ޞާދިރު ޢަލީދީދީ   1 ޖުލައި 2020 - 14:20
ސަރާ
ސަރާ
އެޕިސޯޑް 12

...............

ޝަހީދު ފުރަތަމަވެސް އެޚަބަރު ދިނީ މަލަކާއަށެވެ. އެއީ މަލަކާއަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ.

[ޝަހީދު ތީ ބެސްޓް. ޝަހީދުގެ ތިމަސައްކަތުން މިހާރު ހިސާބަކަށް ޢިމްރާން އަހަންނާ ދޭތެރޭ ވިސްނާ...ހަމަގައިމުވެސް އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅާ ދޭތެރޭ ވިސްނާނެތާ....] އުފާވެފައި ހުރެމެ މަލަކާ ވާހަކަ ދެއްކީ ޝަހީދާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ޝަހީދުގެ ކްލިނިކުތެރޭގައެވެ.

[އެކަމަކު ޝަހީދު މިއިން ކަމެއް ފަޅާއަރައިފިއްޔާ އަހަރެންގެ ހުރިހާ މަސައްކަތެއް ވަޔަށް ބުރައިގެންދާނޭކަން ދަންނަންވާނެ.] އެކަން ފަޅާއަރާފާނެތީވެސް އޭނާ ބިރުގަނެއެވެ.

އޭގެ މަސްތަކެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއްވެ ހާލުބޮޑުވެ އައި.ޖީ.އެމް.އެޗް.ގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ފަރުވާ ކުރަމުން އައި ރައްޒާޤު ހިސާބަކަށް ރަނގަޅުވުމުން ވޯޑަށް ބަދަލުކުރި ދުވަހަކީ މަލަކާވެސް އޭނާގެ ކްލާސްމޭޓަކު އެޑްމިޓްކޮށްފައި އޮތަތީ ހޮސްޕިޓަލަށް ޒިޔާރަތްކުރި ދުވަހެކެވެ. އިއްތިފާޤަކަށްވެސް ވެދާނެއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި ރައްޒާޤު އައި.ސީ.ޔޫ. އިން ނެރުނު ވަގުތަކީ މަލަކާއާއި މީޝާ އެތާ ކުރިމަތިން ހުރަސްކުރި ވަގުތެވެ.

ރައްޒާޤަށް ހަމަ ރަނގަޅަށްވެސް މަލަކާ ފެނުނެވެ. ރައްޒާޤު މަލަކާއަށް ގޮވިވެސްމެއެވެ. ނަމަވެސް މަލަކާއަށް އެއަޑު ނީވުނީކަންނޭނގެއެވެ. އޭނާ ފަސްއެނބުރި ބަލައެއްނުލައެވެ.

[މަލަކާ...މީހަކު އެބަގޮވާ...ނީވޭތަ އަޑެއް؟] ރައްޒާޤު ދެވަނަފަހަރު ގޮވިއަޑު އިވުމުން، މީޝާ މަލަކާ އެއަޑަށް ސަމާލުކުރުވިއެވެ. ޙަޤީޤަތުގައި ކުރިން ރައްޒާޤު ގޮވިއަޑެއް މަލަކާއަކަށް ނީވެއެވެ.

[މަލަކާ....] އަނެއްކާވެސް އެއަޑު ތަކުރާރުވިއެވެ. އޭނާ ފަސްއެނބުރި ބަލައިލީ ދެނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ރައްޒާޤު ފެނުމުން ހިސާބަކަށް ހުއްޓުންއެރި ނަމަވެސް އޭނާ މަޑެއް ނުކުރެއެވެ. އެދިޔަގޮތަށް ގޮސް ރައްޒާޤުގެ ކުރިމަތިން އޮބާލައިފިއެވެ. އެހިނދު ރައްޒާޤުގެ އެހީތެރިޔަކަށްހުރި އޭނާގެ ކޮއްކޮ ރާޤިބު، ބޭބެ ގޮވީ ކާކަށްހޭ އެހީމަވެސް އެއީ ކާކުކަން އަންގާލާނަމޭވެސް ރައްޒާޤުގެ ހިތަށްއެރިއެވެ. ނަމަވެސް މަސްލަޙަތަށްޓަކައި އޭނާ އެކަން ސިއްރުކޮށް އެއީ ދަންނަ ރައްޓެއްސެއް ކަމަށް ބުނެފިއެވެ.

[ބޭބެގެ ރައްޓެއްސަކަށްވީއިރު ކީއްވެތަ އޭނަ ބޭބެގެ ޙާލުދެކެލަން ނައިސް އެދިޔައީ...އެއީ އެއްވެސް ރަޙްމެއްނެތް ރައްޓެއްސެއް...] ރާޤިބު ބުންޏެވެ.

[އަޅާނުލާ...އަހަރެން މިޙާލުގައި އިނީމާ އޭނާއަށް ނޭނގުނީ ކަމަށްވާނީ...ރާޤިބު ބޭބެއަށް އަދި ހިނގޭނޭ ޑޮކްޓަރު ބުނިތަ؟] މާޔޫސްވެފައިވާ ރައްޒާޤު ކޮއްކޮ ގާތު އެއްސެވެ.

[އާނ..ބޭބޭ މާގިނަ ދުވަހެއްނުވެ އަމިއްލައަށް ހިނގާ އުޅެވޭވަރުވާނޭ ޑޮކްޓަރުން ބުނަނީ.....] ރާޤިބު ރައްޒާޤުގެ ހިތްހަމަޖައްސާލަދިނެވެ.

އެދުވަހު ގެއަށްގޮސް މަލަކާ ރައްޒާޤުގެ ޙާލަތާ ދޭތެރޭ ވަރަށް ވިސްނިއެވެ. ރައްޒާޤު އެވަރަށް ގޮވިއިރުވެސް ރައްޒާޤު ގާތަށް ނުގޮސް އާދެވުނީމާ އޭނާ ދެރަވެސްވިއެވެ. އެކަމަކު އޭނާ އެވަގުތު އެގޮތަށް ކަންތައް ކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނާފައެވެ.

ރައްޒާޤު ހޮސްޕިޓަލްތެރޭ އޭނާ ފަޟީޙަތްކޮށްފާނޭ ހިތަށްއަރާފައި، އޭނާ ޖެހިލުންވެ ފަސްޖެހުނީއެވެ.

އޭނާގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން ޙަޤީޤަތް ފަޅާއަރަފިއްޔާ އޭނާގެ ދިރިއުޅުން މުޅިން ބަރުބާދު ވެދާނޭ ކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާ މަސައްކަތް ކުރަމުންދަނީ އެކަން އެގޮތަށް ވިޔަނުދިނުމަށެވެ.

[އެދުވަހު ހޮސްޕިޓަލްތެރޭން މަލަކާއަށް ގޮވި ބަލިމީހަކީ...މަލަކާ ދަންނަ މީހެއްތަ؟] މީޝާ ކުރީދުވަހު ދިމާވި ކަންތަކާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

[ދަންނަ މީހަކާ ވައްތަރީ. ވެދާނެއެއްނު މޮޔަޔަކަށްވެސް.] މަލަކާ ކޮނޑުއަރުވާލިއެވެ.

[އެހެންތަ؟ މިގޭގައި އުޅޭ ސަރާ މިހާރު ކިހިނެއް. އަދިވެސް މިގެއިންދާކަށް ނޫޅޭތަ؟] މިހާރު މަލަކާއަށް ޖާސޫސް ކުރުމުގައި އެހީތެރިވަމުންދާ މީޝާ މައުޟޫޢު ބަދަލުކޮށްލިއެވެ.

[އުޅޭ އަދިވެސް. އެކަމަކު...މިހާރު ކުރިއާ ޚިލާފަށް ޢިމްރާންގެ ލޯބި އަހަންނަށް ލިބޭ. އެހެންތާވާނީވެސް ސަރާއަށް ދަރިން ނުލިބޭވިއްޔަ....] އެތަނަށް ފަހީމާ އައިސް ވަނީ މަލަކާ އެހެން ބުނިތަކާހެންނެވެ.

[ދަރިފުޅާ...އަބަދު ކޮޓަރިތެރޭ ތިބޭކަށް ނުވާނެ. ނިކަން އައިސްބަލަ ސިޓިންގރޫމަށް.] ކޮޓަރިއަށް ބޯދިއްކޮށްލާފައި މިހެން ބުނެފައިމެ ފަހީމާ ގޮސް ސިޓިންގރޫމްގައި އިށީނެވެ. މަލަކާއާއި މީޝާވެސް ނިކުތެވެ. އެއީ ސަރާ އެމީހުންގެ ކުރިމަތިން ގޮސް ބަދިގެއަށް ވަން ވަގުތެވެ.

[ކިތަންމެ ރީއްޗަށް ހެދުން އަޅައިގެން ނަލަހެދިގެން ހުއްޓަސް، ދަރިމައިނުވާ އަންހެނަކީ ފުރިހަމަ ކުޅެދޭ އަންހެނަކަށް ނުވާނެ. ކިތަންމެ ލޯބިން ކުރި ކައިވެންޏެއް ކަމުގައިވިޔަސް، ދަރިން ނުލިބެންޏާ ފިރިމީހާ ފޫހިވާނެ.] ސަރާއަށް އަޑު އިއްވުމުގެ ގަސްދުގައި ފަހީމާ ބުންޏެވެ. މަންމަގެ އެޖުމްލަތަކުން ސަރާއަށް ހީވަނީ އޭނާގެ މޭގައި ވަކިއަޅައިގަތްހެންނެވެ.

[އަހަންނަށް ދަރިން ނުލިބުން އެއީ އަހަރެންގެ ކުށެއްތަ؟] ސަރާއަށް ރޮވުނެވެ. އޭރު އޭނާގެ ގާތުގައި އެގޭގައި އުޅޭ ބިދޭސީ އަންހެންމީހާ ރުމާލީ ހުއްޓެވެ.

[ސަރާ ކީއްވެތަ ރޮނީ؟ މެޑަމް މައްސަލަދޯ.] ރުމާލީ އެއްސެވެ.

[އެމީހުން ބޭނުންވަނީ އަހަރެން މިގެއިން ނެރެލަން. އެމީހުން ލޯބިވަނީ މަލަކާދެކެ....] ސަރާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[އެމީހުން ވާހަކަ ޢިމްރާން ގާތު ބުނަންވީނު.] ރުމާލީއަކީ އަބަދުވެސް ސަރާއަށް ހަމްދަރުދީވާ މީހެކެވެ.

[ނޫން...ނަމަނަމަ އެކަހަލަ އެއްވެސް ވާހަކައެއް ރުމާލީވެސް ނުބުނާތި. ގޭތެރޭގެ މަޞްލަޙަތު ގެއްލުވާކަށް އަހަރެން ބޭނުމެއް ނޫން.] ދެލޯ ފޮހެލަމުން ސަރާ ބުންޏެވެ.

[އަބަދު ކީއްވެ މެޑަމް ސަރާއަށް މާރުޅި އަންނަނީ...އަހަރެން ޢިމްރާން ގާތު ބުނަން ބޭނުން.] ސަރާ ރޮއި ހިތާމަ ކުރާ މަންޒަރު އެންމެ ގާތުން ދެކޭ މީހަކީވެސް އޭނާއެވެ.

ސަރާގެ ގެ ފުރިހަމައަށް ނިންމުމަށްފަހު ނިޔާޒް މާލެއައީ މަލަކާއާއި ޢިމްރާންގެ ކައިވެންޏަށް ފަސްމަސް ފުރި ހަމަހަށް އެޅެނިކޮށެވެ. މާލެ އައުމުގެ ކުރިން ޢިމްރާން ދެއަންބަށް މަލަކާއާ އިންވާހަކައެއް ޢިމްރާން ނިޔާޒް ގާތަކު ނުބުނެއެވެ. ފެށުނީއްސުރެން އޭނާ ބުނަމުން އައީ ނިޔާޒް މާލެ އައުމުން ސަޕްރައިޒެއް ލިބޭނެ ކަމަށެވެ.

[ތީ ކީކޭ ހިތަށްއަރައިގެން ކޮށްގެން އުޅޭ ކަމެއް. ސަރާ ކިހާ ދެރަވާނެ.] ފުރަތަމަ ނިޔާޒަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ނިޔާޒާއި އިމްރާން ވާހަކަ ދައްކަން ިބީ އެގޭގެ ޓެރަސްމަތީގައެވެ.

[ހައްތާވެސް މަންމަމެންގެ ކަންތައް. ފަހުން ފައިދާވެސް ކޮށްފި....ސަރާއަށް ދަރިން ނުލިބޭ. މިހާރު މަލަކާ އެއިނީ އަހަރެންގެ ދަރިޔަކަށް ބަލިވެ....މިހާރު އެކައިވެނިން ހިތްހަމަޖެހުން ލިބިއްޖެ.] އެއީ ޓެރަސް މައްޗަށް ސަރާ އެރިވަގުތު ކަމަށްވުމާއެކު، އިމްރާންގެ އެޖުމްލަ ސަރާއަށް އަޑުއިވުނެވެ. ވުމާއެކު އިތުރަށް ޢިމްރާންމެން ދައްކާ ވާހަކަ އަޑުއަހާލުމަށްޓަކައި އެވެރިންނަށް ނުފެންނާނޭހެން ސަރާ މަޑުކޮށްލިއެވެ.

[މާނައަކީ ސަރާއަށް ދަރިން ނުލިބޭތީ ޢިމްރާން މިހާރު ސަރާމަތިން ފޫހިވެއްޖެއޭތަ؟] ނިޔާޒް ހުރީ ޢިމްރާންގެ ނިންމުންތަކާ ދޭތެރޭ ހިތްހަމަނުޖެހިފައެވެ.

[ފޫހިވީކީނޫން. އެކަމަކު...އަހަރެންވެސް ބައްޕައަކަށްވާން ބޭނުންވާނެއެއްނު.] ސަރާ ބޮޑަށް ދެރަވީ ޢިމްރާންގެ އެޖުމްލަ އަޑުއިވުނީމައެވެ. އިސާހިތު އޭނާއަށް ރޮވިއްޖެއެވެ. ނަމަވެސް އޭނާ އެއަޑު އޭނާއަށް އިވުނު ކަމަށް ހެދޭކަށް ބޭނުންނުވާތީ...ސިއްރުން އޭނާ އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބަޑި ފަޅައިގެންދިޔައީ އޭނާ ކޮޓަރިއަށް ވަދެވުމާ އެކުގައެވެ. އޭރުވެސް ޢިމްރާންމެން ވާހަކައިގައި ތިއްބެވެ.

[ގެ މުޅިން ނިމިއްޖެދޯ؟ އަހަރެންވެސް ގަސްދުކުރަން ގެ ބަލައިލަން ރަށަށް ގޮސްލަންވެސް. އެކަމަކު ދެން ރަށުން ބޭރަށް ދެވޭނީ މަލަކާ ވިހެއީމާ...އަހަރެން ބައްޕައަކަށްވާއިރު މަލަކާ ގާތުގައި ހުންނަން ބޭނުންވޭ....] ޢިމްރާން ބުންޏެވެ.

[މިހާރު ސަރާއަށްވުރެން މަލަކާދެކެ މާލޯބިވޭދޯ. ޢިމްރާންގެ ވާހަކަތަކުން އެހެން ހީވާކަހަލަ....] ނިޔާޒް މީހަކު އާދޭތޯ ވަށައިގެން ހޯދާލުމަށްފަހު އެއްސެވެ.

[ސަރާވެސް މިހާރު ތިހެން ބުނޭ. އެކަމަކު...މަލަކާ އަހަރެންގެ ދަރިޔަކަށް ބަލިވެ އިންއިރު އަހަރެންގެ އަޅާލުމާއި އޯގާތެރިކަން އިންތިހާއަށް ބޭނުންވާނޭކަން ސަރާވެސް ދަންނަންވާނެ...ޙަޤީޤަތް ޤަބޫލުކުރަންވާނެ ކޮންމެ މީހަކުވެސް.] ދިފާޢުގައި ޢިމްރާން ބުންޏެވެ.

[ތިނޫން ވާހަކައެއް ނޫން. އެކަމަކު ޢިމްރާންވެސް ސަރާ ގާތުވީ ވަޢުދުތައް ހަނދާން ނައްތާލައިގެންނުވާނެ. އަހަންނަކީ ވާހަކަ އުފުލަދީ، ކަލޭމެން ދެލޯބިވެރިންގެ ގޮތުގައި ގުޅުވައި، ދެމަފިރިންގެ ގޮތުގައި ގުޅުވާލަދިން މީހާ.....އެކަކު އަނެކަކަށް ކަލޭމެންވީ ވަޢުދުތަކާއި ހުވާތައް އެންމެ ރަނގަޅަށް ދެނަހުރި މީހަކީ އަހަރެން....] ނިޔާޒް ދުވަސްކޮޅެއްގެ ކުރީގެ މާޒީ ޢިމްރާނަށް ހަނދާންކޮށްދިނެވެ.

[އަހަރެން ވަޢުދު އުވައެއްނުލަމެއްނު....އެހެން ނޫނަސް ވަޢުދުތަކާއި އަޙުދުތައްވީއިރަކު މިހެން ވެދާނޭ ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިއެއްނުކުރަން.]

[އަހަރެން ފަހަތުގައި ހުރެގެން ކުރި ކަމަކަށްވެސްވާތީ....ސަރާއަށް ދެރައެއް ލިބޭފަދަ ކަމެއް މެދުވެރިވުމަކީ އަހަރެން ވަރަށް ދެރަވެ ވިސްނަންޖެހޭނެ ކަމެއް....] ނިޔާޒް ބުންޏެވެ.

[މަލަކާ އަހަރެންގެ ދަރިޔަކު ވިހެއުމަކީ ސަރާއަށް ލިބޭ ދެރައަކަށް ނުވާނެ....] ޙަޤީޤަތުގައިވެސް މިހާރު ޢިމްރާންގެ ހިތް މަލަކާއަށް އެދޭހެން ހީވެއެވެ. ކޮންމެ ފަހަރަކުވެސް މަލަކާގެ ބަނޑުގައިވާ ދަރިފުޅާ ވިއްދައިގެން އޭނާ މަލަކާ ދިފާޢުކޮށް ވާހަކަ ދައްކައެވެ.

ވުމާއެކުވެސްމެއެވެ. މިހާރު ސަރާއަށް އެގެއިން އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށް ސަރާ ގަބޫލު ކުރެއެވެ. ބައެއްފަހަރު ހިތަށްވާ ތަދުގެ ސަބަބުން ފުރައިގެން ރަށަށްދާންވީއޭވެސް އޭނާގެ ހިތަށް އަރައެވެ. ނަމަވެސް އޭނާ އެގޮތަށް ކަންތައް ކޮށްފިއްޔާ އޭނާގެ މަންމަ ނަޖްމާ ދެރަވެ ހިތާމަ ކުރާނޭވަރު އޭނާއަށް އިޙްސާސް ކުރެވެއެވެ.

އޭނާގެ މަންމަ ނަޖުމާ އޭނާ ޢިމްރާނާ ޙަވާލުކުރީ ވަރަށް ފޮނި އުންމީދުތަކަކާއި އިތުބާރެއް ކޮށްފައެވެ. ވުމާއެކުވެސްމެއެވެ. މަންމަގެ ކުރިމަތީގައި ޢިމްރާންގެ ޤަދަރު ކުޑަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ އެގޮތް ބޭނުންނުވި ކަމުގައިވިޔަސް، ކޮންމެ އިންސާނަކަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ކޮންމެވެސް ދުވަހަކުން އެކެތްތެރިކަން ކޮޅުންލާނެއެވެ. މިހާރުވެސް ސަރާއަށް ކިރިޔާ ކެތް ކުރެވެނީއެވެ. ބައެއްފަހަރު ޢިމްރާން ގާތު އޭނާގެ މަންމަ ކަންތައްކުރާ ގޮތް ކިޔާދީފާނަމޭވެސް ހިތަށް އަރައެވެ.

އޭނާއަކީ ހިތުގެ އުދާސްތައް ބޭރުކޮށްދޭނޭ ގާތް ރަޙްމަތްތެރިޔަކުވެސް ހުރި މީހެއް ނޫނެވެ. ހިސާބަކަށް ރައްޓެހި އަންހެން ކުދިންވެސް ތިބީ އޭނާގެ އުފަން ރަށުގައެވެ. ރަށުގައި ހުރިނަމަ މިހާރު އެއިން ކޮންމެވެސް އަންހެން ކުއްޖަކަށް އޭނާގެ ހިތުގެ އުދާސްތައް ކިޔާދިނީހެވެ.

[ރޯލަ ރޯލާ ހުރުން ނޫން ގޮތެއް އަހަންނަކަށް ނޯންނާނެ...އަހަރެންގެ ފެށުން އައިސްފައި ވަނީވެސް ނުހަނު ހިތާމައާއި ހިތްދަތިކަމުން.] އޭނާގެ އަމިއްލަ ޙާލަތާ ބެހޭގޮތުން ވާހަކަ ދައްކަންވެސް ހުރީ އެގޭގައި ހުންނަ ސިލޯނު އަންހެން މީހާ ރުމާލީއެވެ. ވުމާއެކުވެސްމެއެވެ. ރުމާލީ އަބަދުވެސް ސަރާއަށް ހަމްދަރުދީވެއެވެ. އޭނާގެ ވާހަކަތަކުން ދޭހަވާ ގޮތުގައި އޭނާ މަލަކާއާ ދޭތެރޭ މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. އޭނާ ބުނަނީ މަލަކާއަކީ ވަރަށް ބޮޑާ ނިކަން ކިބުރުވެރި އަންހެނެއް ކަމަށެވެ.

[މަލަކާ ކީއްކުރަންތަ ސަރާގެ އުފާތަކަށް އަރައިގަންނަންވީ. ސަރާ ދެރަނުވޭ. ޢިމްރާން ބޮޑަށް ލޯބިވަނީ ސަރާދެކެ.] ރުމާލީ ސަރާއަށް ހިތްވަރުދިނެވެ. ކޮންމެ ދުވަހަކުވެސް އެފަދައިން ތަކުރާރުކޮށް އޭނާ ސަރާއަށް ހިތްވަރުދެއެވެ.

އެހެން ނަމަވެސް، އެގޭތެރޭގައި އެއްވެސް ބާރެއްނެތް އާދައިގެ ނޯކަރެއްގެ ހިތްވަރަކުން ސަރާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.

ނަމަވެސް އޭނާ ހިތުގެ އަޑިން ރުމާލީއަށް ޝުކުރު އަދާކުރެއެވެ. މިހާރަކަށް އައިސް އޭނާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާ މީހަކަށް އެގޭތެރޭގައި އުޅޭހާވެސް މީހަކީ އެއީއެވެ. ގިނަވަގުތު ޢިމްރާނަށްވެސް އުޅެންޖެހެނީ މަލަކާގެ ޚިދްމަތުގައެވެ. ދޭތެރެއަކުން މަލަކާ ބަނޑަށް އުނދަގޫވަނީއޭ ކިޔާފައި ޢިމްރާނަށް ގޮވައިގެން ހޮސްޕިޓަލަށްދެއެވެ. ހީވާ ކަހަލައެވެ. މަކަރު ހަދައިގެންވެސް އޭނާ ބޭނުންވަނީ އަބަދުވެސް ޢިމްރާން އޭނާގެ ގާތު އޭނާގެ ޚިދްމަތުގައި ބަހައްޓާށެވެ. ސަރާ ދެރަކޮށް ހިތުގައި ޖެއްސުމުގެ ގަސްދުގައެވެ.

[އިމޫ....އިމޫއަށް މިހާރު އަހަރެންގާތު މިނެޓަކަށްވެސް މަޑުކޮށެއްނުލެވޭ...ނޭނގެނީތަ އަހަރެން އަޅެ އަހަރެން ދެރަވާނޭކަން...] ފުރަަތަމަފަހަރަށް ސަރާ ޝަކުވާ ކުރީ ޢިމްރާން ސަރާ ގާތު ނުނިދާތާ ހަފްތާއެއްވީ ފަހުންނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އެހެން ނޫންނަމަ ސަރާއެއް ފިރިމީހާގެ ކުރިމަތީގައި ޝަކުވާ ނުއުފުލާނެއެވެ.

[އޭނަގެ ބަނޑުގައިވާ އަހަރެންގެ ދަރިފުޅުގެ ޙައްޤުގައި އޭނާއަށް އަޅާލަން އަހަންނަށް މަޖްބޫރު. އެހެން ނޫނަސް އަހަންނަކަށް ނޭނގެ މިވާގޮތެއް..އޭނަ ވިހަން ކައިރިވާ ވަރަކަށް އޭނަ ފެންނަފަށުގައި ގިނަވަގުތު ހުރުމަށް ހިތް އެދެނީ....] ޢިމްރާންގެ އެއްވެސް ފޮރުވުމެއް ނެތެވެ. އޭނާ ހިތް ސާފުކޮށް ސަރާއަށް ދައްކަމުން ދިޔައީ ސަރާގެ ހިތަށް ކުރާނޭ އަސަރާމެދު މާބޮޑު ވިސްނުމަކާނުލައެވެ.

[އިމޫގެ ދުލުން ތިބޭރުކުރީ ޙަޤީޤަތް ކަމުގައި ވަނީނަމަ، އަހަރެންގެ ހުރިހާ އުފާތަކެއް ވިއްސިވިހާލިވެއްޖެ. އަހަންނަށް ދަރިޔަކު ނުލިބޭތީ، އިމޫ އަހަރެން މަތިން ފޫހިކޮށްލައިފި....] ސަރާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. އޭނައަށް ރޮއިގަނެވުނީ ނިކަން ބާރަށްވެސްމެއެވެ.

[މީ ކޮންކަހަލަ ދުނިޔެއެއް...ކުޑަކުޑަ އުފަލަކަށްފަހު، އެއުފާތައް ވިހަ ހުވަފެނަކަށްވެ ހިނގައްޖެ....އަހަރެން ކިހިނެއްތަ މިހިތްދަތިކަން ބަރުދާސްތުކުރާނީ...އާހް....]

ސަރާއަށް ގިސްލެވެން ފެށުނެވެ.

[ނުރޮއޭ ސަރާ....އަހަރެން މަލަކާއާ ކައިވެނި ކޮށްގެން އުޅުނަސް ސަރާ ދޫކޮށެއްނުލާނަން.] ޢިމްރާން ސަރާގެ ލޯ ފޮހެދިނެވެ. ނަމަވެސް ސަރާގެ ލޮލުން އޮހެމުންދާ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ.

[އަހަރެން ޢިމްރާނާ ގުޅުނީ ފަހަރެއްގައިވެސް މިދުވަސް ދެކޭކަށް ނޫން...މިހާރު މިގޭތެރޭން ކޮންމެ ދިމާޔަކަށް އެނބުރުނަސް އަހަންނަށް ފެންނަނީ ކަނުއަނދިރިކަން...ރުހުމުގެ ލޮލަކުން ބަލައިލާނޭ އެކަކުވެސް ނެތް...ހަތަރު ފަރާތުން އަހަރެން އެބަފިއްތާ...ނޭވާ ހާސްވާވަރަށް މީހާ ތާށިއެބަކުރޭ....] ރޮމުން ގިސްލަމުން ސަރާ ވާހަކަ ދައްކަމުން ދިޔައެވެ. ފާޅުގައި ނުބުންޏަސް އޭނާ އެބުނީ ޢިމްރާންގެ މަންމަގެ ވާހަކައެވެ.

[މަންމަ ނުލާހިކު ރަނގަޅެއްނު....މަންމަ ވަރަށްގިނައިން ސަރާއަށް ހަމްދަރުދީވެ، އެވާހަކަ އަހަރެން ގާތު ދައްކާ...]

[މަންމަގެ ވާހަކައެއް އަދި ނުބުނަމެއްނު. އެކަމަކު އިމޫ މަލަކާއާއެކު އުޅޭތަން ފެނުމުން ލިބޭ ހިތްދަތިކަމަށްވުރެން އިމޫގެ މަންމަގެ ފުށުން ލިބޭ ހިތްދަތިކަން މާބޮޑު. އެއްވެސް ހާލެއްގައި އަހަރެން މިގޭގަ އިމޫގެ އަންބެއްގެ މަގާމުގައި ހުންނާކަށް މަންމައެއް ނޭދޭ....މިގެއަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަންމަ އެއަންނަނީ އަހަރެން ފިއްތަމުން....އަހަރެން މިވާހަކަ ނުދައްކަނީ އިމޫގެ މަންމަގެ ޝަކުވާ އިމޫގާތު ކުރަން ބޭނުންނުވާތީ....ނަމަވެސް އިންސާނުންނަށް ކެތްކުރެވޭނީވެސް ވަކިވަރަކަށްތާ....] ކެތްތެރިކަން ކޮޅުންލީމާ ސަރާއަށް އިޚްތިޔާރުން ބޭރުގައި ބުނެވުނެވެ.

[ހާދަ ގަބޫލުކުރަން ދައްޗޭ....ހަމަ ޙަޤީޤަތުގައިވެސް މަންމަ!؟] ޢިމްރާނަށް ގަބޫލު ކުރަން ދަތިވިއެވެ.

[އަހަންނަށް އެނގޭ، އިމޫއަށް ގަބޫލު ނުކުރެވޭނެކަންވެސް...އިމޫއަށް ގަބޫލު ނުކުރެވުނަސް އަދިވެސް އެއްވާހަކައެއް އަހަރެން ބުނެލާނަން. އޭރު އަހަންނާއެކު އިމޫ ރަށަށްދިޔަނުދީ މަންމަ ހިފެހެއްޓީ ގަސްދުގައި ރާވައިގެން. އެކަންވެސް އަހަންނަށް އެނގޭ.] ޢިމްރާން ހިތްހަމަނުޖެހުނަސް ވަރިހަމަކަމަށް ސަރާ އެވާހަކަވެސް ބުނެލިއެވެ. އަމިއްލަ ހިތަށް ހަމަޖެހުމެއް ހޯދުމުގެ މަޤްޞަދުގައެވެ. އޭރު ސަރާ ދެއްކި ވާހަކަ އަޑުއަހަން ދޮރުމަތީގައި ފަހީމާ ހުއްޓެވެ.

[ތިބުނީ މަންމަގެ ބަލީކީ ނޫނޭ. މަންމަ ހެދިގެން އުޅެނީއޭ؟] ޢިމްރާނަށް މިހެން ބުނެވުނުތަނާހެން ދޮރު ހުޅުވާފައި ފަހީމާ އެތެރެއަށް ވަދެއްޖެއެވެ. އޭނާ ހުރީ ރޮވޭގޮތްވެފައެވެ.

[ތިހުރިހާ ވާހަކައެއް މަންމައަށް އަޑު އިވިއްޖެ. އެކަމަކު ތިޔަފަދަ ބޮޑުބަދުނާމެއް މިމަންމަގެ ބޮލުގައި އަޅުވަނީ، މަންމަ ތިކުދިންނަށް ކޮންކަމެއް ކުރިޔަތީތަ.....] ފަހީމާ ރޮއިގަތެވެ.

[މިހާރު މަންމައަށް އެނގިއްޖެ. އެއްވެސް މީހަކަށް ހެޔޮކޮށް ހިތުމުގެ ފައިދާއެއް ނެތްކަން...] ފަހީމާ ރޮމުން ކޮޓަރިން ނިކުމެއްޖެއެވެ. މަންމަގެ ފަހަތުން ޢިމްރާންވެސް ނިކުތެވެ. ފަހީމާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން އެކޮޓަރިއަށް ޢިމްރާންވެސް ވަނެވެ.

[މަންމައަށް މާކުރިންވެސް ޝައްކުވިއޭ. ސަރާގެ މަޤްޞަދަކީ މަންމައާއި ދަރިފުޅާ ދޭތެރޭ މިވާ ގުޅުން ކުޑަކުރުންކަން. އޭނަ އެގޮތަށް މަންމައޭ ކިޔާ އެއްޗެހި ކީއިރު ދަރިފުޅުވެސް އަޑުއަހަން ހުރީނު....] ފަހީމާ ކުރިއަށްވުރެންވެސް ބޮޑަށް ރޮއިގެންފިއެވެ. މިހާރު ފަހީމާ އުޅޭގޮތުން ހީވަނީ އޭނާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާހެނެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އާނާ

02-Jul-2020

އާމީން. މަށަށްވެސް.


15

ޝަމާ

01-Jul-2020

އަޅެ ހާދަ ނުބައި އަނހެނެކޭ ދޯ ފަހީމާ ތީ ތިޔަކަހަލަ މައިދައިތަ އެއް މަށަށް ނުދައްކަވާށި



ޓްރެންޑިން