ސްވީޓްނަރ: ހާޓްއެޓޭކް ޖެހުމަށް މަގުފަހިވޭ!
ސްވީޓްނަރ: ހާޓްއެޓޭކް ޖެހުމަށް މަގުފަހިވޭ!
ހިތުގެ ބައްޔާއި ހާޓްއެޓޭކް ޖެހޭ މީހުން ރާއްޖޭގައިވެސް ދުވަހުން ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ހިތުގެބައްޔާއި ހާޓްއެޓޭކްޖެހުން މަދުކުރުމަށް އަދި މިކަމުގެ ނުރައްކާތެރިކަން ކުޑަކުރުމަށް އަޅުހަނޑުމެން އަމިއްލައަށް މަސައްކަތް ކުރަންޖެހެއެވެ.

އެގޮތުން މިކަމަށް ސަމާލުކަންދީ ހިތުގެބައްޔާއި ހާޓްއެޓޭކްޖެހުންފަދަ ތިމާގެ ފުރާނަ ކުއްލި ނުރައްކަލުގެ ތެރެއަށް ހުށަހެޅެން މެދުވެރިވާ މައިގަނޑު ސަބަބުތައް ދެނެގަނެ، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އާދަކުރުމާއި، ހަށިގަނޑަށް ގެއްލުންދޭ ކެއިންބުއިމުގެ އާދަތަކުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަދި ހަމަ މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި ބާޒާރުން ފެންނަހާ އެއްޗެހި ގެނެސް ބޭނުން ކުރާއިރު، ބޭނުންކުރަންވާ ވަރަށްވުރެ ގިނައިން ބޭނުންކުރުމާއި، އަދި އެއެއްޗަކީ ކިހާވަރެއްގެ ސައިޑް އެފެކްޓްސް ހުންނަ އެއްޗެއްތޯ ބަލައިނުލައި، ޑޮކްޓަރުންގެ އިރުޝާދަކާ ނުލައި ބޭނުން ކުރުމަކީވެސް އެހެންބަލިބައްޔަށް މަގުފަހިވާ ކަމެއްކަން ދަންނަންޖެހެއެވެ.

މިސާލެއްގެ ގޮތުން، މީގެ ދުވަސްކޮޅެއް ކުރީން ކަމާބެހޭ ފަރާތަކުން ކުރި ދިރާސާއަކުން އެނގި ހާމަވެފައިވާ ހަކުރުބަލީގެ މީހުން ކެއިން ބުއިމުގައި ހަކުރުގެ ބަދަލުގައި ބޭނުންކުރާ ޒީރޯ ކެލޮރީ ސްވީޓްނަރ ބޭނުންކުރުމަކީ ހިތުގެ ބައްޔާއި ހާޓް އެޓޭކް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ.

ބޯލްޑްސީ ޑޮޓް ކޮމް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މިދިރާސާއިން ދައްކާގޮތުގައި ހާޓްއެޓޭކް ޖެހުމާއި ޒީރޯ ކެލޮރީ ސްވީޓްނަރ ބޭނުންކުރުމާއި ސީދާ ގުޅުމެއް ވެއެވެ. މިދިރާސާކޮށްފައިވަނީ 60،000 މީހުން ހިމެނޭ ގޮތަށް 08 އަހަރުގެ މުއްދަތެއްގައި އެމީހުންގެ ޞިއްޙަތާއި ކެއިންބުއިމުގެ އާދަތައް ހުންނަގޮތް ރިކޯޑުކޮށް ބަލައިގެންނެވެ. މިދިރާސާއިން ދައްކާ ގޮތުގައި ޒީރޯ ކެލޮރީ ސްވީޓްނަރ ބޭނުންކުރާ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު، މި ސްވީޓްނަރ ބޭނުންނުކުރާ މީހުންނަށްވުރެ %24 އިތުރެވެ.

