ޑޮކްޓަރުންގެ ޓީމެއް ކިޑްނީ ޓްރާންސްޕްލާންޓްކުރަނީ
ޑޮކްޓަރުންގެ ޓީމެއް ކިޑްނީ ޓްރާންސްޕްލާންޓްކުރަނީ
ކިޑްނީ ޓްރާންސްޕްލާންޓަކަށްފަހު އަންހެނުން ބަލިވެއިނުމާމެދު ގިނަބައެއްގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. ކިޑްނީ ޓްރާންސްޕްލާންޓަށްފަހު އަންހެނުން ބަލިވެއުނުމުގެ ފުރުޞަތު ކުޑަތޯ ނުވަތަ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. މިސުވާލުގެ ޖަވާބު ހޯދަންކުރި މަސައްކަތުން އަޅުގަނޑަށް އެނގިގެންދިޔައީ ކިޑްނީގެ ބަލިތަކާއި ބެހޭގޮތުން އަޅުގަނޑުމެންގެތެރޭ އެކަށީގެންވާ މިންވަރާ ގާތަށްވެސް ހޭލުންތެރިވެފައި ނެތް ކަމެވެ.

މީހާބަލިވެގެން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ފެށެނީ މިބަލީގެ އެންމެ ފަހުގެ ސްޓޭޖްތަކަށް ބަލި ފެތުރިގެންދާ ހިސާބުންނެވެ. އަދި ބައެއް މީހުންނަށް ބަލިވެއްޖެކަން އެނގެނީވެސް ކިޑްނީ ޓްރާންސްޕްލާންޓް ކުރަންޖެހޭ ހިސާބަށްވެސްދިޔުމުންނެވެ. މިހެން ދިމާވަނީ ބައްޔާބެހޭގޮތުން ހޭލުންތެރިވެފައި ނެތުމެވެ.

އެހެންކަމުން ކިޑްނީބައްޔަކީ ކޮބައިކަމާއި އަދި ބަލީގެ ޢަލާމާތްތަކަކީ ކޮބައިކަމާއި ކިޑްނީ ޓްރާންސްޕްލާޓަކީ ކޮބައިކަން އަދި ކިޑްނީ ޓްރާންސްޕްލާންޓަށް އެންމެ އެކަށީގެންވާ ޑޯނަރުންނަކީ ކޮބައިކަމާއި ކިޑްނީ ޓްރާންސްޕްލާންޓް ހައްދާނީ ބަލިމީހުންގެ ތެރެއިން ކޮންބައެއްކަން ދެނެގަނެ ބައްޔާބެހޭ މަަޢުލޫމާތު ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިލިޔުމުގައި ހިއްސާކޮށްލާފައިވާނި ކިޑްނީ ބައްޔާއި ބެހޭގޮތުން 'ދަ ހެލްތު ސައިޓް' ގައި ނެފްރޮލޮޖިސްޓް ޑޮކްޓަރ ޕުނީތު ބުވާނިއާއާއި ކުރެވުނު އިންޓަރވިއުއަކަށް ބިނާކޮށް ޝާއިއުކޮށްފައިވާ ލިޔުމަކުން ނަގާފައިވާ މައުލޫމާތު ތަކެކެވެ.

ކިޑްނީގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ފުރާނާލައި ހަށިގަނޑުން ބޭރުކުރުމެވެ. އަދި ހަށސިގަނޑުން އޮކްސިޖަން ލެވެލް ދަށްވާ ހާލަތުގައި ހިމަގްލޮބިން އުފައްދާ ރެޑް ބްލަޑް ސެލްސް ރެގިއުލޭޓް ކުރުމަށް ބޭނުންވާ އެރީތްރޯޕައޮޓިން އުފެއްދުމަކީވެސް ކިޑްނީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ވިޓަމިން ޑީ ރެގިއުލޭޓް ކުރުމަކީވެސް ކިޑްނީއިން ކުރާ މަސައްކަތެކެވެ.

ކިޑްނީ ޓްރާންސްޕްލާންޓްގެ މާނައަކީ ޞިއްހަތު ސަލާމަތުން ހުންނަ މީހެއްގެ ކިޑްނީ ނަގައި، ކިޑްނީ ފެއިލްވެ ކިޑްނީ ބަދަލު ކުރަންޖެހިފައިވާ މީހެއްގެ ހަށިގަނޑަށް ބަދަލުކުރުމެވެ. ދެވައްތަރެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހުރެއެވެ. ފުރަތަމަ ވައްތަރަކީ ދިރިހުރި (އާއްމު ގޮތެއްގައި ދެ ކިޑްނީވެސް ދުޅަހެޔޮ ޞިއްހަތެއްގައި ހުރި އާއިލާ މީހެއް) މީހެއްގެ ފަރާތުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމެވެ. ދެވަނަ ވައްތަރަކީ ބްރެއިން ޑެޑް ނުވަތަ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެއް ރަނގަޅަށް މަސައްކަތްކުރާ ސިކުނޑީގެ މަސައްކަތް ނުކުރާ މީހުންގެ ކިޑްނީއިން ޓްރާންސްޕްލާންޓް ހެދުމެވެ. އާއިލާ މެންބަރުންގެ މީހަކު ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގައި ޑޯނަރ އަކަށްވާނަމަ އެމީހަކީ ދުޅަހެޔޮ ޞިއްހަތެއްގައި ހުރި މީހެއް ކަމުގައި ވާންޖެހޭނެއެވެ.

މިބަލީގެ ސްޓޭޖް 5 /ކްރޮނިކް ކިޑްނީ ޑިޒީސް (ސީ.ކޭ.ޑީ) އާއި އެންޑް ސްޓޭޖް ރީނަލް ޑިޒީސް (އީ.އެސް،އާރް.ޑީ) ތަހައްމަލު ކުރަމުންދާ ބަލިމީހުންގެ ކިޑްނީގެ މަސައްކަތްތައް ކުރާ މިންވަރު ފަހެއްއިންސައްތަ އަށްވުރެ ދަށްވުމުން ކިޑްނީ ޓްރާންސްޕްލާންޓް ކުރަންޖެހެއެވެ. ނުވަތަ ޑަޔަލިސިސް ހަދަމުންދާ މިފަދަ ބަލިމީހުން ދިރިހުރުމަށްޓަކައިވެސް ޓްރާންސްޕްލާންޓް ކުރަން ޖެހެއެވެ. މިއީ ދިރިހުރުމަށްޓަކައި މިފަދަ ބަލިމީހުންނަށް އޮތް އެންމެ ފަހުގެ އުންމީދުކަމުގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ވެގެންދެއެވެ.

ކިޑްނީ ޓްރާންސްޕްލާންޓަށްފަހު މިބައްޔަށް ފަރުވާލިބި އާ ކިޑްނީއާއިއެކު 15 އަހަރާއި ހަމައަށް ރަނގަޅަށް ބޭސްފަރުވާއަށް ބަލައިގެން އުޅެފިނަމަ އާއްމު ހާލަތުގައި ދިރިއުޅެވޭނެކަމަށް ނެފްރޮލޮޖިސްޓް ޑޮކްޓަރ ޕުނީތު ބުވާނިއާގެ ތަޖުރިބާގެ އަލީގައި ފެންނަ ކަމަށް އޭނާ ބުނެއެވެ. އަދި ކިޑްނީ ޑޯނަރުންނަށް އެއްވެސް ޞިއްޙީ މައްސަލައެއް ނުޖެހޭނެ ކަމަށާއި ޓްރާންސްޕްލާންޓްއަށް ކިޑްނީ ނެގުމަށްފަހު އެއްކިޑްނީގެ އެހީގައި އާއްމު ހާލަތުގައި ދިރިއުޅެވޭނެކަމަށްވެސް އޭނާ ބުނެއެވެ. އަދި ކިޑްނީ ހަދިޔާ ކުރާ އަންހެނުންނާއި ޓްރާންސްޕްލާންޓް ކުރެވޭ އަންހެނުންނަށް ބަލިވެ އިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށްވެސް ކިޑްނީ ބައްޔަށް ޚާއްސަ މިޑޮކްޓަރު ވަނީ ޔަގީންކަން އަރުވައިދީފައެވެ.

ކިޑްނީ ފެއިލްވެފައިވާ ބަލިމީހުން، އެމީހުން ތަޙައްމަލް ކުރަމުންދާ ވޭނަށް ކެތްތެތިކަން އިތުރުކޮށްދީ، އަދި އެމީހުން ދިރިހުރުމުގެ އުންމީދު އާވެގެންދާ، ކިޑްނީ ޓްރާންސްޕްލާންޓްއަކީ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގައި ތަފާތު ގައުމުތަކުގައި ނުހަނު ކާމިޔާބު ކަމާއެކު ކުރެވެމުންދާ ޕްރޮސީޖާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން