ރޭގެ މެޗްގައި ޕެނަލްޓީ ވައްދާލުމަށްފަހު ކެޕްޓަން ރާމޯސް
ރޭގެ މެޗްގައި ޕެނަލްޓީ ވައްދާލުމަށްފަހު ކެޕްޓަން ރާމޯސް
ސްޕެނިޝް ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރީ، ރަށުން ބޭރުގައި ރޭ ކުޅުނު މެޗްގައި ސޮސިއެޑާޑްގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

ރެއާލް މެޑްރިޑަށް މެޗްގައި ލީޑް ނަގައިދިން ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މި ޕެނަލްޓީ އަކީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނިޝިއަސް ޖޫނިއަރ އަށް ސޮސިއެޑާޑްގެ ކުޅުންތެރިއަކު ފައުލްކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ އެކެވެ.

ރެއާލްގެ ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ މިވަގުތު ރަގަޅު ފޯމެއްގައި ހުރި ފްރާންސްގެ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. ރޭގެ މެޗްގައި ސޮސިއެޑާޑްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓޯ ލޯޕޭޒް ދިން ބޯޅައަކުން މެޗް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް މިކެލް މެރީނޯ އެވެ.

ރޭގެ ނަތީޖާ އާއެކު ބާސެލޯނާ އާއި ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ރެއާލް އަށް ކުރި ލިބިފައިވަނީ ހެޑް ޓު ހެޑް ރެކޯޑަށް ބަލައިގެންނެވެ. މިހާތަނަށް ދެ ޓީމުންވެސް ލީގުގައި 30 މެޗް ކުޅެގެން 65 ޕޮއިންޓް ހޯދައިފައިވާ އިރު މި ދެ ޓީމް މި ފަހަރުގެ ލީގުގައި ވާދަކުރި ދެ މެޗްގެ ޖުމްލަ ނަތީޖާ އިން ކުރި ލިބެނީ ރެއާލް އަށެވެ. ލީގުގައި މި ދެ ޓީމް ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗް 0-0 އިން އެއްވަރުވެފައިވާއިރު ދެވަނަ މެޗް 0-2 އިން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑެވެ.

ލީގުގައި ރެއާލް މެޑްރިޑް އެންމެ އަވަހަށް ކުޅޭ މެޗްގައި ދެން ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ރަށުގައި މަލޯކާ އާ އެވެ. އޭގެ އެއް ދުވަސްކުރިން އަމިއްލަ ދަނޑުގައި ބާސެލޯނާ ނިކުންނާނީ އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން