގެ ޚިޔާލުވެސް ބަދަލުވީކަންނޭނގެއެވެ.

ރަނގަޅެވެ. ނަޖުމާގެ ޚިޔާލު ވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ސަރާގާތު ޢިމްރާނާ ގުޅުމަށް އެތައްފަހަރަކު ބުނެވެސްފިއެވެ.

ނަމަވެސް އަދިވެސް ސަރާ އެކަމަކަށް އެއްބަހެއް ނުވެއެވެ. ވެދާނެއެވެ. އެކަމާ ބިރުގަންނަނީއެވެ. ޢިމްރާނުގެ ވާހަކަތަކަށް އަދިވެސް އިތުބާރު ނުކުރެވެނީއެވެ.

އެހެން ނަމަވެސް، މިހާރަކަށްއައިސް އޭނައަށްވެސް ޢިމްރާނާ ދޭތެރޭ ވިސްނެން ފަށައިފިއެވެ. ބިރުގަތުން ނޫން އެހެން އެއްވެސް މައްސަލައެއް މިހާރަކު ނެތެވެ. އޭނައަށް ޢިމްރާނުގެ ސިފަޔާއި މިޒާޖުވެސް ރަނގަޅެވެ.

[ސަރާ ކީއްވެތަ ސަރާ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރަނީ. ސަރާއަށް އިޙްސާސް ނުކުރެވޭތަ، އަހަރެންގެ ހިތަށްކުރާ އަސަރުތައް. ވަރަށް ދެރަވެއްޖެ. ތިހާ ހިތްހަރު ކުއްޖަކު ދެކެ ލޯބިވެވުނީތީ....] ޢިމްރާން އަތުގެ ނުފުށުން ލޮލުގައިވާ ކަރުނައިގެ އަސަރުތައް ފޮހެލިއެވެ.

[ޢިމްރާން، ލައްކަ ދުވަސްވެއްޖެ ޢިމްރާނަށް ޢިމްރާން ހިތްއެދޭފަދަ ޖަވާބެއްދޭން ވިސްނާތާ. އަހަރެންގެ ޟަމީރު ބުނަނީ ޢިމްރާންގެ ޢާއިލާއިން އަހަރެން ބާކީކޮށް ނިކަމެތިކޮށްލާނޭ. ޢިމްރާނަށް ވިސްނޭތަ، އެފަދަ ގޮތެއް މެދުވެރިވެއްޖެ ޙާލަތެއްގައި އަހަންނާއި އަހަރެންގެ މަންމައަށް ކުރާނެ އަސަރު. ޢިމްރާނުގެ ކުޅަދާނަކަމުންކަންނޭނގެ، މިހާރު އަހަންނަށްވެސް ޢިމްރާނާ ދޭތެރޭ ވިސްނެން ފަށައިފި. އަޅެ...ޢިމްރާން އަހަރެންގެ ހިތް އަތުލައިފި. އާދޭސް ކޮށްފައި ބުނަން، ޢިމްރާން އަހަރެން ނިކަމެތިކޮށް އެއްލާނުލައްޗޭ.] ސަރާ ދެލޯ މަރާލިއެވެ. އެއާއެކު އެދެލޮލުގެ ތެރެއިން ކަރުނަތައް ފޭދިގެންފިއެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ޢިމްރާން ހީވީ މޮޔަވިހެންނެވެ. ބޭއިޚްތިޔާރުގައި އޭނައަށް ސަރާގެ އަތުގައި ހިފައި އޭނާއާ ގާތަށް ގެނެވުނެވެ.

[ތިބުނީ ސަރާވެސް އަހަރެންދެކެ ލޯބިވާ ވާހަކަތަ؟] ޢިމްރާން ސަރާގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލައި، ސަރާގެ ރީތިރީތި ލޮލަށް ބަލަން ހުރެފައި އެއްސެވެ.

[ލޯބިވީކީ ނޫން. ލޯބިވެވުނީ.] ސަރާ އަނެއްކާވެސް އިސް ޖަހާލިއެވެ. ޢިމްރާން ސަރާގެ ހަށިގަނޑުގައި ބާރަށް އޮޅުލައިގަތެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. ވަރަށް އުފާވެއްޖެ. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ސަރާޔާ ކައިވެނި ކުރަން.] ޢިމްރާން ވަރަށް ޢިޝްޤީ އަސަރުތަކަކާއެކު ސަރާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އެހިނދު ސަރާ ލަދުގަނެ، ޢިމްރާނުގެ މޭގެތެރޭ މޫނު ފޮރުވާލިއެވެ.

އެދުވަހަކީ ޢިމްރާނުގެ ޙަޔާތަށް އައި އެންމެ އުފާވެރި ދުވަސް ކަމުގައި އޭނާ ބުނެއެވެ. މަންމައާއި ބައްޕަ އޭނާގެ ކައިވެންޏާ ދޭތެރޭ ކޮންމެ ގޮތަކަށް ނިންމާފައި އޮތް ކަމުގައިވިޔަސް، މިހާރު އޭނާއަށްވަނީ ހިތުންފިލައިގެންނުދާނެ ފަދަ ލޯބިވެރިއަކު ލިބިފައެވެ.

އޭނާ މާލެދާއިރަށް މަންމަމެން މަލަކާއާއި އޭނާގެ ކައިވެނި ތައްޔާރު ކުރާނޭކަންވެސް އޭނާއަށް އެނގެއެވެ. ފާޅުގައި ނުބުންޏަސް، އޭނާގެ މަންމަވަނީ އެކަމަށް އިޝާރާތް ކޮށްފައެވެ. އެފަދައިން މަލަކާގެ މަންމައާއި ބައްޕަވެސް ދަނީ އެކަމަށް ތައްޔާރުވަމުންނެވެ. ކޮންމެ ގޮތަކަށް އުޅުން ހުއްޓަސް މަލަކާވެސް އެހުވަފެންތައް ބަލައެވެ. އެހެން މާބުރަކަށް މަލުގެ ލައްޒަތު ދިނަސް، ޙަޔާތުގެ ބައިވެރިޔަކަށް އޭނާވެސް ޢައްޔަން ކުރަން ބޭނުންވަނީ އޭނާގެ ބައްޕަގެ ވިޔަފާރީގެ ބައިވެރިޔާގެ ދަރިފުޅު ޢިމްރާނެވެ.

********************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ސަނާ

21-Jun-2020

ވަރަަށް ފުރިހަމަ އަސަރުގަދަ ވާހަކަ އެއް


23

ޝަމާ

21-Jun-2020

ވަރަށް ރީތި އަހަރެންގެ ލޯވެސް ތެއްމާލައިފި



ޓްރެންޑިން