އެހެންކަމުން ހާޓް އެޓޭކަށް މަގުފަހިކުރުވާ ޒީރޯ ކެލޮރީ ސްވީޓްނަރ އަކީ ކޮބައިތޯ ބަލަމާ ހިނގާށެވެ. މިއީ ހަށިގަނޑުގެ ބަރުދަން އިތުރުކުރުވާ ކެލޮރީއެއް ނުހިމެނޭނެހެން ތައްޔާރުކޮށްފައި ހުންނަ ހަކުރުގެ ބަދަލުގައި ކާތަކެތީގައި ފޮނިރަހަ ލެއްވުމަށް ބޭނުންކުރާ ބާވަތްތަކަށް ކިޔާނަމެކެވެ. އާއްމުކޮށް ބާޒާރުގައި ވިއްކަން ހުންނަ އެސްޕަރޓެމް، ސުކްރޯސް އަދި ސްޓީވިއާއަކީ ޒީރޯ ކެލޮރީ ސްވީޓްނަރގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރެވޭ ބާވަތްތަކެވެ.

ޒީރޯ ކެލޮރީ ސްވީޓްނަރ މާކެޓްކޮށް ވިއްކަނީ އާދައިގެ ހަކުރުން ހަށިގަނޑަށް އިތުރުވާ ކެލޮރީގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭނެ ޞިއްޙީގޮތުން ރަނގަޅު އެއްޗެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ޒީރޯ ކެލޮރީ ލޭބަލްގައި ފިޓްނެސް އަށް ބަލައިގެން އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހަކުރު ބައްޔާއި ހިތުގެ ބަލި ހުންނަ މީހުންނަށް ޚާއްސަވާގޮތަށް މިފަދަ ސްވީޓްނަރތައް މާކެޓްކުރެއެވެ. އެހެންނަމަވެސް، މިއީ އަދި މުޅިން ޞިއްޙަތައް ރަނގަޅު އެއްޗެއް

ނޫންކަން ދިރާސާތަކުން ދައްކައެވެ.

ބޯލްޑްސީ ޑޮޓްކޮމްގައި ޝާއިއުކޮށްފައިވާ މިދިރާސާގައި ބުނާގޮތުންނަމަ، އެރިތޯލް ކިޔާ ޒީރޯ ކެލޮރީ ސްވީޓްނަރއެއްގެ ސަބަބުން ހިތުގެ ބައްޔާއި ހާޓްއެޓޭކް ޖެހުމަށް މެދުވެރިވެއެވެ. މި މާއްދާ ހަށިގަނޑުގައި ދައުރުވުމުން ލޭގަނޑުވެ ކްލޮޓްވުމަށް މެދުވެރިވެ ހާޓްއެޓޭކް ޖެހުމަށް މަގުފަހި ކުރުވައެވެ. ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި މިގޮތަށް ދިމާވަނީ، މިފަދަ ސްވީޓްނަރތައް ހަކުރުގެ ބަދަލުގައި ބޭނުންކުރާއިރު، މިއީ ގިނައިން ބޭނުންކުރުމުން ގެއްލުން ލިބިދާނެ އެއްޗެއް ކަމަށް ނުބަލައި މިތަކެތި މާގިނައިން ބޭނުން ކުރުމުންނެވެ. އަދި ހަކުރު ގިނައިން ބޭނުން ކުރާމީހުން މިތަކެތި މާގިނައިން ބޭނުންކުރަނީވެސް މިއިން ގެއްލުމެއް ނުވާނެކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް، ޒީރޯ ކެލޮރީ ސްވީޓްނަރތައްވެސް މާގިނައިން ބޭނުންކުރުމުން، ހިތުގެ ބައްޔަށް ހުށަހެޅިދާކަން މިދިރާސާއިން ދައްކައެވެ.

އެހެންކަމުން މިފަދަ ސްވީޓްނަރތައް ބޭނުންކުރުމުގައި ހަށިގަނޑަށް ގެއްލުން ނުވާނެހެން ކެއިންބުއިމުގެ އާދަތައް ހިފަހައްޓަންވާނެއެވެ. އަދި މިފަދަ ސްވީޓްނަރތަކުގެ ބަދަލުގައި މާމުއިއާއި މޭޕަލް ސިރަޕްފަދަ ގުދުރަތީ ސްވީޓްނަރ ބޭނުންކުރެވިދާނެއެވެ. އަދި ހަމައެހެންމެ، ކެއުމުގައި ކެލޮރީ މަދުކުރުމަށް އާޓިފިޝިއަލް ސްވީޓްނަރ ބޭނުންކޮށްގެން ފޮނިކާތަކެތި ތައްޔާރުކޮށްގެން ކެއުމުގެ ބަދަލުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމަނާލާށެވެ. އެއީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން