25 މާރިޗު 2020 - 13:40
13 ވަނަ އެޕިސޯޑް

==========

[މިހާރު ހީވޭ، ވިހަން ވަރަށް ކައިރިވެއްޖެހެން. މިހާރު ކުއްޖާ ވަރަށް ތިރިވެއްޖެ.] ގީތާ ބަނޑުކޮޅުގައި އަތް ވިއްދާލަމުން ލީނާޔާ ވާހަކަ ދެއްކިއެވެ.

[ހޮސްޕިޓަލަށް ދާންވީނު....] ލީނާ ބުންޏެވެ.

[ނޫނޭ...އަހަރެން ވިހާނީ ގޭގައި....އަހަންނަށް ދަރިޔަކު ލިބޭނޭ އުފާވެރި ޚަބަރު، އެންމެ ފުރަތަމަ ދިން މުސްކުޅި އަންހެން މީހާ، އަހަރެން ގާތު ބުނީ، ވިހަން ހޮސްޕިޓަލަށް ނުދާށޯ. ދަރިފުޅަށް ގެއްލުމެއް ވެދާނެޔޯ....އެހެންވެ، އަހަރެން ފޫޅުމަޔަކާ ވާހަކަވެސް ދައްކައިފިން....] ގީތާ ބުންޏެވެ.

[އިޔާދު ކޮބާ؟] ގޭތެރެއިން އިޔާދު ފެންނަން ނެތުމުން ލީނާ އެއްސެވެ.

[މީ އޮފީސް ގަޑިއެއްނު...މިދުވަސްކޮޅު އޮފީހުގެ މަސައްކަތް ތަންކޮޅެއް ބުރަވެސްވާނެ...] ގީތާ ބުންޏެވެ.

[ވަޒީފާ މަތިވީމާ، މަސްއޫލިއްޔަތުވެސް ބޮޑުވާނެތާ...] ލީނާ ބުންޏެވެ. އެވަގުތު އެތަނަށް ޝާރިޔާއާއި ޝަޒާދާ އައިސް ވަނެވެ. އެއީ މަސް ހިފައިގެން މާލެގޮސްފައި ޝާކިރު އެނބުރި އައި ދުވަސްވެސްމެއެވެ. ވުމާއެކު، ގޭތެރެ އޮތީވެސް ވަރަށް ތިޔާގިކޮށެވެ. ޝާކިރު ގެނައި ބައެއް ސާމާނުތަކުން ބޮޑު ކޮޓަރިވަނީ ފުރިފައެވެ. ޒާހިރާއި ޝާކިރާ ދެމީހުން ކުރެން މީހަކު މާލެ ދަތުރު ދިޔަޔަސް، ވިޔަފާރީގެ ބޭނުމުގައި އެވަރަށް ތަކެތި ގެނެއެވެ.

ފިޔައާއި އަލުވި އަދި މިރުހާއި ލުނބޯގެ އިތުރުން، ކުކުޅުބިހާއި ބިސްކޯދެވެ. އެއީ އަވަށްޓެރިންނަށް ލުއި އަގެއްގައި ވިއްކުމުގެ ޤަޞްދުގައި ގެންނަ ތަކެއްޗެވެ.

[މި އެއްޗެތި ވައްދަން ފިހާރައެއް ހަދަންވީނު. އޭރުން ގީތާއަށް ފިހާރަ ބަލަހައްޓަން އިނދެވޭނެއެއްނު.] އެއްޗިއްސަށް ވަކިވަކިން ބަލަމުން ލީނާ ބުންޏެވެ.

[އަދި ބައްޕަމެން ތިކަންވެސް ކުރާނެ...މިހާރުވެސް މަސައްކަތް އެކުރަނީ ތިކަން ކުރެވޭތޯ...] ގީތާ ބުންޏެވެ.

[އަހަރެން ދެން ދަނީ...ބަނޑަށް ތަދުވަންޏާ، އަހަންނަށްވެސް އަންގާތި. އަހަރެންވެސް ބޭނުން، ގީތު ވިހާއިރު މިގޭގައި ހުންނަން.] ލީނާ ނިކުންނަން ހިނގައިގަތެވެ.

ފަހަތުން ލީނާއާއެކު ގީތާވެސް ބޭރަށް ނިކުތެވެ.

އެހިނދު، ގީތާޔާ ކުރީ ދުވަހުވެސް ދިމާވި މުސްކުޅި އަންހެން މީހާ އެދިމާއަށް އަންނަތަން ގީތާއަށް ފެނިއްޖެއެވެ. މަޑުނުކޮށް ލީނާ ދިޔައީއެވެ. މާ ލަސްވެއްޖެއޭ ބުނެފައެވެ.

[މިހާރު ތިޔަވަނީ ވިހަން ވަރަށް ކައިރިވެފައި....ދެތިން ދުވަސްތެރޭ ވިހާނެ...ނަމަނަމަ ތި ވިހާ ދަރިފުޅަށް އިހާނެތިކޮށްނުހިތާތި...] އެ މުސްކުޅި އަންހެން މީހާ ގީތާގެ ގާތަށް ހުއްޓި، ގީތާގެ ބަނޑުގައި އަތް ކާއްތާލިއެވެ.

[ދައްތާ...އަހަރެންގެ ދަރިފުޅަކަށް އަހަރެން އިހާނެތިކޮށް ހިތާނެތަ؟ އަހަންނަށް ކުއްޖަކު މި ލިބެނީ ހާދަ ދިގު އިންތިޒާރަކަށްފަހުގައޭ....] ގީތާ ބަނޑުގައި އަތް ކާއްތާލިއެވެ.

[ނަމަނަމަ....ވިހަން ހޮސްޕިޓަލަށް ނުދާތި...ދައްތަ ދެންދަނީ...] އެ މުސްކުޅި އަންހެން މީހާ ހިނގައިގަތެވެ. ހީވާގޮތުން އެމީހާ ހިނގައިގަތީ، އިޔާދު އެދިމާއަށް އަންނަތަން ދުރުން ފެނިގެންނެވެ. އޭނާ ހިނގައިގަތީވެސް ނިކަން ބާރަށެވެ.

ގީތާގެ ބަނޑުގައި ރިއްސަން ފެށީ ޖެހިގެން އައި ދުވަހުގެ ރެއެވެ. ޒާހިރު ފޫޅުމައިމީހާ ބަލާ ދިޔައިރު، ޝާކިރު އަވަސްވެގަތީ، ދެން ބޭނުންވާނޭ ތަކެތި އެއްތަން ކުރުމަށެވެ. އޭރު ޝާރިޔާއާއި ޝަޒާދާ ދަރިފުޅުގެ ގާތުގައި ތިބެ ހިތްވަރުދެމުން ދިޔައެވެ.

[މަންމާ...އައްދިޔޯއި.....] ގީތާގެ ބަނޑުގައި އަޅަނީ އާދަޔާ ޚިލާފު ވޭނެކެވެ. މާގިނައިރުތަކެއްނުވެ ފޫޅުމައިމީހާ ސަކީނާ ގޮވައިގެން އައިސް ޒާހިރު ވަދެއްޖެއެވެ.

[ޙައްވައްތަވެސް ގޮވައިގެން އާދޭ...] ގީތާގެ ބަނޑުގައި އަތް ޖައްސާލުމަށްފަހު، ބޭކެނބި ސަކީނާ އެދުނީ، އޭނާގެ އެހީތެރިޔާވެސް އަވަހަށް ގެނައުމަށެވެ.

[މިއީ ވިހެއުމުގެ ތަދު....އަވަހަށް އެނދަށް ބަދަލުކުރޭ....] ވިއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ އެނދާ ދިމާއަށް އިޝާރާތްކޮށްފައި ސަކީނާ ބުންޏެވެ. ވަގުތުން އިޔާދު ގީތާ އެ އެނދަށް ބަދަލުކުރިއެވެ. އޭރުވެސް ބަނޑުގައި އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެން ގީތާ ތެޅިފޮޅެނީއެވެ.

[ޙައްވައްތަ އަންނަންވާއިރަށް އަތްގާތްކޮށްލަދޭން ޝަޒާދާ ހުރޭ...އިޔާދުމެން ނިކުމޭ....] ވިހެއުމުގެ ވަގުތު ކައިރިވަމުންދާތީ، ސަކީނާ ބުންޏެވެ. އިޔާދުމެން ބޭރަށް ނިކުތެވެ. ސަކީނާ ދޮރު ލެއްޕުމަށްފަހު، ވިއްސުމުގެ އެންމެފަހުގެ ތައްޔާރީތައް ވުމަށްފަހު، ވިހަން ބާރުލުމަށް ގީތާ ގާތު އެދުނެވެ.

[ނުވާނެ....އަހަންނަކަށް...އަޅެ އެހެން މީހުންވެސް ވިހާއިރު...މިވަރަށް...ވޭން އަޅާތަ....] ބަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ގީތާއަށް ބަނޑުގައި އަތްއަޅާ ބާރަށް ފިތާލެވުނެވެ. އެޔާއެކުހެން، ހުޅުވުނު ދޮރުން ބޯ ދިއްކޮށްލީކީ ދަރިފުޅެއް ނޫނެވެ. ފާޅުވާން ފެށީ ތޫނު ވަކިތަކަކާއެކުވާ އަތްތިލައެކެވެ. އެޔާއެކު ގަތް ބިރެއްގެ ސަބަބުން ސަކީނާއާއި ޝަޒާދާއަށް، ކުއްލި ސިހުމަކާއެކު ފަހަތަށް ޖެހިލެވުނެވެ.

[މިއީ....ޙަޤީޤަތްބާ؟] ފާޅުވެފައިވާ ނާމާން އަތްބުރިއަށް ބަލަންހުރެ ސަކީނާ ފަހަތަށް ޖެހެން ފެށިއެވެ. އެހިނދު ވޭނަށް ކެތްނުވެގެން، ގީތާ ތެޅެން ފަށައިފިއެވެ. ދަރިފުޅުގެ އެ ހިތްދަތި މަންޒަރު ބަލާކަށް ޝަޒާދާއަކަށް ކުޅަދާނައެއްނުވިއެވެ. އޭނާ ދެލޯ މަރާލުމަށްފަހު، ކުއްލިއެއް ޖަހާފައި، އަތްބުރީގައި ހިފައި ދަމައިގެންފިއެވެ. އޭރު ސަކީނާވެސް އަނެއްކާވެސް ގާތަށް ލެފިލައިފިއެވެ.

އެއީ އަތްބުރިއެއް ނަމަވެސް، އޭގައި ދިރުން ހުއްޓެވެ. އޭގެ އެއްކޮޅުން ފައިތިލައެއް ފާޅުވާހެންވެސް ހީވެއެވެ.

[ކަމާބެހޭ ފަރާތްތަކަށް އަވަހަށް އަންގަން އުޅޭ. އިޔާދާއި ޒާހިރު ގާތު އަވަހަށް ބުނޭ. ފޫޅުމައިކަމުގައި އަހަރެން މިހޭދަކުރި އަށާވީސް އަހަރުތެރޭ މިފަދަ ކަމަކާ އަދި ލައިނުގަނޭ.....] މަސްތުރަވީމާ ގީތާ ސާފުކުރުމަށްފަހު، ބޭކެނބި ސަކީނާ ޝަޒާދާ ގާތު ބުންޏެވެ. އޭރު ވީދެރައިންނާއި ގަތް ބިރެއްގެ ސަބަބުން ޝަޒާދާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. އޭރުވެސް ގީތާ ވިހޭ އަތްބުރިއެއް ޒާތަކަށް އޮތް ބިރުވެރި އެތި ގީތާއަށް ނުފެންނާނޭހެން އެއްފަރާތެއްގައި ބާއްވާފައި އޮތެވެ. ޝަޒާދާ ކޮޓަރިން ނިކުމެ، އެވާހަކަ ކިޔައިދިނީ ފުރަތަމަ ޒާހިރަށެވެ. ރޮއިރޮއިފައެވެ. ޒާހިރު ގާތު ޝަޒާދާ އެވާހަކަ ދެއްކި އަޑު ކޮންމެވެސް ވަރަކަށް އިޔާދަށް އިވުނީމާ، ހިސާބެއްގެ ޝައްކެއްގައި ހުރެމެ، ގީތާ ވިހައިގެން އޮތް ކޮޓަރިއަށް އިޔާދު ވަދެއްޖެއެވެ.

އޭރު ސަކީނާ ގާތު، ދަރިފުޅު ގާތަށް ގެނެސްދީބަލާށޭ ގީތާ ބުނަމުންދަނީއެވެ.

[އަދި ކުއްޖާ ސާފުކޮށް ނުނިމޭ....] ސަކީނާ މިހެން ބުނެފައި، ކުއްޖާ (އަތްބުރި) އޮތް ދިމާއަށް އިޔާދުގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ދަރިފުޅު ދެކެލުމަށް ކެތްމަދުވެފައި އޮތް ގީތާ، އެމީހުނާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

[އިޔާ...ދަރިފުޅު ސާފުކޮށް ނިމުނީމާ، އަވަހަށް އަހަންނަށް ދައްކާލަން ގެނެސްބަލަ....އަޅެ ސަކީނާދައްތާ އަހަރެން ވިހެއީ ފިރިހެން ކުއްޖެއްތަ؟ އަންހެން ކުއްޖެއްތަ؟] ގީތާ އިޔާދުމެން ހުއްޓުވިއެވެ.

[ގީތާ އެންމެ ބޭނުންވާކަހަލަ ކުއްޖެއް...ގީތާ ބޭނުމީ ކޮންކަހަލަ ކުއްޖެއް؟] ސަކީނާ އިޔާދާއެކު ކުޑަކޮށް މަޑުޖެހިލިއެވެ.

[އަހަރެން ބޭނުމީ ލޯބިލޯބި އަންހެން ކުއްޖެއް...އަޅެ އަންހެން ކުއްޖެއްދޯ؟] ވަރުދެރަވެފައިވާ ގީތާ ހިތްވަރު ނެރެގެން ވާހަކަ ދެއްކިއެވެ.

[އެހެން ކަމަށް ހީކޮށްލާ....] ސަކީނާ ހިނގައިގެންފިއެވެ. ހިތް އަވަސްވެފައި ހުރި އިޔާދުވެސް ހިނގައިގެންފިއެވެ.

ގީތާ ވިހޭ [އަތްބުރި] ސަކީނާ އޮތީ ފޮތިގަނޑަކުން ނިވާކޮށްލާފައެވެ. އިސާހިތު ޝާރިޔާއާއި ޒާހިރު އަދި ޝަޒާދާއާއި ޝާކިރުވެސް އެތަނަށް ވަދެއްޖެއެވެ.

ގީތާ ހީކުރީ އޭނާ ވިހޭ ލޯބި ލޯބި ދަރިފުޅު ދެކެލުމަށްޓަކައި އެންމެން ކެތްތެރިކަން ކުޑަވެފައި ވަނީ ކަމަށެވެ. މާގިނައިރުތަކެއްނުވެ، ރަށުއޮފީހުގެ އިސްވެރިންނާއި އަދިވެސް އެ ޚަބަރު ލިބިގެން ބައެއް އަވަށްޓެރިން އެގެޔަށް އަންނަން ފަށައިފިއެވެ. ލީނާއާއި އޭނާގެ ފިރިމީހާ ޢަޒީމްވެސް އެވަގުތު އައިސް ވަދެއްޖެއެވެ.

ކޮޓަރިއަށް ވަންގޮތަށް ފުރަތަމަވެސް ލީނާ ދިޔައީ ދަރިފުޅު (ގީތާ ވިހޭ އަތްބުރި) އޮތް ދިމާއަށެވެ. އެއީ ސަކީނާ އެ [އަތްބުރި] މަތީގައި އަޅާފައި އޮތް ފޮތިގަނޑު ނެގި ވަގުތެވެ. ލީނާއާއި އިޔާދު އެކަންޏެއް ނޫނެވެ. އެވަގުތު އެތާނގައި ތިބި އެންމެންވެސް ގަތީކީ އަމަށަކު ބިރެއް ނޫނެވެ. ލީނާއަށް ފާޑެއްގެ އަޑެއްވެސް ލެއްވުނެވެ. ލީނާ އެ ހާސްކަންމަތީ ހުރެމެ، ދެން ޖެހިލީ ގީތާގެ ގާތަށެވެ. ލީނާ އައުމާއެކު، ގީތާ ދަރިފުޅު ލޯބިހޭ އަހައިފިއެވެ. ލީނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނީ، އެހެން ބުނުމަށް އިޔާދު އިޝާރާތް ކުރީމައެވެ.

[ލީން ހާދަ ފާޑަކަށް ތިހުރީ...އަނެއްކާ ދަރިފުޅަށް ކަމެއްވީތަ. އެއްވެސް މީހެއްގެ މޫނުމައްޗަކުން އުފާވެރި ކަމެއް ނުފެނޭ....އަޅެ އެއްވެސް މީހަކު އަހަރެން ގާތު ދޮގު ނަހަދައްޗޭ....] ގީތާ އުޅުނީ ތެދުވާށެވެ. ނަމަވެސް، ގީތާ ތެދުވާނޭ ފުރްޞަތެއް ލީނާ ނުދެއެވެ. އޭނާ ގީތާގެ ކޮނޑުގައި ހިފާ ގީތާ ބާއްވާލިއެވެ.

[ދަރިފުޅަށް އެއްވެސް ކަމެއްނުވޭ...އިރުކޮޅަކުން ދަރިފުޅު މިތަނަށް ގެންނާނަން.] ގަދަކަމުން ހިތްވަރުނެރެގެން އިޔާދު ގީތާގެ ހިތްހަމަޖައްސައިދިނެވެ. އޭރު ބައެއް އަވަށްޓެރިންތައް އައިސް [އަތްބުރި] ފޮޓޯ ނަގަން ފަށައިފިއެވެ. އެޚަބަރު ލިބިގެން އޭރު އެއަތޮޅުގައި ތިބި ބައެއް ނޫސްވެރިންވެސް އެގެޔަށް އައެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދިނީ ގީތާ ވިއްސި ސަކީނާއެވެ.

[މާބޮޑަށް ފިކުރުނުކުރޭ އިޔާދު...] ކޮޓަރިން ބޭރަށް އިޔާދު ގެންގޮސް، ނަޒްމީ އިޔާދަށް ހިތްވަރުދިނެވެ.

އެއީ މަލަކާގެ ކަމެއްކަން އެންމެ ރަނގަޅަށް އެނގެނީ އިޔާދަށާއި ނަޒްމީއަށެވެ. އެހިނދު އިޔާދު ހުރީ މަލަކާއާ ބައްދަލުކޮށް، ހިތަށް އައިހާ އެއްޗެއް ގޮވާލަން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ އުނަގަނޑުގައި ތަވީދު އޮތްހާ ހިނދަކު، އޭނައަކަށް އެ ފުރްޞަތެއް ނުލިބޭނެއެވެ. ވުމާއެކު، އޭނާ ޤަޞްދުކުރީ، ވަގުތީގޮތުން ނަމަވެސް، ތަވީދު ނަގާފައި ބާއްވާށެވެ.

އެދުވަހު ތަފާތު އެތައް ބަޔަކު ބެލުމަށްފަހު، އިޔާދުމެނަށް އިރުޝާދު ދިނީ އެ އަތްބުރި ސަހަރާއަށް ގެންގޮސް ވަޅުލުމަށެވެ. ނަމަވެސް، އެހުރިހާ ކަމެއް ހަމަޖެހި ނިމުނުއިރުވެސް، ވާނުވާއެއް އެވެރިން ގީތާއަކަށް ނާންގައެވެ.

އެންމެފަހުން، ކަމެއް ގޯސްވެއްޖެ ކަމުގެ ޝައްކެއް، ހިސާބަކަށްވެގެން ގީތާ އެނދުން ތެދުވެއްޖެއެވެ.

[އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ...ކީއްވެތަ އަހަރެންގެ ދަރިފުޅު އަހަންނަށް ނުދައްކަން ތިއުޅެނީ....އެމަންޖެއާ ލޯބިކޮށްލަން އަހަރެންވެސް ކިހާ ބޭނުންވާނެ.] ގީތާ އެވަގުތު އޭނާގެ އަތުގައި ހިފެހެއްޓި އޭނާގެ މަންމަ ފޮޅުވާލުމަށްފަހު، މީހުން އެއްވެފައިވާ ދިމާއަށް ހިނގައިގެންފިއެވެ. ގީތާ އެދިމާއަށް އަންނަތަން ފެނުމާއެކު، އަތްބުރި މަތީގައި ޒާހިރު ފޮތިގަނޑު އަޅާލިއެވެ.

[ބައްޕާ، ތިވަރަށް ބަންދުކުރީމާ ކިހިނެއްތަ އެމަންޖެ ނޭވާލާނީ...] މިހެން ބުނެފައިމެ، ގީތާ ނިކަން ލޯތްބާއެކު، އެ ފޮތިގަނޑު ނަގައިފިއެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވެ، މީހާ ތުރުތުރުއަޅަން ފެށިއެވެ.

[ނޫން...ނޫން...] ލިބުނު ސިހުމާއެކު، ބާރު ހަޅޭކަކަށްފަހު، އިސާހިތު ގީތާ ހަބަރު ހުސްވެއްޖެއެވެ. އެވަގުތު އެތަނަށް އެއްވެތިބި ގިނަ ބައެއްގެ ލަފަޔާއެކު، ވަގުތުން ގީތާ ގެންދެވުނީ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލަށް ގެންދިޔަގޮތަށް ގީތާ ބޭއްވީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ. ގީތާ ގާތު ހޮސްޕިޓަލްގައި މަޑުކުރީ ޝަޒާދާއާއި ޝާކިރާއި ޝާރިޔާއެވެ. ޝަޒާދާއާއި ޝާރިޔާ ތިބީ ދަރިފުޅުގެ ކުރިމަތީގައި ގަދަކަމުން ހިތްވަރު ނެރެގެނެވެ.

އެދުވަހު އެ އަތްބުރި ވަޅުލަން ދިޔައީ، ރަށުގެ މުދިމު މޫސާއާއި، އިޔާދާއި، މަންޒަރު ބަލަން އެއްވި ގިނަ ބައެކެވެ.

މިސްކިތްދޮށަށް އަތްބުރި ގެންދިޔައީ ތައްޓަކަށް ލައިގެނެވެ. މަގުމައްޗަށްވެސް ގިނަބަޔަކު ނިކުމެ ތިއްބެވެ. އެ އާދަޔާ ޚިލާފު އަތްބުރި ދެކެލުމުގެ ބޭނުމުގައެވެ. ގިނަބަޔަކު މިސްކިތް ކައިރިއަށްވެސް ޖަމާވެފައިވެއެވެ.

ނަމަވެސް، މިސްކިތްދޮށަށް (ސަހަރާއަށް) ގެންދިޔައިރު އެވަނީ ނިކަން ރަނގަޅަށް ފޮތިގަނޑަކުން ބަންދުކޮށްލާފައެވެ.

އިތުރު އާދަޔާ ޚިލާފު ކަމަކާ މުޅި ރަށުގެ ރައްޔިތުން ބިރުން ފިތްކަނޑުވާލި ޙާދިޘާ މެދުވެރިވީ، އެ އަތްބުރި ވަޅަށް ތިރިކޮށް ފަސްއަޅާ ނިމުނުތަނާހެނެވެ. ވަރުގަދަ ރޯޅިއަކާއެކު، ވެލިތައް ވަޔަށް ބުރައިގެންދާން ފެށީމާ، އެތާނގައި ތިބި އެންމެންވެސް ތިބީ ވެލި ލޮލަށް އެޅިދާނެތީ، ލޯ މަރައިގެންނެވެ. މައްޗަށް އަރައިގެން އަތްބުރި ދިޔައީ، އެންމެން ލޯމަރައިގެން ތިއްބައެވެ.

ވައި ހިނދުނީމާ، ބިރުގަނެ ހާސްވެފައި ތިބި މީހުންތައް އެދިމާއަށް ބެލިހިނދު، ލިބުނީ އިތުރު ބިރުވެރިކަމަކާއި ޙައިރާން ކަމެކެވެ.

އަތްބުރި ވަޅުލި ތަން ހުރީ ވަޅުގަނޑެއްހެންނެވެ. އެތާކު މިހާރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

އެ ޙާދިޘާގެ ވާހަކަ، ރަށުގެ ގިނަބައެއްގެ އިތުރުން މުޅި ރާއްޖެއަށް ފެތުރި، އެދަނޑިވަޅު އެންމެ ގިނައިން ދެކެވޭ ވާހަކައަކަށްވިއެވެ. އެދުވަހުގެ ފަހުން ބައެއް މީހުން ގީތާދެކެ ބިރުވެސްގަނެއެވެ. އޭނާ ވިހެއީ ޖިންނިއެކޭ ކިޔާ، މުޅި ރާއްޖެއަށް އަޑުފެތުރި، ނޫސްތަކުގެ ސުރުޚީތަކުގައި އެވާހަކަ ޖަހާފައިވާތީއެވެ.

ބައެއް ނޫސް މަޖައްލާތަކުން އެ ނޫސްތަކުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެ ޙާދިޘާގެ ވާހަކަތައް، ތަފާތު ގޮތްގޮތަށް ލިޔަމުންދިޔަ ކަމުގައިވިޔަސް، އެއްވެސް ނޫހެއްގައި އަތްބުރީގެ ފޮޓޯއެއް ނުޖެހުނެވެ. ސަބަބަކީ އެއްވެސް ބަޔަކު ނެގި ފޮޓޯޔަކަށް އޭތި އަރާފައި ނުވުމެވެ. ސާފުކުރި ކޮންމެ ފޮޓޯއަކުންވެސް ފެންނަނީ ހުދު ފޮތިގަނޑު އެކަންޏެވެ. ވުމާއެކު، އެކަން ކިޔުންތެރިންނަށް ޤަބޫލު ކުރެވޭނޭފަދަ ގޮތަކަށް ޚަބަރު ގެނެސްދިނުމަށްޓަކައި ބައެއް މަޖައްލާތަކުން ގީތާ ވިއްސި ބޭކެނބި ސަކީނާގެ ޚާއްޞަ އިންޓަރވިޔުތައް ގެނެފައިވެސް ވެއެވެ. އެކަންވެސް ހިނގީ ނިކަން ވާދަވެރި ރޫޙުގައެވެ. ފާހަގަކުރެވޭ ކަމަކީ، ގީތާއާއި އިޔާދު އެއްވެސް ނޫހަކަށް އެކަމުގެ މަޢުލޫމާތު ދީފައިނުވާކަމެވެ. އެހެން ނަމަވެސް، ގީތާއާއި އިޔާދުގެ ފޮޓޯތައް ނޫސްތަކުގައި ޖަހާފައިވެއެވެ.

[އަޅެ...ހަމަ އަހަރެން ވިހެއީ އަތްބުރިއެއްތަ؟] އޭގެ ހަފްތާއެއް ފަހުންވެސް ގީތާ ދޭތެރެ ދޭތެރެއިން އޭނާގެ ފިރިމީހާޔާ ސުވާލުކޮށްލައެވެ. އެއަށްފަހު ބާރަށް ރޮއިގަންނަނީއެވެ.

[ގީތު ދެން އެކަމާ ނުވިސްނަބަލަ...] އިޔާދު ގީތާގެ ލޯ ފޮހެދޭން ފެށިއެވެ. އެކަމާ ވިސްނަން ކިތަންމެ ބޭނުންނުވި ކަމުގައިވިޔަސް، އޭނަޔަކަށް އެ ހަނދާންތަކާ ދުރަށް ދިޔުމަކީ ހަމަގައިމުވެސް މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މުޅި ޤައުމަށް އަޑު ފެތުރުނު އެ އާދަޔާ ޚިލާފު ޙާދިޘާއަށްފަހު، އިޔާދާއި މަލަކާއާ ދިމާވީ، އިޔާދު އަމިއްލައަށް ހޯދި ފުރްޞަތެއްގައި، އެ ޙާދިޘާއަށް ހަފްތާއެއްވީ ދުވަހުއެވެ. އިޔާދު މަލަކާއާ ބައްދަލުކޮށް، އޭނަޔާ ދިމާއަށް އެއްޗެހި ކިޔާލަން ބޭނުންވާތީ، އޭނާގެ އުނަގަނޑުގައި އަޅުވާފައިވާ ތަވީދު ނަގާ ހޫރާލީއެވެ.

މަލަކާ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ފާޅުވީ، ތަވީދު ނެގުމަށްފަހު، އިޔާދު އެގެޔާ ދިމާ އަތިރިޔަށް ޖެހިލިތަނާހެނެވެ.

[އިޔާދު...އަހަރެންދެކެ ވަރަށް ރުޅިއައިސްފަތަ؟] ފަހަތުން މަލަކާގެ އަޑު އިވުމުން، އިޔާދު އެނބުރުނެވެ. އޭރު އޭނާގެ ކުރިމަތީގައި އިސްއޮބާލައިގެން އެހުރީ މަލަކާއެވެ. އޭނާ ހުރީ ކުށްވެރިއަކު ފަދައިންނެވެ.

[އަހަރެންގެ ކުރިމަތީގައި ތިހެން އަހަން ކަލޭ ލަދެއްނުގަނޭތަ؟ ހެޔޮ...ކަލޭގެ ރޭވުންތެރިކަން ކިތަންމެ މޮޅަކަސް، ކަލެޔަކަށް އަހަރެންގެ ޙަޔާތުން ފުރްޞަތެއް ނުލިބޭނެ....އެދުވަސް ހިނގައްޖެ މިހާރު...] އައިސްފައިވާ ރުޅީގެ ސަބަބުން އިޔާދު ތުރުތުރުއަޅަމުން ދިޔައެވެ.

[އަހަންނަށް މަޢާފްކުރޭ...އިޔާދު....އިޔާދު ތިގޮތަށް އަހަރެންދެކެ ރުޅިއައިސްފައި ހުންނަތަން ދެކޭކަށް އަހަންނަކަށް ކުޅަދާނައެއް ނޫން...] މަލަކާ ރޯންފެށިއެވެ.

[ތިހެން ރުޔަކަސް އަހަންނަކަށް އަސަރެއް ނުކުރާނެ...ކަލޭ އަހަންނާ އަވަލައިގެން ތިއުޅެނީ އަހަރެން ބުނެގެންތަ؟] އިޔާދު އިތުރަށް މަލަކާ ދެރަކޮށްލިއެވެ.

[އާނ...އިޔާދާ އަވަލުމަށް އަހަންނަށް ދަޢުވަތު ދިނީ ޚުދު އިޔާދު....އިޔާދު ކީއްވެތަ، އަހަރެންގެ އެއްވެސް ކުށެއްނެތިސް އަހަރެންގެ އަތް ބުރިކުރީ....] މަލަކާވެސް ހިސާބަކަށް ރުޅިއައިސްފައި ބުނެފިއެވެ. އެވަގުތު އިޔާދުގެ ފައިދަށުން އަތްބުރި ފާޅުވެއްޖެއެވެ. އެ އަތްބުރި އޮތީ ތެޅިތެޅިއެވެ.

އިޔާދު ސިހިފައި ފަހަތަށް ޖެހިލިއެވެ. އަތްބުރި އޮތްގޮތުން އޭނާ ބިރުވެސްގަތީއެވެ. އެއީ ހަމަ ގީތާ ވިހޭ ކަމަށް ބުނާ ނުވަތަ ވިހޭ އަތްބުރިއެވެ.

[އިޔާދު...އަހަރެން މި ދައްކާ ވާހަކަތައް ނިކަން އަޑުއަހާބަލަ. އިޔާދުގެ ޙަޔާތަށް ދެވަނަ ބައިވެރިއެއްގެ ގޮތުގައި، އަހަރެން ޙިއްޞާ ކުރިޔަސް، އިޔާދަށް އެއްވެސް ގެއްލުމެއް ނުވާނެ...އިޔާދު ބޭނުމިއްޔާ، އެހެން އެއްވެސް ބަޔަކަށް ނުފެނި، އަހަރެން ތިގޭ އެއްކޮޓަރީގައި އުޅެފާނަން...ކައިވެނިވެސް ކުރާކަށް ނުޖެހޭނެ. އިޔާދުގެ ދުލުން މަލަކާއަކީވެސް އިޔާދުގެ ޙަޔާތުގެ ބައިވެރިއެކޭ ބުނީމާ، ހިތްހަމަޖެހުން އަހަންނަށް ލިބޭނެ....އޭރުން އަހަރެންގެ ފަރާތުން ގީތާއަށް އެއްވެސް އުނދަގުލެއް ނުފޯރާނެ.] މަލަކާ މަޑުމަޑުން އިޔާދުގެ ފަހަތުން އައިސް އިޔާދުގެ ކޮނޑަށް އަތް ވައްޓާލިއެވެ. އިޔާދު ސިހިފައި، މަލަކާ ފޮޅުވާލިއެވެ.

[ޚަބަރުދާރު...ގައިގައި އަތްނުލާތި....ކަލޭގެ ހިތް އެދޭގޮތަކަށް ދެނެއް އެއްވެސް ކަމެއް ނުކުރެވޭނެ.] އިޔާދު އުޅުނީ މަލަކާގެ މޫނުމަތީގައި ބޮނޑިއެއް އަޅާލާށެވެ. ނަމަވެސް، އޭނާ ޖަހަންނެގި އަތް މަޑުވީ، މަލަކާ ބަލައިލި އާދަޔާ ޚިލާފު ގޮތަކުންނެވެ. އެ ބަލައިލުމުގައި ވަނީ އާދަޔާ ޚިލާފު ބާރެކެވެ.

އެހިނދު އިޔާދު އުޅުނީ ހިނގައިގަންނާށެވެ. އިތުރަށް ގީތާގެ ކުރިމަތީގައި ހުންނަން އޭނާ ބޭނުންނުވީކަންނޭނގެއެވެ.

[ނުދެެވޭނެ...މީގެކުރިން އަހަރެންގެ ޙަޤީޤީ ބާރެއް ނުދައްކަން...އަހަރެން ނުކުޅެދޭ މީހަކަށް ހެދުމުގެ ބަދަލެއްގެ ގޮތުގައި އަހަރެން ބޭނުންވީ އިޔާދުގެ ޒަވާޖުން މަޤާމެއް. އިޔާދު ހުރަސް ތިއަޅަނީ އެކަމަށް...އަހަންނަށް ދިން އަނިޔާގެ ބަދަލުގައި އަހަރެންވެސް އިޔާދުގެ އަތް ބުރިކޮށްފިއްޔާވެސް އިޔާދަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަންވެސް އަހަންނަށް އެނގޭ...އެހެން ނަމަވެސް، އެގޮތަށް ބަދަލުހިފާކަށް އަހަރެން ބޭނުމެއް ނޫން...ހަމައެކަނި އަހަރެން ބޭނުންވަނީ އިޔާދުގެ ލޯބި....] އިޔާދުގެ އަތުގައި ނިކަން ބާރަށް ހިފަހައްޓައިގެން ހުރެ މަލަކާ ބުންޏެވެ.

[ލޯތްބޭ!؟ ދުވަހަކުވެސް ތިކަމެއް ނުވާނެ. ފުރްޞަތު ލިބިއްޖެއްޔާ، އަހަރެން ބޭނުންވަނީ، ކަލޭގެ ދެފައިވެސް ބުރިކޮށްލަން.] އިޔާދުގެ އެއްވެސް ޖެހިލުމެއް ނެތެވެ. މަލަކާ ވިހަގޮތަކަށް ހީގަތެވެ.

[ދެނެއް އަހަރެންގެ ނަފްސަށް ތިޔަފަދަ އިންސާނެއްގެ ފުށުން އަނިޔާ ލިބޭނޭފަދަ ކުޑަވެސް ފުރްޞަތެއް އަހަންނެއް ނުދޭނަން....މިއަދުން ފެށިގެން އިޔާދު އުޅޭނީ އަހަންނާއެކު. އިންސާނުންނާ މުޅިންވެސް އެކަހެރިކޮށް...] އެހުރިގޮތަށް އިޔާދުގެ އަތުގައި ހިފަހައްޓައިގެންހުރެ މަލަކާ އިންޒާރު ދިނެވެ. މަލަކާގެ އެ ޖުމްލައިން އިޔާދަށް ފިސާރި ބޮޑު ސިހުމަކާއި ހާސްކަމެއް ލިބުނެވެ.

[ދޫކުރޭ އަތުން...ކަލޭގެ ބާރުގެ ބޭނުންކޮށްގެން، އަހަރެންގެ ފަރާތުން ހިތްހަމަޖެހުން ހޯދަން މަސައްކަތް ނުކުރާތި....] އަނެއްކާވެސް އިޔާދު އުޅުނީ މަލަކާގެ އަތްދަށުން ސަލާމަތްވެވޭތޯއެވެ. ނަމަވެސް، އިޔާދު ހީކުރި ވަރަށްވުރެން، މަލަކާ މާ ހުޝިޔާރެވެ.

[އަހަރެން ހަމަ ޢަޖައިބުވެއްޖައިން، މިފަދަ މާޙައުލެއްގައި އިޔާދު ތިއުޅެނީ ރޫޙާނީ ބާރަކަށް ގަދަ ދައްކަން. ޙަޤީޤަތުގައިވެސް މިހާރު އަހަރެން ބޭނުންވަނީ، އަހަންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އިޔާދު އަހަރެންގެ މިލްކަކަށް ހަދަން. ދެން އަހަރެން ބޭނުންވަނީ އިޔާދާއެކު މިއަތޮޅުގެ ފަޅު ރަށެއްގައި އުޅެން...] މަލަކާ ނިކަން ބާރަށް ހީގަތެވެ. އިޔާދުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[އަހަރެން ކަލެޔާއެކު އުޅެން ދިޔައްޔާތާ. ނުދާނަން އަހަންނެއް...ބުނެފީމެއްނޫންތަ، އަހަރެންގެ އަތުން ދޫކޮށްލާށޭ....] މަލަކާއަށް ލިބިފައިވާ ބާރާ ދޭތެރޭ އިޔާދަށް ކުޑަކޮށްވެސް ނުވިސްނޭ ކަހަލައެވެ.

[އިޔާދުގެ ރުހުމުގައި ދާކަށް ނުޖެހޭނެ. އަހަރެން ގެންދާނީ ގަދަކަމުން. ހިނގާ އަވަހަށް ދަމާ....] މި ޖުމްލައާއެކު މަލަކާ އެ ބަދަލުވީ އާދަޔާ ޚިލާފު ބޮޑު ދޫންޏަކަށެވެ. އެވަރުގެ ބޮޑު ދޫންޏެއް، ކުރިން ދުވަހަކުވެސް އިޔާދެއް ނުދެކެއެވެ. ކުރިން ބިރުނުގަތަސް، އެ ބިޔަ ދޫނި ފެނުމުން، އިޔާދު ނިކަން ބިރުގެންފިއެވެ.

[އަހަރެން ސަލާމަތްކުރޭ....] އިޔާދު އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް، އޭނަޔަކަށް ކުރިއަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ހީވީ އޭނާގެ ދެފައި ބިމަށްވަދެ ހަރުލާފައިވަނީހެނެވެ. ދެފަޔަށް ބަރުވުމުގެ ސަބަބުން ފައި އުފުލޭވަރެއް ނޫނެވެ. ކުރިން ދުވަހަކުވެސް އިޔާދު ބިރުނުގަންނަވަރަށް ބިރުގެންފިއެވެ. އޭރުވެސް ނިކަން ބިޔަ ދޫންޏެއްގެ ސިފައިގައި މަލަކާ އިނެވެ.

[އިޔާދަކަށް ދެނެއް އަހަރެން ފޮނުވީމާ ނޫނީ، އެއްވެސް ތަނަކަށް ނުދެވޭނެ. އަހަރެން މިހާރު ބޭނުންވަނީ، އިޔާދާއެކު އެކަހެރި މާޙައުލެއްގައި އުފަލާއެކު ދިރިއުޅެން. ފަޅުރަށަކަށްދާނީ...އަވަހަށް ހިނގާ...] ދޫނީގެ ސިފައިގައި އިން މަލަކާ، ކުރިންވެސް އޭނާ ވާހަކަ ދެއްކި އަޑުން ވާހަކަ ދެއްކިއެވެ. ދެން ފެނުނީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. އެ ދޫނި އޭތީގެ ބިޔަ ފިޔަގަނޑުތެރެއަށް އިޔާދު ލުމަށްފަހު، އިޔާދާއެކު އުދުހިގެންފިއެވެ.

އޭރު އިޔާދު ސަލާމަތަށް އެދި ގޮވަމުން ދަނީއެވެ. ނަމަވެސް، އެ އަޑު އިވޭނޭ އެކަކުވެސް ނެތެވެ.

މަތީގައި އިޔާދާއެކު ގަޑިއެއްހާއިރު އުދުހުމަށްފަހު، އޭތި ތިރިކުރީ މާ ސިންގާ ފަޅުރަށަކަށެވެ. އެރަށަކުން އާބާދީގެ އެއްވެސް ހިލަމެއް ނުވެއެވެ. ވަރަށް މަދުން ނޫނީ ބަޔަކު އައިސް އުޅޭ ރަށެއްހެންވެސް ހިއެއްނުވެއެވެ. ރަށުގެ ފަސްގަނޑުގައި ޖެހުމާއެކު، މަލަކާގެ ސިފަ، އޭނާ އަބަދުވެސް އިޔާދަށް ފެންނަ ސިފައަށް ބަދަލުވެއްޖެއެވެ.

މިހާރު އިޔާދު އެހުރީ އިންތިހާއަށް ބިރުގަނެ، ނިކަން ހާސްވެފައެވެ. މިހާރު ކިތަންމެ ގަދައެއް ދެއްކިޔަސް، އޭނަޔަށް ކުރެވޭނޭ މާބޮޑު ކަމެއް އޮތް ކަމަކަށް އޭނައެއް ނުދެކެއެވެ. މިއަދު އޭނައަށް އެވަނީ ހަތިޔާރު ބެހެއްޓުމަށްފަހު، މަލަކާއަށް ބޯލަނބަން ޖެހިފައެވެ.

މަލަކާ އޭނަޔަށް ކޮންމެފަދަ ކަމެއް ކުރިޔަސް، އޭނަޔަށް އެހީތެރިވާން އަންނާނޭ މީހަކު މިހާރަކު ނުވާނެއެވެ.

އެރަށަކީ ކުރިން ދުވަހަކުވެސް އޭނާ އައިސްފައިވާ ރަށެއް ނޫނެވެ. ބޮޑަށް ޤަބޫލު ކުރެވެނީ އެއީ ހުވަދުއަތޮޅުގެ ކޮންމެވެސް ފަޅުރަށެއް ކަމެވެ.

[ކޮން ރަށެއްމީ؟ ކަލޭ އަހަރެން މިތަނަށް ތި ގެނައީ ކީއްކުރަން؟] މަރާލިޔަސް ވަރިހަމަ ކަމަށް އިޔާދު މަލަކާޔާ ކުރިމަތިލިއެވެ.

[މިއީ ހުވަދުއަތޮޅުގެ ރޯނުފުށި ކިޔާ ފަޅުރަށެއް...މިރަށަކަށް އިންސާނުން ޢާންމުކޮށް ނާންނާނެ.] ނިކަން ބާރަށް ހިނގައިގަންނަމުން މަލަކާ ބުންޏެވެ.

[އިންސާނުން އައިސް ނޫޅޭ ރަށަކަށް އަހަރެން ތިގެނައީ ކީއްކުރަން. އަހަރެން އަހަރެންގެ ރަށަށް ގެންގޮސްދީ.] މާޔޫސީ ރާގުގައި އިޔާދު އެދުނެވެ.

[އިޔާދު ހާދަ މާޔޫސްވެފަ...ދެރަނުރޭ އިޔާދު....އަހަރެން އިޔާދު މިރަށަށް މިގެނައީ އުފަލުގައި މިރަށުގައި އުޅެލަން. މިއީ ކިހާ ހިތްގައިމު މާޙައުލެއް. އަހަރެން ގީތާއަށްވުރެން ބޮޑަށް އިޔާދަށް ލޯބިދޭނަން...] މަލަކާގެ ސިފައިގައި ހުރި ހަންޑި އިޔާދާ ހަތަރުކަޅި ހަމަކޮށްލިއެވެ.

[އަހަރެން ބޭނުމެއް ނޫން، ކަލޭގެ ލޯތްބެއް. އަހަރެން ސަލާމަތްކުރޭ...ހެޔޮނުވާނެ، މަލަކާ އަހަރެން ސަލާމަތްކުރޭ.] ފުރަތަމަފަހަރަށް އިޔާދު މަލަކާގެ ކުރިމަތީގައި ރޮއި އާދޭސް ކުރަން ފެށިއެވެ.

[ނޫން..އިޔާދު ކިތަންމެ އާދޭސް ކުރިޔަސް، ގީތާގެ ގާތަކަށް އިޔާދު ނުގެންދާނަން. ދެން އިޔާދު އުޅެންވާނީ ހަމައެކަނި އަހަންނާއެކު. އަޅެ އިޔާދަށް އިޙްސާސް ނުކުރެވެނީތަ، އަހަރެން އިޔާދުދެކެ ލޯބިވާ މިންވަރު....] މަލަކާ މަޑުމަޑުން އައިސް އިޔާދުގެ އަތުގައި ހިފަހައްޓާލިއެވެ. އިޔާދު ވަގުތުން މަލަކާގެ އަތް ފޮޅުވާލިއެވެ.

[ތީކީ ލޯތްބެއް ނޫން....ތީ ކިޑްނެޕް ކުރުން...ލޯބިވާނަމަ، މާ ސިންގާ ފަޅުރަށަކަށް އަހަރެން ނުގެންނާނެ....] އިޔާދު ފަހަތަށް ޖެހެން ފެށިއެވެ.

އެރަށަކީ ޢާންމުކޮށް މީހުން އައިސް އުޅޭ ރަށަކަށް ނުވި ކަމުގައިވިޔަސް، ހުވަދުއަތޮޅުގެ އެކި ރަށްރަށުގެ މީހުން މަދުމަދުން އެރަށަށް ޒިޔާރަތް ކުރެއެވެ.

[މިނޫން ގޮތަކަށް އިޔާދުގެ ލޯބި އަހަންނަށް ލިބޭނެނަމަ، އަހަރެން އިޔާދު ހައްޔަރުކޮށްގެން މިތަނަށް ނުގެނައިމުސް....] މަލަކާ އިޔާދުގެ އަތުގައި ނިކަން ބާރަށް ހިފަހައްޓާލިއެވެ. އެއަށްފަހު، ވަލުތެރެއަށް (ބޯ ޖަންގަލިތެރެއަށް) ވަދެގެން ހިނގައިގެންފިއެވެ. އިޔާދުގެ އަތުގައި ހިފައިގެންނެވެ.

[ކޮންތާކަށް އަހަރެން ތިގެންދަނީ؟] އިޔާދު އުޅުނީ މަޑުކުރާށެވެ. ނަމަވެސް، މަލަކާ އިޔާދު ހުއްޓުނަކަ ނުދިނެވެ. އޭނާ އިޔާދުގެ އަތުގައި ހިފައިގެން ގޮސް މަޑުކުރީ، ބިޔަ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ގަހެއްގެ ހިޔަލަށެވެ. އެއަށްފަހު، އޭނާ އިޔާދުގެ އަތުން ދޫކޮށްލުމަށްފަހު، ކާއެއްޗެއް ހޯދައިގެން އެބަ އަންނަމޭ ބުނެފައި ހިނގައިގެންފިއެވެ.

އޭރު އިޔާދު ގެޔަށް ނައިސް ލަސްވެގެން ގީތާ، އޭނާގެ މަންމަ ގާތު އެވާހަކަ ދައްކަމުން ދަނީއެވެ.

[މިހާރު އިޔާދު ބޭރަށް ނިކުތްތާ އަށެއްކަ ގަޑިއިރު ވެދާނެ. ކޮންތަނަކަށްބާ އެދިޔައީ....އަހަރެން ގާތު ބުނީ އަތިރިޔަކަށް ގޮސްލާފައި، އެބަ އަންނަމޭ. އަޅެ ބައްޕަ ބޭރުތެރެ ބަލައިލަންވީނު.] ގީތާ ވާހަކަ ދެއްކީ އޭނާގެ ބައްޕަ ޝާކިރާއެވެ.

[ރައްޓެއްސަަކާ އެކުގައިތަ ދިޔައީ؟] މަންމަ ޝަޒާދާ އެއްސެވެ. އެންމެންވެސް ތިބީ ހިސާބަކަށް ކަންބޮޑުވެފައެވެ.

[އެކަނި ނިކުތީ....ދުވަހަކުވެސް އިޔާ ބޭރުގައި މިހާއިރެއްނުވޭ...އަޅެ ބައްޕަމެނާއެކު މަންމަމެންވެސް ދޭބަލަ އިޔާގެ ޚަބަރެއްވޭތޯ....] ގީތާ ގަޑިއަށް ބަލައިލިއެވެ. ގީތާހުރީ ފިސާރި ކަންބޮޑުވެފައެވެ.

އެވާހަކަ ޒާހިރުމެން ރަށު އޮފީހަށް އެންގީ، އެރޭ ވަރަށް ދަންވިފަހުންވެސް އިޔާދުގެ ޚަބަރެއް ނުވީމައެވެ. އެމީހުން ވެރިންނަށް އެޚަބަރު ދިނީ ދަންވަރު ރަށުގެ ވެރިންގެ ގޭގެޔަށް ގޮސް، ގޮވައިގެން ހޭލައްވައިގެނެވެ. ވަގުތުން ވެރިން އަތޮޅުގައި ޙަރަކާތްތެރިވާ ފުލުހުންގެ އިދާރާއަށް ގުޅައި، އެ ޚަބަރުދީ، އިޔާދު ހޯދުމުގެ މަސައްކަތް ފެށުނެވެ.

ނަމަވެސް، އެއްދުވަސް ފާއިތުވެ، ދެވަނަ ދުވަހުންވެސް ބޮޑުބައި ހޭދަވެގެން ދިޔައިރުވެސް އިޔާދުގެ އެއްވެސް ޚަބަރެއް ނުލިބެއެވެ.

މިހާރު ގީތާގެ ޙާލަކީތޯއެވެ؟ ގީތާ ފަކީރު ރޮއިރޮއި ހަލާކުވަނީއެވެ.

[މަންމާ...އަޅެ އަދިވެސް އިޔާދުގެ ޚަބަރެއް ނުވޭތަ؟ އިޔާދު ގެނެސްދީ....] ރޮއިރޮއިފައި ގީތާ އޭނާގެ މަންމަމެނާ ވާހަކަ ދައްކަމުންދިޔައެވެ.

އެވަގުތެވެ. އިޔާދު މަލަކާގެ ގާތު އާދޭސްކުރަމުން ދަނީ، އޭނާ ރަށަށް ގެންގޮސްދިނުމަށް އެދިއެވެ. ނަމަވެސް، އެ އަޑު އިވޭކަމަކަށްވެސް މަލަކާ ނަހަދައެވެ.

[އޭނާ ބުނަނީ، އިޔާދު ދެން މިނިވަންކޮށް ދޫނުކުރާނޭ ކަމަށެވެ. އިޔާދަކީ އެކަނި އޭނާގެ މިލްކެއް ކަމަށްވެސް އޭނާ ބުނަމުންދެއެވެ.

[ކަލޭ ހާދަ އަމިއްލަ އެދުން ބޮޑޭ....] މަލަކާ އިޔާދުގެ އާދޭހުގެ އަޑު ނޭހުމުން، އިޔާދު ރުޅިއައިސް ހަޅޭއްލަވައިގަތެވެ.

ދެވަނަ ދުވަހަކަށް އިރު އަރައިފިއެވެ. ނަމަވެސް، މަލަކާ އިޔާދު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

[އަހަރެން އަންނާނަން، ކާއެއްޗެއް ހިފައިގެން. އިޔާދު މިތާނގައި މަޑުކުރާތި...] ކުއްލިއަކަށް މަލަކާ ގެއްލުނެވެ. އިޔާދު ވަލުތެރެއިން ނުކުމެއްޖެއެވެ. އޭނާ ބޭނުންވަނީ، އެރަށަށް ބަޔަކު އާދޭތޯ އަތިރިޔަށްދާށެވެ. އޭރުން މަލަކާއަށް ފިލައިގެން ރަށަށް ދެވިދާނޭ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ގޮނޑުދޮށަށް ފޭބިތަނާ ރިޔާނެގި ބައްތެއްޔެއް (ދޯންޏެއް) އެރަށުގެ ފަޅުތެރެއަށް ވަދެގެން އަންނަނިކޮށް އިޔާދަށް ފެނިއްޖެއެވެ. އިޔާދު ވަގުތުން ކަކޫތާފެނަށް މޫދަށްއެރި، އެ ދޯންޏަށް ހަނާއަޅަން ފަށައިފިއެވެ.

ސަލާމަތަށް އެދި ނިކަން ބާރަށް ގޮވަމުންނެވެ.

އެ ދޯނީގައި ތިބި މީހުންގެ ތެރެއިން މީހަކަށް އިސާހިތު އިޔާދު ފެނުނީކަންނޭނގެއެވެ. އެ ދޯނި ކުއްލިއަކަށް މިޞްރާބު އެ ބަދަލުކުރީ ސީދާ އިޔާދު ހުރި ދިމާޔަށެވެ. ލިބުނު އުފަލާއެކު، އިޔާދަށް ދެލޯ މަރާލެވުނެވެ. އެޔާއެކު، ހިތުގެ އަޑިން ﷲ އަށް ޙަމްދު ކުރަމުން، އިޔާދު މޫނުގައި އަތް އަޅާލިއެވެ. ނަމަވެސް، އިޔާދުގެ އެ އުފާވެރިކަން ދެމިގެންދިޔައީ އިރުކޮޅަކަށެވެ. މޫނުމަތީގައި އެޅި އަތް ނެގުމާއެކު، އޭނާގެ ކުރިމަތިން ފެނުނު މަންޒަރު ވަނީ ބަދަލުވެފައެވެ. އާއެކެވެ. މިހާރަކު އެހިސާބަކުން ދޯންޏެއް ކީއްކުރަން، އެއްވެސް ބައެއްގެ ހިލަންވެސް ނުވެއެވެ. ހިތަށް ކުރި އަސަރާއި، ވީ ތުރާލުން އޭނައަށް އަޑުވީއްލާ ރޮއިގަނެވުމާއެކު، ދެކަކޫމައްޗަށް ތިރިވެވުނެވެ.

ޙަޤީޤަތުގައި މިހާރު އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިހާރު އެ ދޯނި ކޮބައިބާއެވެ؟ އަނެއްކާ މަލަކާ އޭނާގެ ބާރުގައި އެ ދޯނި ފައްތާލީކީ ނޫންބާއެވެ؟ އިޔާދުގެ ބޮލަށް އެނބުރުން އަރަންފެށީ، އެގޮތަށް ރޯތާ އެތައް އިރެއްވީ ފަހުންނެވެ. އޭރުވެސް މަލަކާގެ ޚަބަރެއްނުވެއެވެ.

އެނބުރުން އަރަން ފެށުމާއެކު، އޭނާއަށް ކުޑަކޮށް އެއްގަމަށް ނޭރުނުނަމަ، އޭނާ އަނބުރައިގަނެގެން ވެއްޓުނީހީ ކަކޫތާފެނަށް ލޮނުގަނޑުތެރެއަށެވެ.

ހޭވެރިކަންވީއިރު އޭނާ އޮތީ މަލަކާ އެންމެ ފުރަތަމަވެސް އޭނާ ގެންދިޔަ ގަސްދޮށުގައެވެ.

ހެދުންވެސް ވަނީ ބަދަލުވެފައެވެ. ކާންހަދައިގެން އޭނާޔާ ދާދި ގާތުގައި މަލަކާ އިނެވެ.

[ކާކު އަހަރެންގެ ހެދުން ބަދަލުކުރުވީ....މި ހެދުން ގެނައީ ކޮންތާކުން؟] އިޔާދު ތެދުވިއެވެ.

[އަހަރެން...މި ކާއެއްޗިއްސަކީވެސް އިޔާދުމެންގެ ބަދިގެއިން ގެނެސްފައި ހުރި ކާއެއްޗެހި....ރަހަތައްވެސް ތަފާތެއްނުވާނެ...އަވަހަށް ކައިގެން ގައިގައި ވަރުޖައްސާލާ....] މަލަކާ އިޔާދުގެ ތެތް ހެދުން ގެންގޮސް، ގަހެއްގެ އޮފިގަނޑުގައި އަޅުވާލިއެވެ. ޙަޤީޤަތުގައިވެސް އޭރު އިޔާދު އޮތީ ވަރަށް ބޮޑަށް ވަރުބަލިވުމުގެ އިތުރުން، ބަނޑުހައިވެސް ވެފައެވެ.

ވުމާއެކު މަލަކާ ދިއްކުރި ކާއެއްޗެތިތައް އިޔާދު ކާން ފަށައިފިއެވެ.

އެއީ ތެދެކެވެ. ގީތާ ކައްކާ އެއްޗިއްސާ އެއްވެސް ތަފާތެއް ނެތެވެ. އެއް ރަހައެކެވެ.

[ކާކު މި ކެއްކީ؟] ކައި ނިންމާލަމުން އިޔާދު އެއްސެވެ.

[އަހަރެން...ވަރަށް މީރުދޯ؟] މަލަކާ ހީލިއެވެ.

[އެ ދޯނި ކަލޭ ފައްތާލީދޯ؟] ގައިގައި ވަރުޖެހުމުން އިޔާދު ރުޅިއައިސްފައި އެއްސެވެ.

[ނޫން...އަހަންނަކީ އިންސާނުން ކަހަލަ އަނިޔާވެރިއެއް ނޫން...ކުށެއް ނެތް ބަޔަކަށް ހާނިއްކަ ކުރުމަކީ އަހަރެންގެ ނަސްލު މީހުން ކުރާ ކަމެއް ނޫން.] މަލަކާ އިޔާދަށް ފުރަސްވާގޮތަށް އެނބުރުނެވެ.

[ތިހެންވީއިރު ކީއްވެތަ، އެ ދޯނި ކުއްލިއަކަށް އަހަންނަށް ގެއްލުނީ؟ ކޮބައިތަ މިހާރު އޭގައި ދަތުރުކުރި މީހުން...؟ އަހަރެންގެ ކުރިމަތީގައި މާރަނގަޅު މީހަކަށް ހެދެން އުޅޭނެ ކަމެއްނެތް...ކަލޭމެންގެ ނަސްލުގެ މީހަކު، މީހުންގެ އުފާތައް ފޭރިއެއްވެސް ނުގަންނާނެ.] އިޔާދުގެ ރުޅިގަދަވާން ފަށައިފިއެވެ.

[ފަޅުތެރޭގައި މިހާރުވެސް އެ ދޯނި އެބައޮތް. މީހުންތައްވެސް މިރަށުގައި އެބައުޅޭ. އެއީ ރޯދަމަސް ކައިރިވަމުން އަންނާތީ، ދަރު ހޯދަން އައިސް އުޅޭބައެއް....އެއީ ގދ.ގައްދޫ ބައެއް....] މަލަކާ އުޑުމައްޗަށް ނަޒަރު ހުއްޓައިގެން ހުރެ ބުންޏެވެ.

[ގައްދޫ ބަޔެކޭ...؟ އެއީ އަހަރެންގެ މަންމަގެ ރަށް...މިހާރުވެސް އަހަރެންގެ މަންމަ ދިރިއުޅެނީ އެރަށުގައި...] އިޔާދު މަޑުމަޑުން ކުރިޔަށް ހިނގައިގެންފިއެވެ.

[އެނގޭ އަހަންނަށް...އިޔާދުގެ މަންމަ ދަލޭކަ، އެމީހުނާއެކު ދަރު ހޯދަން އައިސް އެބައުޅޭ.] އިޔާދުގެ ކުރިމައްޗަށް އަރައި، މަލަކާ އިޔާދަށް ހުރަސްއެޅިއެވެ.

[ޚަބަރުދާރު! ކަލޭ އަހަންނަށް ހުރަސްނާޅާ. އަހަރެން ބޭނުން، އަހަރެންގެ މަންމަޔާ ބައްދަލުކުރަން. އަހަރެންގެ ކުރިމަތިން ދުރަށްދޭ....] އިޔާދު މަލަކާގެ ދެކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ. ނިކަން ބާރަށެވެ. ވެއްޓިގެން ގޮސް، މަލަކާ ޖެހުނީ ގަހެއްގެ ގޮފިގަނޑެއްގައެވެ. އިޙްސާސް ކުރެވުނު ތަދާއެކު، މަލަކާއަށް ނުތެދުވެވިގެން އުޅެނިކޮށް، އިޔާދު ނިކަން ބާރަށް ދުއްވައިގެންފިއެވެ.

އިޔާދު ބޭނުންވަނީ މަލަކާއަށް ފިލައިގެން ގޮސް އޭނާގެ މަންމަޔާ ބައްދަލުކުރާށެވެ.

އިޔާދު ވަލުތެރެއިން ނިކުމެވޭތޯ ދުވަމުން ދިޔައީ ނިކަން ބާރަށެވެ. ދޭތެރެ ދޭތެރެއިން އޭނާ ފަސްއެނބުރި ބަލައިވެސްލައެވެ. ފަހަތުން މަލަކާ އާދޭތޯއެވެ.

އޭނަޔަށް ވަލުތެރެއިން ނިކުމެވުނުތަނާހެން، ނިކަން ބާރަށް މަލަކާ އިޔާދަށް ގޮވާލި އަޑު އިވުނެވެ.

[އިޔާދު...ނުދުވެ މަޑުކުރޭ....] އަނެއްކާވެސް އަޑު އިވުނެވެ. މިފަހަރު ކުރީފަހަރަށްވުރެން، މާ ބާރަށެވެ. ނަމަވެސް، ކުޑަކޮށް ހުއްޓި ފަހަތަށް ބަލައިލުމަށްފަހު، އިޔާދު އަނެއްކާވެސް ދުއްވައިގެންފިއެވެ. ކުރިޔަށްވުރެންވެސް ބާރަށެވެ.

އިޔާދު ދުވަމުން ދިޔައީ، މަޑުކުރުމެއް ނެތޭ، ބޭނުންވަނީ ކަލޭގެ ކިބައިން މިންޖުވެގެން ދިޔުމޭ ހިތާހިތާ ބުނަމުންނެވެ.

ނަމަވެސް، އޭނާ ދުވާތާ އެތައް އިރެއްވީއިރުވެސް، އޭނަޔަކަށް ދާން ބޭނުންވާ މަންޒިލަކަށް ނުދެވެއެވެ. އޭނާ ދާން ބޭނުމީ، އޭނާގެ މަންމަމެން އުޅޭ ހިސާބަށެވެ. ނުވަތަ އެ ބުނާ ދޯންޏެއް އޮތް ދިމާޔަށެވެ.

[މަންމާ...މަންމާ....] ދުވާތާ އެތައްއިރެއްވީއިރުވެސް، އެއްވެސް ބަޔަކު ފެންނަން ނެތުމުން، އިޔާދުގެ ކަރު އެލުނެވެ. އެރަށުގައި ހުރި ކަމަށް މަލަކާ ބުނާ އޭނާގެ މަންމަޔަށް އަޑުއިވޭތޯ އިޔާދު ނިކަން ބާރަށް ގޮވާލިއެވެ.

[އަހަރެން ސަލާމަތްކުރޭ...މަންމާ....] އަނެއްކާވެސް ނިކަން ބާރަށް އިޔާދު ސަލާމަތަށް އެދެން ފަށައިފިއެވެ. ނަމަވެސް، އެ އަޑު އިވިގެން އެއްވެސް މީހަކު އޭނާގެ ކައިރިޔަކަށް ނާދެއެވެ. އިޔާދު އަނެއްކާވެސް ދުއްވައިގެންފިއެވެ. އެވަގުތު އެ ދޯނި އޭނަޔަށް ފެނިއްޖެއެވެ.

ނަމަވެސް، އެޔަކު އެއްވެސް ބަޔަކު ނެތެވެ. އޭނާ ދުވެފައި ގޮސް އެ ދޯނި އޮތް ހިސާބާ އަރާހަމަކޮށްފިއެވެ. އެއަށްފަހު، މަންމައަށް ގޮވަމުން، ވަށައިގެން ހޯދަން ފަށައިފިއެވެ. ނަމަވެސް، އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ.

ދޯނި ފެނުމުން، ހިތަށް ލިބުނު ހަމަޖެހުން ގެއްލި އިސާހިތު މާޔޫސީ އަސަރުން އޭނާގެ އިސް އޮބިއްޖެއެވެ.

[މީހެކޭ...މީހެކޭ....އަހަރެން ސަލާމަތްކުރޭ...] އިޔާދު ބާރަށް ރޮއިގަންނަމުން ސަލާމަތަށް އެދި ގޮވަން ފަށައިފިއެވެ. އިސާހިތު އެ އަޑަށް ވަލުތެރެއިން ބަޔަކު ނިކުމެގެން، ކާކުހޭ ގޮވަމުން އަންނަ އަޑު އިވިއްޖެއެވެ. ނަމަވެސް، މިހާރަކު އެހެން އިވޭ އަޑަކަށް އިޔާދަކަށް ޔަޤީންކަމެއް ނުދެވޭނެއެވެ.

ނަމަވެސް، އޭނާ ސަލާމަތަށް އެދި ގޮވުމަކަށް ބަދަލެއް ނާދެއެވެ. ރޮމުން ދެކަކޫމައްޗަށް ތިރިވެ އިނދެ، ސަލާމަތަށް އެދި ބާރަށް ގޮވަން ފަށައިފިއެވެ. އިސާހިތު ހަތަރު ވަރަކަށް ފިރިހެނުން އައިސް، އެތަނަށް ހުއްޓި އިޔާދު ގައިގައި ހިފަހައްޓައިފިއެވެ.

[ތީ އިންސާނެއްތަ...؟] އިޔާދު ރޮއި ގިސްލަމުން، ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ.

[އާނ...ތީ ކޮންރަށަކު ކުއްޖެއްތަ؟ ކޮންބަޔަކާއެކުތަ މިރަށަށް އައީ؟ އެތަނުގައި ހުރި ޢުމުރުން އެންމެ ދުވަސްވެފައިވާ މީހާ އެއްސެވެ.

[އަހަރެން ސަލާމަތްކުރޭ...އޭތި މިރަށުގައި އެބައުޅޭ....އަހަރެން ސަލާމަތްކުރޭ....] އިޔާދަކަށް އެވެރިން ކުރި ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. އިސާހިތު އޭނާ ޚަބަރު ހުސްވެއްޖެއެވެ. ވަގުތުން އެމީހުން އަވަސްވެގަތީ އިޔާދު ގޮވައިގެން އެރަށުން ދިޔުމަށެވެ. އެންމެންވެސް ތިބީ ވަރަށްބޮޑު ޙައިރާންކަމެއްގެ ތެރޭގައެވެ.

[މިއީ އަނެއްކާ ދަލޭކަ ގެއްލިގެން އުޅޭ ސޮރެއް ނޫންބާ؟ ކުރިން މިދަތުރުގައި އަހަރެމެނާއެކު މިރަށަށް ދަލޭކަމެންވެސް އަންނަ ގޮތަށް ރާވާފައި ވަނިކޮށް، އޭނައަށް ނާދެވުނީ، އެސޮރު ގެއްލިގެން އައްޑޫއިން ގުޅާފައި، އެ ޚަބަރު ދިނީމައޭ.] ދޯނީގެ ނެވި ޙުސައިން ޞާލިޙު ކުއްލިއަކަށް ހަނދާންވިއެވެ.

[ޔަޤީނޭ މިއީ އެސޮރު....މިސޮރު ވާހަކަ ދެއްކީވެސް އައްޑޫ ބަހުރުވައިން.....އަވަހަށް މީހުން ހަމަކުރޭ.....] ތިންމީހަކު ވެގެން ފުރަތަމަ، އިޔާދު ދޯންޏަށް އަރުވައިފިއެވެ.

މާގިނައިރުތަކެއްނުވެ، ހުރިހާ ދަތުރުވެރިން އައިސް ދޯންޏަށް އަރައިފިއެވެ. އޭރު އެއްބަޔަކު އިޔާދު ހޭއަރާތޯ މަސައްކަތް ކުރަމުންދަނީއެވެ. އެރަށު ފަޅުތެރެއިން ދޯނި ނިކުތްއިރު، މަލަކާ އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމައްޗަކުން އެއްވެސް ހާސްވުމެއް، ކަންބޮޑުވުމުގެ އަސަރެއް ފާޅެއްނުވެއެވެ.

ހީވާކަހަލައެވެ. އަދިވެސް ހުރިހާ ބާރެއް އޭނާޔަށް ލިބިފައިވާ ކަހަލައެވެ.

ދަތުރުގެ ބައވެރިންތައް އިޔާދު ހޭއަރާތޯ ކިތަންމެ މަސައްކަތް ކުރިނަމަވެސް، އޭނާގެ ޚަބަރެއް ނެތެވެ. ދޯނި ގައްދުއަށް ލެފިއިރުވެސް އިޔާދު އޮތީ އެޙާލެއްގައެވެ.

ލެފުމުގެ މާކުރިން ޓޯކީން ގުޅާފައި، ދޯނީގެ ނެވިމީހާ ވަނީ އެވާހަކަ ރަށު އޮފީހަށް އަންގާފައިކަމުން، ވަރަށްގިނަ ބަޔަކު ތޮށިގަނޑު މައްޗަށް ޖަމާވެފައިވެއެވެ. އެމީހުންތަކުގެ ތެރޭގައި އިޔާދުގެ މަންމަ ދަލޭކަވެސް ހުއްޓެވެ.

ދޯނިން ދެތިން މީހުން ވެގެން އުފުއްލައިގެން އިޔާދު ބޭލިއިރު، އިޔާދު ފެނުމާއެކު، ދަލޭކަ މަގޭ ދަރިޔާއޭ ކިޔާފައި އައިސް ރޮއިގަންނަމުން އިޔާދުގެ ގައިގައި ހިފަހައްޓައިފިއެވެ.

[މިއީ ދަލޭކަގެ ދަރިފުޅުދޯ؟ މިސޮރު މިއޮތީ ޚަބަރު ހުސްވެފައި. އަވަހަށް ހޭއަރާތޯ މަސައްކަތްކުރޭ.] އެދޯނީގެ ނެވިމީހާ ބުންޏެވެ.

އިޔާދު ގެންދެވުނީ ދަލޭކަ ދިރިއުޅޭ ގެޔަށެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން