ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކޮށްފިއެވެ.

މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮނޮރަބަލް އަޙްމަދު ސަމީރެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙާއި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްެރެކްޓަރގެ އޮފިސަލުންވެސް ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިގ ޑިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ޤާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މިކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމުގައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމުގައިވެސް މެެނޭޖިގ ޑިރެކްޓަރ ހަސަން ޝާޙް ފާހަގަކުރެއްވިއެވެ.



އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި ޓްވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސާއި ހަވާލުކޮށްގެންނެވެ.

އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް މިހާރު ވަނީ ތަޅުދަނޑި ވެސް ހަވާލުކޮށްފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އިން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ ހިޔާ މަޝްރޫއުގެ ސަބަބުން އެކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން