އައްޑޫ މީދޫ ސްވިމިންގ ޓްރެކް
އައްޑޫ މީދޫ ސްވިމިންގ ޓްރެކް
އައްޑޫ ސިޓީ މީދޫގައި ގާއިމުކުރި ސްވިމިންގ ޓްރެކް ބޭނުން ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރަމުންދާ ސްވިމިންގ ޓްރެކްތަކުގެ ތެރެއިން އައްޑޫ ސިޓީ މީދޫގައި ގާއިމުކުރި ސްވިމިންގ ޓްރެކްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފައިވަނީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.

މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ މީދޫގެ ސްވިމިންގ ޓްރެކް ނިމިފައިވާ ކަމަށާއި، އެކަން ކުރުމަށް ޓަކައި އެ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ސްވިމިންގ އެސޯސިއޭޝަން އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގެ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކްގެ މަސައްކަތް ވެސް، ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށާއި، އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެ ރަށަށް ފޮނުވާފައިވާ ކަމަށެވެ.



ރާއްޖޭގެ ގިނަ ބަޔަކު ކުޅިވަރެއްގެ ގޮތުގައި ފެތުމުގައި ޝާމިލްވާތަން ފެންނަމުންދާތީ، އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ، ފެތުމަކީ ރާއްޖޭގެ ރައްޔިތުންގެ ދިިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކުޅިވަރެއްކަން ފާހަގަކުރަށްވާފައެވެ.

ޔޫތު މިނިސްޓްރީ އާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކް ގާއިމުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މަސައްކަތުގައި މިހާތަނަށް ހދ. ކުޅުދުއްފުއްޓާއި، ހއ. ދިއްދޫގައި ސްވިމިން ޓްރެކްތައް ވަނީ ޤާއިމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން