ޞާދިރު ޢަލީދީދީ   26 މާރިޗު 2023 - 14:9
މާތް ﷲ ސިފަކުރެވޭ މީހުންނަކީ އެކަލާނގެ ކިބަފުޅަށް އެންމެ ބޮޑަށް ބިރުވެތިވާ މީހުން
މާތް ﷲ ސިފަކުރެވޭ މީހުންނަކީ އެކަލާނގެ ކިބަފުޅަށް އެންމެ ބޮޑަށް ބިރުވެތިވާ މީހުން
މާތް ﷲ ގެ ތެދުވެތި އަޅުންނަކީ އެކަލާނގެ ރަސްކަންފުޅާ އެކަށޭނެ މަތިވެރިކަމާއި މާތްކަމާއެކު އެކަލާނގެ ރަސްކަންފުޅު މަޢުރުފާކޮށްގަންނަ މީހުންނެވެ. އޭގެ އަސަރުން އެބައިމީހުންގެ ކިބައިގައި މާތް ﷲ ހަނދުމަކުރުމުގެ ފޯރިއާއި ޖޯޝް އުފެދޭ މީހުންނެވެ. އެބައިމީހުންގެ ހިތްތަކަށް އެކަލާނގެ ރަސްކަންފުޅު ސިފަވެގެންދާ ހައިބަވަންތަކަމުން ހިތްތައް ރޫރޫއަޅައި ލޯލިތައް ކޮޅަށްޖެހޭ މީހުންނެވެ. އެބައެއްގެ ހިތްތަކަށް މާތް ﷲ ސިފަކުރެވޭ މީހުންނަކީ އެކަލާނގެ ކިބަފުޅަށް އެންމެ ބޮޑަށް ބިރުވެތިވާ އަދި އެކަލާނގެ ރަސްކަންފުޅުދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނެވެ.

މިގޮތުން އެބައެއްގެ ހުރިހާ ސަމާލުކަމެއްގެ މަރުކަޒެއްކަމުގައި އެކަލާނގެ ރަސްކަންފުޅު ހިމެނިފައިވާ މީހުންނެވެ. އެފަދަމީހަކު ޤުރްއާން ކިޔަވާން ފަށާއިރަށް އޭނާގެ ހިތުގެއަޑީން ގޮވައިލެވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާއަށް ތެދުމަގު ދެއްކެވުމަށް ކުރައްވައިފައިވާ އިންތިޒާމު ހާދަ ފުރިހަމައެވެ. އިބަރަސްކަލާގެ މިފަދަ ނިޒާމެއް ނުއުފެއްދެވިނަމަ މިއަޅާހުރީހީ ޖާހިލުކަމުގެ އަނދިރީގެ ތެރޭގައި ގަނަތެޅިތެޅިއެވެ. އޭނާ މާތް ރަސްކަލާގެ ސުންނަތާމެދު ވިސްނައިލުމާއެކު އޭނާގެ ވުޖޫދު ދާނީ އެމަތިވެރި މަޢުލޫމާތުގެ ސަބަބުން އުފަލުން ފުރިގެންނެވެ. އޭނާގެ ހިތަށް އަރާނެެއެވެ. މިއީ މާތް ﷲ ގެ ކިހާމަތިވެރި ރޭއްވެވުމެއްހެއްޔެވެ؟

އެކަލާނގެ ނަބިއްޔާގެ ޙަޔާތްޕުޅު ހިމަނުއްވާފައިވަނީ އެއްވެސް ކިލަނބުކަމެއްނެތް ފުރިހަމަ ނަމޫނާއެއް ކަމުގައެވެ. އަދި އެނަމޫނާވަނީ އަބަދަށްޓަކައި އަލިކަން ރައްދުކޮށްދޭ މުންނާރެއް ފަދައިން ތާރީޚުގައި ރައްކާތެރި ކުރައްވާފައެވެ.

ﷲ ގެ ތެދުވެރިއަޅާ ސަޖިދަކުރާއިރު، އޭނާގެ ނިތްކުރި ބިންމަތީގައި ޖައްސާލާއިރަށް އޭނާއަށް އިޙްސާސް ކުރެވޭނީ އޭނާގެ ވެރި ރަސްކަލާނގެ އެކަލާނގެ ރަޙްމަތްވަންތަކަމުގެ ތެރެއަށް އޭނާ ވައްދަވާހެންނެވެ. އޭނާގެ އަރުން ކާއެއްޗެއް އެތެރެކޮށްލުމާއެކު އެކަލާނގެ އިޙްސާންވަންތަކަން ޤަބޫލުކުރުމުގެ ރާޅެއް އޭނާގެ މުޅި ހަށިގަނޑުގައި ދަތުރުކުރާ ކަހަލައެވެ. އޭނާގެ ހިތަށް އަރާނެއެވެ. ތިމަންގެ ހަށިގަނޑު ބޮޑުކުރެއްވުމަށްޓަކައި މިފަދަ ފުރިހަމަ ކެއުމެއްގެ އިންތިޒާމު ކުރެއްވި ކަލާނގެ ކުޅަދުންވަތަކަމުގެ ބޮޑުކަމާއެވެ! އޭނާ ފެންފޮދެއް ބޯލާއިރަށް އޭނާގެ ލޮލުންވެސް ފެންއާރެއް ހިނގައިގަނެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބުނެލެވެއެވެ. އޭ މާތްކަލޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ ފެންބުއިމުގެ އާލާކަނޑުވައި ނުދެވިއްޖެ ނަމަ މިއަޅާގެ ފެންބުއިމުގެ އަލައެއް ނުކެނޑުނީހެވެ. އިބަރަސްކަލާނގެ މިއަޅާއަށް ފެން ނުދެއްވިނަމަ މިއަޅާއަށް އެއްވެސްތަނަކުން ފެނެއް ނުލިބުނީހެވެ.

********

* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން