ރައީސް ޢަބްދުﷲ ޔާމިން؛ އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ މައްސަލައަކީ ރައީސް ޔާމިން އަބަދުވެސް ޗެލެންޖު ކުރައްވާ މިހާތަނަށްވެސް އެއްވެސް ކަމެއް ސާބިތު ކުރެވިފައި ނުވާ މައްސަލައެއް
ރައީސް ޢަބްދުﷲ ޔާމިން؛ އެމްޑީޕީން ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ މައްސަލައަކީ ރައީސް ޔާމިން އަބަދުވެސް ޗެލެންޖު ކުރައްވާ މިހާތަނަށްވެސް އެއްވެސް ކަމެއް ސާބިތު ކުރެވިފައި ނުވާ މައްސަލައެއް
އެސްޓީއޯގެ ޗެއަރމަނަކަށް ރައީސް ޔާމީން ހުންނެވި ދުވަސްވަރު އެސްޓީއޯ ސިންގަޕޯރ ކުންފުނި މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހުރިހާ ލިޔެކިއުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ރިޕޯޓް ވަގަށް ނަގާފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް ޑރ. ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށާއި، އެއަށް ފަހު އެ ރިޕޯޓް ފޮރުވާފައިވާ ކަމަށް ތުހުމަތުކުރައްވައި، ރިޕޯޓް މަޖިލީހަށް ހޯދުމަށެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ބަލަން ހަވާލުކުރި ބައިނަލްއަގުވާމީ އޮޑިޓް ފާމް، ގްރާންޓް ތޯންޓަންއާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން 2012 ގައި އުވާލި އިރު މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވާލާފައި ނެތް ކަމަށެވެ. ނަމަވެސް އެހާ ހިސާބަށް ކޮށްފައިވާ މަސަައްކަތުން ހޯދާފައިވާ ލިޔެކިޔުންތައް، މައްސަލައިގައި ގްރާންޓް ތޯންޓަން އަށް ސަރުކާރުން ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުކުރަން ހެދި ސެޓުލްމެންޓް އެގްރިމެންޓްގެ ދަށުން ސަރުކާރާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ގްރާންޓް ތޯންޓަން އިން ހަވާލުކުރި ލިޔެކިއުންތައް އޭނާގެ ބެލުމުގެ ދަށުން އޭސީސީއާ ހަވާލުކުރީ، އޭރު އަދާކުރެއްވި މަގާމުގެ މަސްއޫލިއްޔަތެއްގެ ގޮތުން 2013 ވަނަ އަހަރު އޭނާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

"ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން އެ ފަރާތަަށް ދައްކަން ޖެހޭ ފައިސާ ދައްކައި ޚަލާސްކުރީމާ، އެ ސެޓުލްމެންޓް އެގްރިމެންޓްގައި އޮންނާނެ އެފަރާތުން އެހައިތަނަށް ކޮށްފައިވާ މަސައްކަތުގެ ހުރިހާ ފައިލްތައް ސަރުކާރާ ހިއްސާކުރަން ޖެހޭނެ ކަމަށް. އެ ފައިލްތައް އެފަރާތުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކުރި. އަޅުގަނޑުވެސް އެ ފައިލްތައް ދުށިން. އެ ފައިލްތައް އަޅުގަނޑުގެ ބެލުމުގެ ދަށުން ގެންގޮސް ހަވާލުކުރީ އޭސީސީއަށް، 2013 ވަނަ އަހަރުގެ ތެރޭގައި." އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، އެ މައްސަލައިގައި ކަންހިގާފައި އޮތް ގޮތް ދައުލަތުގެ ލިޔެކިއުންތަކުން މިހާރު ވެސް ފެންނަން އޮންނަންވާނެ ކަމަށާއި، ފައިލްތައް އޭސީސީއާ ހަވާލުކުރީ ގްރާންޓް ތޯންޓަން އިން ދިން އިރު ހުރިގޮތަށް، ކަނޑައިވެސް ނުލައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިލްތައް އޭސީސީއާ ހަވާލުކުރެއްވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ މެންޑޭޓް އޮންނަނީ އެ ކޮމިޝަނަށް ކަމަށް ވާތީ ކަމަށާއި، އޭސީސީގައި އެ ފައިލްތައް ނެތް ކަމަށް ވާނަމަ، އެއީ އޭސީސީގެ މައްސަލައެއް ކަމަށެވެ. އުޝާމް ވަނީ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓުގެ މައްސަލަ ބަލަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ދެކޭ ގޮތުގައި އެ މައްސަލައަށްވެސް ނިމުމެއް އަންނަން ޖެހޭ ކަމަށް ޤަބޫލު ކުރަށްވާކަމަށް ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް ހިންގެވިކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރި ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

މިއަދު މަޖިލީހަށް ހުށައެޅި އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، އެ މައްސަލަ ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

ކަނނެލިއޮޑި

26-Jun-2020

ތީ އުފަންކުރަންއުޅޭ މައްސަލައެއް ވަހީދު އަށް ބިރުދައްކަން ެއަންނި ރޯނުއެދުރު


8

އަލީ12

26-Jun-2020

ފަލާހް މާތާހިރުވާނެ އެއްބަނޑު އެއްބަފާ ބޭބެ އެފްޕީއައިޑީ އިން ދަވާލި ފައިސާ ހޯދަން އުޅުނިއްޔާ.. މުޅި އުލުރު ވައްކަން ކޮށްގެން ހޯދި ހަރާން ފައިސާ އިން ދިރިއުޅޭ މީހުނަށް އެހެން މީހުންނަކީ ވަގުންހެން ހީވުމަކީ މައްސަލައެއްނޫން..



ޓްރެންޑިން