އަބަދުވެސް ރީތިކޮށް ނިޔަވަތި ކަނޑާފައި ބެހެއްޓުމުން ނިޔަވަތީގައި ޖަރާސީމު ހަރުލާފައި ހުންނަ މިންވަރު ކުޑަވާނެއެވެ.
އަބަދުވެސް ރީތިކޮށް ނިޔަވަތި ކަނޑާފައި ބެހެއްޓުމުން ނިޔަވަތީގައި ޖަރާސީމު ހަރުލާފައި ހުންނަ މިންވަރު ކުޑަވާނެއެވެ.
ނިޔަފައްޗަކީ އިނގިލީގެ ކުރިތައް ތަންތަނުގައި ޖެހުމާއި ބުރަ މަސައްކަތްތައް ކުރުމުން އިނގިލިކުރިތަކަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ސެން މާކޯސްގެ ކޮމިއުނިޓީ ހެލްތު ޑޮކްޓަރެއް ވިދާޅުވެފައިވާ ގޮތުގައި ނިޔަފަތިތަކަށް ބަދަލު އަންނަން މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ ކޮންމެވެސް ކަހަލަ ހާނިކައަކާއި ގުޅިގެންނެވެ. އަދި އެއީ ހާސްވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ނިޔަފަތިތަކަށް ބަދަލުއައުމަކީ، ހަށިގަނޑުގައި ބައްޔެއް ހުރުމުގެ އަލާމާތެއްގެ ގޮތުން ދިމާވެދާނެ ކަމެކެވެ.

ސިއްޙަތު ރަނގަޅު މީހުންގެ ނިޔަފަތި އާއްމުކޮށް ހުންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. ތިރީގައި މިވަނީ ނިޔަފަތިތަކުން ބައްޔެއް ހުރިކަން ދެނެގަނެވޭނެ ބައެއްކަންކަމެވެ.

*ބައްޔެއް ހުރިކަން ދެނެގަނެވޭނެގޮތްތައް:

1. ނިޔަފަތި ތުނިވުން:

އައްލެވޭ ކޮންމެވެސް ކަހަލަ ކެމިކަލްއެއްގެ ސަބަބުން ނިޔަފަތިތައް ތުނި ވާގޮތް މެދުވެރިވެއެވެ. މިހެން ދިމާވުމުން، ވަރަށް ފަސޭހައިން ނިޔަފަތި ލެނބުމާއި ބިންދައިގެން ދިޔުންފަދަ ގޮތްތައް މެދުވެރިވެއެވެ. ބައެއްފަހަރު މިގޮތަށް ދިމާވަނީ ޑިޓަރޖެންޓާއި ނުގުޅޭ ނެއިލް ޕޮލިޝް ރިމޫވަރފަދަ ތަކެތި ބޭނުން ކުރެވުމުންނެވެ. ވިޓަމިންގ ބީ، ކެލްސިއަމް ނުވަތަ އަޔަން މާއްދާ މަދުވުމުންވެސް މިގޮތަށް ދިމާވެއެވެ.

2. ނިޔަފަތި ހިކި ކުރަކިވެ ފަޅައިގެން ދިއުން:

ނިޔަފަތި ފަޅައިގެންދަނީ މާގިނައިން ތަށިދޮންނަ މާމާފަދަ ތަކެތި ބޭނުންކުރެވުމުން ނިޔަފަތި ހިކި ވަށައިގެންވާ ހަންގަނޑު ކުރަކިވުމުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިހެންދިމާވަނީ ތައިރޮއިޑްގެ މައްސަލަ ހުރުމުންނެވެ.

3. ނިޔަފަތިތަކުގައި ވަޅުހެދިފައި ހުރުން:

ސޯރިއާސިސްނަމަކަށް ކިޔާ ހަމުގެ ބައްޔެއް ހުރުމުގެ ސަބަބުން ނިޔަފަތީގެ ތަންތަންކޮޅުން ހަންނެއްޓި ވަޅުހެދި އަޑިވެފައި ހުރެއެވެ. ސޯރިއާސިސްއަކީ ހަންގަނޑު ކުރަކިވެ، ހިރުވައި ހަންގަނޑުގައި ފާރުހެދުމަށް މެދުވެރިވާ ހަމުގެ ބައްޔެކެވެ.

4. ނިޔަފަތީ އެކިދިމާލުން އުސްވެފައިހުރުން:

ނިޔަފަތި އެއްވަރެއްގައި ހުރުމުގެ ބަދަލުގައި އުސްވެފައި ހުންނަނީ ނިޔަފަތި ދިގުވާ މިންވަރު ދަށްވުމުންނެވެ. ނުވަތަ އެއްކޮށް ނިޔަފަތި ދިގުވުން ހުއްޓުމުންނެވެ. މިހެން މެދުވެރިވަނީ ހަކުރުބަލި ހުންނަ މީހުންނަށެވެ.

5. ހުދުކުލައިގެ ތިކިތަކެއް ހުރުން:

ނިޔަފައްޗަށް ގެއްލުމެއް ލިބުމުންނާއި މެނިކިއުއަރއިން ތަކުރާރުކޮށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން މިގޮތަށް ހުދު ތިކިތަކެއް ނިޔަފތީގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، އެއީ އެހާ ސީރިއަސް ކަމެއް ނޫނެވެ. ނަމަވެސް، ހުދު ތިކި ހުރުމަކީ، ޒިންކް މަދުވުންނާއި ، އެލާރޖިކް ރިއެކްޝަނުންނާއި އަދި ފަންގަލް އިންފެކްޝަނަކުންވެސް މެދުވެރިވެދާނެކަމެކެވެ.

6. ނިޔަފަތިތައް ނޫ ވުން:

ނިޔަފަތި ނޫވުމަކީ އޮކްސިޖަން ލެވަލް ދަށްވުމުގެ އަލާމާތެކެވެ. އޮކްސިޖްން ދަށްވުމުގެ މައްސަލައެއް ޑައިގްނޯސްކޮށްފައި ނުވާމީހެއް، ނިޔަފަތި ނޫ ވާނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމުކަމެކެވެ.

7. ނިޔަފަތިތައް ރީނދޫވުން:

އިންފެކްޝަންއެއްގެ ސަބަބުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނިޔަފަތި ރީނދޫވެއެވެ. އަދި ބައެއް ހާލަތްތަކުގައި ތައިރޮއިޑް މައްސަލަ، ފުއްޕާމޭގެ މައްސަލަ އަދި ހަކުރު ބަލީގެ ސަބަބުންވެސް މިގޮތަށް ދިމާވެއެވެ.

8. ނިޔަފަތީގެ ދަށުގައި ކަޅު ރޮނގެއް ހުރުން:

މިގޮތަށް ދިމާވުމަކީ މެލަނޯމާގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. މެލަނޯމާއަކީ ހަމުގެ ކެންސަރުގެ ވައްތަރެކެވެ. މިގޮތަށް ހުންނަނަމަ، ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ.

މިކަހަލަ ބަދަލުތަކެއް އައުމަކީ ޑޮކްޓަރަށް ދެއްކުން ލާޒިމްކުރާ ކަމެއް ނޫންނަމަވެސް، އެކަމާއިއެކު އިތުރު ޞިއްޙީ މައްސަލަތައް ދިމާވާނަމަ ޑޮކްޓަރަށްދައްކައި ފަރުވާހޯދަންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން