ޞާދިރު ޢަލީދީދީ   27 ޖޫން 2020 - 14:48
ސަރާ
ސަރާ
އެޕިސޯޑް 08

...............

[ސަރާ ރަށުގަ ނެތް. އޯހް...އަހަރެން ފުރްޞަތުގެ ބޭނުން ހިފާނަން.] މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަށްފަހު މަލަކާ މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

ޢިމްރާން ހޭލާ އުޅެފާނޭ ކަމަށް ވިސްނާފައެވެ. ޢިމްރާނުގެ ކޮޓަރި ދޮރުމައްޗަށް ހުއްޓި، ފުރަތަމަ ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. ނަމަވެސް އެތެރެއަކުން ޚަބަރެއް ނުވިއެވެ. އެއާއެކު ދެތިންފަހަރު ޓަކިޖަހާލުމަށްފަހު އޭނާ ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ދޮރު ހުޅުވިއްޖެއެވެ. މަލަކާ ވަރަށް ލުއި ފިޔަވަޅުތަކަކާއެކު އެތެރެއަށް ވަނެވެ. އެއަށްފަހު ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރޭން އެނދުގައި ނިދާފައި އޮތް ޢިމްރާނާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުރެ ވިސްނާލިއެވެ.

އެހިނދު އޭނާގެ ސިކުނޑިއަށް ވިސްނުނީ ކާމިޔާބު ވިސްނުމެކެވެ.

އެވިސްނުން ސިކުނޑިއަށް އަތްގަދަކުރުމާއެކު އޭނާ ހިނިތުންވެލުމަށްފަހު ދެއަތަކަށް ބޯހޫރާލިއެވެ. އެއަށްފަހު އޭނާ ވިސްނި ވިސްނުމަށް ޢަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު އެޅިއެވެ. ފުރަތަމަ އޭނާ އެއަރކޯން ޓެމްޕްރޭޗަރ މަތިކޮށް ފިނިބާރުކޮށްލިއެވެ. މާގިނައިރުތަކެއްނުވެ ޢިމްރާން ނިދީގައި އޮވެމެ ރަޖާގަނޑު މުޅި ހަށިގަނޑުގައި އެކަށް އަޅާލައިފިއެވެ.

މަލަކާ ވިހަ ހިނިތުންވުމަކާއެކު، ފާޚާނާއަށް ވަދެ ފެންވަރާލުމަށްފަހު ނުކުމެ ޑްރެސިންގ ޓޭބަލްމަތީގައި ހުރި ސަރާ ބޭނުންކުރާ ލޯޝަންތަކާއި ސެންޓުން ހަށިގަނޑު އެކަށް ތާޒާކޮށްލުމަށްފަހު ކުރިއަށްވުރެންވެސް ނިދާ ބޮކީގެ އަލި ފަނޑުކޮށްލައިފިއެވެ.

އެއަށްފަހު މަޑުމަޑުން އައިސް އެނދުގެ މަގަތުގައި އޮށޯވެ ރަޖާގަނޑުތެރެއަށް ވަނެވެ. އެހިނދު ނިދީގައި އޮވެމެ ޢިމްރާން މަލަކާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހީވެއެވެ. އޭނާއަށް އިޙްސާސް ކުރެވުނީ އޭނާގެ ލޯބިވާ އަނބިމީހާ ސަރާގެ ވަހެވެ. ސަރާގެ ބީހުންތަކެވެ.

އެރޭ ނިދީގައި އޮވެމެ ގެނެވުނު ޙަރަކާތެއްގެ ސަބަބުން ކުރެވުނު އިޙްސާސެއް އެރޭ ޢިމްރާނަށް ކުރެވުނީ ކުރިން ދުވަހަކުވެސް ކުރުމަށް އޭނާ ވިސްނާފައިވާ ކަމެއް ނޫނެވެ. ކުރެވުނީ ކުށެކެވެ. ފާފައެކެވެ. ލޯބިވާ އަނބިމީހާއަށް ވެވުނު ޚިޔާނާތެއްވެސްމެއެވެ.

ނަމަވެސް އޭގެ އެއްވެސް ހެޔެއް އެރެޔަކު އޭނާގެ ކިބައަކު ނެތެވެ. އެ އިޙްސާސްތަކަށްފަހު ވެރިވި ލޮޑުކަމާއެކު އޭނާއާއި މަލަކާއަށް ނިދުނީއެވެ. ކޮޓަރި ދޮރު ހުރީ ކިހިނެއް ކަމެއް ބަލައިލާނޭ ހޭވެރިކަމެއްވެސް ނެތިއެވެ. އިރުއެރިއިރުވެސް ޢިމްރާނާއި މަލަކާ ތިބީ އެޙާލުގައެވެ.

ހެނދުނު ކޮފީ ހިފައިގެން ޢިމްރާންގެ މަންމަ ފަހީމާ ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުގެ ކުރިން ގަޑިއަށް ބަލާލިއެވެ. މިހާރު ގަޑިން އެއޮއް ހަތެއްޖަހާ ބޮޑުވަނީއެވެ.

[އެސޮރު އޮފީހަށް ދާންވެސް ނުހޭލަނީބާ؟] ހިތާހިތާ ވާހަކަ ދައްކަމުން ކޮފީ ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

އޭރު ޝާޢިރާވެސް ވަދެގެން އަންނަތަން ފަހީމާއަށް ފެނިއްޖެއެވެ. ފަހީމާ ކޮޓަރި ދޮރުމަތީގައި ހުއްޓިއްޖެއެވެ.

[ފަހީމާ....މަލަކާ މިބަޔަކު ނެތްތަ؟ އަހަރެން ހެނދުނު ގޮވަން ދިޔައިރު ކޮޓަރިއަކު ނެތް. އަނެއްކާ ކޮންތާކަށްބާ އެމަންޖެ އެދިޔައީ؟] ފަހީމާއާ އަރާ ހަމަކޮށް މަލަކާގެ މަންމަ ޝާޢިރާ ވާހަކަ ދެއްކިއެވެ. އޭރު އެމީހުންނަށް ހުއްޓި ތިބެވުނީ ޢިމްރާންގެ ކޮޓަރި ދޮރުމަތީގައެވެ.

[ނޭނގެ...ރޭގެ އެގާރައިގެ ފަހަކުން އަހަންނެއް ނުދެކެން. ޢިމްރާން ގާތު އަހާލަމާ...] ފަހީމާ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ދޮރު އެތެރެއަށް ހުޅުވިއްޖެއެވެ.

[މަލަކާ...ޢިމްރާން!؟] ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ފަހީމާއާއި ޝާޢިރާގެ ދެލޯ ބޮޑުވެ އަނގަވެސް ތައްމިނަށް ހުޅުވުނެވެ. އެމަންޒަރުން ޝާޢިރާއަށް ސިހުން ލިބި ހިތްހަމަނުޖެހުނަސް، އެމަންޒަރަކީ ފަހީމާގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ދުށްޓެވެ.

ނަމަވެސް އެއީ މަޔަކަށް ފެންނަން އިންތިހާއަށް ލަދުވެތި މަންޒަރެކެވެ. ޢިމްރާންގެ ހަށިގަނޑުން ބައެއް ހާމަނުވިޔަސް، މަލަކާގެ ފޭރާމެއް ނެތް ހަށިގަނޑުން ބައެއް އޮތީ ފެންނާށެވެ.

ފަހީމާ ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް ޖެހިލާފައި މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ. އެއަށްފަހު މަޑުމަޑުން ޓަކިޖަހަން ފަށައިފިއެވެ. އެހިނދު ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެމެ ޝާޢިރާ އެތަނުން ހިނގައިގެންފިއެވެ.

ނަމަވެސް ލުއި ހިނިތުންވުމަކާއެކު ފަހީމާ ދޮރުމަތީގައި ހުއްޓި ހުރީއެވެ. އެތެރޭގައި ނިދާފައި ތިބި ޢިމްރާނާއި މަލަކާއަށް ހޭލެވުނީ އެކުއެކީގައިހެނެވެ. ހޭލެވުމާއެކު ޢިމްރާން ވަަރަށް ހާސްވިއެވެ. ކުރެވުނު ކަންތަކާމެދު އޭނާ ވަރަށް ބޮޑަށް ދެރަވެ ލަދުގަނެއްޖެއެވެ.

[ސޮރީ...ނުވާ ކަމެއް ކަމަށް ހީކޮށްލާ...އަޅެ ކީއްކުރަންތަ މަލަކާ މިތަނަށްވަނީ؟] އިސްޖަހައިގެން ވަރަށް ދެރަވެ މާޔޫސްވެފައި އިނދެ ޢިމްރާން ވާހަކަ ދެއްކިއެވެ.

]ވަދެވުނީތީ މަޢާފަށް އެދެން. އަހަރެންވެސް ޢިމްރާން ދެކެ ނުލާހިކު ލޯބިވޭވިއްޔަ. އެއީ ނުވާކަމަކަށް ނުވާނެ. ލިބުނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް...] އުފާވެރި ހިނިތުންވުމަކާއެކު ރަޖާގަނޑު ހަށިގަނޑުގައި އޮޅާލައިގެން ހެދުން ހިފައިގެން މަލަކާ ގޮސް ފާޚާނާއަށް ވަނެވެ.

އެވަގުތު އަނެއްކާވެސް ފަހީމާ ޓަކިޖަހާލިއެވެ. އެއަށްފަހު ފަހީމާ ޢިމްރާނަށް ގޮވިއެވެ.

[ދަރިފުޅާ..މަންމަ ދޮރުމަތީގައި ކޮފީ ހިފައިގެން އައިހޭ...ހުޅުވަބަލަ..] މަންމަގެ އަޑު އިވުމުން ޢިމްރާން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

[ހުޅުވާފައޭ ހުރީ..މަންމާ ވަދޭ...] ގޮތް ހުސްވީމާ ޢިމްރާން ބުންޏެވެ. އިސާހިތު މަންމަ ކޮޓަރިއަށް ވަނެވެ.

[އޮފީހަށްވެސް ނުދަނީތަ؟ ދަރިފުޅާ ބައްޕަ ބުނީ ދަރިފުޅު ގާތުގައި ބުނާށޯ، މިހާރު ހުޅުވަން އުޅޭ ރިސޯޓަށް ބޭނުންވާނޭ ބައެއް ތަކެތި ގުދަނުގައިވެސް ހުރިތޯ ބަލައި، ނެތް އެއްޗެއްސަށް އޯޑަރު ކުރާށޭ.] ކޮފީތަށި ބަހައްޓަމުން ފަހީމާ ބުންޏެވެ.

[އެންމެ ރަނގަޅު. އަހަރެން ދާނަން. ބައްޕަ ރިސޯޓަށް ދިޔައީތަ؟] ކޮފީތަށިން ކޯވަރެއް ބޯލަމުން ޢިމްރާން އެއްސެވެ.

[ބައްޕަ ދިޔައީ ހަދާ ރަށަކަށް ނޫން. ދަރިފުޅުގެ ބައްޕައާއި މަލަކާގެ ބައްޕަ ދިޔައީ ހަންކެޑެ ޓުއަރިސްޓް ރިސޯޓް އެންޑް ސްޕާ އަށް...މަންމަ ދެން ދަނީ...ފާޚާނާގައި މީހަކު އުޅެނީތަ؟] ދާން ހިނގައިގަންނަމުން ފަހީމާ ބުންޏެވެ.

[އާނ...ނޫން....] ޢިމްރާނަށް ތެޅިގަނެވުނެވެ. އެހިނދު އެއްވެސް ލަދެއްނެތި މަލަކާ ފާޚާނާއިން ނުކުމެއްޖެއެވެ. ހީނލަމުން ފަހީމާ ކޮޓަރިން ނުކުމެއްޖެއެވެ. އެވަގުތު ފަހީމާގެ ހިތަށް އެރިއެވެ. ފުރަތަމަ ދުވަހުވެސް ކާމިޔާބުގެ ބައްތި ދިއްލުނީއެވެ. މިޚިޔާލުގައި ހުރެމެ އޭނާ ކޮޓަރިން ނިކުތްއިރު ޢިމްރާން ހުރީ ވަރަށް ބޮޑަށް ލަދުގެންފައެވެ. ނަމަވެސް މަލަކާ ހުރީ ހަމަޖެހިފައެވެ. ހީވާކަހަލައެވެ. އޭނާގެ މޮޅު ރޭވުންތަކެއް ކާމިޔާބުވީއެވެ. ޙަޤީޤަތެކެވެ. މިހާރު އޭނާއަށް އެވަނީ ބޮޑު ބާރެއް ލިބިފައެވެ. އެއީ ޢިމްރާން އޭނާގެ ޙަޔާތަށް ގެނައުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. ބޮޑު ކާމިޔާބެއްވެސްމެއެވެ.

[ކާމިޔާބުވީއޭ ތިބުނީ ކޮންގޮތަކުން؟] އެދުވަހުގެ މެންދުރުގެ ވަގުތު މަލަކާއާއި އޭނާގެ އެކުވެރިޔާ މީޝާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. މަލަކާ ރޭގެ ކާމިޔާބީގެ ވާހަކަ މީޝާއަށް ކިޔާދިނެވެ. މިހާރު މީޝާ އެއުޅެނީ އެކަން ގަބޫލު ނުކުރެވިގެންނެވެ.

[ފިސާރި ތެދެއް؟ މަލަކާ ތީ ހުޝިޔާރު އަންހެނެއް. ރޭވުންތެރި ކުޅަދާނަ ފަހުލަވާނެއް.] މީޝާ މަލަކާއަށް ތަޢުރީފު ކުރިއެވެ.

[ކުރީ ދުވަހުވެސް އަހަރެން ބުނީމެއްނު، އަހަރެން ޢިމްރާން ކާމިޔާބު ކުރާނަމޭ. އަހަރެންގެ އަމާޒަކީ ސަރާ އެނބުރި އަންނައިރު، ޢިމްރާންގެ އަންބެއްގެ މަގާމުގައި ހުރުން. އެކަންވެސް ކުރާނަން.] މަލަކާ މޭ ފުއްޕާލިއެވެ. އެއަށްފަހު އަނގަޔަށް ވައްތަރުތަކެއް ޖައްސާލިއެވެ.

[ދެން ބާއްވަނީ...މިދަނީ ނަވާލަށް ކާން ހަދަން. މިހާރު ނަވާލް އަންނާނެ.] މީޝާ ފޯން ބޭއްވިއެވެ.

މަލަކާ ހިތްހަމަޖެހުމުގެ ނޭވާޔަކާއެކު ސޯފާއަށް ވެއްޓިގަތެވެ. ޙަޤީޤަތުގައި މިހާރު އޭނާ އެވަނީ އިންތިހާއަށް އުފާވެފައެވެ. ރައްޒާޤުގެ ކިބައިން ސަލާމަތްވާނޭ ފުރްޞަތުވެސް ލިބުނީ ކަމުގައި އޭނާ ދެކެއެވެ.

[ރައްޒާޤު ބޭސް ހޯދާނުދިނަސް މިހާރަކު މައްސަލައެއް ނެތް. ހުރިހާ ކަމެއްގެ ޒިންމާ މިހާރު ޢިމްރާން ނަގަން ޖެހޭނެ.] މަލަކާ ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ. ޢިމްރާން އައިސްވަނީ އެވަގުތުއެވެ. ނަމަވެސް ޢިމްރާން މަލަކާއާ ދިމާއަށް ބަލައިވެސް ނުލައެވެ. އޭނާ އިސްވެސް އުފުލާނުލާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަންގޮތަށް އެތެރޭން ތަޅުވެސްލިއެވެ.

ޙަޤީޤަތުގައި ކުރެވުނު ކުށެއްގެ ސަބަބުން މިހާރު އޭނާ އެހުންނަނީ ވަރަށް ދެރަވެފައެވެ.

[ދަރިފުޅާ....ދަރިފުޅު މާދެރަވެފައި ހުންނަނީ ކީއްވެތަ؟ އަނެއްކާ މާބޮޑަށް ޢިމްރާން މަތިން ހަނދާންވަނީތަ؟] ސަރާގެ މަންމަ ނަޖްމާ އަބަދުވެސް ސަރާގެ ޙާލު ދެނެގަނެއެވެ.

[އަޅެ...މަންމާ އަހަރެން ދެރަވާންވީ ކީއްވެގެންތަ؟ ޢިމްރާންގެ މަތިން ހަނދާންވެސްވާނެތާ.] ސަރާ މަންމަގެ ކޮނޑުގައި ބޯޖައްސާލިއެވެ.

[ދަރިފުޅު މާ އަވަސްއަރައިގަނެގެން ކީއްކުރަންތަ ރަށަށް އައީ؟ ދަރިފުޅު ނެތަސް މަންމަ އުޅެނީ އުފަލުގައޭ. މަންމަ ވަރަށް އުފާވޭ ދަރިފުޅު މަންމަދެކެ ތިވަރަށް ލޯބިވާތީ.] ނަޖްމާ ސަރާގެ ބުރަކަށީގައި ފިރުމާލިއެވެ.

މޭޒުމަތީގައި އޮތް ސަރާގެ މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތުއެވެ.

[ޢިމްރާން އެގުޅީ....] ސަރާ ފޯނު ނެގިއެވެ.

[މަންމަގެ ސަލާމް ބުނާތި.] ނަޖްމާ އެތަނުން ދާން ހިނގައިގަންނަމުން ބުންޏެވެ. ސަރާ ބޯޖަހާލިއެވެ.

[ލޯބީ...ވަރަށް ފޫހިތަ؟] ސަރާ ހަނދާންވާވަރުން ގޮސް އަހަރެން މިހުންނަނީ ބޯހަލާކުވާވަރުވެފައި. ރޭގައިވެސް ހަމަ ނިދިނުލިބޭ. މަންމަ ކޮބާ؟] ޢިމްރާން ކޮންމެ ފަހަރަކުވެސް ގުޅާފައި ދައްކަނީ އެއްވާހަކަތަކެކެވެ.

[ޢިމްރާން އެކަނިތަ؟ އަހަރެންވެސް ހަމަ ތިހާލެއްގަ...ނިޔާޒް މަސައްކަތުގައި ވަރަށް އަވަދިނެތި އުޅޭ. މިއަދު ހީވަނީ ފައުންޑޭޝަން އަޅަން އުޅޭހެން. މަންމަ ސަލާމް ބުނާށޭ ބުނެފައި މިތާ ހުރެފައި ދެންމެއަކު ހިނގައްޖެ.] ސަރާ ބުންޏެވެ.

[މަންމައަށް ސަރާ ވިސްނަދީބަލަ......މަންމަ މިގޭގައި ހުންނަން ބޭނުން ނޫނިއްޔާ އަހަރެން އެހެން އެޕާޓްމަންޓެއް ހިފާފާނަމޭ.] ޢިމްރާން ބޭނުންވަނީ ސަރާގެ މަންމަވެސް ދާއިމަށް މާލެއަށް ބަދަލުކުރާށެވެ. ހުރިހާ ވަގުތެއްގައިވެސް ސަރާޔާ ގާތުގައި ހުންނަން އޭނާގެ ހިތް އެދޭތީއެވެ. އޭނާގެ ދިރިއުޅުމަށް އިތުރު އެހެން އެއްވެސް ފަރާތެއްގެ ހިޔަނި އެޅޭކަށް އޭނާ ނޭދެއެވެ.

[އަޅެ...އިމޫ...ކައިފިންތަ؟] ސަރާ އެއްސެވެ.

[ފާޑަކަށް ކައިފިން...ދުރުގައި އުޅެން ޖެހުނީމަ ލޯބިވާވަރު ރަނގަޅަށް އިޙްސާސް މިކުރެވެނީ. މަންމައަށް މިހާރު ކުޑަކޮށް ރަނގަޅުހެން ހީވަނީ. މާގިނަދުވަސްތަކެއް ނުވެ އަހަރެންވެސް ތިކޮޅަށް ދާން އެބަ ވިސްނަން.] ޢިމްރާން ބުންޏެވެ.

އެއަށްފަހު ޢިމްރާން ނިޔާޒަށް ގުޅާފައި އެބަގުޅަމޭ ބުނެފައި ފޯން ބޭއްވިއެވެ. ނިޔާޒަކީ ހިންގުންތެރިއެކެވެ. އޭގެ ފުރިހަމަ ހެއްކެކެވެ. ރަށަށްދިޔަ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ސަރާގެ ގެ ތިންބުރިއަށް ހެދުމުގެ މަސައްކަތް ފެށިއެވެ. ކޮންޓްރެކްޓް އުޞޫލުން ބަޔަކާ ޙަވާލުކޮށްގެންނެވެ.

[އިރާދަކުރެއްވިއްޔާ ހަމަސްތެރޭ މުޅިގެ އެއްކޮށް ކޮމްޕްލީޓް ވާނެ. މުޅިންވެސް ފައިސާ މިދައްކަނީ ޗެކްތަކުން. އެންމެ ރަނގަޅެއްނުދޯ.] ނިޔާޒް އޮޅުންފިލުވައިދިނެވެ.

[އަހަރެންވެސް ތިކޮޅަށްދާން އެބަ ވިސްނަން. ނިޔާ ބުނަން. ސަރާޔާ ވަކިން އުޅެން އަހަންނަށް ހާދަ އުނދަގޫވެޔޭ. މިއުޅޭ މަލަކާގެ އުނދަގޫތައްވެސް ހިސާބަކަށް އެބަފޯރާ. ހިތަށްއަރާ މޮޔަ ބޮލަށް އަރައިގެން އުޅޭ އަންހެނެކޭ. އޭނަވެސް ދެން މީހަކާ އިނީމަވީނު.] އޭރު ޢިމްރާނުގެ އަޑު އިވޭ ހިސާބުގައި އޭނާގެ މަންމަ ހުއްޓެވެ. އޭނާ ހުރީ ޢިމްރާންގެ އަޑު ކަނުލާ އަހާށެވެ.

[މިހާރު މަންމަ ރަނގަޅުތަ؟ ރަނގަޅިއްޔާ އަވަހަށް ޢިމްރާން އަންނަންވީ. އޭރުން އަހަރެމެންގެ މަސައްކަތަށް ގޮތެއް ކިޔޭނެއެއްނު.] ނިޔާޒް ބުންޏެވެ.

[މަންމަގެ ޙާލު ގޯސްހެނެއް ހިއެއްނުވޭ. އަހަރެން ގޮތް ނުކިޔަސް ނިޔާޒަށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދިޔައީމާ ރަނގަޅުވާނެ. ނިޔާ ސަރާއަށް ރަނގަޅަށް ވާނުވާ ބަލައްޗޭ.] އޭރުވެސް ޢިމްރާން ދައްކާ ވާހަކަ އަޑުއަހަން މަންމަ ފަހީމާ ހުއްޓެވެ.

[ސަރާ އަބަދުވެސް އުޅެނީ ޢިމްރާން ހަނދާންވާތީ...އެހެންވެ އަހަރެން ބުނެފިން މިހާރު ސަރާ އެނބުރި މާލެ ދިޔަސް ވަރިހަމައޭ. އެކަމަކު އެގޮތެއްވެސް ސަރާއަކަށް ކަމަކުނުދޭ. އޭނަ ބޭނުންވޭ މަންމަގާތުވެސް ވަގުތު ހޭދަކުރަން. ވާނީވެސް އެހެންތާ. ނަޖުމާއްތަ ނިކަން ލޯބިން ބަލާ ބޮޑުކުރި ދަރިއެކޭ އެއީ.] ނިޔާޒް ބުންޏެވެ.

[އަހަރެން އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން، ސަރާ އަހަރެން ދެކެ އެވަރަށް ލޯބިވާނޭ ކަމަކަށް. ނިޔާއަށް އިޙްސާސްވެސް ނުކުރެވޭނެ، އޭނަ އަހަރެންދެކެ ލޯބިވާ މިންވަރެއް. ސަރާ އަހަރެންދެކެ ވަރަށް ވަރަށް ލޯބިވޭ. އެއަށްވުރެން މާބޮޑަށް އަހަރެން ސަރާދެކެ ލޯބިވަން. އަހަންނަށް އެހެންމީހަކުދެކެ ލޯތްބެއް ނުވެސްވެވޭނެ.]

[ކޮންތާކު ހުސްދަޅަ. އޭނަ އެއުޅެނީ އަހަރެމެންގެ މުދަލާއި ފައިސާއާ ހެދި.] ޢިމްރާންގެ އަޑު އަހަން ހުރި ފަހީމާއަށް ހިތާހިތާ ބުނެލެވުނެވެ.

[ދެން ބާއްވަނީ މިދަނީ އޮފީހަށްދާން.] ޢިމްރާން ފޯން ބާއްވައިފިއެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުންދެއެވެ. މިހާރު ސަރާ ރަށަށްދިޔަތާ ދެހަފްތާވީއެވެ. ނަމަވެސް މަންމަ ފަހީމާގެ ޙާލު ދޭތެރެ ދޭތެރެއިން ގޯސްވާ ކަމަށް މަންމައާއި ޢާއިލާގެ ޚާއްޞަ ޑޮކްޓަރ ބުނަމުންދާތީ ޢިމްރާނަކަށް ފުރައިގެންދާކަށް ނުކެރުނެވެ. ފާއިތުވެދިޔަ ކޮންމެ ރެޔަކުވެސް މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި މަލަކާ އައީ މަސައްކަތް ކުރަމުންނެވެ. ކޮންމެ ރެޔަކުހެން ޢިމްރާންގެ ކޮޓަރިއަށް ވަންނަން އޭނާ މަސައްކަތް ކުރެއެވެ. ނަމަވެސް އޭނާއަށް ފުރަތަމަރޭ ލިބުނުފަދަ ކާމިޔާބެއް އިތުރު އެއްވެސް ރެޔަކު ނުލިބެއެވެ. އޭނާއަށްވުރެން ޢިމްރާން މާހުޝިޔާރެވެ. ކޮންމެ ރެޔަކުވެސް އޭނާ ނިދަނީ ކޮޓަރި އެތެރެއިން ތަންޑުވެސް އަޅައިގެންނެވެ. ޑަބަލް ތަޅުދަނޑިން އޭނާ ހުޅުވަފާނޭ ކަމަށްވެސް ޢިމްރާން ވިސްނައެވެ. ފުރަތަމަރޭގެ ތަޖްރިބާއަކީ އޭނާގެ ޙަޔާތުގައިލީ ލަކުނެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ފާއިތުވި ދުވަސްތަކުގައި މަންމަގެ ވިސްނުން ހުންނަގޮތާއި މަލަކާއާ ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑަށް ޢިމްރާނަށް ފާހަގަކުރެވުނެވެ. ނަމަވެސް މަންމަގެ އުންމީދުތައް ފުރިހަމަކޮށްދިނުމަކީ އޭނައަށް ކުރެވޭނޭ ކަމެއް ނޫނެވެ. މަންމަދެކެވާ މައިވަންތަ ލޯބީގެ ޙައްޤުގައިވެސް ސަރާގެ ލޯބި ޤުރްބާން ކުރުމަކީ އޭނާއަށް ކުޅަދާނަވާނޭ ކަމެއް ނޫން ކަމަށް އަބަދުވެސް އޭނާ އަންނަނީ ބުނަމުންނެވެ. އޭނާގެ އަޒުމަކީވެސް އެއީއެވެ. އެއްވެސް ހާލެއްގައި އަމިއްލަ ހިތަށް އަމިއްލަ އަތުން އަނިޔާ ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް މަޖުބޫރީ ޙާލަތްތަކެއް ވާނެއެވެ. އެފަދަ ޙާލަތެއް އޭނާގެ ދިރިއުޅުމަށް ފެންމަތިނުވުމަށް އޭނާ އުއްމީދު ކުރެއެވެ.

[މަންމާ އަދިވެސް ލުޔެއްނުވޭތަ؟ އަހަރެން ވަރަށް ބޭނުން ސަރާ ބަލާ އެރަށަށް ދާން...]ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ މަންމަގެ ކޮޓަރީގައި ހުރެއެވެ.

[ދަރިފުޅު ކޮންމެހެން އެކޮޅަށް ނުދިޔަޔަސް ނިޔާޒާއެކު އެމަންޖެ އަތުވެދާނެއެއްނު. އެހެން ނޫނަސް މަންމަގެ ޙާލަތު ކުޑަކޮށްވެސް ރަނގަޅުވީކީ ނޫނިއްޔަ.] މޭގައި އަތް އަޅާލަމުން ބުންޏެވެ.

[މަންމާ ރަނގަޅު ނޫނިއްޔާ އަހަންނެއް ނުދާނަމޭ. މިހާރު ސަރާމެންގޭގެ އެއްޝީޓް އަޅާ ނިމިއްޖެ. ކުރިއަށް މިއޮތް ހަފްތާއެއްތެރޭ ސަރާވެސް އަންނާނެ.] ޢިމްރާން މަންމަގެ ހިތްހަމަޖައްސާލަދިނެވެ.

އެދުވަހުގެ ރެއެވެ. މަލަކާގެ ޢާއިލާއާއި ޢިމްރާންގެ ޢާއިލާ އެކުގައި އެތިބީ ރޭގަނޑުގެ ކެއުމަށް އިންޞާފު ކުރާށެވެ. އެވަގުތުވެސް މަލަކާ އިނީ ކޮންމެވެސް ރޭވުންތެރި ވިސްނުމެއްގައެވެ. އޭނާ އެވިސްނަނީ ޢިމްރާން އޭނާގެ ބާރުގެ ދަށަށް ގެންނާނޭ ގޮތަކާ ދޭތެރޭގައެވެ. އެހިނދު ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް އަތުވެއްޖެއެވެ.

ކެއުން ހުއްޓާލުމަށްފަހު ކުއްލިއަކަށް އޭނާ ތެދުވެ އަނގަމަތީގައި އެއްއަތް އަޅައިގެން އޭނާ ހިނގައިގަތީ އޯކަށްދެމޭފާޑުވަމުންނެވެ. އޭނާގެ ފަހަތުން އެމަންޒަރު ބަލަން ހުރެފައި ފަހީމާވެސް ހިނގައިގެންފިއެވެ. ފަހީމާއަށް ޝައްކުވިއެވެ. މަލަކާ ވަނީ އޭނާގެ ކޮޓަރި ފާޚާނާއަށެވެ. ފަހަތުން އައިސް ފަހީމާވެސް ކޮޓަރިއަށް ވަނެވެ. އޭރު މަލަކާ ހޮޑުލާ އަޑު އިވެއެވެ.

[ދަރިފުޅާ މަލަކާ ދޮރު ހުޅުވަބަލަ. ކިހިނެއްވީތަ؟] ފަހީމާ ފާޚާނާގެ ދޮރުގައި ޓަކިޖަހަން ފެށިއެވެ. މަލަކާ ދޮރު ހުޅުވާލިއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


23

ސަރުމީލާ

28-Jun-2020

ވަރަށް ހަބޭސް ވަހަކަ އެއް



ޓްރެންޑިން