ދިވެހިރާއްޖޭގެ އިޤްތިޞާދީ މަންފާއަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާރބަން ބޮލަވާރޑް މަޝްރޫޢުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި 6 ފަރާތަކާއިއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މީގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.

އެގޮތުން ބްރަދާސް ކޭޓަރިންގ އިން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންގގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ މުހައްމަދު ޝައިފްއެވެ. އަދި ރެފްކޫލްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރ އަހުމަދު ނިހާދް އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަން ހަމަޖެހިފައިވާ ކެފޭ  އެއްބަސްވުމުގައ ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފަޒީލެވެ.

މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަނީ މި ސަރަހައްދުގައި ކެފޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަހުސަން ޒާހިރުއެވެ.

ދިވެހިރާއްޖޭގައި ހިންގާ ނަން މަޝްހޫރު ފްރޭންޗައިޒެއް ކަމުގައިވާ ޑައިނެމޯ ރެސްޓޯރެންޓްވެސް މި ސަރަހައްދުގައި ޤާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑައިނެމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ އަލީއެވެ.

ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވަރޑް ޤާއިމު ކުރާ އެއްމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓަރސްގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ހުސެއިން އެވެ. އެޗް.ޑީ.ސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމްއެވެ.

 

އާރބަން  ބޮލެވަރޑް ނިމިގެން ދާއިރު، މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްޤީ އާ ބަދަހިވަންތަ މުޖުތަމަޢު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ތަރައްޤީ ކުރެވިފައި ހުންނަ ބޮލެވަރޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާރބަން ބޮލެވަރޑް ވެސް ވެގެން ދާނީ، ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށެވެ. އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާޢިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަޤުބޫލު ސަރަހައްދަކަށްވެސް އެސަރަހައްދު ވެގެންދާނެ ކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.

މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެއެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް އެސަރަހައްދުގައި ޤާއިމު ކުރެވިގެން ދާނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގާ ކެފޭ ރެސްޓޯރަންޓުތަކަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބެން ހުންނާނެއެވެ. އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށެމް ކަމަށް އެޗްޑީސީން ބުނެއެވެ.

ވެރި ރަށް މާލެ އާއި ބްރިޖަކުން ގުޅިފައިވާ ހުޅުމާލެ އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ތަހުޒީބް ރަށަކަށް ހެދުމަށް ރާއްޖޭގެ އެއްމެ ބޮޑު އާރބަން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރަށުގެ ސާފުކަމާއި، އުމްރާނީ އަދި އަސާސީ ގޮތުން ބޭނުންވާނެ ހުރިހާ ފަންތިއެއްގެ ތަރައްޤީގެ ޗާޓުތަކާއި ޕްލޭންތައް ހަޤީޤަތަކަށް ހެދުމަށް އެޗް.ޑީ.ސީގެ ޓީމުން އާއްމުންގެ ހިޔާލާއި އެއްގޮތަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ޤައުމުތަކުން ވެސް ލިބޭ ޚިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް މިހާރުވެސް ދަނީ އިތުރު ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން