ރަތް ހަނޑޫ: ބޮޑެތި ބަލިތަކަށް ފަރުވާއެއް
ރަތް ހަނޑޫ: ބޮޑެތި ބަލިތަކަށް ފަރުވާއެއް
ދުނިޔޭގައި ގިނަމީހުން މައިގަނޑު ކެއުމަށް އެންމެ ގިނައިން ބޭނުންކޮށްއުޅޭ އެއްބާވަތަކީ ހަނޑުލުގެ ބާވަތެވެ. އެކިކަންކޮޅުތަކުގައި ހަނޑުލުން، ކެއުމުގެ ތަފާތު ބާވަތްތައް ތައްޔާރު ކުރާއިރު، ތަފާތު ކެއުންތަކަށް ބޭނުންކުރަނީ ތަފާތު ވައްތަރުގެ ހަނޑުލެވެ.

ދުނިޔޭގެ ބާޒާރުތަކުން ތަފާތު ލޭބަލްތަކުގައި ތަފާތު ވައްތަރުތަކުގެ ހަނޑުލުގެ ބާވަތްތައް ލިބެންހުރި އިރު، އެކިސައިޒުތަކަށް ހުންނަ ހަނޑުލާއި ތަފާތު ކުލައިގެ ހަނޑޫ ލިބެން އެބަހުއްޓެވެ. އޭގެތެރެއިން މިބަލާލަނީ އަޅުގަނޑުމެންގެ ހަށިގަނޑަށް އެންމެ ފައިދާ ހުރި ހަނޑުލަށެވެ.

ރަތް ހަނޑުލަކީ ހަނޑުލުގެ ތެރެއިން ބޭރުފަށަލަ އެއްކޮށް ފިލުވާނުލައި ޕެކެޓްކޮށް ވިއްކާ ހަނޑުލުގެ ބާވަތެކެވެ. މިހަނޑުލުގައި ހުންނަ ރަތް ކުލައަކީ ގުދުރަތީ ގޮތުން ބޭރުފަށަލައިގައި ހުންނަ އެންތޮސަޔަނިން ކިޔާ މާއްދާއަކުން އުފެދި ހަނޑޫފުކުގެ ބޭރުގައި ލެވިފައި ހުންނަ ކުލައެކެވެ. ބޭރުފަށަލަ އެއްކޮށް ނުފިލުވައި ވިއްކާ ހަނޑުލުގެ ބާވަތްތަކަށް ބަލާއިރު، އަހަރެމެންގެ ހަށިގަޑަށް ބޭނުންވާ ނިއުޓްރިޝަސް ނުވަތަ ހަޑިގަނޑު ދޮޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ތަފާތު މާއްދާތައް އެންމެ ބޮޑަށް ލިއްބައިދެނީ މިބާވަތުގެ ހަނޑުލުންނެވެ. އަދި މިހަނޑުލަކީ، ލޭ މައްޗަށްދާ މީހުންނާއި، ހަކުރު ބަލި އަދި ހިތުގެ ބައްޔާއި ޕީސީއޯ ހުންނަ މީހުން ކެއުމަށް ޑޮކްޓަރުން އިރުޝާދުދެއްވާ ހަނޑުލުގެ ބާވަތްވެސްމެއެވެ. އެހެންކަމުން ރަތް ހަނޑުލުން ލިއްބައިދޭ ފައިދާތަކަށް ބަލާލުން މުހިންމެވެ.

ރަތް ހަނޑުލުން ލިބިދޭ ފައިދާ:



1. ހަކުރު ކޮންޓްރޯލްކޮށްދިނުން:

ބަތަކީ ދިވެހިން މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުން ކުރާ ބާވަތެކެވެ. އަދި އާއްމުކޮށް ހުރިހައި ގެއެއްގައިވެސް ކައި އުޅެނީ ހުދު ހަނޑުލެވެ. އެހެންނަމަވެސް ހަކުރު ބަލި ހުންނަ މީހުންނާއި އިންސުލިން ލެވެލް މަތިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހުދު ހަނޑުލަކީ ނުރައްކާތެރި އެއްޗެކެވެ. ސަބަބަކީ ހުދު ހަނޑުލުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭތީއެވެ. ރަތް ހަނޑުލަކީ ނިސްބަތުން ހަކުރު ހިމެނޭ މިންވަރު ދަށް ހަނޑުލެކެވެ. ހުދު ހަނޑުލުގެ ގްލައިސީމިކް އިންޑެކްސް ނުވަތަ ހަކުރު ހިމެނޭ މިންވަރަކީ 64 އެވެ. ރަތް ހަނޑުލުގައި ހުންނަނީ 55 އެވެ. އެހެންކަމުން މިއީ ހަކުރު ބަލި ހުންނަ މީހުންނަށާއި ޞިއްޙަތަށް ބަލައިގެން ކެއުމުގެ އާދަތައް ގެންގުޅެން ބޭނުންވާ ކޮންމެ މީހަކަށްވެސް އެންމެ ރަނގަޅުވާނެ ހަނޑުލެވެ.

2. ކަށިތައް ވަރުގަދަކޮށް ދިނުން:

ރަތް ހަނޑުލުގައި ކަށިތައް ރަނގަޅު ޞިއްޙަތެއްގައި ބަހައްޓައި ވަރުގަދަކޮށްދިނުމަށް ބޭނުންވާ ކެލްސިއަމްއާއި މެގްނީޒިއަމް މާއްދާތައް ގިނަ އަދަދަކަށް ހިމެނެއެވެ. އެހެންކަމުން ރަތް ހަނޑުލަކީ، ރާއްޖެ ބައްޔާއި އޮސްޓިއޯޕެރޯސިސް ފަދަ ކަށީގެ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފައިދާހުރި ހަނޑުލެކެވެ.

3. ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދިނުން:

ރަތް ހަނޑުލުގައި ސޮލިއުބަލް ފައިބަރ އާއި ނޮން ސޮލިއުބަލް ފައިބާ ހިމެނުމުން، ހަޖަމް ކުރުމުގެ ނިޒާމުގެ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ. ސޮލިއުބަލް ފައިބަރއަކީ ފެނުގެ ތެރެއަށް ގިރިގެންދާފަދަ އެއްޗެކެވެ. ނޮން ސޮލިއުބަލް ފައިބަރއަކީ ބޮޑުކަމުދާ ތަކެތި ފަސޭހައިން ބޭރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. ރަތް ހަނޑުލުގައި މިދެބާވަތުގެ ފައިބާވެސް ހިމެނެއެވެ. އެހެންކމުން، ބޮޑުކަމުދާ ނިޒާމްގެ މައްސަލަތައް ހައްލުވެ، ބަނޑު ހިކުމާއި ބޭރަށް ހިންގުމުގެ މައްސަލަތަކަށްވެސް ހައްލު ލިބިގެން ދެއެވެ.

4. ޒުވާންކަންމަތީ ދަމަހައްޓައި ދިނުން

ރަތް ހަނޑުލުގައި ހިމެނޭ އެންތޮސަޔަނިން ކިޔާ މާއްދާއަކީ މާއަވަހަށް ހަންގަނޑުގައި ރޫޖެހުމާއި މުސްކުޅިވުމުން ސަލާމާތްކޮށްދޭ މާއްދާއެކެވެ. އަދި މިހަނޑުލުގައި ހިމެނޭ އަޔަން އާއި ވިޓަމިންގެ މާއްދާތަކުން، އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ ހަންގަނޑުގެ ރީތިކަން ދަމަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ރަތް ހަނޑުލަކީ ފުރިހަމަ ޞިއްޙަތެއްގެ އިތުރުން ހަންގަނޑު ޒުވާންކަންމަތީގައި ދެމެހެއްޓުމަށްވެސް އެހީވެދޭ އެއްޗެކެވެ.

5. ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން:

ރަތް ހަނޑޫ ކެއުމުން އޭގައި ހިމެނޭ މޮނަކޮލިން-ކޭ ގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. އެހެންކަމުން ލޭހޮޅިތައް ބެދުމާއި ހާޓް އެޓޭކް ފަދަ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.

6. ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން:

ރަތް ހަނޑުލުގައި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ މާއްދާއެއް ކަމަށްވާ ސެލެނިއަމް ހިމެނެއެވެ. އަދި ރަތް ހަނޑުލުގައި އެންޓައި އޮކްސިޑެންޓްއާއި މެގްނީޒިއަމް ހިމެނުންވެސް ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ. އެއީ މިމާއްދާތަކަކީ ހަށިގަނޑަށް ވާސިލްވާ ބަލި ފަތުރާ ޖަރާސީމްތައް ނައްތާލައި އެކިއެކި ބަލިތައް ދިފާއުކޮށް އަދި ބަލިތަކުން ފަސޭހަކޮށްދިނުމަށް އެހީވެދޭ މާއްދާތަކެކެވެ.

އެހެންކަމުން، ހުދު ހަނޑުލުގެ ބަދަލުގައި ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މިހަނޑޫ ކެއުމުގައި ހިމަނައި ހަށިގަނޑަށް ވާސިލްކޮށްދޭ ހަނޑުލުގެ ބާވަތީ ފައިދާތައް ގިނަ ބާވަތަކަށް ހަނދަމާ ހިނގާށެވެ. ހުދު ހަނޑުލުގެ ބޭނުން އެއްކޮށް ދޫކޮށްނުލި ކަމުގައި ވިޔަށް ބައެއް ފަހަރު ކެއުމުގައި ރަތް ހަނޑޫ ބޭނުންކޮށްލައި ހަށިގަނޑަށް މިފައިދާތައް ލިއްބައިދީ ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލްވެވޭތޯ މަސައްކަތްކުރަން ހިނގާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން