ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅުވައިގެން ހުޅުމާލޭގެ ފޭސް ދޭއްގައި އުޅޭ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެސްޓީއޯގެ ފިހާރައެއް ފޭސް ދޭއްގައި ހުޅުވަން ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާއެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި، އަދި ބިސް ފަދަތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާ ކަމަށެވެ. އަދި ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދު ކޮށްފައި ހުރުމާއެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނޭ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުން ދާކަމަށެވެ.

އެއާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މާލެއަށް ދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނޭކަމުގެ ބިރާއި ރަނގަޅު ރޭޓެއްގައި ތަކެތިހޯދުމަށް ބާޒާރުމަތީގައި އެއްތަނުން އަނެއްތަނަށް ދުވަންޖެހިދާނޭކަމުގެ ނުތަނަވަސްކަން ރައްޔިތުންގެ އެބައޮތްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އެކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަ ކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު މިއަދު ޓްވިޓާގައިވަނީ، އެ ފިހާރަ ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލަން މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ.

އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ހިދުމަތްވެސް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ފިހާރައިން އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތައް ލިބޭނެ ކަމަށާއި މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮއްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން